[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކުޑަކުދިންގެ ވާހަކަ: ސިއާކޮއްކޮ ބަގީޗާތެރޭގައި

garden

ސިއާކޮއްކޮގެ ބޭބެ ތިންއަހަރު ވަންދެން ރާއްޖެއިންބޭރުގައި ހުރުމަށްފަހު ރަށަށް އަންނަނީއެވެ. ސިއާކޮއްކޮއާއި މަންމައާއި ބައްޕަ ގޯތިތެރެ ޚާއްސަގޮތަކަށް ތައްޔާރު ކުރަމުން ދެއެވެ.

އެންމެފަހުން އެންމެން އިންތިޒާރުކުރި ދުވަހާއި ވަގުތުޖެހިއްޖެއެވެ. ރަށަށްއައުމަށްޓަކައި މާލެއިން ފުރުމުން މަންމަޔާއި ބައްޕަ އެއާޕޯޓަށް ދާން ތައްޔާރުވެއްޖެއެވެ.

ޢުމުރުން އަށް އަހަރުގެ ސިއާ ނިންމީ ގޭގައި މަޑުކުރާށެވެ. “އަޅުގަނޑު ގޭގައި މަޑުކޮށްލާނަން. މަންމަޔާއިބައްޕަ ދުރުވޭ. އަޅުގަނޑު ބޭނުން ބޭބެ އަންނަންވާއިރަށް އެހެން ކަމެއް ކޮށްލަން.”

“އެންމެ ރަނގަޅު. މަންމަމެން ދޮރާށި ތަޅުލާފައި ދާނަން. އެކަމަކު ދަރިފުޅުމަންމަ ގާތު އަޅެ ބުނެބަލަ ކުރަން ތިއުޅޭ ކަމެއް.”

މަންމަ ސިއާ ކުރަން އުޅޭކަމެއް އޮޅުންފިލުވާލަން އަހާލިއެވެ.

” އަޅުގަނޑު ގޯސްކަމެއް ނުކުރާނަން. ބޭބެކައިރީ ނުބުނުއްވުން އެދެން………އެއީ……..”

ސިއާ މަންމަގެ ކަންފަތްދޮށުގައި ސިއްރުން މިވާހަކަ ބުނުމުން، ދަރިފުޅުގެ ވިސްނުންތެރިކަމަށްޓަކައި އުފާވެ ހިތްހަމަޖެހިގެން ހުރެ އެއާޕޯޓަށް ދާން ނިކުތެވެ. ސިއާގެ ސިއްރަކަށްވީތީ ބައްޕަވެސް ކޮންމެހެން އޮޅުންފިލުވަން މަސައްކަތެއް ނުކުރެއެވެ.

ސިއާގެދޮންބެއައިސްފިއެވެ. ސިއާގެ ބޭބެ ހުރީ ސިއާއާއި ބައްދަލުކުރާހިތުން ކެތްމަދުވެފައެވެ.

މަންމައާއިބައްޕަ ފެނުމާއެކު ސުވާލުކުރީ ސިއާ އާ ބެހޭގޮތުންނެވެ.

“ކޮއްކޮ ހުރީގޭގައި. ބުނީތިމަންނަ ހުންނާނީ ގޭގައޭ. އެހެންވެ ނުގެނައީ.” މަންމަ ބުނެލިއެވެ.

ޑޮކްޓަރީކަމުގެ ރޮނގުން ކިޔަވަމުންދާ އައުސަމް ރާއްޖެއިން ބޭރުގައި ހުރި ކޮންމެދުވަހަކީވެސް އޭނަގެ ހުރި ހަމައެކަނި ކޮއްކޮގެ މަތިން ހަނދާން ވާ ދުވަހެކެވެ. ވަގުތުވާ ވަރަކުންގުޅާ ޙާލު އޮޅުންފިލުވައެވެ. އެކިއެކި ނަސޭޙަތް ދެއެވެ. ކޮއްކޮ އަބަދު ކާޓޫނު ބަލާތީ އެކަންހުއްޓުމަށްވެސް ނަސޭޙަތް ދެއެވެ. ގަޑިން ގަޑިއަށް ނުކާތީ ރަނގަޅަށް ކެއުމަށް ބުނެއެވެ. މިހުރިހާ ވާހަކައެއްދެކެވި ބޭބެ އަވަހަށް އަންނާށޭބުނެ ކޮއްކޮ އެއާޕޯޓަށް ނުދިޔައީ ކީއްވެ ބާވައެވެ. މިޚިޔާލުގައި އިންދާ ކާރު ގޮސް ގޭދޮރުމައްޗަށް މަޑުކޮށްފިއެވެ.

އައުސަމް އަވަހަށް ކާރުން ފޭބިއެވެ. ބައްޕަ ދޮރާށި ހުޅުވިއެވެ. އަދި ފޮށިވައްދައިފިއެވެ. އައުސަމް ގޭތެރެއަށް ވަދެ ސިއާކޮއްކޮ ކޮބައިތޯ ބެލިއެވެ. ސިޓިންރޫމްގައި ނެތެވެ. ބަދިގޭގައިވެސް ނެތެވެ. މަންމަވެސް ހަމަޖެހިލާފައި ހުރުމުން ކޮންމެވެސް މަޖަލެއް ކުރަނީކަން އެނގުނެވެ. ބައްޕަވެސް ސިއާ ކޮބައިހޭ އަހައިލިއެވެ.

“ސިއާ ހޯދާ” މަންމަ ހެވިފައި ހުރެ ބުންޏެވެ.

އައުސަމް ސިއާގެ ކޮޓަރިއަށް ދިޔައެވެ. މަންމައާއި ބައްޕަވެސް އެ ކޮޓަރިއަށްވަނެވެ. ސިއާއެއްނެތެވެ. އަނެއްކާ ފާޚާނައިގައި ހުރީކީ ނޫންބާވައެވެ. އައުސަމް ފާޚާނައިގެ ދޮރުފަތުގައި ދެފަހަރަކަށް ޓަކިޖަހާލިއެވެ. ޖަވާބެއްނުލިބުމުން މަންމަގާތު ސިއާކޮއްކޮ ކޮބައިހޭ އަހާލިއެވެ. އެވަގުތު އައުސަމްއަށް މޭޒުމަތީގައި ބޮޑުއަކުރުން ލިޔެލާފައި އޮތް ކުރުނޯޓެއް ފެނުނެވެ.

“ސިއާކޮއްކޮ ބަގީޗާތެރޭގައި. ބޭބެ އަވަހަށް މިރީތި ބަގީޗާއަށް އާދޭ”

މި ކުރު ނޯޓު ފެނުމުން އައުސަމް ބަގީޗާ އޮތީ ކޮންތާކުހޭ އަހާލިއެވެ. މަންމައާއިބައްޕަ އައުސަމް ގޮވައިގެން ގޮސް ވަނީ ރީތި ބަގީޗާއަކަށެވެ.

މާމެލާމެލިން ފުރިފައިވާ ރީތި ބަގީޗާއެކެވެ. ފިނިފެންމަލާއި އޯކިޑުމަލެވެ. ޗަންޕާޕޫލުމަލާއި ޗަނބޭލީމަލެވެ. ހުނވަދުމަލާއި ހުސްނުހީނާމަލެވެ. މިހެންގޮސް އެކިވައްތަރުގެ ރީތި މާތަކުން ފުރިފައިވާ މިހާ ރީތި ބަގީޗާއެއް މިގޭގައި އޮންނަ ވާހަކަ އެކަކުވެސް އައުސަމް ގާތު ނުބުނެއެވެ.

ސިއާކޮއްކޮ އިނީ ބަގީޗާތެރޭގައި ހަދާފައި ހުރި ކުޑަފިނިމައިޒާނުގައި ހުރި ކުޑަ އުނދޯއްޔެއްގައެވެ. ފިޔާތޮށިކުލައިގެހެދުމެއްގައި އިން ކޮއްކޮ އަތުގައި ފިނިފެންމަލުގެހާރެއް އޮތެވެ. ބޭބެ ފެނުމާއެކު “ބޭބޭ” ކިޔާ ގޮވައިލުމަށްފަހު އަތުގައި އޮތް މަލުގެ ހާރު ބޭބެގެ ކަރުގައި އަޅުވާލިއެވެ.

އަދި އެއީ ބޭބެކަރުގައި އަޅުވަން ކޮއްކޮ އަމިއްލައަށް ތައްޔާރުކުރި ހާރެއްކަމުގައި ބުންޏެވެ.

ބޭބެ އުފަލުން ބުންޏެވެ. “ހާދަ ރީތި ހާރެއް. ކޮއްކޮ ހާދަ ރަނގަޅޭ. އެކަމަކު ކީއްވެ ބޭބެއަށް ފިލާ އިނީ.” އައުސަމް ޝަކުވާކުރާ ރާގުގައި އަހާލިއެވެ.

“އެއީ ބައްޕައަށްވެސް ނާންގާ މަންމަޔާއި އަޅުގަނޑު ރޭވި ރޭވުމެއް. ތާޒާމަލުންގަތާފައިވާ މި މާފަތިވެސް ހަދަން. މިހާރު ކިހާ މަޖާ.  މަޖަލެއް ނޫންތަ؟” ކޮއްކޮ ހީނލާފައި ބުންޏެވެ.

“އާނ. މަޖާ. އެކަމަކު ކޮއްކޮއާ ބައްދަލުކުރާ ހިތުން ހުރީ ކެތްމަދުވެފައި…..ދެން ބުނެބަލަ…މިއީ ހާދަ ރީތި މާބަގީޗާއެކޭ. މިހާބޮޑު މިހާ ރީތި ބަގީޗާއެއް އޮތްވާހަކަ އެކަކުވެސް ނުބުނޭ. މިއީ ކޮން އިރެއްގެ މަސައްކަތެއްތަ ބައްޕާ؟” ގޭގެ ފުރަގަހުގައި ވާ ބޮޑު ހުސްބިމުގައި ހައްދާފައިވާ ބޮޑު ރީތި މާބަގީޗާއަށް އިޝާރާތްކޮށް އައުސަމް އަހާލިއެވެ.

“ތިޔައީ ހަމަ ސިޔާކޮއްކޮގެ ހިތްވަރު. ދަރިފުޅު އަބަދު ކާޓޫނު ނުބަލާށޭ ބުނީމައި ސިއާކޮއްކޮ ކާޓޫނުބެލުން މުޅިން ހުއްޓާލައިފި. އަދި ނަމާދުކޮށް ޤުރުއާންކިޔަވައި، ސްކޫލުންއައިސް  ފިލާވަޅު ދަސްކުރުމަށްފަހު ލިބޭ ހުސްވަގުތު ތަކުގައި ދެމައިން ކުރި ބުރަ މަސައްކަތް. ސިއާ ގަސްއިންދަން ފެށިފަހުން ސިއާގެ ރައްޓެހި ކުދިން ހަދިޔާއަކަށް ދޭނީވެސް ގަސް. ދަރިފުޅު އަންނަން ވާއިރަށް ބޭބެގެ ބަސްއަހާކަން ދަރިފުޅަށް ސާބިތުކޮށް ދިނުމަށް ކުރި މަސައްކަތް. ސިއާކޮއްކޮ  ބުނީ ބޭބެ ގާތު ނުބުނާށޭ. ކުއްލިއަކަށް ފެންނައިރު މާ އުފާވާނެޔޭ. މިހާރު ސިއާކޮއްކޮއަށް ގަސް އިންދުމާ ބެހޭ ވަރަށް ގިނަ މަޢުލޫމާތުވެސް އިނގޭނެ.” ބައްޕަ ބަގީޗާއާ ބެހޭގޮތުން މަޢުލޫމާތު ދިނެވެ.

“އަސްލުވެސް….ވަރަށް އުފާވެއްޖެއް. ބޭބެ ވަރަށް އުފާވެއްޖެ. މިތަން ވަރަށް ރީތި. ބަސްއަހާ ކޮއްކޮއެއް އަމިއްލަ ހިތްވަރުން މިކަހަލަ ބަގީޗާއެއް ހައްދައިގެން ބަގީޗާތެރޭގައި އިންނައިރު ބަގީޗާ އަދި މާ ރީތި.” ބޭބެ އުފަލުން ބުންޏެވެ.

“ދެން އަވަހަށް ސައިބޯން ހިނގާ. މިހާރު ހުންނާނީ ވަރަށް ވަރުބަލިވެސް ވެފައެއްނު.” މަންމަ  އައުސަމްގާތު ސައިބޯން ދިޔުމަށް އެދުނެވެ.

“އަޅުގަނޑު ސައިބޯނީ މިތާ. މި ހިތްގައިމު ބަގީޗާ ތެރޭގައި. ބޭބެ ބޭނުންވަނީ ޗުއްޓީގެ ގިނަވަގުތު ސިއާކޮއްކޮއާއެކު މިބަގީޗާތެރޭ ވަގުތު ހޭދަކުރަން. ސިއާކޮއްކޮއަކީ ވަރަށް ބަސްއަހާ ހިތްވަރުގަދަ ކުއްޖެއް. ބޭބެ ބޭނުންވަނީ ބަގީޗާގައިވާ ހިތްގައިމު މަލެއްހެން ފޮޅިފައި ކޮއްކޮ  އަބަދުވެސް ހުންނަން.” ކޮއްކޮގެ އާމެދު އުފާވެ ހިތްހަމަޖެހިފައި ހުރެ ބުންޏެވެ.

މަންމަ ބަގީޗާތެރެއަށް ސައިގެނައެވެ. އެންމެން އުފަލުގައި ތިބެ ސައި ބުޔެވެ. ސިއާކޮއްކޮގެ ބަގީޗާއަކީ ހުސްވަގުތުގެ ބޭނުން ފައިދާހުރިގޮތުގައި ބޭނުން ހިފިކަމުގެ ނިޝާނެކެވެ.

ސިއާކޮއްކޮ ފަދައިން ތިޔަކުދިންވެސް އަބަދު ކާޓޫނު ނުބަލާ ފައިދާ ހުރި ކަމެއްކޮށްލާށެވެ. ނަމާދުކޮށް ޤުރުއާންކިޔަވާ ފިލާވަޅުދަސްކުރުމަށްފަހު ލިބޭ ހުސްވަގުތުގައި ހެޔޮނިޔަތަކާއެކު ތިމާއަށާއި އެހެންމީހުންނަށް ފައިދާހުރި ކަމެއްކޮށްފިނަމަ މާތްﷲ ހެޔޮ ޖަޒާދެއްވާނެއެވެ.