[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 52

52ވަނަ ޤަވާޢިދު (ޖުމްލަ 60): الدَّلَالَةُ الأَقْوَى مُرَجَّحَةٌ عِنْدَ التَّعَارُضِ

މި ޤަވާޢިދުގެ ތަރުޖަމާ: {އެންމެ ބާރުގަދަ ދަލާލަތަކީ ތަޢާރުޟުވާހިނދު ތަރުޖީޙުދެވޭނޭ އެއްޗެއް}

މި ޤަވާޢިދުގެ މުރާދު: ދަލާލަތުތަކުގެ މެދުގައި ފުށުއަރައިފިނަމަ، އެ ތަނުން އެންމެ ބާރުގަދަ ދަލާލަތަށް ތަރުޖީޙުދެވޭނެއެވެ.

މިއީ، ލަފްޒުތަކުގެ ދަލާލަތަށް ބިނާކޮށް ތަރުޖީޙުދިނުމާ ގުޅޭ ޤަވާޢިދުތަކުގެ ތެރެއިން ޤަވާޢިދެކެވެ. އުޞޫލީ ޢިލްމުވެރިންގެ އަރިހުގައި ލަފްޒުތަކުގެ ދަލާލަތުތައް (دَلَالَاتُ الأَلْفَاظِ) އެތަކެއް ނަޒަރުތަކަކުން އެތަކެއް ބައިތަކަކަށް ބެހެއެވެ. އޭގެ ތެރެއިން މި ޤަވާޢިދުގެ ދާއިރާގެ ދަށަށް ވަންނަނީ ހަތަރު ނަޒަރަކުން ބަހައިލެވިފައިވާ ބައިތަކެކެވެ.

ފުރަތަމަ ބަޔަކީ، ލަފްޒު އެ މާނައެއްގައި އުފަންކުރެވިފައިވާ މާނައަށް ބިނާކޮށް ލަފްޒުން ދަލީލުކޮށްދޭ ގޮތެވެ. މީގެ ތެރެއަށް ވަންނަނީ: ޚާއްޞުއާއި ޢާއްމުއާއި މުޝްތަރަކްއެވެ.

ދެވަނަ ބަޔަކީ، ލަފްޒު އެ މާނައެއްގައި ބޭނުންކުރެވުނު މާނައަށް ބިނާކޮށް ލަފްޒުން ދަލީލުކޮށްދޭ ގޮތެވެ. މީގެ ތެރެއަށް ވަންނަނީ: ޙަޤީޤަތުއާއި މަޖާޒު، އަދި ޞަރީޙުއާއި ކިނާޔަތުއެވެ.

ތިންވަނަ ބަޔަކީ، ލަފްޒުގެ މާނައިގެ ފާޅުކަމާއި ވަންހަނާކަމަށް ބިނާކޮށް ލަފްޒުން ދަލީލުކޮށްދޭ ގޮތެވެ. މީގެ ތެރެއަށް ވަންނަނީ: ދަލާލަތު ސާފުކޮށް ފާޅުކަންބޮޑުކޮށް އޮތުމާއި، ދަލާލަތު ވަންހަނާވެފައި އޮތުމެވެ. އަދި ޖުމްހޫރުންނާއި ޙަނަފީންގެ އަރިހުގައި މީގެ ދަށަށް ވަންނަ ބައިތަކެވެ.

ހަތަރުވަނަ ބަޔަކީ، ލަފްޒު މެދުވެރިކޮށް ވާހަކަދައްކާމީހާގެ މުރާދު ދެނެގަނެވޭ ގޮތްތަކަށް ބިނާކޮށް ލަފްޒުން ދަލީލުކޮށްދޭ ގޮތެވެ. މީގެ ތެރެއަށް ވަންނަނީ: މަންޠޫޤުއާއި މަފްހޫމުއެވެ. އަދި ޖުމްހޫރުންގެ އަރިހުގައި މި ދޭތީގެ ދަށަށް ވަންނަ ތަކެއްޗެވެ. އަދި ޙަނަފީންގެ އަރިހުގައި ޢިބާރަތުގެ ދަލާލަތުއާއި އިޝާރަތުގެ ދަލާލަތުއާއި ނައްޞުގެ ދަލާލަތުއާއި އިޤްތިޟާގެ ދަލާލަތުއެވެ.

އެގޮތުން، މި ޤަވާޢިދުގެ މައްޗަށް ބިނާކޮށް، ޖުމްހޫރުންގެ އަރިހުގައި ޢާއްމުގެ މައްޗަށް ޚާއްޞު އިސްކުރެވޭނެއެވެ. އަދި ތަޢާރުޟުވާހިނދު ލުޣަވީ ޙަޤީޤަތުގެ މައްޗަށް ޝަރުޢީ ޙަޤީޤަތް އިސްކުރެވޭނެއެވެ. އަދި ޖުމްހޫރުންނާއި ޙަނަފީންގެ އަރިހުގައި ޡާހިރުގެ މައްޗަށް ނައްޞު އިސްކުރެވޭނެއެވެ. (އެއީ، އެ ދެ ލަފްޒު މާނަކުރުމުގައި އެ ބޭފުޅުންގެ މެދުގައިވާ ރައުޔުތަފާތުވުމާ އެކުގައެވެ.) އަދި ޙަނަފީންގެ އަރިހުގައި ނައްޞުއާއި ޡާހިރުގެ މައްޗަށް މުފައްސަރު އިސްކުރެވޭނެއެވެ. އަދި މުފައްސަރުގެ މައްޗަށް މުޙްކަމް އިސްކުރެވޭނެއެވެ.

އަދި ޖުމްހޫރުންގެ އަރިހުގައި ދަލާލަތުކަން އެންމެ ވަރުގަދައީ ޞަރީޙު މަންޠޫޤު ދަލާލަތުއެވެ. އެހެންކަމުން، އެހެން ހުރިހާ ދަލާލަތުތަކެއްގެ މައްޗަށް ވެސް އެ ބޭފުޅުން އެ އިސްކުރައްވަތެވެ. ދެން އޭގެ ފަހުން، އެ ބޭފުޅުން އިސްކުރައްވަނީ ޞަރީޙު ނޫން މަންޠޫޤު ދަލާލަތުތަކެވެ. އެ ބޭފުޅުންގެ އަރިހުގައި އޭގެ ތެރެއިން ވެސް އެންމެ ބާރުގަދައީ އިޤްތިޟާގެ ދަލާލަތުއެވެ. ދެން، އީމާއުގެ ދަލާލަތުއެވެ. ދެން، އިޝާރަތުގެ ދަލާލަތުއެވެ. އަދި މަފްހޫމުލްމުޚާލަފާގެ މައްޗަށް މަފްހޫމުލްމުވާފަޤާ އިސްކުރެވޭނެތެވެ.

ޙަނަފީންގެ އަރިހުގައި ދަލާލަތުތައް އޭގެ މަގުތަކަށް ބިނާކޮށް ހަތަރު ވައްތަރަކަށް ބެހިގެންވެއެވެ. އެއީ، ޢިބާރަތުގެ ދަލާލަތުއާއި އިޝާރަތުގެ ދަލާލަތުއާއި ނައްޞުގެ ދަލާލަތު އަދި އިޤްތިޟާގެ ދަލާލަތުއެވެ. މި ތަރުތީބަށް ނަޒަރުހިންގާއިރު، ޢިބާރަތުގެ ދަލާލަތުއާއި އިޝާރަތުގެ ދަލާލަތު ފުށުއަރައިފިނަމަ، ޢިބާރަތުގެ ދަލާލަތު އިސްކުރެވޭނެއެވެ. އަދި އިޤްތިޟާގެ ދަލާލަތު އެހެން ދަލާލަތުއަކާ ފުށުއަރައިފިނަމަ، އެހެން ދަލާލަތެއް އިސްކުރެވޭނެތެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =