[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢަޤީދާގެ ފިލާވަޅު 8 (ޢަޤީދަތުއް ޠަޙާވިއްޔާގެ ޝަރަޙަ)

قَالَ الطَّحَاوِيُّ رحمه الله: “قَدِيمٌ بِلاَ ابْتِدَاءٍ، دَائِمٌ بِلاَ انْتِهَاءٍ”.

ޠަޙާވީ ރަޙިމަހުﷲ ވިދާޅުވިއެވެ.

“އެއިލާހީ ފެށުމެއްނުވާ ޤަދީމުވަންތަ އިލާހެވެ. އަދި ނިމުމެއްނުވާ ދާއިމުވަންތަ އިލާހެވެ.”

_________________________________________________________________

ޝަރަޙަ:

* އިމާމް ޠަޙާވީ ރަޙިމަހުﷲ މިޖުމްލައިން އަންގައިދޭން ބޭނުންވެވަޑައިގެންފައިވަނީ ޚަލްޤުކުރެވިފައިވާ އެންމެހާ ތަކެއްޗާ އެއްވައްތަރުވުމުން އެއިލާހާ ހުސްޠާހިރުވެގެންވާކަމެވެ. އެއިލާހީ ފެށުމެއްނުވާ އަދި ނިމުމެއްނުވާ އަބަދަށް ޤާއިމުވެވޮޑިގެންވާ އިލާހެވެ.

އީމާމް ޠަޙާވީ ރަޙިމަހުﷲ ގެންނަވާފައިވާ “القَدِيمُ” އާއި “الدَّائِمُ” މިއީ ޤުރުއާނާއި ސުންނަތުގައި، ﷲގެ އިސްމުފުޅުތަކުގެ ތެރެއިންވާކަމަށް ޛިކުރުކުރައްވާފައިވާ އިސްމުތަކެއް ނޫނެވެ. މިއީ ބައެއް ޙައްޤުމަގުން އެއްކިބާވެފައިވާ ބައެއް ފިރުޤާތަކުގެ މީހުން ﷲ އަށް ނިސްބަތްކޮށްއުޅޭ ދެނަމެވެ. ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިން ބޭނުންކޮށްއުޅެނީ ޤުރުއާނާއި ސުންނަތުގައި ޘާބިތުވެފައިވާ ދެއިސްމުފުޅެވެ. އެއީ “الأَوَّلُ” އާއި “الآخِرُ” އެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((هُوَ الْأَوَّلُ وَالْآخِرُ)) الحديد:3 މާނައީ: “އެކަލާނގެއީ، އެންމެފުރަތަމަ ވޮޑިގެންވީ ފަރާތެވެ. އަދި އެންމެފަހުން ވޮޑިގެންވާނެ ފަރާތެވެ.” އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އަވަހާރަފުޅުލައްޕަވާއިރު ކުރައްވާފައިވާ ދުޢާއެއްގައިވެއެވެ. ((اللَّهُمَّ أَنْتَ الأَوَّلُ لَيْسَ قَبْلَكَ شَيْءٌ، وَأَنْتَ الآخِرُ لَيْسَ بَعْدَكَ شَيْءٌ)) މާނައީ: “އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިބަﷲއީ އެންމެ ފުރަތަމަ ވޮޑިގެންވީ ފަރާތެވެ. ފަހެ، އިބަﷲގެ ކުރިން އެއްވެސް އެއްޗެއް ނުވެއެވެ. އަދި އިބަﷲއީ އެންމެފަހުން ވޮޑިގެންވާނެ ފަރާތެވެ. ފަހެ، އިބަﷲގެ ފަހުން އެއްވެސް އެއްޗެއް ނުވާނެއެވެ.” (ޞަޙީޙް މުސްލިމް: 2713)

“القَدِيمُ” އާއި “الدَّائِمُ” މިދެއިސްމު ﷲގެ އިސްމުފުޅުތަކުގެ ތެރޭގައި ނުހިމެނެނީ އަންނަނިވި ސަބަބުތަކާ ހުރެއެވެ.

1. ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިސްމުފުޅުތަކާއި ޞިފަފުޅުތަކުގެ ޤަވާޢިދުތަކުގެ ތެރޭގައި ޤުރުއާނާއި ސުންނަތުން ބޭރުނުވުން ވެއެވެ. އެހެނީ، ﷲއަށް ނިސްބަތްކުރެވޭހުށީ ޤުރުއާނާއި ސުންނަތުގައި ބަޔާންވެގެންވާ އިސްމުފުޅުތަކާއި ޞިފަފުޅުތަކެވެ. އެއްވެސް މީހަކަށް އަމިއްލަ ބުއްދިން ﷲއަށް އިސްމުތައްދީ ޞިފަދިނުން ހުއްދަވެގެންނުވެއެވެ. މިދެއިސްމަކީ ޤުރުއާނާއި ސުންނަތުގައި ވާރިދުވެގެންވާ ދެއިސްމެއް ނޫނެވެ. ކުރިން ދެންނެވިހެން މިއީ ބައެއް ބާޠިލު ފިރުޤާތަކުގެ މީހުން އެއިލާހަށް ނިސްބަތްކޮށްއުޅޭ ދެއިސްމެވެ.

2. ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިސްމުފުޅުތަކަކީ އެއިސްމުފުޅުތަކުން އެއިލާހަށް މަދަޙަ ދެންނެވޭ އިސްމުފުޅުތަކެވެ. ނަމަވެސް އެއާޚިލާފަށް މިދެއިސްމަކީ މަދަޙައިގެގޮތުންނާއި މަދަޙަނޫންގޮތުގައި ބޭނުންކުރެވޭ ދެއިސްމެވެ. އެހެންކަމުން، ﷲއަށް މިދެއިސްމު ނިސްބަތްކުރުން ހުއްދަވެގެންނުވެއެވެ.

3. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކޮންމެ އިސްމުފުޅަކީ އެއިސްމުފުޅަކުން އެއިލާހަށް ދުޢާ ދެންނެވޭ އިސްމުފުޅުތަކެވެ. މިއާޚިލާފަށް މިދެއިސްމުން އެއިލާހަށް ދުޢާއެއް ނުދަންނަވައެވެ. މިސާލަކަށް އެއްވެސް މީހަކު “އޭ ޤަދީމުވަންތަ އިލާހެވެ! ތިމަންއަށް އެވެނިކަމެއް ހިންމަވާދެއްވާނދޭވެ!” މިފަދައިން ނުވަތަ މިދެއިސްމު ބޭނުންކޮށްގެން މިފަދަގޮތައް ދުޢާއެއް ނުކުރެއެވެ.

 އިސްމެއް “أسماء الله الحسنى” ގެ ތެރޭގައި ހިމެނޭނީ ތިން ޝަރުޠެއް ފުރިހަމަވުމުންނެވެ.

1. ޤުރުއާނާއި ސުންނަތުގައި ވާރިދުވެފައިވުމެވެ. ވާރިދުވެފައިވާންވާނީ އިސްމުގެ ޞީޣާއިންނެވެ. ކަމުގެ ޞީޣާއިން ނުވަތަ މަޞްދަރުގެ ޞީޣާއިންނެއް ނޫނެވެ. މިކަމުގެ ތަފްޞީލު އަދި ފަހުން އެހެން ބައެއްގައި އަންނަހުއްޓެވެ. إن شاء الله.

2. އެއިސްމަކުން ﷲއަށް ދުޢާ ދެންނެވޭ އިސްމަކަށްވުމެވެ.

3. އެއިސްމެއްގައި އެއްވެސް ޚާއްޞަކުރުމެއްނެތި މަދަޙަ އެކުލެވިގެންވާ އިސްމަކަށްވުމެވެ.

މިހިސާބުން އަޅުގަނޑުމެން ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިންގެ ވަރަށް މުހިއްމު ޤަވާޢިދެއް ދެނެގަންނަން އެބަޖެހެއެވެ. އެއީ ﷲގެ އިސްމުފުޅުތަކުގެ ބާބު، އެއިލާހުގެ ޞިފަފުޅުތަކުގެ ބާބަށްވުރެ ހަނިކަމެވެ. އަދި އެއިލާހުގެ ޞިފަފުޅުތަކުގެ ބާބު، އެއިލާހު ކުރައްވާކަންކަމުގެ ބާބަށްވުރެ ހަނިކަމެވެ. އަދި އެއިލާހު ކުރައްވާކަންކަމުގެ ބާބު، ޚަބަރުގެގޮތުން ބުނެވޭ ބުނުމުގެ ބާބަށްވުރެ ހަނިކަމެވެ. ހަމައެފަދައިން، މީގެ އަނެއްކޮޅަށް އަޅުގަނޑުމެން ބުނާކަމުގައިވަނީނަމަ، އެއިލާހަށް ޚަބަރެއްގެގޮތުން ބުނެވޭ ބުނުމުގެ ބާބު، އެއިލާހު ކުރައްވާކަންކަމުގެ ބާބަށްވުރެ ތަނަވަހެވެ. އަދި އެއިލާހު ކުރައްވާކަންކަމުގެ ބާބު، އެއިލާހުގެ ޞިފަފުޅުގެ ބާބަށްވުރެ ތަނަވަހެވެ. އަދި އެއިލާހުގެ ޞިފަފުޅުގެ ބާބު، އެއިލާހުގެ އިސްމުފުޅުތަކުގެ ބާބަށްވުރެ ތަނަވަހެވެ.

މިޤަވާޢިދަށް ބުރަވެ، ޚަބަރެއްގެގޮތުން ޞައްޙަ މާނާގައި “قَدِيمٌ بِلاَ ابْتِدَاءٍ، دَائِمٌ بِلاَ انْتِهَاءٍ” (އެއިލާހީ ފެށުމެއްނުވާ ޤަދީމުވަންތަ އިލާހެވެ. އަދި ނިމުމެއްނުވާ ދާއިމުވަންތަ އިލާހެވެ.) މިހެން ބުނެވިދާނެއެވެ. ނަމަވެސް ޞިފަފުޅެއްގެގޮތުން އެއިލާހަށް ނިސްބަތްނުކުރެވޭނެއެވެ. އެހެނީ، އެއިލާހުގެ ޞިފަފުޅުގެ ބާބު ހަނިވެގެންވެއެވެ. އެކަމަށްޓަކައި ދަލީލެއް ބޭނުންވާހުއްޓެވެ. އަދި “القَدِيمُ” އާއި “الدَّائِمُ” އެއިލާހުގެ އިސްމުފުޅެއްގެ ގޮތުގައި ވާނީ މަތީގައި ދެންނެވުނު ތިން ޝަރުޠުހަމަވާނަމައެވެ. އެހެނީ، އެއިލާހުގެ އިސްމުފުޅުގެ ބާބަކީ އެންމެ ހަނި ބާބެވެ. ކުރިން ދެންނެވުނު ފަދައިން މިދެއިސްމު އެއްވެސް ޝަރުޠަކަށް ނުފެތޭތީވެ، މިދެއިސްމަކީ ﷲގެ އިސްމުފުޅުތަކުގެ ތެރެއިންވާ ދެއިސްމެއް ނޫނެވެ. މިދެއިސްމެކޭ އެއްގޮތަކަށް، އަޅުގަނޑުމެން “الصَّانِعُ” (އުފައްދާ ފަރާތް)، “المُتَكَلِّمُ” (ވާހަކަދައްކާ ފަރާތް)، “المُرِيْدُ” (އިރާދަކުރާ ފަރާތް)  ފަދަ އިސްމުތައް ޤަވާޢިދަށް ނުފެތޭތީ، މިފަދަ އިސްމުތަކަކީ ﷲއަށް ނިސްބަތްކުރެވޭ އިސްމުތައްކަމުގައި ނުވާނެއެވެ. މިގޮތުން ކޮންމެ އިސްމެއް ﷲގެ އިސްމުފުޅެއްތޯ ބަލާނެ ޤަވާޢިދަކީ މިއީއެވެ. ކުރިން ދެންނެވުނު ތިން ޝަރުޠު ފުރިހަމަނުވާކަމުގައިވަނީނަމަ އެއިސްމަކީ ﷲގެ އިސްމުފުޅުގެ ތެރެއިންވާ އިސްމެއް ނޫނެވެ. މިއިން ކޮންމެ އިސްމަކީ މަދަޙައިގެގޮތުންނާއި މަދަޙަނޫންގޮތުގައި ބޭނުން ކުރެވޭ އިސްމުތަކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ އެންމެހާ އިސްމުފުޅަކީ އެންމެހާގޮތަކުން މަދަޙަ އެކުލެވިގެންވާ އިސްމުފުޅުތަކެވެ.

_________________________________________________

ސުވާލު:

1. “القَدِيمُ” އާއި “الدَّائِمُ” މިދެއިސްމު ﷲގެ އިސްމުފުޅުތަކުގެ ތެރޭގައި ނުހިމެނޭ ސަބަބުތަކަކީ ކޮބާ؟

2. “الأَوَّلُ” އާއި “الآخِرُ” މިއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ދެއިސްމުފުޅުކަމުގެ ދަލީލެއް ބުނެދީ!

3. އިސްމެއް “أسماء الله الحسنى” ގެ ތެރޭގައި ހިމެނޭނީ ތިން ޝަރުޠެއް ފުރިހަމަވުމުންނެވެ. އެތިން ޝަރުޠަކީކޮބާ؟

__________________________________________________

ޢަޤީދާގެ ފިލާވަޅުގެ ކުރީގެ ފިލާވަޅުތައް