[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްލާމީ އިޤްތިޞާދު 101 (2)

އިސްލާމީ އިޤްތިޞާދުގެ އަސާސްތައް:

 

އަސާސް 1: އިސްލާމީ އިޤްތިޞާދު ބިނާވެފައިވަނީ އިސްލާމީ އަޤީދާއާއި މަކާރިމުލް އަޚްލާޤުގެ މައްޗަށެވެ.

 

މުސްލިމުންނަކީ ދުނިޔޭގެ ޙަޔާތަށްފަހު އާޚިރަތް ވާކަމާއި، ތިމާ ސިއްރުކުރާ ޢަމަލާއި ފާޅުކުރާ ޢަމަލުތައް ﷲ ސުބްޙާނަހޫ ވަތަޢާލާ ދެނެވޮޑިގެންވާކަން ޤަބޫލުކުރާ ބަޔެކެވެ.

މިއަދު ދުނިޔެމަތީގައި ކުރާ ޢަމަލުތަކާއިމެދު އާޚިރަތް ދުވަހުން ސުވާލުކުރެވޭނެކަމުގައި މުސްލިމުން އީމާންވެއެވެ. އެހެންކަމުން މުޖުތަމަޢުގެ ހުރިހާ ފަންތިއެއްގެ މެދުގައި ޖަވާބުދާރީވާންޖެހޭކަމުގެ ރޫޙް އިސްލާމީ އަޤީދާގެ ސަބަބުން އަށަގަންނުވައެވެ. ވެރިންނާއި ރައްޔިތުން، ޚިދުމަތްދޭ ފަރާތްތަކާއި، ޚިދުމަތްލިބިގަންނަ ފަރާތްތައް، ވަޒީފާދޭ ފަރާތްތަކާއި އަދި  މުވައްޒަފުންގެ މެދުގައެވެ.

 

رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ހަދީސްކުރައްވައިފައިވެއެވެ.

((لا تَزُولُ قَدَمَا عَبْدٍ يَوْمَ الْقِيَامَةِ، حَتَّى يُسْأَلَ عَنْ أَرْبَعٍ: عَنْ عُمُرِهِ فِيمَا أَفْنَاهُ، وَعَنْ عِلْمِهِ مَا عَمِلَ بِهِ, وَعَنْ مَالِهِ مِنْ أَيْنَ اكْتَسَبَهُ، وَفِيمَا أنفقهُ، وَعَنْ جسمه فِيمَا أَبْلَاهُ)) [رواه الترمذي]

މާނައީ: “ޤިޔާމަތްދުވަހު، ހަތަރުކަމަކާމެދު ސުވާލުވެވިއްޖައުމަށް ދާންދެން، އަޅާގެ ފައި ހުރިތަނުން ގުޑުވާވެސް ނުލެވޭނެއެވެ. (އެއީ) އޭނާގެ ޢުމުރު ފަނާކުރީ ކިހިނަކުންކަމާއި، އޭނާއަށް ދެއްވި ޢިލްމާއި މެދު ޢަމަލުކުރީ ކިހިނަކުންކަމާއި، މުދާ ހޯދީ ކިހިނަކުންކަމާއި، އެ މުދާ ހޭދަކުރީ ކިހިނަކުންކަމާ އަދި ހަށިގަނޑު (ހުރިހާ ގުނަވަންތަކެއް) ބޭނުންކުރީ ކިހިނަކުންކަމާއިމެދުގައެވެ.”

 

 

މީގެއިތުރުން އިންސާނުންނަކީ ދުނިޔެ އާރާސްތުކުރަން ބިމުގައި ޚަލީފާވެރިންގެ ގޮތުގައި ލެއްވިފައިވާ ބައެއްކަމުގައި ޤުރުއާނުގައި އަންގަވާފައިވެއެވެ. އެއީ ބަޤަރާ ސޫރަތުގެ 30 ވަނަ އާޔަތާއި،  فاطر ސޫރަތުގެ 39 ވަނަ އާޔަތާއި އަދިވެސް  ބައެއް އެހެން އާޔަތްތަކުގައެވެ.

ކީރިތި ޤުރުއާނާއި މޫރިތި ސުންނަތުގައި ބަޔާންކުރައްވާފައިވަނީ އިންސާނުން އުޅެންވީ އެންމެ ފުރިހަމަ، އަދި އެންމެ ރިވެތި ގޮތެވެ. ވިޔަފާރީގައި މަކަރު ހެދުމާއި، ލަނޑުދިނުމާއި، ރިބާ ކެއުމާއި އަދިވެސް މިފަދަ އެންމެހާ ނޭއްގާނީ ސިފަތަކާއި ދުރުވުމަށް މުސްލިމުންނަށް ވަނީ އަމުރުވެވިގެންނެވެ. އިސްލާމީ އަޚްލާޤީ ސިފަތައް ލިބިފައިވާ ވިޔަފާރިވެރިންވަނީ ތާރީޚްގެ އެކި މަރުޙަލާތަކުގައިފެނިފައެވެ.

މި ދެންނެވި ފަދަ ހިތްހެޔޮ، އޯގާވެރި ވިޔަފާރިވެރިންގެ ސަބަބުން ދެކުނު އިރުމަތީ އޭޝިއާގެ ގޮނޑުދޮށްތަކުގައި ހިދާޔަތުގެ ނޫރުފެތުރެން ފެށިއެވެ. އެ ސަރަހައްދަށް ވިޔަފާރިކުރަން އައިސް އުޅުނު ޢަރަބި މުސްލިމު ވިޔަފާރިވެރިންގެ ރިވެތި ސިފަތަކުގެ އަސަރުގައިޖެހި އިސްލާމްދީނާއި ދިމާއަށް އެ ޤައުމުތަކުގެ ގިނަބަޔަކު މިސްރާބުޖެހިއެވެ. އަދި މިދީން އިތުރަށް ދަސްކޮށް އިސްލާމީ ހިދާޔަތް ލިބިގަތެވެ.

މީގެ އިތުރުން އިސްލާމީ އަޙްލާޤީ އާދަތަކުގެ އެންމެ އިސް ބަހާތަކުގެ ތެރޭގައި އަމިއްލަ އަތުން މަސައްކަތްކޮށްގެން އާމްދަނީ ހޯދުމާއި، އިސްރާފުނުކުރުން ހިމެނެއެވެ.

 

=ނުނިމޭ=

 


މިލިޔުމުގެ އެހެންބައިތައް ބެއްލެވުމަށް