[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިޖުތިހާދާއި ތަޤުލީދާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 13

ޤަވާޢިދު: إِذَا تَكَرَّرَتِ الوَاقِعَةُ يَلْزَمُ الـمُجْتَهِدَ تَكْرِيْرُ النَّظَرِ

މި ޤަވާޢިދުގެ ތަރުޖަމާ: {ހާދިސާ ތަފާތުވެއްޖެނަމަ، އަލުން ނަޒަރުހިންގުން މުޖުތަހިދަށް ލާޒިމުވާނެ}

މި ޤަވާޢިދުގެ މުރާދު: ދިމާވި ހާދިސާއެއްގައި ނުވަތަ ކަމެއްގައި މުޖުތަހިދު ޢިލްމުވެރިޔާ އިޖުތިހާދުކުރައްވައި، އެ ބޭފުޅާގެ އިޖުތިހާދާއި އެއްގޮތްވާ ގޮތުގެ މަތިން ފަތުވާދެއްވައިފިނަމަ، ދެން ހަމަ އެފަދަ ހާދިސާއެއް ނުވަތަ ކަމެއް ފަހުން ހިނގައިފިނަމަ، އެ ހާދިސާއަށް ނުވަތަ ކަންތަކަށް ނަޒަރުހިންގައި އަލުން އިޖުތިހާދުކުރުން އެ ބޭފުޅާއަށް ވާޖިބުވާނެއެވެ. ކުރިން އެ ބޭފުޅާ ކުރެއްވި އިޖުތިހާދު ފަހުގެ ހާދިސާއަށް ނުވަތަ ކަންތަކަށް ފުދޭކަމުގައެއް ނުވާނެއެވެ. ސަބަބަކީ، ޒަމާނާއި ހާލަތު ބަދަލުވުމުގެ ސަބަބުން އެ ބޭފުޅާގެ ފަތުވާއަށް ވެސް ބަދަލުގެންނަންޖެހޭފަދަ ކަމެއް އޮވެދާނެތީއެވެ. މިއީ، އަލްބާޤިއްލާނީއާއި އަބޫ ޔަޢުލާ އަލްފައްރާއާއި އިބްނު ޢަޤީލުގެ ރައުޔެވެ. އަދި ބައެއް ބޭފުޅުން މި ރައުޔު ގިނަ ޢިލްމުވެރިންނަށް ނިސްބަތްކުރައްވަތެވެ. އަދި ޝާފިޢީންގެ އަރިހުގައި އެންމެ ޞައްޙަކަންބޮޑީ ވެސް މި ރައުޔެވެ.

އެހެންނަމަވެސް، އައްޝީރާޒީއާއި އިބްނުއްސަމްޢާނީއާއި އިބްނުލްޙާޖިބާއި އިބްނުއްސާޢާތީފަދަ ޖަމާޢަތެއްގެ ބޭފުޅުންގެ ނަޒަރުގައި، ހާދިސާ ނުވަތަ ކަންތައް ތަފާތުވުމުން އަލުންބަލުން އެއަށް ނަޒަރުހިންގައި އިޖުތިހާދުކުރުން ވާޖިބެއް ނުވާނެއެވެ. އަދި ކިއެއްތަ! އެ ބޭފުޅާގެ ކުރީގެ އިޖުތިހާދާ އެއްގޮތްވާ ގޮތުގެ މަތިން ފަތުވާދޭނީއެވެ. ސަބަބަކީ، އެއީ އެއްވެސް ޝަރުޢީ ސަބަބެއްނެތި ކުރެވޭ ވާޖިބުކުރުމެއް ކަމުގައިވާތީއެވެ. ކަމެއް ބަދަލުވެފައި އޮވެދާނެކަމުގެ އިޙްތިމާލު އޮތުމަކުން އަލުންބަލުން ނަޒަރުހިންގުން ވާޖިބެއް ނުވާނެއެވެ.

އަދި އަލްފަޚްރުއްރާޒީއާއި އަލްއާމިދީއާއި އައްޞަފިއްޔުލްހިންދީއާއި ޙަންބަލީންކުރެ އަބުލްޚައްޠާބު ތަފްޞީލީ ރައުޔެއް އިޚްތިޔާރުކުރައްވައި ވިދާޅުވަނީ، އެ ބޭފުޅާއަށް އެބޭފުޅާގެ ކުރީގެ އިޖުތިހާދު ހަނދާންނެތްނަމަ، އަލުން އިޖުތިހާދުކުރުން ވާޖިބުވާނެއެވެ. މިއާ ޚިލާފަށް، ކުރީގެ އިޖުތިހާދު ހަނދާންހުރިނަމަ، އަލުން އިޖުތިހާދުކުރުން ވާޖިބެއް ނުވާނެއެވެ.

މުޖުތަހިދު ޢިލްމުވެރިޔާގެ ނިސްބަތުން ކަންއޮންނަ ބީދައިން ފަތުވާ ހޯދާ އާންމުމީހާއަށް ވެސް ކަންތައް އޮންނާނެއެވެ. މި ޤަވާޢިދުގެ މައްޗަށް ބިނާކޮށް، ހާދިސާއެއް ދެވަނަ ފަހަރަށް ހިނގައިފިނަމަ، އަލުން ފަތުވާ ހޯދުން ލާޒިމުވާނެއެވެ. މި ޤަވާޢިދާ ޚިލާފު ރައުޔު ގެންގުޅުއްވާ ބޭފުޅުންގެ ރައުޔަށް ބިނާކޮށް، އަލުން ފަތުވާ ހޯދާކަށް ނުޖެހޭނެއެވެ. ބައެއް ބޭފުޅުންގެ ނަޒަރުގައި، އާންމުމީހާ ދެވަނަ ފަހަރަށް ފަތުވާ ހޯދާނަމަ، އިތުރަށް ނަޒަރުހިންގަންވާނެއެވެ. އެގޮތުން، މުފްތީ ކުރިން ފަތުވާދެއްވީ ޤުރުއާނުގެ ނުވަތަ ސުންނަތުގެ ނައްޞަކަށް ނުވަތަ އިޖުމާޢުއަކަށް ބިނާކޮށްކަމުގައިވާނަމަ، ކުރިން އެ ބޭފުޅާ ދެއްވި ފަތުވާއަށް ޢަމަލުކުރާނީއެވެ. އެ ބޭފުޅާ ފަތުވާދެއްވީ އިޖުތިހާދަކަށް ބިނާކޮށްކަން އެނގިއްޖެނަމަ ނުވަތަ ޝައްކުވެއްޖެނަމަ، ކަންތައް ކުރާނޭ ގޮތާ މެދު ޚިލާފުއުފެދިފައިވެއެވެ. އެންމެ ޞައްޙަކަންބޮޑު ރައުޔަކީ، ދެވަނަ ފަހަރަށް ސުއާލުކުރުން ލާޒިމުވާނެއެވެ. އެ ބޭފުޅާގެ އިޖުތިހާދަށް ބަދަލުއައިސްފައިއޮތުމުގެ އިޙްތިމާލު އޮތީތީއެވެ. ބައެއް ބޭފުޅުން ވިދާޅުވަނީ، އިޖުތިހާދަށް ބަދަލުއައުން ބޮޑަށް އެކަށީގެންވާފަދަ ދިގު މުއްދަތެއް ފާއިތުވެފައިވާނަމަ، ސުއާލުކުރުން ލާޒިމުވާނެއެވެ. އެފަދަ މުއްދަތެއް ފާއިތުވެފައިނުވާނަމަ، ލާޒިމެއް ނުވާނެއެވެ. އަދި ބައެއް ބޭފުޅުން ވިދާޅުވަނީ، މި ޚިލާފުވުން މިއޮތީ އެ ހާދިސާއަކީ ގިނަގިނައިން ނުހިނގާފަދަ ހާދިސާއަކަށް ވާނަމަ ކަމުގައެވެ. މިއާ ޚިލާފަށް، ގިނަގިނައިން ހިނގާ ހާދިސާއެއްނަމަ، ތަކުރާރުކޮށް ސުއާލުކޮށް ފަތުވާ ހޯދަން ނުޖެހޭނެކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =

މިލިޔުމުގެ އެހެނިހެން ބައިތައް