[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްލާމްކަން ގެއްލޭ ކަންތައްތަކުގެ ތެރެއިން: ކާފަރުންނާ މުވާލާތުކުރުން

އިސްލާމްދީނުގައި ވަނީ، އިސްލާމްދީން ޤަބޫލުނުކުރާމީހުނާމެދުގައި ޢަމަލުތައް ބަހައްޓަންޖެހޭނެ ގޮތްތަކެއް ކަނޑައަޅާދެއްވާފައެވެ. އެބައިމީހުން ﷲއަށް ޝަރީކުކޮށް، ﷲއަށް އެބައިމީހުން ކުފުރުވާ ކުފުރުވުމަކީ ތައުޙީދުގެ އަހުލުވެރިއަކު ދުވަހަކުވެސް އެކަމަކާމެދުގައި، އަދި އެ ޢަމަލު ކުރާމީހަކާމެދުގައި ރުހޭނޭކަމެއް ނޫނެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ މީސްތަކުން ޚަލްޤުކުރައްވައި، އެބައިމީހުންނަށް ރިޒްޤުދެއްވައި، ހިމާޔަތްކުރައްވައި، އޯގާވަންތަވެރިވެވޮޑިގަތުމުން، އޭގެ ބަދަލުގައި އެއިލާހަށް ޝިރުކުކޮށް ކުފުރުވެރިވުމަކީ އެންމެ ބޮޑު އަނިޔާވެރިކަމެވެ. އެންމެ ބޮޑު ފަސާދައެވެ. ޙައްޤުތަކުގެ ތެރެއިން އެންމެ ބޮޑު ޙައްޤު ނިގުޅައިގަތުމެވެ. ޖަރީމާތަކުގެ ތެރެއިން އެންމެ ބޮޑު ޖަރީމާއެވެ.

މި ނުބައިވެގެންވާ ޢަމަލުތައް ކުރާމީހުންނާމެދުގައި ޢަމަލުތައް ބަހައްޓަންޖެހޭގޮތް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ދައްކަވާދެއްވާފައެވެ. ތައުޙީދުގެ އަހުލުވެރިންނާ، ޝިރުކާއި ކުފުރުގެ އަހުލުވެރިންނަކީ ހިތާއި ބަހާއި ޢަމަލުގައި ދުވަހަކުވެސް އެއްގޮތްވާނެ ބައެއް ނޫނެވެ. ފެންނަމީހަކާ ނުފެންނަމީހަކާ އެއްގޮތްނުވާ ފަދައިންނެވެ. އަޑުއިވޭމީހަކާއި އަޑުނީވޭމީހަކާ އެއްގޮތްނުވާފަދައިންނެވެ.

އެގޮތުން، ޝިރުކާއި ކުފުރުގެ އަހުލުވެރިންނާ ގުޅުންބާއްވައި އުޅޭއިރު ވިސްނާލަންޖެހޭ މުހިއްމުކަންކަމެއްވެއެވެ. ބައެއް ފަހަރަށް އެބައިމީހުންނާ ގުޅުންބޭއްވި، ލޯބިވެވޭގޮތަކުން މީހާ އިސްލާމްދީނުގެ ތެރެއިން ބޭރުވެގެން ހިނގައިދާނެއެވެ. އަނެއްބައި ފަހަރަށް ބޮޑުފާފަތަކުގެ ތެރެއިން ފާފައެއްގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެއެވެ. މިކަމުގެ ނުރައްކާތެރިކަމުގެ ސަބަބުން އެބައިމީހުންނާ ގުޅުންބާއްވަންޖެހޭގޮތާއި، ގުޅުން ބާއްވަންނުޖެހޭގޮތް ވަކިކޮށް ދެނެގަތުމަކީ މުހިއްމުކަމެކެވެ. އެބައިމީހުންނާއެކުގައި ގުޅުން ބާއްވަންޖެހޭ މިންގަނޑު ދެނެގަންނަންޖެހެއެވެ. މިޒަމާނުގައި ކާފަރުންނާއެކުގައި މަސްހުނިވެ އުޅެންޖެހޭލެއް ބޮޑުކަމާހުރެއެވެ. އަދި ބައެއްމީހުންގެ ފެންނަ މަންޒަރުތަކާހުރެއެވެ. ކާފަރުންގެ ގޮތްތަކަށާއި، އެބައިމީހުންގެ ދީނީ ކަންކަމަށާއި، ޢަޤީދާގެ ގޮތްތަކަށް ބައެއްމީހުން ލޯބިކުރާ މިންވަރުގެ ބޮޑުކަމުން ކަމުގެ ނުރައްކާތެރިކަން އެނގިގަތުމަކީ މުހިއްމުކަމެކެވެ.

ދަންނައެވެ. މުސްލިމުންނަށް މުސްލިމުންނޭ ކިޔެނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އަމުރުފުޅުތަކަށް ބޯލަނބައި ކިޔަމަންގަންނަކަމަށްޓަކައެވެ. މުސްލިމުންގެ ދީނަކީ އިސްލާމްދީނެއެވެ. ޢިލްމުވެރިން އިސްލާމްކަމަކީ ކޮބައިކަން ބަޔާންކުރައްވާ ވިދާޅުވެފައިވެއެވެ. “އިސްލާމްކަމަކީ ތައުޙީދާއެކު ﷲއަށް ކިޔަމަންގަތުމެވެ. އަދި އެއިލާހަށް ކިޔަމަންތެރިވުމުގައި ގަދައަޅައި މަސައްކަތްކުރުމެވެ. އަދި ޝިރުކާއި ޝިރުކުގެ އަހުލުވެރިންގެ ކިބައިން ބަރީއަވުމެވެ.” އެހެންކަމުން، އިސްލާމްކަމުގެ ތެރޭގައި ޝިރުކާއި ޝިރުކުގެ އަހުލުވެރިންގެ ކިބައިން ބަރީއަވުންވެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ކާފަރުންނާ ދެކޮޅުވެރިވުމާއި، އެބައިމީހުންދެކެ ރުޅިއައުމާއި، އެބައިމީހުންގެ ކިބައިން ބަރީއަވުން މުސްލިމުންގެ މައްޗަށް ވާޖިބުކުރައްވާފައެވެ. މިކަމަށް އިސްލާމްދީނުގައި ކިޔައި އުޅެނީ “އަލްވަލާއު ވަލް ބަރާއު” އެވެ. އެބަހީ؛ އެކުވެރިވެއުޅުމާއި ބަރީއަވުމެވެ.

މުވާލާތުކުރުމުގެ މާނައަކީ ތަނަވަސްވެގެންވާ މާނައެކެވެ. އެގޮތުން ހިތުން ކާފަރުންނަށް ލޯބިކުރުމާއި، މުސްލިމުންނާދެކޮޅަށް އެބައިމީހުންނަށް އެހީތެރިވެ ވާގިވެރިވެދީ އުޅުމާއި، އެބައިމީހުންނަށް މަދަޙައާއި ޘަނާ ކިޔުންފަދަ ކަންކަން ހިމެނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((يَا أَيُّهَا الَّذِينَ آمَنُوا لا تَتَّخِذُوا الْيَهُودَ وَالنَّصَارَى أَوْلِيَاءَ بَعْضُهُمْ أَوْلِيَاءُ بَعْضٍ وَمَنْ يَتَوَلَّهُمْ مِنْكُمْ فَإِنَّهُ مِنْهُمْ إِنَّ اللَّهَ لا يَهْدِي الْقَوْمَ الظَّالِمِينَ)) المائدة: ٥١ މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ޔަހޫދީންނާއި، ނަޞާރާއިން (އެއީ) އެކުވެރިން ކަމުގައި ނުބަލާށެވެ! އެބައިމީހުންގެ ތެރެއިން އެއްބަޔަކީ އަނެއްބަޔެއްގެ އެކުވެރިންނެވެ. ތިޔަބައިމީހުންގެ ތެރެއިން އެބައިމީހުން އެކުވެރިން ކަމުގައި ބަލައިފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެއީ، އެބައިމީހުންގެ ތެރެއިންވާ މީހެކެވެ. ހަމަކަށަވަރުން، އަނިޔާވެރި ބަޔަކަށް اللَّه ތެދުމަގެއް ނުދައްކަވާނެއެވެ.” މިއާޔަތުގައިވާ ((وَمَنْ يَتَوَلَّهُمْ مِنْكُمْ فَإِنَّهُ مِنْهُمْ))  (މާނައީ: “ތިޔަބައިމީހުންގެ ތެރެއިން އެބައިމީހުން އެކުވެރިން ކަމުގައި ބަލައިފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެއީ، އެބައިމީހުންގެ ތެރެއިންވާ މީހެކެވެ.”) މިބަސްފުޅުން ދޭހަކޮށްދެނީ މިފަދައިން ޢަމަލުކުރާމީހަކީ ކުފުރުވާނޭމީހެއްކަމެވެ. މިއާޔަތުގެ ތެރެއަށް ހިތުން ކާފަރުންނަށް ލޯބިކުރުމާއި، މުސްލިމުންނާދެކޮޅަށް އެބައިމީހުންނަށް އެހީތެރިވެ ވާގިވެރިވެދީ އުޅުމާއި، އެބައިމީހުންގެ ގޮތްތަކަށް މަދަޙައާއި ޘަނާ ކިޔުންފަދަ ކަންކަން ހިމެނިގެންދާނެއެވެ. އާޔަތުގައި އެވަނީ ޢާއްމުމާނައެކެވެ.

ކާފަރުންނާ މުވާލާތުކުރުމުގެ ވައްތަރުތައް:
(1) ކުފުރުގެ މުވާލާތު.

މިވައްތަރުގެ މުވާލާތުގެ ތެރޭގައި ކާފަރުންނާ އެބައިމީހުންގެ ދީނާ ގުޅޭގޮތުން އެބައިމީހުންނަށް ލޯބިވުމާއި، ދީނުގެގޮތުން އެބައިމީހުންނަށް ހިތުގެ އަޑިން ލޯބިވުމާއި، މުސްލިމުންގެ މައްޗަށް އެބައިމީހުންނަށް ކާމިޔާބު ލިބުމަށް އެދުމެވެ. ކާފަރުންނަށް އެބައިމީހުންގެ ދީނުގެގޮތުން އެއުޅޭގޮތް ރަނގަޅުވެގެން ލޯބިވުމާއި، އެބައިމީހުންގެ ދީނަށް ލޯބިވުމާއި، މުސްލިމުންނާދެކޮޅަށް އެބައިމީހުންނަށް ލޯބިވެ، މުސްލިމުންގެ މައްޗަށް އެބައިމީހުންނަށް ނަޞްރުލިބުމަށް އެދުމަކީ ޝައްކެއްވެސް ނެތްގޮތުގައި އެމީހަކު ކުފުރުވާނޭކަމެކެވެ. އަދި ދީނުން ބޭރުވެގެންދާނޭކަމެކެވެ. މިވައްތަރުގެ މުވާލާތުގެ ވާހަކަ ބަޔާންކުރައްވައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((لاَ تَجِدُ قَوْمًا يُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ يُوَادُّونَ مَنْ حَادَّ اللَّهَ وَرَسُولَهُ وَلَوْ كَانُوا آبَاءَهُمْ أَوْ أَبْنَاءَهُمْ أَوْ إِخْوَانَهُمْ أَوْ عَشِيرَتَهُمْ)) المجادلة: 22 މާނައީ: ” ﷲއަށާއި، އާޚިރަތްދުވަހަށް އީމާންވާ މީހުންނީ، ﷲއާއި، އެކަލާނގެ ރަސޫލާއަށް ދެކޮޅުވެރިވާ މީހުންނަށް ލޯބިކުރާ ބަޔަކުކަމުގައިވާތީ ތިބާ ނުދެކޭނެއެވެ. އެބައިމީހުންނީ، އެބައިމީހުންގެ މައިންބަފައިން ކަމުގައިވިޔަސް، ނުވަތަ ދަރިން ކަމުގައި، ނުވަތަ އަޚުން ކަމުގައި، ނުވަތަ ގާތްތިމާގެ މީހުންކަމުގައި ވިޔަސްމެއެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْيَهُودَ وَالنَّصَارَى أَوْلِيَاءَ بَعْضُهُمْ أَوْلِيَاءُ بَعْضٍ وَمَنْ يَتَوَلَّهُمْ مِنْكُمْ فَإِنَّهُ مِنْهُمْ)) المائدة: 51 މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ޔަހޫދީންނާއި، ނަޞާރާއިން (އެއީ) އެކުވެރިން ކަމުގައި ނުބަލާށެވެ! އެބައިމީހުންގެ ތެރެއިން އެއްބަޔަކީ އަނެއްބަޔެއްގެ އެކުވެރިންނެވެ. ތިޔަބައިމީހުންގެ ތެރެއިން އެބައިމީހުން އެކުވެރިން ކަމުގައި ބަލައިފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެއީ، އެބައިމީހުންގެ ތެރެއިންވާ މީހެކެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((يَا أَيُّهَا الَّذِينَ آمَنُوا لَا تَتَوَلَّوْا قَوْمًا غَضِبَ اللَّهُ عَلَيْهِمْ قَدْ يَئِسُوا مِنَ الْآخِرَةِ كَمَا يَئِسَ الْكُفَّارُ مِنْ أَصْحَابِ الْقُبُورِ)) الممتحنة: 13 މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! އެބައެއްގެ މައްޗަށް ﷲ ކޯފާލައްވާފައިވާ ބަޔަކާ ތިޔަބައިމީހުން އެކުވެރިވެ ނޫޅޭށެވެ! ހަމަކަށަވަރުން، އެބައިމީހުންވަނީ އާޚިރަތާމެދު މާޔޫސްވެގެންނެވެ. ކަށްވަޅުގެ އަހުލުވެރިންނާމެދު ކާފަރުން މާޔޫސްވީ ފަދައިންނެވެ.” މިފަދަ ކާފަރުންނާ މުޢާލާތު ޙަރާމްކުރައްވާފައިވާ ކޮންމެ އާޔަތަކުންނާއި، އެބައިމީހުންނާ އެކުވެރިވެ އުޅޭމީހުންނާ ބަރީއަވުމަށް އަންގަވާފައިވާކޮންމެ އާޔަތަކުން މިކަމަށް ދަލީލުލިބެއެވެ. ﷲ ވަޙީ ކުރައްވާފައިވެއެވެ. ((قَدْ كَانَتْ لَكُمْ أُسْوَةٌ حَسَنَةٌ فِي إِبْرَاهِيمَ وَالَّذِينَ مَعَهُ إِذْ قَالُوا لِقَوْمِهِمْ إِنَّا بُرَآءُ مِنْكُمْ وَمِمَّا تَعْبُدُونَ مِنْ دُونِ اللَّهِ كَفَرْنَا بِكُمْ وَبَدَا بَيْنَنَا وَبَيْنَكُمُ الْعَدَاوَةُ وَالْبَغْضَاءُ أَبَدًا حَتَّى تُؤْمِنُوا بِاللَّهِ وَحْدَهُ)) الممتحنة: 4 މާނައީ: “އިބްރާހީމްގެފާނާއި، އަދި އެކަލޭގެފާނުގެ އަރިހުގައިވާ މީހުންގައި ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވާކަން ކަށަވަރެވެ. (އެއީ) އެބައިމީހުން، އެބައިމީހުންގެ ޤައުމަށް ބުނިހިނދެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނާއި، ﷲ ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ތަކެތިން، ތިމަންމެން ބަރީއަވެގެންވަމުއެވެ. ތިޔަބައިމީހުންގެ ދީނަށް ތިމަންމެން ކުފުރުވަމެވެ. ތިމަންމެންނާއި، ތިޔަބައިމީހުންނާ ދެމެދުގައި ޢަދާވާތްތެރިކަމާއި، ރުޅިވެރިކަންވަނީ އަބަދަށްޓަކައި ފާޅުވެފައެވެ. އެއްކައުވަންތަ ﷲއަށް ތިޔަބައިމީހުން އީމާންވެއްޖައުމަށް ދާނދެނެވެ.”

(2) ޙަރާމް މުވާލާތު.

މިއީ ކުފުރުގެ ދަރަޖައަށް ނުދާ މުއާލާތެވެ. މިއީ ދުނިޔަވީގޮތުން މަޞްލަޙަތަކަށްޓަކައި ކާފަރުންދެކެ ލޯބިވެ، އެބައިމީހުންގެ ދީނަށް ރުޅިއަންނަ ޙާލުގައި އެ މަޞްލަޙަތެއްގައި މުވާލާތުކުރުމެވެ. މިތަނުގައި މިވާ ނުކުތާއަށް ފަރުވާތެރިވާންޖެހެއެވެ. އެއީ އެބައިމީހުންގެ ދީނަށް ރުޅި އަންނަ ޙާލުގައި، އަދި މުސްލިމުންދެކެ ލޯބިވެ، ކާފަރުންގެ މައްޗަށް މުސްލިމުންނަށް ނަޞްރު ލިބުމަށް ލޯބިކުރާޙާލު، ދުނިޔެވީ އަމިއްލަ މަޞްލަޙަތަކަށްޓަކައި އެބައިމީހުންނާ އެކުވެރިވެ އުޅުމެވެ. މިއީ ޙަރާމް މުއާލާތެކެވެ. ނަމަވެސް ކުފުރުގެ ދަރަޖައަށް މިމުވާލާތު ނުދާނެއެވެ. މިސާލަކަށް ކާފަރުންނަށް ފައިދާކޮށްދިނުމުގެގޮތުން ޖާސޫސްކޮށްދިނުމެވެ. އެހެންކަމުން މިފަދަ މީހުން ޤަތުލުކުރުމާމެދުގައި ޢިލްމުވެރިން އިޚްތިލާފުވެފައިވެއެވެ. އެބޭކަލުން އިއްތިފާޤުވެވަޑައިގެންފައިވާގޮތުގައި (ކާފަރުންނަށް ޖާސޫސްކޮށްދިން މީހަކު) ޤަތުލުކުރިނަމަވެސް ޤަތުލުކުރަންޖެހޭނީ ޙައްދެއްގެގޮތުގައެވެ. މުރުތައްދުވެގެންނެއް ނޫނެވެ. މިގޮތުން މައްކާގެ މުޝްރިކުންނަށް ޙާޠިބު ބުން އަބީ ބަލްތަޢަތަ ރަޟިޔަﷲ ޢަންހު އަންހެނެއްގެއަތުގައި ފޮނުއްވި ސިޓީއެއްގެ ޙާދިޘާވެއެވެ. މިވާހަކަ އިމާމް ބުޚާރީ އެކަލޭގެފާނުގެ ޞަޙީޙްގައި ބަޔާންކުރައްވާފައިވެއެވެ.

ހަމައެފަދައިން، އިފްކުގެ ޙާދިޘާގައި ސަޢުދު ބުން ޢުބާދާ ރަޟިޔަﷲ ޢަންހު ޢަބްދުﷲ ބުން އުބައްޔު ބުން ސަލޫލުގެ ދިފާޢުކުރެއްވުން ވެއެވެ. މިގޮތުން މިމަސްއަލާގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުގައި، ސަޢުދު ބުން ޢުބާދާ އާއި އުސައިދު ބުން ޙުޟައިރާ ދެބޭކަލުންގެ ދެމެދުގައި ހިނގާދިޔަ ބަހުގެ ހޫނު ރައްދުތަކުގެ ވާހަކަ ބަޔާންވެގެންވާ ޙަދީޘް އިމާމް ބުޚާރީއާއި އިމާމް މުސްލިމް ރިވާކުރައްވާފައިވެއެވެ.

ނަމަވެސް ޞަޙާބީންގެ ކިބައިން މިފަދަ ކަމެއް ފެނުމަކީ އެބޭކަލުންގެ މާތްކަމަށް ބުރޫއަރާނެކަމެއް ނޫނެވެ. އެއީ އެބޭކަލުންގެ ބައެއްބޭކަލުންނަށް ކުރެވިފައިވާ ކުށްކުށެވެ. އިންސާނުންކަމުގައި ވީހިނދުގައި މިފަދަ ކުށަކަށް އަރައިގަނެވުމަކީ ވެދާނޭކަމެކެވެ. އެބޭކަލުންގެ ކިބައިން ފެނިފައިވާ މިފަދަ ކުދި ކުށުގެ ސަބަބުން އެބޭކަލުންނާމެދުގައި ހިތްނުތަނަވަސްކަން ބޭއްވުމަކީ ހުއްދަވެގެންވާކަމެއް ނޫނެވެ.

އެހެންކަމުން ކާފަރުންގެ މަޞްލަޙަތަކަށްޓަކައި ޖާސޫސްކޮށްދޭ މުސްލިމުން ޤަތުލުކުރުމާއި މެދުގައި ޢިލްމުވެރިން ޚިޔާލުތަފާތުވެވަޑައިގެންފައިވެއެވެ. ޢިލްމުވެރިންގެ ގިނަ ބޭކަލުންތަކެއް އެފަދަ މީހަކު ޤަތުލުނުކުރެވޭނެކަމަށާއި، ޖެހޭނީ ތަޢުޒީރީގޮތުން އަދަބުދޭންކަމަށް ވިދާޅުވެފައިވެއެވެ. އަދި ޤަތުލުކުރިއަސް އެޤަތުލަކީ ޙައްދެއްގެގޮތުން ޤަތުލުކުރެވޭ ޤަތުލުކުރުމެކެވެ. މުރުތައްދުވެގެން ޤަތުލުކުރެވޭ ޤަތުލުކުރުމެއް ނޫނެވެ.

(3) ހުއްދަ މުވާލާތު.

މިއީ ޟަރޫރީ ޙާލަތުގައާއި، ކާފަރުންގެ ފަރާތުން ފިތުނަވެރިކަމަށް ބިރުވެތިވާޙާލުގައި ހަމައެކަނި ދުލުން ވެވޭ މުއާލާތެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވާ ފަދައިންނެވެ. ((لَا يَتَّخِذِ الْمُؤْمِنُونَ الْكَافِرِينَ أَوْلِيَاءَ مِنْ دُونِ الْمُؤْمِنِينَ وَمَنْ يَفْعَلْ ذَلِكَ فَلَيْسَ مِنَ اللَّهِ فِي شَيْءٍ إِلَّا أَنْ تَتَّقُوا مِنْهُمْ تُقَاةً)) آل عمران: 28 މާނައީ: “މުއުމިނުން، މުއުމިނުން ފިޔަވައި ކާފަރުން އެއީ، އެހީތެރިންކަމުގައި ނުހަދާހުށިކަމެވެ! އެކަންތައް (އެގޮތަށް)  ކުރާމީހާ  (ދަންނާށެވެ!) ފަހެ، ﷲގެ ވާގިވެރިކަމުގެ ތެރެއިން އެއްވެސްކަމެއްގައި އެމީހަކު ނުވެއެވެ. އެބައިމީހުންގެ ކިބައިން އަންނަ ނުރައްކަލަކުން ތިޔަބައިމީހުން ސަލާމަތްވުން މަޖުބޫރުވެއްޖެ ޙާލެއްގައި މެނުވީއެވެ.” އެބަހީ؛ ތިޔަބައިމީހުންގެ ނަފްސާމެދު ނުވަތަ މުދަލާމެދު ނުވަތަ އަބުރާމެދު ބިރުގެންފިނަމަ، ކާފަރުންގެ ކިބައިން މިންޖުވުމަށްޓަކައި ހިތުގައި އީމާންކަން އޮތުމާއެކު ބޭރުފުށުން ދުލުން އެބައިމީހުންނާ މުވާލާތުކުރުމަކުން ކުށެއްނެތެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((إِلَّا مَنْ أُكْرِهَ وَقَلْبُهُ مُطْمَئِنٌّ بِالْإِيمَانِ)) النحل: 106 މާނައީ: “އީމާންކަމަށް، އެމީހާގެ ހިތްހަމަޖެހިގެންވާ ޙާލު، މަޖުބޫރުވެގެންވާ މީހާ މެނުވީއެވެ.”

އަދިމިކަމަށް ދަލީލުކުރަނީ ޢައްމާރު ބިން ޔާސިރު ރަޟިޔަﷲ ޢަންހުގެ ޙާދިޘާއެވެ. ޢައްމާރުގެފާނު ކާފަރުންގެ ފަރާތުން ލިބުނު ދުއްތުރާތަކުން މިންޖުވުމަށްޓަކައި ކާފަރުންނާ އެއްކޮޅަށް ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް އެކަށީގެންނުވާ ބެހެއް ބޭނުންކުރެއްވިއެވެ. ފަހުން އެކަމާ ހިތާމަކުރައްވައި، އިސްލާމްދީނުން ބޭރުވީކަމަށް ބިރުގަތެވެ. އަދި އެޚަބަރު ރަސޫލާއަށް ދެއްވުމުން ޙަދީޘް ކުރެއްވިއެވެ. “ދެންވެސް އެބައިމީހުން އެފަދައިން ކަންތައްކޮށްފިނަމަ އެފަދަ ބަހެއް ބުނާށެވެ.”

މީހަކު ހިތަށް އަރާފާނެއެވެ. މެއްސެއްގެ ސަބަބުން ސުވަރުގެ ވަތްމީހަކާއި، މެއްސެއްގެ ސަބަބުން ނަރަކައަށް ވަތް މީހާގެ ވާހަކަ ބަޔާންވެގެންވާ ޙަދީޘާ މިމަސްއަލައާ ފުށުއެރުމެއް ވޭބާއެވެ؟ މީގެ ޖަވާބަކީ؛ އެނަރަކައަށް ވަތްމީހާ ބުދަށް މެއްސެއް ޤުރުބާންކުރީ ހިތުން ރުހުމުން ކަމުގައިވުމެވެ. ޟަރޫރީ ޙާލަތުގައި ހިތުން ރުހުމެއްނެތި، ބޭރުފުށުން ކާފަރުންނާ މުވާލާތު ވުމަކުން ކުށެއްނެތެވެ.

އަދި ހަމައެފަދައިން ކާފަރުންގެ ޤައުމުތަކުގަ އުޅޭ މުސްލިމުން، ފުރުޞަތެއް ލިބިއްޖެނަމަ ﷲ ގެ ޙުކުމްފުޅު ޤާއިމުކުރުމަށް މަސައްކަތްކުރުމާއެކު، ޟަރޫރީ ޙާލަތުގައި އެފަދަ މުސްލިމުންގެ ޙައްޤުތައް ހޯދުމަށްޓަކައި ކާފަރުންގެ ޤާނޫނުތަކުގެ އެހީގައި އެބައިމީހުންގެ އެޙައްޤެއް ހޯދުން ހުއްދަވެގެންވެއެވެ. އެއީ އެފަދަ މުސްލިމުންގެ ޙައްޤުތައް ގެއްލުވާނުލުމަށްޓަކައެވެ. މިއީ އެފަދަ ޤާނޫނުތައް ހިތުން ޤަބޫލުކުރުމެއް ނެތި، ބޭރުފުށުން ހަމައެކަނި ކާފަރުންނާ ޟަރޫރީ ޙާލަތުގައި މުވާލާތުކުރުމެވެ. މިއީ ހުއްދަވެގެންވާ މުއާލާތެކެވެ.

(4) ކާފަރުންނާ މުވާލާތުކުރުމާ ވައްތަރު އެހެންނަމަވެސް މުވާލާތުގެ ތެރޭގައި ނުހިމެނޭ ކަންކަން

އެއީ މިސާލަކަށް ވިޔަފާރިއާއި، ކުއްޔަށް ދިނުމާއި، ރަހުނުގެގޮތުގައި ދިނުމާއި، ގަނެވިއްކުންފަދަ މުޢާމަލާތްތަކުގައި ކާފަރުންނާ މުޢާމަލާތުކުރުމެވެ. މިއީ “އަލްވަލާއި ވަލްބަރާ” އާ އެއްވެސްގޮތަކުން ގުޅުންހުރި ކަމެއްނޫނެވެ. މިފަދަ މުޢާމަލާތްތަކަކީ “އަލްވަލާއި ވަލްބަރާ” ގެ ތެރެއަށް ވަންނާނެ ކަމެއްކަމަށް ބުނެއްޖެމީހަކު ޢިލްމުވެރިންގެ އިޖުމާޢުއާ ޚިލާފު ވެއްޖެއެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ ކާފަރުންނާ މިފަދަ މުޢާމަލާތްތައް ކުރައްވާފައެވެ. މިފަދަ މުޢާމަލާތްތަކަކީ “އަލްވަލާއި ވަލްބަރާ” ގެ ތެރެއަށް ވަންނާނެކަމެއްކަމަށް އެއްވެސް ޢިލްމުވެރިއަކު ވިދާޅުވެފައެއް ނުވެއެވެ.

________________________

* ޝަރަޙު ނަވާޤިޟުލް އިސްލާމް: ޞާލިޙް އަލްފަވްޒާން ޙަފިޡަހުﷲ

* التفصيل في مسألة موالاة الكفار: صالح بن سعد السحيمي ޙަފިޡަހުﷲ