މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައި ވެއެވެ. ﴿وَأَذَانٌ مِنَ اللَّهِ وَرَسُولِهِ إِلَى النَّاسِ يَوْمَ الْحَجِّ الأكْبَر﴾ (التوبة :3)މާނައީ: “އަދި މިއީ ބޮޑުވެގެންވާ ޙައްޖުގެ ދުވަހު، ﷲ އާއި، އެކަލާނގެ ރަސޫލާގެ ކިބައިން، މީސްތަކުންނަށް އޮތް އެންގެވުމެކެވެ.“
ޙައްޖުގެ ބޮޑުދުވަހަކީ ނަޙްރުގެ (ﷲ އަށްޓަކައި ޤުރުބާނީތައް ކަތިލުމުގެ) ދުވަހެވެ. އެއީ ޛުލްޙިއްޖާމަހުގެ 10 ވަނަ ދުވަހެވެ. އަޟްޙާ ޢީދު ދުވަހެވެ. އިބްނު ޢުމަރު رضي الله عنهما ގެ ކިބައިން ރިވާވެގެން ވެއެވެ. “أن رسول الله صلى الله عليه وسلم وقف يوم النحر في الحجة التي حج فيها فقال: أي يوم هذا ؟ فقالوا: يوم النحر، فقال: “هذا يوم الحج الأكبر“[1] ރަސޫލުﷲ صلى الله عليه وسلم(ޙައްޖު ކުރެއްވި އަހަރުގެ) ނަޙްރުގެ ދުވަހު، ކޮޅަށް ހުންނަވައި ޙަދީޘްފުޅު ކުރެއްވިއެވެ. މިއީ ކޮން ދުވަހެއް ހެއްޔެވެ؟ (ޞަޙާބީ ބޭކަލުން) ދެންނެވޫއެވެ. ނަޙްރުގެ ދުވަހެވެ. ޙަދީޘްފުޅު ކުރެއްވިއެވެ. މިއީ يوم الحج الأكبر އެވެ. (އެބަހީ: ޙައްޖުގެ ބޮޑު ދުވަހެވެ.)“
އަދި އަބޫ ހުރައިރާ رضي الله عنه ވިދާޅުވިއެވެ. “بعثني أبو بكر الصديق رضي الله عنه فيمن يؤذن يوم النحر بمنى: (لا يحج بعد العام مشرك، ولا يطوف بالبيت عريان)“[2] މާނައީ: ” ނަޙުރުގެ ދުވަހު، އިޢުލާން ކުރާ މީހުންގެ ތެރެއިން، أبو بكر الصديق، ތިމަންކަލޭގެފާނު ފޮނުއްވިއެވެ. (މިއަހަރަށްފަހު މުޝްރިކަކަށް ޙައްޖެއް ނުވެވޭނެއެވެ. އަދި އޮރިޔާން ޙާލުގައި ގެފުޅުވަށައި ޠަވާފްވެސް ނުކުރެވޭނެއެވެ.)“
މުސްލިމް އަޚުންނާއި އުޚްތުންނޭވެ! ނަޙްރުގެ ދުވަސް ނުވަތަ ޢީދު ދުވަހަށް يَوْمُ الحَجِّ الأَكْبَر އެވެ ކިޔުނީ، އެދުވަހަކީ ޙައްޖުގެ މަނާސިކުތަކުގެ ތެރެއިން އެންމެ ގިނަ ކަންތައްތައް އެއްދުވަހާ ޖަމާވާ ދުވަހަށްވާތީ ކަމުގައި، ތަފްސީރު އިބްނުކަޘީރުގައި ބަޔާން ކުރައްވާފައިވެއެވެ.[3]
ﷲ ތަޢާލާ ފަރްޟު ކުރެއްވި އަޅުކަމެއްގެ އެންމެ މުހިންމު ރުކުނުގެ (އެބަހީ: ޢަރަފާތްދުވަހުގެ) ނިމުމާ ވިދިގެން މުސްލިމުންނާ ބައްދަލުކުރާ މި އަޟްޙާ ޢީދަކީ އުފާވެރިކަމާއި ހިނިތުންވެރިވުމުގެ ދުވަހެވެ. މިފަދަ ދުވަސްތަކަކީ އަޅުގަނޑުމެންނަށް ވަރަށް ގިނަ ކަންތައްތަކެއް ކުރުމަށް ހުޅުވޭ ވަރަށްވެސް ތަނަވަސް ދޮރެކެވެ. މެދުކެނޑިފައިވާ ގުޅުންތައް އަލުން ފެށުމާއި، ޢާއިލީ ގުޅުންތަކާއި ރައްޓެހި ރަޙްމަތްތެރިކަމުގެ ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމަށް ލިބޭ ވަރަށް ރަނގަޅު ފުރުޞަތެކެވެ. އެހެންކަމުން އިސްލާމްދީނުގެ ތަރަހައިން ބޭރު ނުވާނެ ގޮތަށް، ރިވެތި އަދަބުތަކުގެ މަތީން ޢީދުގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފުމީ ކޮންމެ މުސްލިމެއްގެ ކިބައިންވެސް އެދެވިގެންވާ ކަމެކެވެ.
ޢީދު ދުވަހުގެ ސުންނަތްތަކާއި އަދަބުތައް
1. ތަކުބީރު ކިޔުން:
ތަކުބީރު ކިޔުމީ ޢީދު ދުވަހުގެ އެންމެ މާތްވެގެންވާ ސުންނަތް ތަކުގެ ތެރެއިން ސުންނަތެކެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައި ވެއެވެ. ﴿وَلِتُكَبِّرُواْ اللّهَ عَلَى مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُون﴾ (البقرة :185) މާނައީ: “އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަމަށްޓަކައި ﷲ އަށް ތަކުބީރުކިޔައި އުޅުމަށެވެ. އަދި ތިޔަބައިމީހުން (އެކަލާނގެއަށް) ޝުކުރުވެރި ވުމަށެވެ.“
ޢީދު ވިލޭރެއާއި ޢީދު ދުވަހުވެސް ތަކުބީރު ކިޔުމީ ސުންނަތް ކަމެކެވެ. މިސްކިތްތަކުގައާއި ބާޒާރުތަކުގައާއި މީހުން އެއްވެ އުޅޭ ތަންތާ އަޑު ހަރުކޮށް ތަކުބީރު ކިޔުމީ ފިރިހެނުންނަށް ސުންނަތް ވެގެންވާ ކަމެކެވެ. ހިލޭ ފިރިހެނުންނަށް އަޑުއިވޭ ފަށުގައި އަންހެން ކަނބަލުން އަޑު ހަރުކޮށް ތަކުބީރު ކިޔުމެއް ނުވެއެވެ. ފިޠުރު ޢީދާ ޚިލާފަށް، އަޟްޙާ ޢީދު ދުވަހުގެ ތަކުބީރު ފެށުންވަނީ ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ގޮސް އައްޔާމުއް ތަޝްރީޤްގެ ފަހު ދުވަހުގެ އިރު އޮއްސިއްޖެއުމަށް ދާންދެނެވެ. ފިޠުރު ޢީދުގައި ތަކުބީރު ކިޔުންވަނީ ޢީދު ވިލޭރެއިން ފެށިގެން އިމާމު މީހާ ނަމާދު ފަށައިފުމަށް ދާންދެނެވެ.
ޢަބްދުﷲ ބްން ޢުމަރު رضي الله عنهماގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ. “ما من أيام أعظم عند الله ولا أحب إليه العمل فيهن من هذه الأيام العشر فأكثروا فيهن من التهليل والتكبير والتحميد“[4] “އެދުވަސްތަކަކަށްވުރެ (ޙައްޖު މަހުގެ ފުރަތަމަ ދިހަޔަކަށްވުރެ) ﷲގެ ޙަޟްރަތުގައި މަތިވެރިވެގެންވާ، އަދި އެދުވަސްތަކުގައި ކުރެވޭ ޢަމަލަށްވުރެ ﷲގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑު ޢަމަލެއް، މި ދިހަ ދުވަހުގައި ފިޔަވައި ނުވެއެވެ. ފަހެ ތިޔަބައިމީހުން އެދުވަސްތަކުގައި ތަހްލީލާލި ތަކްބީރާއި ތަޙްމީދު ކިޔުން ގިނަ ކުރާހުށިކަމެވެ.“
ދެންފަހެ ޢީދު ނަމާދަށް ނުކުތުމުން ފެށިގެން ޢީދު ނަމާދު ކުރާތަނަށް ގޮސް، އިމާމުމީހާ ޙާޟިރުވަންދެން ތަކުބީރު ކިޔުމީ ސަލަފުންގެ ތެރޭގައި ވަރަށް މަޝްހޫރު ކަމެކެވެ. ސަލަފުންގެ ބޭކަލެއް ކަމުގައިވާ ނާފިޢް ބްން ޖުބައިރު ތަކުބީރު ވިދާޅުވެ، އަދި ތަކުބީރު ނުކިޔާ މީހުންނާ މެދު ޢަޖައިބުވެ ވަޑައިގެން ވިދާޅުވާ ކަމުގައި ވެއެވެ. “ތިޔަބައިމީހުން ތަކުބީރު ނުކިޔާނަން ތޯއެވެ؟” ވީމާ އަޅުގަނޑުމެންގެ ރާއްޖޭގައި މިސުންނަތް މުޅިންހެން ނެތިފައި ވީހިނދު، ރަސޫލުﷲ صلى الله عليه وسلم ގެ މި ސުންނަތް ދިރުވުމީ އެކަމުގައި ޘަވާބު އެކުލެވިގެންވާނެ ކަމެއްކަން ކަށަވަރެވެ.
ތަކުބީރުގެ ޞީޣާ:
ހ) “اللهُ أَكْبَرُ، اللهُ أَكْبَرُ لاَإِلَهَ إِلاَّ اللهُ، وَاللهُ أَكْبَرُ وَلِلّهِ الحَمْد“
ށ) “اللّهُ أَكْبَرُ، اللّهُ أَكْبَرُ ، اللّهُ أَكْبَرُ كَبِيرَا“
ނ) “اللّهُ أَكْبَرُ ، اللّهُ أَكْبَرُ ، اللّهُ أَكْبَرُ ، لاَ إِلَهَ إِلاَّ اللّه ،وَاللّهُ أَكْبَرُ ،اللّهُ أَكْبَرُ ، وَلِلّهِ الْحَمْد“
މިއިން ކޮންމެ ޞީޣާ އަކުން ކީކަމުގައި ވިޔަސް މައްސަލައެއް ނެތެވެ.
2. ހިނައިގަތުން:
އީދު ނަމާދަށްޓަކައި ހިނައިގަތުމާއި، ނިޔަފަތި ކެނޑުމާއި، ފޫޅުންތިރީގެ އިސްތަށި ބޭލުމާއި، ކިހިލަފަތުގެ އިސްތަށި އުފުރުމާއި މަތިމަސް ކޮށުމަކީ ޢީދުގެ ސުންނަތްތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ހުކުރު ދުވަހު މީސްތަކުން އެއްވާކަމަށްޓަކައި މިކަންކަން ޝަރުޢުކުރެވިފައިވާ ފަދައިން ވާކަމެކެވެ. ޞަޙާބީ ބޭކަލުންގެ ކިބައިން މިކަން ޘާބިތުވެގެން ވެއެވެ. ﷲ ރުއްސުންލެއްވި ޢަބްދުލުﷲ ބްނު ޢުމަރު ފިޠްރުޢީދު ދުވަހު މުޞައްލާއަށް (ޢީދު ނަމާދު ކުރާތަނަށް) ވަޑައިގެންނެވުމުގެ ކުރިން ހިނައިގަންނަކަމުގައި، އަލްއިމާމު މާލިކްގެ މުވައްޠާގައި ރިވާވެގެންވެއެވެ.[5] އަދި ޢީދުނަމާދަށް ހިނައިގަތުމީ ސުންނަތެއްކަމަށް ޢިލްމުވެރިން އިއްތިފާޤް ވެފައިވާކަމުގައި އިމާމް ނަވަވީ رحمه الله ވިދާޅުވެފައިވެއެވެ.
ދެންފަހެ، ޢަލީ رضي الله عنه އާ މީހަކު ސުވާލު ކުރިއެވެ. “ތިމަންނަ ބޭނުންނަމަ ކޮންމެ ދުވަހަކުވެސް ހިނައިގަނެވިދާނެ ހެއްޔެވެ” އެކަލޭގެފާނު ވިދާޅުވިއެވެ. “ނޫނެކެވެ. ހިނައިގަތުންވާ ދުވަސްތަކުގައި ހިނައިގަންނާށެވެ. (އެއީ) ހުކުރުދުވަހާއި، ޢަރަފާތް ދުވަހާއި، ނަޙްރުގެ ދުވަހާއި (ޢަޟްޙާ ޢީދު ދުވަހާއި)، ފިޠްރު ޢީދު ދުވަހެވެ.”[6]
ނޯޓް: ބައެއްމީހުން ހުކުރާއި ޢީދުގެ ސުންނަތުގެ ނަމުގައި، އެދުވަސްތަކުގައި އެބައިމީހުންގެ ތުނބުޅިތައް ބާލައި ހަދައެވެ. ޙަދީޘްތަކުގެ މައްޗަށް ބުރަވެތިބެ ޢިލްމުވެރިންވަނީ ތުނބުޅި ބޭލުމަކީ ޙަރާމް ކަމެއް ކަމުގައި އިޖްމާޢު ވެފައެވެ.
3. އަތުގައިވާ އެންމެ އާ، އެންމެ ރީތި ފޭރާންލުން:
އަލްއިމާމު ބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި ބާބެއް ބަންނަވާފައިވަނީ މިފަދައިންނެވެ. “بَابٌ فِيْ الْعِيْدَيْنِ وَالتَّجَمُّلِ فِيْهِمَا“ މާނައީ: “ޢީދު ދެދުވަހާއި އެދެދުވަހުގައި ނަލަހެދުމުގެ ބާބު” އެވެ. ދެންފަހެ މި ބާބުގައި ޢަބްދުﷲ ބްން ޢުމަރު رضي الله عنهما ގެ ކިބައިން ރިވާ ކުރައްވާފައި ވެއެވެ. “أخذ عمرُ رضي الله عنه جبّة من إستبرق تُباع في السّوق فأخذها فأتَى بها رسولَ الله صلى الله عليه وسلم، فقال: يا رسول الله، ابتع هذه تجمل بها للعيد والوفود، فقال له رسول الله صلى الله عليه وسلم: إنّما هذه لباس من لا خلاق له“[7] މާނައީ: “ބާޒާރުގައި ވިއްކަންހުރި ފަށުއިގެ ބާވަތެއްގެ ޖުއްބާއެއް ނެންގެވުމަށްފަހު، ރަސޫލުﷲ صلى الله عليه وسلم އަރިހަށް ވަޑައިގެން ޢުމަރު رضي الله عنه ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. ވަފުދުތަކާ ބައްދަލުކުރައްވާއިރާއި، ޢީދު ދުވަހު ތުރުކުރެއްވުމަށް (މިޖުއްބާ) ބައްލަވައިގަންނަވާށެވެ. ރަސޫލުﷲ ޙަދީޘްފުޅު ކުރެއްވިއެވެ. މިއީ (އާޚިރަތުގައި) އެއްވެސް ނަސީބެއް ނުވާމީހާގެ ލިބާހެވެ.” މިޙަދީޘުން ދަލީލު ކުރަނީ އެޒަމާނެއްގެ ޢާންމު ފޭރާމުން ޢީދުގައި ނަލަހެދުމުގެ މައްޗަށް ކަމުގައި އިބްން ރަޖަބުގެ ފަތްޙުލްބާރީގައި ބަޔާން ކުރައްވާފައި ވެއެވެ. (6 / 67)
ދެންފަހެ ޒީނަތްތެރިކަން ފާޅުވާޙާލު، ރިވެތި ފޭރާމުގައި ބޭރަށް ނުކުމެ އުޅުމީ ފިރިހެނުންނަށް ހުއްދަވެގެންވާ ކަމެކެވެ. އަންހެންކަނބަލުން ބޭރަށް ނުކުންނައިރު ޒީނަތްތެރިކަން ފާޅުވާފަދަ ހެދުންލުމީ ދީނުގައި މަނާ ކަމެއްކަމުގައި ދަންނަހުއްޓެވެ! އެކަނބަލުން ބޭރަށް ނުކުތުން ވަނީ އިސްލާމްދީނުގައި އެކަނބަލުން ބޭރަށް ނުކުމެ އުޅުމަށް ދީފައިވާ އިމުގެ ތެރެއިންނެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ. “وليخرجن تَفِلات“ “ތިޔަކަނބަލުން ރަނގަޅަށް ނިވާވެގެން ނިކުންނަ ހުއްޓެވެ!“
4. ހުވަނދުލުން:
ޢީދު ދުވަހު އަތަރާއި ހުވަނދުލުމީ ޢީދުގެ އަދަބުތަކުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ. ދީނުގެ މިންގަނޑުގެތެރެއިން، ޒީނަތްތެރި ކަމަށާއި ނަފްސަށް ހިތްހަމަޖެހުން ގެނުވާފަދަ ކޮންމެ ހުވަނދަކާއި އަތަރެއް ބޭނުންކުރުން ހުއްދަވެގެންވެއެވެ. އިބްނުޢުމަރު رضي الله عنهما ފިޠުރުޢީދު ދުވަހު ހުވަނދުލައްވާ ކަމުގައި ރިވާވެގެންވެއެވެ.[8] އަދި އިބްނު ރަޖަބް رحمه الله ވިދާޅުވެފައި ވެއެވެ. “އަލްއިމާމް މާލިކް ވިދާޅުވިއެވެ. (سمعت أهل العلم يستحبون الزينة والطيب في كل عيد)” މާނައީ: “ޢިލްމުގެ އަހުލުވެރިން ކޮންމެ ޢީދެއްގައިވެސް ޒީނަތްތެރިވެ ހުވަނދުލުން ސުންނަތެއްކަމުގައި ދެކިލައްވާ ކަމުގައި ތިމަންނަ އަޑުއެހީމެވެ.“[9]
ދެންފަހެ އަންހެން ކަނބަލުން ދަންނައެވެ! އެކަނބަލުން ޒީނަތްތެރި ވުމާއި ހުވަނދުލުން ހުއްދައީ އެކަނބަލުންގެ ގެތަކުގައެވެ. އެއީ ފިރިމީހާގެ ކައިރީގައާއި، މަޙްރަމުންގެ ކައިރީގައެވެ. އަދި ބޭރަށް ނުކުމެ އުޅުމުގައާއި ހިލޭ ފިރިހެނުންނަށް ވަސްދުވާފަށުގައި ސެންޓާއި އަތަރުލުމީ އަންހެން ކަނބަލުންނަށް ޙަރާމްވެގެންވާ ކަމެއްކަން ދަންނަ ހުއްޓެވެ!
5. އަޟްޙާ ޢީދު ‘ނަމާދަށް ފަހު’، އަދި ފިޠުރު ޢީދު ‘ނަމާދުގެ ކުރިން’ އެއްޗެއް ކެއުން:
އަޟްޙާ ޢީދު ނަމާދަށްފަހު އެއްޗެއް ކެއުމީ މުސްތަޙައްބު ވެގެންވާ ކަމެކެވެ. މިކަމުގެ ޙިކްމަތަކީ އެދުވަހުގެ ރޯދަ މަނާވެގެންވާކަން އިތުރަށް ހާމަކުރުންކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. އަޟްޙާޢީދު ދުވަހު، އުޟްޙިޔާ ކަތިލާމީހާ އޭނާގެ އުޟްޙިޔާއިން ކެއުމަށްޓަކައި ކެއުން ފަސްކުރުމީ މީގައި ސުންނަތްވެގެންވާ ގޮތެވެ. އުޟްޙިޔާ ނެތް މީހާ އަޟްޙާ ޢީދު ނަމާދަށްފަހު ކަދުރު ކެއުމީ ސުންނަތްވެގެންވާ ގޮތެވެ. މިކަން އޮނަހިރި ޢަދަދުން ކުރުމީ މީގައި ސުންނަތް ވެގެންވާ ގޮތެވެ. އެއީ ރަސޫލުﷲ صلى الله عليه وسلم އެކަން ކުރެއްވިގޮތެވެ. ކަދުރު ނުލިބުނު މީހާ ހުއްދަ ކޮންމެ އެއްޗެއް ކެއުމުން ފުދޭނެއެވެ.
ދެންފަހެ ފިޠުރުޢީދު ދަންނައެވެ! ފިޠުރުޢީދު ނަމާދުގެ ކުރިން ތިންއޮށް ކަދުރު ކެއުމީ ސުންނަންވެގެންވާ ކަމެކެވެ. ޢަނަސްގެފާނުގެ ކިބައިން ރިވާވެގެން ވެއެވެ. “كان رسول الله صلى الله عليه وسلم لا يغدو يوم الفطر حتى يأكل تمرات… ويأكلهن وترا“[10] މާނައީ: “ރަސޫލުﷲ صلى الله عليه وسلم ފިޠުރުޢީދުގެ ހެނދުނުގެ ނާސްތާ، ކަދުރުން މެނުވީ ބައްލަވާނުގަންނަ ކަމުގައި ވެއެވެ. އެކަލޭގެފާނު ވިތުރިކޮށް (އޮނަހިރިކޮށް) ކަދުރު ފަރިއްކުޅުއްވައެވެ.”
6. ޢީދު ނަމާދަށްދާ މަގާއި އަންނަ މަގު ތަފާތު ކުރުން:
ޢީދު ނަމާދަށް ވަކި މަގަކުން ދިޔުމާއި އެހެން މަގަކުން އެނބުރި އައުމީ ޝަރުޢުކުރެވިގެންވާ ކަމެކެވެ. އެއީ ރަސޫލުﷲ صلى الله عليه وسلم ގެ ސުންނަތަށް ތަބަޢަވުމުގެ ގޮތުން ކުރެވޭ ކަމެކެވެ. މިކަމަކީ ހަމައެކަނި ޢީދުނަމާދަށް ޚާއްޞަކޮށް ސުންނަތް ވެގެންވާ ކަމެކެވެ.[11]
ﷲ ރުއްސުންލެއްވި ޖާބިރު ބްން ޢަބްދުﷲ ގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “كان النبي صلى الله عليه وسلم إذا كان يوم عيد خالف الطريق“[12] މާނައީ: “ރަސޫލުﷲ صلى الله عليه وسلم ޢީދުދުވަހު (ޢީދުނަމާދަށް ވަޑައިގަތުމުގަ އާއި އެނބުރި ވަޑައިގަތުމުގައި) މަގު ތަފާތު ކުރައްވައެވެ.“
7. ޢީދު ނަމާދު.
ޢީދު ދުވަހުގެ ބޮޑެތި ސުންނަތް ތަކުގެ ތެރޭގައި ޢީދު ނަމާދު ހިމެނިގެން ވެއެވެ. އަންހެނުންނާއި ފިރިހެނުންނާއި ކުޑަކުދިން ވެސް ޢީދު ނަމާދުގައި ބައިވެރިވުމަށް ނަބިއްޔާ صلى الله عليه وسلم ޢަމުރުފުޅު ކުރެއްވިއެވެ. އަދި ޢީދު ނަމާދު ކުރަނީ މިސްކިތެއްގައި ނޫންނަމަ އެބިމަކަށް ޙައިޟުވެރިންނާއި ނިފާސްވެރިންވެސް ޙާޟިރުވުމީ ސުންނަތްވެގެންވާ ކަމެކެވެ. އެއީ މުސްލިމުންގެ ދުޢާގައި އެކަނބަލުން ބައިވެރިވުމަށެވެ. ނަމަވެސް އެކަނބަލުން ތިބެންވާނީ ނަމާދު ކުރާ ތަނާ ދުރުގައެވެ.
ދެންފަހެ، ޢީދު ނަމާދުގެ ފުރަތަމަ ރަކްޢަތުގައި ސޫރަތުލްފާތިޙާ އަށްފަހު ސޫރަތުލް އަޢްލާ އަދި ދެވަނަ ރަކްޢަތުގައި ފާތިޙާ އަށްފަހު ސޫރަތުލް ޣާޝިޔަތު ކިޔެވުން އިމާމުމީހާގެ މައްޗަށް ސުންނަތް ވެގެން ވެއެވެ. އަދި ފުރަތަމަ ރަކްޢަތުގައި ސޫރަތުލް ފާތިޙާ އަށްފަހު ޤާފް ސޫރަތް އަދި ދެވަނަ ރަކްޢަތުގައި ޤަމަރު ސޫރަތް ކިޔެވުމަކީ ވެސް ސުންނަތުން ޘާބިތުވެގެންވާ ގޮތެކެވެ.
ދެޢީދު ބައްދަލުވުން: އެއީ މުއުމިނުންގެ ޢީދު ދުވަހާއި (ހުކުރުދުވަހާއި) ދެޢީދު ދެދުވަހުންކުރެ ދުވަހެއް ބައްދަލުވުމެވެ. ޢީދު ދުވަހު، އިމާމު މީހާއާއެކު ޢީދު ނަމާދު ކުރި މީހާ ހުކުރު ނަމާދު ކުރުމާއި ނުވަތަ މެންދުރު ނަމާދު ކުރުމީ އިޚްތިޔާރު ލިބިގެންވާ ކަމެކެވެ. ޢީދު ނަމާދު ކޮށްފިމީހާ ބޭނުންނަމަ ހުކުރުނަމާދު ކުރެވިދާނެއެވެ. ބޭނުން ނޫންނަމަ ހުކުރުނަމާދު ދޫކޮށްލެވިދާނެއެވެ. އެހެންކަމުގައި ވަނީނަމަ އޭނާ މެންދުރުނަމާދު ކުރާހުށި ކަމެވެ!
8. އުޟްޙިޔާ ކަތިލުން:
އަޟްޙާޢީދު ދުވަހު އުޟްޙިޔާ ކަތިލުމީ ޢީދުދުވަހުގެ ސުންނަތްތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. އެއީ އެ ޤުރުބާނުގެ ސަބަބުން ﷲގެ ޙަޟްރަތަށް ކުއްތަންވުން ޙާޞިލް ކުރުމާއި އިޙްސާންތެރި ވުމާއި ﷲގެ މަގުގައި މުދާ ހޭދަކުރުމަށްޓަކައެވެ. ނަޢަމްސޫފީގެ ތެރެއިން ގެރި، ބަކަރި، ކަންބަޅި އަދި ޖަމަލު ވެސް އުޟްޙިޔާއަށް ފުދެއެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. ﴿وَلِكُلِّ أُمَّةٍ جَعَلْنَا مَنْسَكًا لِيَذْكُرُوا اسْمَ اللَّهِ عَلَى مَا رَزَقَهُمْ مِنْ بَهِيمَةِ الأنْعَام﴾ (الحج: ٣٤) މާނައީ: “ނަޢަމްސޫފީގެތެރެއިން އެކަލާނގެ އެއުރެންނަށް ދެއްވި ތަކެތީގެ މައްޗަށް (އެބަހީ: އެތަކެތި ކަތިލެވޭހިނދު) ﷲގެ އިސްމުފުޅު ނަންގަތުމަށްޓަކައި، ތިމަންރަސްކަލާނގެ ކޮންމެ އުއްމަތަކަށްވެސް ޤުރުބާންރުމެއް ލެއްވީމެވެ.“
ދެންފަހެ ﷲ އަށްޓަކައި މިކުރެވޭ ޤުރުބާނީގައި ޢައިބު ނެތުމާއި، ފުރިހަމަ ސިއްޙަތެއްގައިވުމާއި، ކަތިލާ މީހާގެ މިލްކެއް ކަމުގައި ވުމާއި، އަހަރު ހަމަވުންފަދަ ޝަރުޠުތައް ފުރިހަމަވާން ޖެހެއެވެ. ރޭގަނޑު ނުވަތަ ދުވާލުގައި ވިޔަސް އުޟްޙިޔާ ކަތިލުން ހުއްދަވެގެން ވެއެވެ. ދުވާލު މިކަން ކުރުން އައުލާ ވެގެން ވެއެވެ. ޢީދު ނަމާދަށްފަހު މިކަން ކުރުމީ އެންމެ ރަނގަޅުވެގެންވާ ގޮތެވެ.
ނޯޓް: ކުކުޅު ހާލާއި ދޫނި ސޫފާސޫފި ފަދަ ދިރޭ ތަކެތި ކަތިލުމުން އުޟްޙިޔާ ކަތިލީ ކަމުގައި ނުބެލެވޭނެއެވެ. އަދި ކިއެއްތަ! އުޟްޙިޔާ އަކީ އިސްވެ ދެންނެވި ފަދައިން ނަޢަމްސޫފީގެ ތެރެއިން ކުރަންޖެހޭ ޤުރުބާނީއެކެވެ.
9. ޒިޔާރަތް ކުރުން:
ޢީދަކީ ކުޑަވެ ފަނޑުވެފައިވާ ގުޅުންތައް ތާޒާކޮށް އާރޯ ކޮށްލުމަށް ލިބޭ ރަނުގެ ފުރުޞަތެކެވެ. އުޚުއްވަތްތެރިކަމާއި ގާތްތިމާގެ ކަމުގެ ޢާއިލީ ގުޅުންތަކާއި ރަށްޓެހި ރަޙްމަތްތެރި ކަމުގެ ގުޅުންތަކާއި އަވަށްޓެރިކަމުގެ ގުޅުންތައް ވަރުގަދަކޮށް ބަރާބަރު ކޮށްލައި އެބައިމީހުންގެ ޙާލު އަޙުވާލު ބަލައިލުމަށް ލިބޭ ރަނގަޅު ފުރުސަތެއްގެ ގޮތުގައި މިދުވަހުގެ ބޭނުން ހިފުމުގެ މުހިންމުކަން ބޮޑެވެ.
ޢީދު ނަމާދަށް ދާމަގާއި އަންނަމަގު ތަފާތު ކުރުމުގެ އެންމެ މުހިންމު އެއްބޭނުމަކީ މިއީ ކަމުގައި ޢިލްމުގެ އަހުލުވެރިން ބަޔާން ކުރައްވައެވެ. “كان النبي صلى الله عليه وسلم إذا كان يوم عيد خالف الطريق“[13] މާނައީ: “ރަސޫލުﷲ صلى الله عليه وسلم ޢީދުދުވަހު (ޢީދުނަމާދަށް ވަޑައިގަތުމުގަ އާއި އެނބުރި ވަޑައިގަތުމުގައި) މަގު ތަފާތު ކުރައްވައެވެ.“
މިޙަދީޘާ ބެހޭ ގޮތުން އަލްޙާފިޡް އިބްނު ޙަޖަރު ވިދާޅުވެފައިވެއެވެ. “وقيل: ليزور أقاربه الأحياء والأموات، وقيل : ليصل رحمه“[14] މާނައީ: “ބުނެވެއެވެ. (އެއީ) ގާތްތިމާގެ މީހުންގެ ތެރެއިން ދިރިތިބީންނަށާއި މަރުވެފައިވާ މީހުންނަށް ޒިޔާރަތް ކުރުމަށްޓަކައެވެ. އަދި ބުނެވެއެވެ. (އެއީ) ގާތްތިމާގެ ކަމުގެ ގުޅުން ދެމެހެއްޓުމަށްޓަކައެވެ.“
ދެންފަހެ، ޢީދުގެ ޒިޔާރަތުގައި އަންހެންކަނބަލުން، އެކަނބަލުންގެ މަޙްރަމެއްނެތި ދަތުރުކުރުމީ ދީނުގައި ހުއްދަކަމެއް ނޫންކަން ދަންނައެވެ!
10. ޢީދުގެ ތަހުނިޔާ:
ޢީދު ދުވަހަކީ އުފާވެރިކަމާއި ހިނިތުންވުމުގެ ދުވަހެވެ. މުސްލިމުން އެއްބަޔަކު އަނެއްބަޔަކަށް ރިވެތި ބަސްތަކުން ތަހުނިޔާ ކިޔައި އުޅުމުގެ ދުވަހެވެ. އެއްބަޔަކު އަނެއްބަޔަކަށް ހެޔޮ އެދުން ރައްދު ކުރުމާއި ހެޔޮ ދުޢާ ކޮށްދިނުމީ މިދުވަހުގެ ސުންނަތްތަކުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ. މިކަމުން މުސްލިމުންގެ ރިވެތި އަޚްލާޤާއި އިޖްތިމާޢީ ރިވެތި އާދަތައް ފާޅުވާކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.
މާތް ﷲ ރުއްސުންލެއްވި ޞަޙާބީ ބޭކަލުން އެއްބަޔަކު އަނެއްބަޔަކަށް ވިދާޅުވެ އުޅުއްވި ތަހުނިޔާއަކީ “تَقَبَّلَ اللهُ مِنَّا وَمِنْكُم“ (ތިމަންމެންގެ ކިބައިންނާއި ތިޔަބައިމީޙުންގެ ކިބައިން ޤަބޫލު ކުރައްވާށިއެވެ.) ކަމުގައި ވާރިދުވެގެން ވެއެވެ.
جبير بن نفير ވިދާޅުވިއެވެ. “كان أصحاب النبي صلى الله عليه وسلم إذا التقوا يوم العيد يقول بعضهم لبعض ، تُقُبِّل منا ومنك“[15] މާނައީ: “ނަބިއްޔާ صلى الله عليه وسلم ގެ އަޞްޙާބުންނާ ޢީދު ބައްދަލު ކޮށްފިނަމަ އެބޭކަލުން އެއްބަޔަކު އަނެއްބަޔަކު ބުނެ އުޅުނެވެ. تُقُبِّلَ مِنَا وَمِنْك (މާނައީ: ތިމަންމެންގެ ކިބައިންނާއި ތިބާގެ ކިބައިން ޤަބޫލު ކުރެއްވޭށިއެވެ.)“
ދެންފަހެ މުސްލިމް ފިރިހެނުންނާއި މުސްލިމް އަންހެނުންގެ ތެރެއިން ކައިވެނި ޙަލާލް މީހުން އެއްބަޔަކު އަނެއްބަޔަކާ އަތާއި އަތް ޖޯޑުކޮށް ސަލާން ކުރުމަކީ ބޮޑުވެގެންވާ މުންކަރާތެއްކަން ދަންނަހުއްޓެވެ!
11. ކެއުމާއި ބުއިން ތަނަވަސް ކޮށްލުން:
نُبَيْشَةً الْهُذَلِيِّ رضي اللهعنه ގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްފުޅު ކުރެއްވިއެވެ. “أَيَّامُ التَّشْرِيقِ أَيَّامُ أَكْلٍ وَشُرْبٍ وَذِكْرٍ لِلَّهِ“ މާނައީ: “އައްޔާމުއްތަޝްރީޤް އަކީ ކެއުމާއި ބުއިމާއި އަދި ﷲގެ މަތިން ހަނދުމަކޮށް އުޅުމުގެ ދުވަހެވެ.“[16]
ޢީދު ދުވަހަކީ ރޯދައަށް ހުރުމެއްނެތި ކެއުމާއި ބުއިމުގެ ދުވަހެވެ. ޢީދު ދުވަހުގެ ޚާއްޞަ ކަމަށްޓަކައި އެދުވަހުގެ ކެއުމާއި ބުއިން ތަފާތުކޮށް ތަނަވަސް ކޮށްލުން ޢީދުގެ އަދަބުތަކުގެ ތެރެއިން ހިމެނިގެން ވެއެވެ. އެކަމުގައި އިސްރާފުނުވާނެ ގޮތުގެ މަތިން ހައްދުފަހަނަ އެޅުމެއްނެތި ގޭގެއާއި އެނޫންވެސް ކައިބޮއި އުޅޭ ތަންތާ، ރަނގަޅު ޙަލާލު ތަކެތި ކައިބޮއި ހެދުމީ ހުއްދަ ކަމެކެވެ. މިފަދަ ކެއުންތަކަށް ގާތްތިމާގެ މީހުންނަށާއި އަވަށްޓެރިންނަށާއި ރައްޓެހި ރަޙްމަތްތެރިންނަށް ދަޢުވަތު ދިނުމީ އެދެވިގެންވާ ކަމެކެވެ.
12. ޢީދު ކުޅިވަރު:
އިސްލާމްދީނުގެ ޙުދޫދުގެ ތެރެއިން އުފާފާޅުކުރުމާއި ކުޅިވަރު ކުޅުމީ ހުއްދަވެގެންވާ ކަމެކެވެ. ޢީދުދުވަހަކީ އުފާ ފާޅުކުރުމުގެ ދުވަސްކަމުން، އެކުވެރިކަން އާލާކޮށް އުފާކޮށްލުމަށް ކުޅިވަރު ކުޅުމީ ޢީދުގެ އުފަލުގައި ހިމެނިގެންވާ ކަމެކެވެ. މިކަމުގައި ހައްދުފަހަނަ އަޅައި ދިޔުމީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. އަންހެނުންނާއި ފިރިހެނުން މަސްހުނި ނުވާގޮތަށް ފިރިހެނުންނާއި އަންހެނުން ވަކިން ކުޅިވަރުކުޅުމީ މިކަމުގެ އަދަބުތަކުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ. އަދި ނަމާދުގެ ވަޤުތުތަކަށާއި، ތިމާމެންގެ ވާޖިބުތަކަށް ހުރަސް ނޭޅޭ ގޮތުގެ މަތިން މިކަން ކުރުމީ ސަމާލުވާން ޖެހޭނޭ ކަމެކެވެ.
ދެންފަހެ ޢީދު ކުޅިވަރުގައި ވިއަސް އިސްރާފް ކުރުމާއި، މިޔުޒިކް ކުޅުމާއި، އަންހެނުންނާއި ފިރިހެނުން އެއްވެ ނަށައި، ކުޅިވަރު ކުޅެ ހެދުމީ ޙަރާމްވެގެންވާ ކަންކަމެވެ. އަދި ކުޅިވަރު ކުޅުމުގައި އެއްބަޔަކު އަނެއްބަޔަކާ މައްސަލަޖެހި އަރައިރުންވުމަށް މަގުފަހިވާފަދަ ކުޅިވަރުތައް ކުޅުމީ ހުއްދަވެގެންވާނެ ކަމެއް ނޫނެވެ. މިދުވަހުގެ ކުޅިވަރުތައް ވާންވާނީ އިސްލާމްދީނުގެ ޙުދޫދުގެ ތެރެއިން ކުޅެވޭ އަދި ހުއްދަކަންކަމުގެ ތެރެއިންވެސް މުންކަރާތްތައް ނުއުފެދޭނެގޮތަށް ކުރެވޭ ކަންކަން ކަމުގައެވެ. މިދުވަހުގެ އެންމެމުހިންމު މަޤްޞަދަކަށް ވާންވާނީ މުސްލިމުންގެ މެދުގައި އުޚުއްވަތްތެރިކަމާއި އެކުވެރިކަން ބަދަހިކުރުންކަން އަބަދުވެސް ދަންނަންވާނެއެވެ.
الله أعلم.
ﷲގެ ޙަޟްރަތުން އެދި ދަންނަވަނީ މިފަދަ ދުވަސްތަކަކުގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފުމުގެ ތައުފީޤް ދެއްވުމެވެ. އުފާފާޅުކުރުމަށް ﷲ ދެއްވާފައި މިވާ ދުވަސްތަކުގައި ޙަރާމްކަންތައްތަކުން އެދުވަސްތައް ފަސާދަކޮށްލާ މީހުންގެ ތެރެއިން އަޅުގަނޑުމެން ނުލައްވާށިއެވެ.
وصلى الله وسلم على نبينا محمد وعلى آله وصحبه أجمعين. والحمد لله رب العالمين.
_______________________________________________
[1]سنن أبي داوود (1945) وصححه الألباني في صحيح أبي داود (1700)
[2]وأخرج البخاري (369)
[3]عمدة التفسير عن ابن كثير (ص 146)
[4] أخرجه احمد 7/224 وصحّح إسناده أحمد شاكر
[5] الموطأ 428
[6] رواه الشافعي في “مسنده” (ص 385) وصححه الألباني في “إرواء الغليل” (1/176)
[7]رواه البخاري (906) ومسلم (2068)
[8] “أحكام العيدين” للفريابي (ص 83)
[9] “فتح الباري” لابن رجب (6 / 68)
[10]البخاري 953
[11] “مجموع فتاوى ابن عثيمين” (16/216-223)
[12] رواه البخاري 986
[13] رواه البخاري 986
[14] “فتح الباري” (2 / 473)
[15] މިޙަދީޘްގެ ސަނަދު ޞައްޙަ ކަމުގައި އިބްން ޙަޖަރު ވިދާޅުވެއެވެ. الفتح 2/446
[16]رواه مسلم (1141)