.الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ، وَالْعَاقِبَةُ لِلْمُتَّقِينَ، وَصَلَّى الله عَلَى مُحَمَّدٍ خَاتَمِ النَّبِيِّينَ، وَعَلَى جَمِيعِ الْأَنْبِيَاءِ وَالْمُرْسَلِينَ.
ސަލަފުއްސާލިޙުންވަނީ މިކަމުގައިވެސް އަޅުގަނޑުމެންނަށް ރިވެތި ނަމޫނާ ދައްކަވާފައެވެ. އެބޭކަލުންގެ ޢިލްމަށް އެބޭކަލުން ޢަމަލުކުރެއްވުމާއި އެކުގައިވެސް އެބޭކަލުންގެ ޢިލްމަށް ޢަމަލު ނުކުރެވޭކަމަށް އެބޭކަލުން ބިރުވެތިވެވަޑައިގަންނަވައެވެ.
އަލްޙަސަނުލް ބަޞަރީ ރަޙިމަހު ﷲ ވިދާޅުވިއެވެ.
“ހަމަކަށަވަރުން މުއުމިނު އަޅާ އިޙްސާންތެރިކަމާއި އަދި ބިރުވެރިކަން ޖަމާކޮށްފިއެވެ. އަދި މުނާފިޤު މީހާ ނުބައިކަމާއެކު ފޮނި އުންމީދު ޖަމަޢަ ކޮށްފިއެވެ.”
އެހެނީ މުއުމިނު އަޅާ ޢިޙްސާންތެރިކަމާއެކު ޢަމަލުކުރުމަށް ފަހުގައިވެސް ﷲ ތަޢާލާ އޭނަގެ ކިބައިން އެހޮޔޮ ޢަމަލު ޤަބޫލުނުކުރައްވަފާނެތީ ބިރުގަނެއެވެ. އެހެން ނަމަވެސް މުނާފިޤު މީހާ، ނުބައިކަންތަކަށް ކުރުން މަތީ ދެމިހުރުމަށް ފަހުގައިވެސް ﷲގެ ޙަޟްތަރުން ފޮނި އުންމީދު ކުރެއެވެ.
ޢަބްދުﷲ އިބްނު އަބީ މުލައިކާ ރަޙިމަހުﷲ ވިދާޅުވިއެވެ.
“ރަސޫލުﷲ ސައްލަﷲ އަލައިހިވަސައްލަމަގެ ސަޙާބީންގެ ތެރެއިން ތިރީހަށް ވުރެ ގިނަ ސަޙާބީންނާ ތިމަންކަލޭގެފާނާ ބައްދަލުވިއެވެ. އެހުރިހާ ބޭކަލުންވެސް އެބޭކަލުންގެ ނަފްސުތަކުގެ މައްޗަށް ނިފާޤުކަމަށް ބިރުފުޅު ހީކުރައްވައެވެ.”
މިބޭކަލުންވަނީ އެބައިމީހުންގެ ޢަމަލުތަކުގައި ﷲ ތައާލާއަށް އިޙްސާންތެރިވުމާއި އެކުގައި އެޢަމަލުތަށް އެކަލާނގެ ޤަބޫލު ނުކުރައްވަފާނެތީ ބިރުވެތިވެ ވަޑައިގެންފައެވެ.
ﷲ ތަޢާލާ ވަޙީ ކުރައްވަނީ:
(وَالَّذِينَ يُؤْتُونَ مَا آتَوا وَّقُلُوبُهُمْ وَجِلَةٌ أَنَّهُمْ إِلَىٰ رَبِّهِمْ رَاجِعُونَ )[المؤمنون 60]
“އަދި އެބައިމީހުންނީ އެބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތަށް، ހަމަކަށަވަރުން، އެބައިމީހުން އެނބުރިދާނޭކަމާމެދު އެބައިމީހުންގެ ހިތްތައް ބިރުވެތިވެގެންވާ ޙާލު އެބައިމީހުން ދޭއެއްޗެއް ދޭމީހުންނެވެ.”
ޢާއިޝާ ރަޟިޔަﷲ ޢަންހާ ކިބައިން ރިވާ ވެގެންވެއެވެ.
“ތިމަންކަމަނާ ރަސޫލުއްﷲ ސައްލަﷲ ޢަލައިހިވަސައްލަމައާއި މިއާޔަތާއި ބެހޭގޮތުން ސުވާލުދެންނެވީމެވެ. އަދި މިއާޔަތުގައި މިވާ މީހުންނަކީ ރާބޯ މީހުން ނުވަތަ ޒިނޭ ކުރާމީހުން ނުވަތަ ވައްކަން ކުރާމީހުންތޯ ސުވާލުދެންނެވީމެވެ.”
އެހިނދު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.
((لا يابنة الصِّدِّيقِ, وَلَكِنَّهُمُ الَّذِينَ يَصُومُونَ وَيُصَلُونَ وَيَتَصَدَّقُونَ وَهُمْ يَخَافُونَ أَنْ لَا يُقْبَلَ مِنْهُمْ: {أُولَئِكَ يُسَارِعُونَ فِي الْخَيْرَاتِ} [الْمُؤْمِنُونَ: 61])) [رواه الترمذي 3175]
“ނޫނެކެވެ. އޭ [އަބޫބަކުރުއް] ސިއްދީޤުގެ ދަރިކަނބަލާއެވެ. އެހެނެއް ކަމަކަކު އެމީހުންނަކީ ރޯދަ ހިފާ، ނަމާދުކޮށް އަދި ސަދަގާތްދީ އުޅުމާއެކުގަވެސް އެޢަމަލުތަށް ﷲ ތަޢާލާ ޤަބޫލުނުކުރައްވަފާނެތީ ބިރުގަންނަ މީހުންނެވެ. ﷲ ވަޙީ ކުރައްވަނީ
(އެއެންމެންނީ، ހެޔޮކަންތަކުގައި އަވަސްވެގަންނަ މީހުންނެވެ.)”
އަދި ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ.
(وَإِذْ يَرْفَعُ إِبْرَاهِيمُ الْقَوَاعِدَ مِنَ الْبَيْتِ وَإِسْمَاعِيلُ رَبَّنَا تَقَبَّلْ مِنَّا ۖ) [البقرة 127]
“އަދި އިބްރާހިމްގެފާނާއި އިސްމާއީލްގެފާނާ ދެބަފައިކަލުން ގެފުޅުގެ ބިންގާ އުފުއްލަވައި ބިނާކުރައްވަމުން ގެންދެވިހިނދު، ހަނދުމަކުރާށެވެ! (އެހިނދު ދުޢާކުރެއްވިއެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކިބައިން (މިކަން) ގަބޫލުކުރައްވައިފާނދޭވެ!”
ވުހައިބު އިބްނު އަލްވަރްދު ރަޙިމަހުﷲ މިއާޔަތް ކިޔަވައި ވިދާޅުވުމަށްފަހު ކީރިތި ކުރެއްވިއެވެ. ދެން އެއަށްފަހު ވިދާޅުވިއެވެ.
“އޭ ރަޙްމާންވަންތަ އިލާހުގެ ޚަލީލެވެ.( އިބްރާހިމް ގެފާނެއެވެ.) ކަލޭގެފާނު ރަޙްމާންވަންތަ އިލާހުގެ ގެފުޅު ބިނާކުރައްވީވެސް، ކަލޭގެފާނު ކިބައިން ﷲ ތަޢާލާ ތިޢަމަލު ޤަބޫލު ނުކުރައްވަފާނެތީ ބިރުވެތިވާ ޙާލެވެ.”
=ނުނިމޭ=