[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގައިވާ ޢަދަދުގެ މުއުޖިޒާތްތަކާއި މީލާދީ ކަލަންޑަރު -1-

الحمد لله وحده، والصلاة والسلام على من لا نبي بعده وآله وصحبه.

ކީރިތި ޤުރުއާނުގައިވާ ތަފާތު ވައްތަރުތަކުގެ މުޢުޖިޒާތްތަތައް ދެނެގަތުމަށް މީސްތަކުން ވަރަށް ޝައުޤުވެރިވެއެވެ. އެގޮތުން އެންމެ ބޮޑަށް ވާހަކަދެކެވޭ އެއް ވައްތަރަކީ ޢަދަދުގެ މުޢުޖިޒާތްތަކެވެ. މަޖައްލާތަކާއި ނޫސްތަކާ އަދި އިންޓަނެޓުގައިވެސް މިކަމާ ގުޅުންހުރި އެތައް ލިޔުންތަކެއްވަނީ ޝާއިޢުކުރެވިފައެވެ. އެގޮތުން ލަފްޒުތައް ތަކުރާތުވެފައިވާ ގޮތާއި، ނުވަތަ އެލަފްޒާ އޭގެ އިދިކޮޅު ލަފްޒު އެއް ޢަދަދަކަށް ތަކުރާރުވެފައިވާކަމަށް ބުނެ ހެދިފައި ލިސްޓުތައް ވަނީ އާންމުވެފައެވެ. އޭގެތެރޭގައި “يوم” (ދުވަސް) 365 ފަހަރު ތަކުރާރުވެފައިވާކަމަށާއި، “شهر” (މަސް) 12 ފަހަރު ތަކުރާރުވެފައިވާ ކަމަށް ބުނެފައިހުރެއެވެ. އަދި މީގެ އިތުރުންވެސް “الملائكة والشياطين” (މަލާއިކަތުންނާއި ޝައިޠާނުން) އާއި ” الدنيا والآخرة “(ދުނިޔެއާއި އާޚިރަތް) އަދި މިނޫންވެސް ލަފްޒުތައްވެސް އެބައިމީހުން މިފަދައިން ޢަދަދު ކުރެއެވެ.

 

 

ވަރަށް ގިނަ މީހުންނަށް ހީވެފައިވަނީ މިއީ ޞައްޙަ ވާހަކައެއް ކަމަށެވެ. އަދި މިއީ ޤުރުއާނުގެ މުޢުޖިޒާތްތަކުގެ ތެރޭގައި ހިމެނޭކަމެއްކަމަށް އެބައިމީހުންނަށް ހީވެފައިވެއެވެ. އެހެނެއްކަމަކު ބަސްމަގުގެ ބަލާޣާތްތެރިކަމާއި މުޢުޖިޒާތުގެ ތަފާތު އެބައިމީހުންނަށް ނޭނގެނީއެވެ. ފޮތެއް ލިޔާއިރު ވަކި ލަފްޒުތަކެއް ވަކި ޢަދަދަކަށް ގެނައުމަކީ ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެކެވެ. މިކަމުގައި އަޖައިބުކުރުވަނިވި ކަމަކީ ކޮބައި ހެއްޔެވެ؟ ﷲގެ ފޮތުގައިވާ މުޢުޖިޒާތްތަކަކީ ކޮންމެ މުއައްލިފަކަށްވެސް ގެނެވޭފަދަ ބަސްމަގުގެ ބަލާޣާތްތެރިކަމެއް ނޫނެވެ. އެހެނެއްކަމަކު އެއީ އެއަށްވުރެ މާ ފުން، މާ ތަނަވަސް ކަންކަމެވެ. ނަމަވެސް އެފޮތުގެ މުޢުޖިޒާތަކީ އެންމެ ބަލާޣާތްތެރި އަދި އެންމެ ފަޞާޙާތްތެރި ޢަރަބިންނަށްވެސް އެޤުރުއާނާއެއްފަދަ އެއްޗެއް ނުގެނެވުމެވެ. ނުވަތަ އެފަދަ ދިހަ ސޫރަތްވެސް ނުގެނެވުމެވެ. ނުވަތަ އެފަދަ އެންމެ ސޫރަތެއްވެސް ނުގެނެވުމެވެ.

 

 

ހަމައެކަނި ޢަދަދުތަކެއް ބަޔާންކުރުމަށްވުރެވެސް ބައެއް މީހުން މިކަން ބޮޑުކޮށްލައިފިކަން ދެނެގަންނަށް އެބަޖެހެއެވެ. އެގޮތުން ބައެއްމީހުން މިފަދަ ޢަދަދުތައް ޖަހައިގެން “އިސްރާއީލުގެ ދަޢުލަތް ވެއްޓޭނެ ވަގުތު” ހޯދިއްޖެކަމުގެ ދައުވާ ކުރެއެވެ. އަދި އަނެއް ބަޔަކު “ޤިޔާމަތް ވާނެ ވަގުތު” ދެނެގަނެވިއްޖެ ކަމުގެ ދައުވާވެސް ކުރެއެވެ. ﷲ ތަޢާލާގެ ފޮތާ ގުޅުވައިގެން މިފަދައިން ހަދަހަދައިގެން ފެތުރޭ އެންމެ ފަހުގެ އެއް ވާހަކައަކީ “ނިއުޔޯކުގެ ޓަވަރުތައް ގޮއްލާލުމުގެ ޙާދިޘާ” ޤުރުއާނުގައި ބަޔާންވެގެންވާކަމުގެ ވާހަކައެވެ! އެއީ ތައުބާ ސޫރަތުގެ އާޔަތްތަކުގެ ޢަދަދާއި، ސޫރަތްތައް އައިސްފައިވާ ތަރުތީބުން އެސޫރަތުގެ ޢަދަދާ އަދި އެސޫރަތް ހިމެނެނީ ޤުރުއާނުގެ ކިތައްވަނަ ފޮތުގައި ކަމަށް ރިޢާޔަތްކޮށް ހަދާފައިވާ ބުހުތާނެކެވެ. މިއީ ﷲ ތަޢާލާގެ ފޮތް ކުޅޭކުޅޭ އެއްޗަކަށް ހެދުމެވެ. މިފަދައިން ކަންކަން މިވަނީ ޙަޤީޤަތުގައި ﷲ ތަޢާލާގެ ފޮތުގެ މުޢުޖިޒާތަކީ ކޮބައިކަމާމެދު މީސްތަކުން ޖާހިލުވެފައިވުމުންނެވެ.

=ނުނިމޭ=

_______________________________________

މިލިޔުމުގެ އެހެންބައިތައް

މަޞްދަރު: ޢަރަބި ބަހުން ، އިނގިރޭސި ބަހުން