[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ހުކުރު ޚުޠުބާގެ ދުޢާގައި އަތްއުފުލާނީތޯއެވެ؟

ހުކުރު ޚުޠުބާގައި އިމާމްމީހާ ދުޢާކުރާއިރު ދުޢާއަށް އަތްއުފުލުމަކީ ޝަރުޢުވެގެންވާކަމެއް ނޫނެވެ. ޚުޠުބާދޭމީހާވެސް އަދި އަޑުއަހަންތިބި މީހުންވެސް ދުޢާކުރަން އަތްއުފުލުމެއް ނުވެއެވެ. ޞަޙީޙް މުސްލިމްގައި ރިވާވެފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޞަޙާބީއެއްކަމުގައިވާ ޢުމާރަތަ ބުން ރުއައިބާ ރަޟިޔަﷲ ޢަންހު އަށް، ބިޝްރު ބުން މަރުވާން މިންބަރުމަތީގައި ދެއަތް އުފުލައިގެން ހުރިތަން ފެނިވަޑައިގެން ވިދާޅުވިއެވެ. “ތިދެއަތް ﷲ ހަޑިކުރައްވާށިއެވެ. (މިއީ ޢަރަބިން ނުރުހުމުގެ ގޮތުން ބޭނުންކޮށްއުޅޭ ޖުމްލައެކެވެ.) ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ (ޚުޠުބާދެއްވަނިކޮށް) ތިމަން ދުށީމެވެ. އެކަލޭގެފާނުގެ އަތްޕުޅުން މިފަދައިން ހެއްދެއުމަށްވުރެ އިތުރެއްނުކުރައްވައެވެ. މިފަދައިން ވިދާޅުވެ، ޢުމާރާ ރަޟިޔަﷲ ޢަންހުގެ ޝަހާދަތް އިނގިލިފުޅުން އިޝާރާތްކުރެއްވިއެވެ. އެހެން ރިވާޔަތެއްގައިވާގޮތުން މިޙާދިސާ ހިނގާފައިވަނީ ހުކުރު ދުވަހެއްގައެވެ. (ބައްލަވާ: ޞަޙީޙް މުސްލިމް: 874، 875)

އަލްއިމާމުއް ނަވަވީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “މިޙަދީޘުން ބަޔާންވެގެންވާގޮތުގައި، ޚުޠުބާގައި ދެއަތްމައްޗަށް ނޫފުލުމަކީ ސުންނަތްވެގެންވާ ގޮތެވެ. މިއީ މާލިކުގެފާނާއި، ތިމަންމެންގެ އަޞްޙާބުންނާއި (އެބަހީ ޝާފިޢީ މަޒުހަބުގެ ޢިލްމުވެރިންނާއި) އެނޫން ބޭކަލުންގެ ބަސްފުޅެވެ. އަލްޤާޟީ ޢިޔާޟު، ބައެއް ސަލަފުންނާއި، ބައެއް މާލިކީ މަޒުހަބުގެ ޢިލްމުވެރިންގެ ކިބައިން ނަޤުލުކުރައްވާފައިވާގޮތުގައި އެއީ މުބާޙުކަމެކެވެ. އެހެނީ، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ، ހުކުރު ޚުޠުބާގައި ވާރެވެއްސެވުމަށް ދުޢާކުރެއްވި ހިނދު އެކަލޭގެފާނުގެ ދެއަތްޕުޅު އުފުއްލެވިއެވެ. ނޫފުލުމަށް ވިދާޅުވާ ޢިލްމުވެރިން ވިދާޅުވާގޮތުގައި، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ދެއަތްޕުޅު އުފުއްލެވީ ޚާއްޞަކަމަކަށެވެ. (އެބަހީ، ވާރޭ ވެއްސެވުމަށް ދުޢާކުރައްވާއިރުއެވެ.)” (ޝަރަޙް މުސްލިމް: 411/5)

އައްޝަވްކާނީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “މިޙަދީޘުން ދަލީލު ލިބޭގޮތުގައި، މިންބަރުމަތީ ދުޢާކުރާއިރު އަތްތައް އުފުލުމަކީ މަނާކަމެކެވެ. އަދި އެއީ ބިދުޢައެކެވެ.” (ނައިލުލް އަވްޠާރު: 308/3)

އަދި އަބޫޝާމާ ރަޙިމަހުﷲ، ހުކުރުދުވަހުގެ ބިދުޢަތައް ގެންނަވަމުން ވިދާޅުވެފައިވެއެވެ. “(ހުކުރުޚުޠުބާގައި) ދުޢާކުރާއިރު އަތްތައް އުފުލުން ދަންނައެވެ. ފަހެ، އެއީ ވަރަށްކުރިން އުފެދިފައިވާ ބިދުޢައެކެވެ.” ހަމަމިމޭރުމުން އައްސުޔޫޠީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. (ބައްލަވާ: އަލްބާޢިޘް ޢަލާ އިންކާރިލް ބިދަޢި ވަލްޙަވާދިޘް: ޞ.142، އަދި އަލްއަމުރު ބިލްއިއްތިބާޢި: ޞ. 247)

އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ޚުޠުބާގައި ދުޢާކުރާއިރު އިމާމްމީހާ އަތްއުފުލުމަކީ މަނާވެގެންވާކަމެކެވެ. އެއީ ދެގޮތުންކުރެ ތިމަންމެންގެ އަޞްޙާބުންގެ އަރިހުގައި އެންމެ ޞައްޙަވެގެންވާ ގޮތެވެ. އެހެނީ، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ދުޢާކުރައްވާވަގުތު ހަމައެކަނި އިނގިލިފުޅުން އިޝާރާތް ކުރައްވަނީއެވެ. އަދި އިސްތިސްޤާނަމާދުގައި، ވާރެވެއްސެވުމަށް އެދި މިންބަރުމަތީ ދުޢާކުރައްވާއިރު އެކަލޭގެފާނުގެ ދެއަތްޕުޅު އުފުއްލަވައެވެ.” (އަލްއިޚްތިޔާރާތުލް ފިޤުހިއްޔާ: ޞ.80)

ވުމާއެކު، ޚުޠުބާގައި އިމާމްމީހާ ދުޢާކުރާ އިރު، އިމާމްމީހާވެސް އަދި އަޑުއަހާމީހުންވެސް އަތްމައްޗަށް ނޫފުލުމަކީ ސުންނަތްވެގެންވާ ގޮތެވެ. ވާރޭވެހުމަށް އެދި ދުޢާކުރާއިރުމެނުވީއެވެ. ބަޔާންވެދިޔަ ޢިލްމުވެރިންގެ ބަސްފުޅުތަކުގައިވާގޮތުން އެޙާލަތުގައި ދެއަތްއުފުލުމަކީ ބިދުޢައެކެވެ. އެންމެ ފުރިހަމަ ހިދާޔަތަކީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ހިދާޔަތެވެ. އެކަލޭގެފާނު ދައްކަވާ ދެއްވިގޮތަށް ތަބާވުމަކީ އެންމެ ފުރިހަމަ ހިދާޔަތެވެ. والله أعلم.