ޒަމްޒަމްފެނުގެ މާތްކަން
الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ޒަމްޒަމްފެނަކީ ބަރަކާތްތެރިވެގެންވާފެނެކެވެ. އަދި އެއީ ބިންމަތީގައިވާ އެންމެ ރަނގަޅުފެނެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
(صحيح) ((خَيْرُ مَاءٍ عَلَى وَجْهِ الأَرْضِ مَاءُ زَمْزَمَ))
[الترغيب والترهيب وصححه الأالباني في صحيح الترغيب والترهيب رقم: ١١٦١]
މާނައީ: “ބިންމަތީގައިވާ އެންމެ ރަނގަޅުފެނަކީ ޒަމްޒަމްފެނެވެ.”
އަދި އެފެނަކީ އެހެންފެނާއި ޚިލާފަށް އިތުރުފައިދާތަކެއް ލިއްބައިދޭ ފެނެކެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
(صحيح) ((مَاءُ زَمْزَمَ لِمَا شُرِبَ لَهُ)).
[رواه أحمد وابن ماجه، وصححه الألباني في الإرواء رقم:١١٢٣]
މާނައީ: “ޒަމްޒަމްފެންވަނީ އެބުއިކަމަކަށެވެ.”
މިޙަދީޘްގެ ޝަރަހައިގައި ފަޟީލަތުއްޝައިޙް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ވިދާޅުވެފައިވެއެވެ:
“…ކަރުހިއްކައިގަތުމުން އެބޮއެފިނަމަ ކަރުހިއްކުން ފިލައެވެ. އަދި ބަނޑުހައިވުމުން ބޮއެފިނަމަ ބަނޑުފުރެއެވެ…” [1]
އަދިވެސް ޝައިޚު ވިދާޅުވެފައިވެއެވެ:
“…ކަރުހިއްކުން ފިލުވުމަށް އެބުއިމާމެދު ދަންނައެވެ. ފަހެ އެއީ ބަޔާންވެގެންވާކަމެކެވެ.
އަދި ބަނޑުހައިހޫނުކަން ފިލުވުމަށް ބުއިމާމެދުވެސް ދަންނައެވެ. އެއީވެސް ބަޔާންވެގެންވާކަމެކެވެ.
އަދި ބަލި ފިލުވުމަށްޓަކައިވެސްމެއެވެ. އެހެނީ ބައްޔަކީ ހަށިގަނޑަށް ދިމާވާކަމަކަށްވެފައި، ޒަމްޒަމްފެން ބުއިމުން ކަރުހިއްކުމާ ބަނޑުހައިހޫނުކަން ފިލާފަދައިން ބަލިވެސް ފިލައިގެންދެއެވެ…” [2]
އަދި އިމާމް ޝައުކާނީ رحمه الله ވިދާޅުވެފައިވެއެވެ:
“… ޒަމްޒަމްފެން ދުނިޔަވީ ކަމަކު ނުވަތަ އުޚްރަވީކަމެއްގައި ބުއިނަމަވެސް ފައިދާކުރާނެކަމުގެ ދަލީލު މިޙަދީޘްގައިވެއެވެ. އެހެނީ ‘އެބުއިކަމަކަށް’ މިލަފްޡަކީ ޢާންމު ޞީޣާއަކުން އައިސްފައިވާ ލަފްޡެކެވެ.” [3]
އަދިވެސް ޒަމްޒަމްފެނުގެ މާތްކަމާމެދު އައިސްފައިވާ ޙަދީޘްތަކުގެ ތެރޭގައި:
(صحيح) ((إِنَّهَا مُبَارَكَةٌ)). [رواه مسلم / كتاب: فضائل الصحابة / باب: من فضائل أبي ذر / رقم: ٦٣۰٩]
މާނައީ: “ހަމަކަށަވަރުން އެ ބަރަކާތްތެރިވެގެންވެއެވެ.”[އެބަހީ: ޒަމްޒަމްފެނެވެ.]
(صحيح) ((وَشِفَاءُ سُقْمٍ)).[ الترغيب والترهيب وصححه الأالباني في صحيح الترغيب رقم: ١١٦٢]
މާނައީ: “އަދި ބަލިތަކަށްޓަކައިވާ ޝިފާއެކެވެ.”
މިގޮތުން ސަލަފުންގެ އެކި ބޭކަލުން، ޒަމްޒަމްފެން އެކިކަންތައްތަކަށްޓަކައި ބޮއެފައިވާކަމަށް ވާރިދުވެފައިވެއެވެ.
ޒަމްޒަމްފެން ފިޔަވާ އެހެން އެއްވެސް އެއްޗެއް، ކެއުމަކަށްވެސް އަދި ބުއިމަކަށަވެސް ބޭނުންނުކުރައްވާ، އަބޫ ޛައްރު رضي الله عنه މައްކާގައި ތިރީސްދުވަސް ވަންދެން އުޅުއްވިއެވެ. [4]
ޒަމްޒަމްފެން ބޯއިރުކިޔާ ދުޢާ
ޒަމްޒަމްފެން ބޯއިރު ޚާއްޞަ ދުޢާއެއްކުރަން އޮތްކަމަށް ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ޘާބިތުވެފައިވާކަން އެނގޭކަށް ނެތެވެ.
ނަމަވެސް ޒަމްޒަމް ފެން ބޯއިރު ކުރުމަށް އިބްނު ޢައްބާސް رضي الله عنهما، އިރުޝާދުދެއްވާފައިވާ ދުޢާއަކީ:
(حسن) ((اللَّهُمَّ إِنِّي أَسْأَلُكَ عِلْمًا نَافِعًا ، وَرِزْقًا وَاسِعًا ، وشفاءً مِنْ كُلِّ دَاءٍ))
[رواه الفاكهي في أخبار مكة رقم: ١١۰٧، وحسنه د.عبدالملك دهيش في تحقيقه للكتاب]
މާނައީ: “އޭﷲ! ހަމަކަށަވަރުން ފައިދާކުރަނިވި ޢިލްމަށް މިއަޅާ އެދެމެވެ. އަދި ތަނަވަސް ރިޒްޤަށެވެ. އަދި ކޮންމެ ބައްޔަކުން ޝިފާދެއްވުމަށެވެ.”
ވީމާ އަޅުގަނޑުމެންގެ މައްޗަށް އޮތީ ވީހާވެސް ގިނައިން ދުޢާކޮށް ޒަމްޒަމްފެން ބުއިމެވެ.
އޭﷲ! އަޅެމެންގެ ކުރާ ދުޢާ އިޖާބަ ކުރައްވާނދޭވެ. އަދި އަޅެމެންނަށް ރަޙްމަތްލައްވާ، ފާފަފުއްސަވާނދޭވެ.
والله أعلم.
_____________________________
[1] الشرح الممتع لعثيمين/ مجلد: ٧ / ص: ٢٧۰ / طبعة: دار ابن الجوزي
[2] الشرح الممتع لعثيمين/ مجلد: ٧/ ص: ٣٤٧ / طبعة: دار ابن الجوزي
[3] نيل الأوطار للشوكاني / مجلد: ٩/ ص: ٣٩١/ طبعة: دار ابن الجوزي
[4] ބައްލަވާ: صحيح مسلم / كتاب: فضائل الصحابة / باب: من فضائل أبي ذر / رقم: ٦٣۰٩