[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޣީބަ ބުނުމުން ސަލާމަތްވެ ތިބޭށެވެ

الحمد لله. والصلاة والسلام على محمد بن عبد الله صلى الله عليه وسلم

ދުލަކީ އިންސާނުންނަށް މާތްﷲ ތަޢާލާ ދެއްވި ވަރަށް އަގުހުރި ގުނަވަނެކެވެ. އެއްވެސް އާރެއް ބާރެއް ނެތް ނިކަމެތި މަސްކޮޅެކެވެ. އަދި އެހާމެ ބާރުގަދަ ގުނަވަނެއްވެސްމެއެވެ. ދުލުން ބޭރުވެގެންދާ ކޮންމެ ބަހަކީ ލިޔެ ރައްކާ ކުރެވިގެންވާ އެއްޗެކެވެ. މިކަން ކުރުމަށްޓަކައި މާތްﷲ ވަނީ މަލާއިކަތުންތަކެއް ޢައްޔަން ކުރައްވައި އެކަމަށް ޢަމުރު ކުރައްވާފައެވެ. މިގޮތުން މާތްﷲ ވަޙީ ކުރައްވަނީ:

مَّا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَ‌قِيبٌ عَتِيدٌ

 މާނައީ “ކުރާ عمل ތައް ބަލަހައްޓަވަން އޭނާގެ ކައިރީގައި حاضر ވެ ملائكة އަކުނެތި، އެނާޔަކަށް އެއްވެސް ބަހެއް ނުބުނެވެތެވެ. “

ވީމާ މިދުލާ ދޭތެރޭ އަޅުގަނޑުމެން ސަމާލުވެ ރައްކާތެރިވާން ޖެހެއެވެ.

ދުލުން ކުރެވޭ ނުބައި ކަންތައްތަކުގެ ތެރޭގައި ޣީބަ ބުނުން ހިމެނެއެވެ. ޣީބަ ބުނުމަކީ އަޅުގަނޑުމެންނަށް އެނގިގެންނަމަވެސް އަދި ނޭނގިނަމަވެސް ކުރެވޭ ވަރަށް ނުބައި ކަމެކެވެ. އަދި މިއީ އެހާމެ ނުރައްކާތެރި ކަމެއްވެސް މެއެވެ. ޣީބަ ބުނުމުގެ ނުރައްކާތެރިކަމާ ބެހޭގޮތުން މާތްﷲ ޥަޙީ ކުރައްވަނީ:

وَلَا يَغْتَب بَّعْضُكُم بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِ‌هْتُمُوهُ

މާނައީ: ” އަދި އެއްބަޔަކު އަނެއްބަޔަކަށް غيبة ނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ أخ އާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ. “

ކަމަކީ މިހާ ނުރައްކާތެރި ކަމެކެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި ޢީބަ ބުނެ ހެދުމަކީ އުފަލެއްކަމުގައި ދެކޭ މީހުން މަދެއް ނޫނެވެ. އެއްވެސް މުސްލިމަކީ އަނެއް މުސްލިމާގެ ޣީބަ ބުނެހަދާ މީހަކަށް ވެގެން ނުވާނެއެވެ. އެމީހަކާއިމެދު ދެކެވޭ ވާހަކައަކީ ތެދެއް ކަމުގައިވިޔަސް ނުވަތަ ދޮގެއް ކަމުގައިވިޔަސް އެވާހަކައެއް ދެއްކުމަކީ ތިމާގެ އަޚާ ނުރުހޭ ކަމެއް ކަމުގައިވަނީނަމަ އެކަމަކުން ތިމާ މަނާ ވެގަންނަން ޖެހެއެވެ. ކީރިތި ރަސޫލާ صلى الله علىه وسلم ގެ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ.

” ޣީބަ ބުނުމަކީ ތިމާގެ މިސްލިމް އަޚާ ނުރުހޭ ވާހަކައެއް ދެއްކުމެވެ.” ދެން ޞަޙާބީއަކު އެއްސެވިއެވެ. ” އެކަމަކު ތިމަންމެން ހަދަނީ ތެދުކަމުގައި ވަނީނަމަވެސްތޯއެވެ؟ ޖަވާބުގައި ޙަދީޘް ކުރެއްވިއެވެ. ” ކަލޭހެދީ ތެދު ކަމުގައިވަނީ ނަމަ ކަލޭ ޣީބަ ބުނެފިއެވެ. އަދި ކަލޭ ހެދީ ދޮގު ކަމުގައިވާނަމަ ކަލޭ އަބުރާބެހެފިއެވެ. “

އަޅުގަނޑުމެންގެ ދުލުން ބޭރު ކުރެވޭ ކޮންމެ ބަހެއްވެސް ވާންޖެހެނީ ވަރަށް ވިސްނުންތެރިކަމާއިއެކު ބޭރު ކުރެވޭ ބަހަކަށެވެ. އެހެންނޫނީ ފަހުން އަޅުގަނޑުމެން ހިތާމަ ކުރަން ޖެހިދާނެއެވެ. ދުލުން ކުރެވޭ ކުޑަކުޑަ ޢިޝާރާތަކުންނަމަވެސް އަޅުގަނޑުމެންނީ ނަރަކައިގެ އަހުލު ވެރީން ކަމުގައި ވެގެން ހިނގައިދާނެއެވެ. މިކަމުގެ ނުރައްކާތެރިކަމާ ބެހޭގޮތުން ކީރިތި ރަސޫލާ صلى الله علىه وسلم ޙަދީޘްކުރެއްވި ޙަދީޘް ފުޅެއްގެ މާނައިގައި ވެއެވެ.

” އެއްވެސް ވިސްނުމަކާ ނުލާ މީހެއްގެ ދުލުން ބޭރުކުރާ ބަސްތަކެއްގެ ސަބަބުން އިރުމަތީ ފަރާތާއި ހުޅަނފު ފަރާތާއި ދެމެދުގައިހުރި ދުރުމިނަށް އޭނާ ނަރަކައިގެ ތެރެއަށް އެއްލައިލެވޭނެތެވެ. “

ޣީބަ އަކީ ހަމައެކަނި ދުލުން ބުނެވޭ ބަހެއް ނޫނެވެ. ތިމާއަށް ކުރެވޭ ކިތަންމެ ކުޑަ ޢިޝާރާތަކުން ނަމަވެސް ޣީބަ ބުނެވިދާނެއެވެ. މިގޮތުން އެއްދުވަހަކު ޢާއިޝާ ރަޟިޔަﷲ ޢަންހާ ގެ ގެއަށް އަންހެނަކު ޒިޔާރަތްކުރިއެވެ. އެ އަންހެންމީހާ އެނބުރި ދިއުމުން  އެއީ ކުރު އަންހެނެކޭ ބުނުމުގެ ނިޔަތުގައި އެކަމަނާ އަތުން ޢިޝާރާތް ކުރެއްވިއެވެ. އެތަން ދެކެވަޑައިގެން ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ” ކަމަނާ ޣީބަ ބުނެފިއެވެ. “

ވީމާ މިކަމުން ސަލާމަތްވެ ތިބުމަށް އަޅުގަނޑުގެ އަމިއްލަ ނަފްސަށް ނަޞޭޙަތްތެރިވާ ޙާލު އަޅުގަނޑުގެ އެންމެހައި އަޚުންނާއި އުޚްތުންނަށް ނަޞޭޙަތްތެރިވެ ވަޞިއްޔަތް ކުރަމެވެ.