[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްލާމީ ޝަރީޢަތަކީ ބޯދާ، ކަޓު، ހައްދުފަހަނައަޅާފައިވާ ޤާނޫނުތަކެއްތޯ؟

images

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ހުޅަނގުގެ މީޑިއާއިން ފަތުރާ ޕްރޮޕަގަންޑާގެ ތެރެއިން އިސްލާމްދީނާ ދެކޮޅަށް އެބައިމީހުން އެންމެ ބޮޑަށް ފަތުރާ އެއްކަމަކީ، އިސްލާމީ ޝަރީޢަތުގެ ހައިބަތު ނަގައިލުމެވެ. މިކަން އެބައިމީހުން ކުރަނީ އިސްލާމީ ޝަރީޢަތަކީ، ބޯދާ، ކަޓު، ހައްދުފަހަނައަޅާފައިވާ ޤާނޫނުތަކެއް ހިމެނޭ ޝަރީޢަތެއްގެ ގޮތުގައި އިންސާނީ ބުއްދިތަކަށް ތަޞައްވަރުވާނެ ގޮތަށް އެޝަރީޢަތުގެ ވާހަކަތައް ގެނެސްދީގެންނެވެ. އެޝަރީޢަތަކީ އިންސާނީ ޙައްޤުތަކާއި މިނިވަންކަމާއި އަންހެނުންގެ ޙައްޤުތަކަށް އޮތް ނުރައްކަލެއްކަމަށް ދޭހަވާ ފަދަ ގޮތަކަށެވެ.

ނަމަވެސް، ޙަޤީޤަތަކީ، އެބައިމީހުން، އިންސާނީ ސިކުނޑިތަކަށް ވައްދައިދޭ ގޮތާއި މުޅިން އިދިކޮޅެވެ. އިސްލާމީ ޝަރީޢަތުގެ އެންމެ އަސާސީ މަޤްޞަދުތަކުގައި ހިމެނިގެންވަނީ މުޖުތަމަޢުގެ މަޞްލަޙަތާއި، ފަރުދުންގެ މިނިވަންކަމާއި، އަބުރާއި ޢިއްޒަތާއި، ދޭދޭ މީހުންގެ މެދުގައި އޮންނަން ޖެހޭ ގުޅުމާއި މުޢާމަލާތުގެ އެކިއެކި ޙައްޤުތައް ކަށަވަރުކޮށްދޭ އަސާސުތަކެވެ.

އިސްލާމީ ޝަރީޢަތަށް ހުޅަނގުން ދެމުންދާ ހަމަލާތަކަކީ ނުވެނުދާނެ ކަމެކެވެ. ޤިޔާމަތާ ޖެހެންދެން ކާފިރުވި މީހުން އެކަން ކުރާނެއެވެ. ނަމަވެސް ހިތާމައަކީ އިސްލާމީ ޝަރީޢަތުގެ މަތިވެރިކަމާމެދު ޣާފިލުވެފައިވާ މުސްލިމުން ކަމަށް ދަޢުވާކުރާ ބަޔަކު ހުޅަނގުގެ މި ޕްރޮޕަގަންޑާގައި ޖެހިފައިވާތީއެވެ. އަދި ޖެހެމުންދާތީއެވެ. އަދި އިސްލާމީ ފޭރާމުގައި ތިބޭ މުނާފިޤުންނަކީ މިސަފުގެ އެންމެ ކުރީގައި ތިބި ބައެކެވެ. މިކަންތައް އިސްލާމީ މުޖުތަމަޢުތަކުގައި ކުރިޔަށް ގެންދަނީ މިބައިމީހުންނެވެ. އިސްލާމީ ކޮންމެ މުޖުތަމަޢަކުންވެސް މި މަންޒަރު ދަނީ ފެންނަމުންނެވެ.

މާތް ﷲގެ ރަޙްމަތްފުޅުން، ކޮންމެ ޒަމާނެއްގައިވެސް އިސްލާމީ ޝަރީޢަތުގެ މަތިވެރިކަމާއި، އެ ޝަރީޢަތުގެ އަސްލު މަންޒަރު މީސްތަކުންނަށް ހާމަކުރައްވާނޭ ޢިލްމުވެރިން ލައްވާނެއެވެ.

އިސްލާމީ ޝަރިޢާތަކީ ވަރަށް މާތް މަތިވެރި ޝަރީޢަތެކެވެ. އެއީ ރައްބުލް ކާއިނާތުގެ ޝަރީޢަތެވެ. އިންސާނާ އުފެއްދެވި މަތިވެރި އިލާހުގެ ޝަރީޢަތެވެ. އިންސާނާގެ ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ފަރާތުން ބާވައިލެއްވި ޝަރީޢަތެކެވެ. އެ ފަރާތަކީ އިންސާނާގެ ވެރި ރައްބުއެވެ. އިންސާނާއަށް އެންމެ ފައިދާހުރި އަދި އެންމެ މަސްލަޙަތުހުރިގޮތް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ވެސް އެފަރާތެވެ.

އެއިލާހު ވަޙީކުރެއްވިއެވެ.

﴿أَفَحُكْمَ الْجَاهِلِيَّةِ يَبْغُونَ ۚ وَمَنْ أَحْسَنُ مِنَ اللَّـهِ حُكْمًا لِّقَوْمٍ يُوقِنُونَ﴾[سورة المائدة ٥٠]

މާނައީ: “ފަހެ، އެއުރެން އެދެނީ ޖާހިލީ ޒަމާނުގެ ޙުކުމްހެއްޔެވެ! ޔަޤީންކުރާ ބަޔަކަށް ﷲއަށްވުރެ ޙުކުމްކުރެއްވުމަށް މޮޅީ ފަހެ ކާކުހެއްޔެވެ!”

އިސްލާމީ ޝަރީޢަތުގައިވާ ހުރިހާ ޙުކުމްތަކަކީވެސް އެންމެ ފުރިހަމަ ޙުކުމްތަކެވެ. އެންމެ ޝާމިލު އެންމެ ރިވެތި ޙުކުމްތަކެވެ. ޙިކުމަތުން ފުރިގެންވާ ޙުކުމްތަކެވެ. އުނި ސިކުނޑިތަކަށް މިޙުކުމްތަކުގައި އެކުލެވިގެންވާ މަތިވެރިކަމާއި ޙިކުމަތް ވިސްނައި  ނުގަނެވިދާނެއެވެ. އެއީ ޝަރީޢަތުގައިވާ އުނިކަމެއް ނޫނެވެ. އެއީ އެބައިމީހުންގެ ސިކުނޑީގައިވާ އުނިކަމެކެވެ. ބުއްދިވެރިންނަށް މި ޝަރީޢަތުގެ މަތިވެރިކަމާއި ރީތިކަން ވިސްނައިގަތުމަކީ އުނދަގޫކަމެއް ނޫނެވެ.

ހަމައެހެންމެ، މުއުމިނުންގެ އަޤީދާއަކީ، މަތިވެރިވަންތަ ކަލާނގެ ބާވައިލައްވާ ކޮންމެ ޙުކުމަކީވެސް އެންމެ މުނާސަބު އެންމެ މަޞްލަޙަތުހުރި ޙުކުމްތައްކަމުގައި ހިތުގެ އަޑިން ޤަބޫލުކުރުމެވެ. އެހެނީ، ސިއްރާއި ފާޅު މޮޅަށް ދެނެވޮޑިގެންވަނީ އެފަރާތަށެވެ. އިންސާނުންނަށް އެންމެ މަޞްލަޙަތު ހުރި ގޮތްވެސް އެނގެނީ އެ ފަރާތަށެވެ. މިއީ މުއުމިނުންގެ އަޤީދާއެވެ. އެއީ ވެރިރައްބާ މެދު މުއުމިނުންގެ އިތުބާރެވެ.

ވަޟަޢީ ޤާނޫނުތައް ހެދުމުގައި ވެސް އިންސާނާ ހާސިލު ކުރަން ބޭނުންވާ ލަނޑުދަނޑިތަކެއް ހުންނާނެކަން ކަށަވަރެވެ. ކުށް ކުރުން މުޖުތަމަޢުން ހުއްޓުވުމާއި، މުޖުތަމަޢަކީ އަމާން ތަނެއް ކަމުގައި ހެދުމާއި، އަމިއްލަ ފަރުދުންނަށް އެބައިމީހުންގެ ހައްޤުތައް ހޯދައި ދިނުންފަދަ، މިހިރަ މިހިރަ އެތައް މަސްލަޙަތުތަކަކަށް ރިޔާޢަތް ކުރެވެއެވެ. ނަމަވެސް އެންމެ އެދެވޭ ނަތީޖާ މިޤާނޫނުތަކުން ނެރެދޭތޯއެވެ؟ އިންސާނީ ތާރީޚަށް ބަލާފައި ބުނެވޭނީ ނުދެވޭކަމުގައެވެ. އެހެންކަމުން، އެކިއެކި ޒަމާންތަކުގައި، އެއް ކަމަކަށް އެތަކެއް ޤާނުނެއް ހަދާ، އިސްލާޙުކޮށް، އުވާލައި، އަނެއްކާ އައު ޤާނޫނެއް ހަދާ އުޅެތެވެ. އިންސާނީ ބުއްދިއާއި ވިސްނުމަކީ ތަފާތު އެއްޗެކެވެ. އެކަކަށް ބުއްދި ކުރެވޭ އެންމެ މޮޅު ގޮތަކީ އަނެކަކަށް އެންމެ ކަޓު ގޮތަކަށް ވެދެއެވެ. މިފަދަ ބުއްދިތަކުން ހަދާ ޤާނޫނުތަކުގައި އަބަދުވެސް އުނިކަންތައް ހުންނާނެއެވެ.

ނަމަވެސް އިސްލާމީ ޝަރީޢަތް އެހެންތޯއެވެ؟ ކެރިހުރެގެން ބުނެވޭނީ ނޫނެކެވެ. އިސްލާމީ ޝަރީޢަތަކީ ޘާބިތު ޝަރީޢަތެކެވެ. އިންސާނީ މަސްލަޙަތާއި އިންސާނީ ހައްޤުތަކާއި މުޖުތަމަޢުގެ އަމަންއަމާންކަމާއި ސުލްޙަމަސަލަސްކަން އެންމެ ފުރިހަމަގޮތުގައި ކަށަވަރުކޮށްދެއެވެ. ޒަމާން ބަދަލުވެދާނެއެވެ. ނަމަވެސް، އިސްލާމީ ޝަރީޢަތަކަށް ބަދަލެއް ނާންނާނެއެވެ. ޒަމާން ބަދަލުވެދާނެއެވެ. ނަމަވެސް ނަތީޖާ ބަރާބަރަށް ނެރެދޭނެއެވެ. އެހެން ނުވާންވީ ކީއްވެތޯއެވެ؟ އިސްލާމީ ޝަރީޢަތަކީ ސިއްރާއި ފާޅު މޮޅަށް ދެނެވޮޑިގެންވާ ފަރާތުން ބާވައިލެއްވި މަތިވެރި ޝަރީޢަތެވެ. އިސްލާމީ ޝަރީޢަތަކީ މާޟީއާއި މުސްތަޤްބަލް މޮޅަށް ދެނެވޮޑިގަންނަވާ އައްލާމުލްޣުޔޫބުގެ ޝަރީޢަތެވެ. އިސްލާމީ ޝަރީޢަތަކީ އިސްވެ ގޮސްފައިވާ އިންސީންނާއި، ޤިޔާމަތާ ޖެހެންދެން އަންނާނެ ހުރިހައި އިންސީންގެ ވެރި ރައްބުގެ މަތިވެރި ޝަރީޢަތެވެ. އިސްލާމީ ޝަރީޢަތުގެ މަސްދަރަކީ ޚުދު ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ.

ނިންމާލަމުން ދަންނަވާލާނީ، އިސްލާމީ ޝަރީޢަތުގެ މަތިވެރިކަމާއި ފޮނިކަން އެނގިގެން ދާނީ މުޅި އިސްލާމީ ޝަރީޢަތުގެ ނިޒާމަށް ވިސްނާ ފިކުރުކޮށްލުމުންނެވެ. ވިސްނާ ފިކުރުކުރާ މީހަކަށް މި ޝަރީޢަތުގައިވާ ފުރިހަމަކަން ވަންހަނާއެއް ނުވާނެއެވެ.