[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢީދު ނަމާދާއި އަންހެންބޭކަނބަލުން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ދެޢީދަކީ ޝުކުރުވެރިވުމާއި އުފާފާޅުކުރުމުގެ ގޮތުން ﷲ ތަޢާލާ މުސްލިމުންނަށް ލައްވާފައިވާ ދުވަސްތަކެކެވެ. އެގޮތުން ތަކުބީރު ކިޔުން މިދުވަސްތަކުގައިވެއެވެ. އަދި އެކަކު އަނެކަކަށް ތަހުނިޔާކިޔާ ހެޔޮދުޢާ ކުރުންވެސްވެއެވެ. އަދި ހަމައެހެންމެ ޢީދު ދުވަސް ފެށިގެން ދަނީ ކުދި ބޮޑު އެންމެން އެއްވެ ޖަމާޢަތުގައި ކުރެވޭ ޢީދު ނަމާދުންނެވެ. އާންމުކޮށް ހުރިހާ ނަމާދުތަކެއްވެސް އަންހެނުންބޭކަނބަލުން ގޭގައި ކުރުމަށް އަމުރުވެވިފައިވީ ނަމަވެސް، ޢީދު ނަމާދުގެ ބަރަކާތާއި އެދުވަހުކުރެވޭ ދުޢާގައި ބައިވެރިވުމަށް ނަމާދުކުރެވޭ ހުސްބިންތަކަށް (މުޞައްލާތަކަށް) ޙާޟިރުވުމަށް އަންހެނުން ބޭކަނބަލުންނަށް ވެސް ރަސޫލުﷲ صلى الله عليه وسلم އަންގަވާފައިވެއެވެ.

“އަންހެނުން ބޭކަނބަލުން ޢީދު ނަމާދަށް ދިއުމަށް ވަނީ ޝަރުޢުކުރެވިފައެވެ. އަދި އެކަމަށް ބާރު އަޅުއްވާފައެވެ. ޞަޙީޙް ބުޚާރީ އަދި ޞަޙީޙް މުސްލިމުގައި އުއްމު ޢަތިއްޔާ رضي الله عنها ގެ އަރިހުން ރިވާކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ. އެކަމަނާ ވިދާޅުވިއެވެ. “އަހަރެމެންނަށް ޢީދު ދުވަހު (ޢީދު ނަމާދަށް) ނުކުތުމަށް އަމުރުކުރެވިގެންވެއެވެ. ގޭގައި ތިބޭ ބިކުރުވެރި އަންހެން ކުދިންނާއި ޙައިޟުވެފައިވާ އަންހެނުން ވެސްމެއެވެ. އެކަނބަލުން، އެހެން މީހުންނާއި ބައިވެރިވެ ތަކްބީރު ކިޔާ، ދުޢާކޮށް އަދި އެދުވަހުގެ ބަރަކާތަށް އުންމީދު ކޮށްގެންނެވެ.”

އެހެން ރިވާޔަތެއްގައި އައިސްފައިވެއެވެ. ގޭގައި އެކަހެރިވެގެން ތިބޭ ބިކުރުވެރި، ޅަ އަންހެން ކުދިންނާއި އަދި ޙައިޟުވެފައިވާ އަންހެނުން ވެސް ޢީދު ނަމާދަށް ދިއުމަށް ރަސޫލުﷲ صلى الله عليه وسلم ވިދާޅުވެއެވެ.  ނަމަވެސް ޙައިޟުވެފައިވާ އަންހެނުން ތިބޭނީ ނަމާދުކުރާތަނާއި ދުރުގައެވެ. އަދި އެދުވަހުގެ ހެޔޮކަމާއި މުސްލިމުންގެ ދުޢާގައި ބައިވެރިވާނީއެވެ.

އަންހެނަކު ރަސޫލުﷲ صلى الله عليه وسلم ގެ އަރިހުގައި ދެންނެވިކަމަށް އުންމު ޢަތިއްޔާ رضي الله عنها ވިދާޅުވިއެވެ. “އެކަމަކު އަހަރެމެންގެ ތެރެއިން މީހެއްގެ އަތުގައި ޖިލްބާބެއް1 ނެތިދާނެއެވެ!” ރަސޫލުﷲ صلى الله عليه وسلم އެއަންހެންމީހާއަށް ޙަދީޘްފުޅުކުރެއްވިއެވެ:

((لِتُلْبِسَهَا أُخْتُهَا مِنْ جِلْبَابِهَا))

” އޭނާގެ ޢުޚްތުގެ ޖިލްބާބު އޭނާ ލައްވާ ހުށިކަމެވެ.”

އެހެންނަމަވެސް، އަންހެނުން ބޭރަށް ނިކުންނައިރު ހުވަނދު ލައިގެންނުވާނެއެވެ. 2 އަދި އޭނާގެ ޒީނަތްތެރިކަން ފާޅުކޮށްގެންވެސް ނުވާނެއެވެ. އަދި މީގެ އިތުރުން، އޭނާ ހުންނަންޖެހޭނީ ފިރިހެނުންނާއި ގައިގޯޅިނުވެ ދުރުގައެވެ.” 3

____________________________________________

1 ބޮލުން ފެށިގެން މޫނާއި އަދި ހަށިގަނޑު ނިވާވާގޮތަށް ލެވޭހެދުމެއް

2 އަންހެނަކު މިސްކިތަށް ދާއިރު ސެންޓު ޖެހުން

3 ދާރުއްސަލާމް އިން ޗާޕްކޮށްފައިވާ (ސެލެކްޓެޑް ފަތާވާ ފޯ ވިމެން) އެފޮތުން ނަގާފައި