[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކުޑަކުދިންގެ ވާހަކަ: ބޭބެގެ ރުމާ ނަގާދޭނީ ކޮންކުއްޖެއް؟

vaahakaދުވަހަކީ ވަރަށް ވައިގަދަ ދުވަހެކެވެ. ޢުމުރުން ހަތްދިހަ އަހަރަށް ވުރެ މައްޗަގޮސްފައިވައި މޫސާފުޅުބެ ހަވީރު ހިނގާލާފައި ގެއަށް އަންނަނިކޮށް އެ ބޭބެގެ ރުމާ ވަޔާއެކު ގޮސް ބިޔަ ގަހެއްގެ ގޮފިގަނޑެއްގައި އަޅައިގެންފިއެވެ.

މޫސާފުޅުބޭބެ ވަރަށް ދެރަވެއްޖެއެވެ. ސަބަބަކީ އެ ރުމާލަކީ އެބޭބެގެ ބައްޕައަތުން ލިބިފައިވާ ޚާއްސަ ހަދިޔާ އަކަށް ވީމައެވެ.

އެ ރުމާ ބޮޑުފޮށިން ނަގަނީވެސް ކޮންމެ ހުކުރުދުވަހެއްގައެވެ. މިހާ ޚާއްސަ ރުމާލެއް ހޯދަން މޫސާފުޅުބެ ކޮންމެހެންވެސް ބޭނުން ވެއްޖެއެވެ.

މޫސާފުޅުބެ މަގުމަތީގައި ހުއްޓި ހުރެ މީހަކު ފެނޭތޯބަލާލިއެވެ. މީހުން ފެނެއެވެ. އެކަމަކު ކޮންމެ މީހަކުވެސް ދަނީ ސައިކަލުގައާއި ކާރުގައެވެ. ވޭނާއި ޕިކަޕްގައެވެ.

އެކަކުވެސް މޫސާފުޅުބެއާ ދިމާއަށް ބަލާވެސް ނުލައެވެ. އަތް ހޫރާލުމުންވެސް އަޅާވެސް ނުލައެވެ. މޫސާފުޅުބެ ހިތަށްއެރިއެވެ. އިސްލާމްދީނުން ދައްކަވާދެއްވާފައިވާ އެއްބަނޑު އެއްބަފާކަމުގެ ޞިފަ ނެތިގެން ދިޔައީ ބާވައެވެ؟

މިފިކުރުގައި ދެރަވެފައި ހުއްޓާ ސްކޫލުން ނިކުމެގެން ހިނގާލާފައި އަންނަ ދެ ފިރިހެންކުދިންނާ ދިމާވެއްޖެއެވެ.

” އެހެރަގަހުގައި އޮތް ބޭބެގެ ރުމާ ނަގައިދޭނީ ކޮންކުއްޖެއް؟” ބޭބެ ދެކުދިންނަށް ބަލާލާފައި ބުންޏެވެ.

“ކޮން ރުމާލެއް… އެއީ މި ޒަމާނަކަށް މާ މުހިއްމު އެއްޗެއް ނޫނޭ… ބޭބެ ދޭބަލަ ނިކަން ރީތި “ކެޕެއް” ގަނެލައިގެން އަޅަން” މިހެން ބުނެ ހެމުން ހެމުން ހިނގައްޖެއެވެ. ބޭބެ ވަރަށްދެރަވެފައި ހުއްޓާ ފަހަތުން އައި ކުއްޖަކަށް މިއަޑު އިވިގެން ރުމާ ނަގައި ދީފިއެވެ.

މޫސާފުޅުބެ ވަރަށްއުފަލުން އެކުއްޖާއަށް ޝުކުރު އަދާ ކުރިއެވެ. އަދި ހެޔޮދުޢާކުރިއެވެ.

އަދި ބުންޏެވެ. “ކޮއްކޮއަށް މާތްﷲ ރަޙްމަތް ލައްވާށި. އަދި ހުރިހާކުދިންނަށްވެސް ތިފަދަ ރަނގަޅު އަޚްލާގެއް ދެއްވުން އެދި ދުޢާކުރަން. ކޮއްކޮއަކީ ބޭބެ ވަރަށް ރަނގަޅަށް ދަންނަ ކުއްޖެއް. މައިންބަފައިން ނެތި ޔަތީމު ކުއްޖެއްގެ ގޮތުގައި ބޮޑުވާއިރުވެސް ތިޔަފަދަ ރީތި އަޚްލާގެއް ހުރީތީ އުފާވެއްޖެ. ކޮއްކޮ ބަލަހައްޓާ ބޭބެ ގޮވައިގެން މޫސާފުޅުބޭގެ ގެއަށް އާދޭ. ބޭބެގެ ހުރިހާ މުދަލެއް ކޮއްކޮއަށް ހިބައިން ދޭނަން.”

މޫސާފުޅުބެ މިހެން ބުނުމުން އެކުއްޖާ ޙައިރާން ވެއްޖެއެވެ. އަދި އަހާލިއެވެ. “ބޭބޭ…..އެހާ ކުޑަކުޑަ ކަމަކަށް ތިޔަހާ ބޮޑު އިނާމެއް……؟”

“އާ ކޮއްކޯ. ބޭބެއަކީ އެއްބަނޑު މީހެއް ދަރިއެއް ހުރި މީހެއް ނޫން. ބޭބެގެ މުދާދޭނެ މީހަކާމެދުވެސް ވިސްނާތާ ދުވަސްކޮޅެއް ވެއްޖެ. ވީމާ ހުރިހާ މުދަލެއް ކޮއްކޮއަށް. ބޭބެ މަރުވަންދެންކޮއްކޮ ބޭބެ ބަލަހައްޓަ ދޭނެ ކަމުގައިވެސް ޔަގީން ކުރަން. ކޮއްކޯ! ތިމާ ކިބުރުވެރިކަމާއެކު މިބިންމަތީގައި ހިތުހުރި ގޮތަކަށް އުޅުނަސް ކާމިޔާބެއް ނުލިބޭނެ. ޙަޤީޤީ ކާމިޔާބުގެ ޙައްޤުވެރިންނަކީ ހިތްތިރިކަމާއެކު އެހެންމީހުންގެ އިޙްސާސްތައް ދަނެ އެހީތެރިވެ އަޅާލާމީހާ. ކޮއްކޮގެ ތިޔަ ސިފަތައް ދަމަހައްޓާތި” މޫސާފުޅުބެގެ ގެ ކައިރީ އުޅުނު އަޙްމަދުފުޅުގެ ދަރިފުޅު އަނިލްގެ ބޮލުގައި ފިރުމާލާފައި ބުންޏެވެ.

އަނިލް މަޑުމަޑުން ބޯ ޖަހާލިއެވެ. އަނިލް އެ ބޭބެއަށް ރުމާ ނަގާދިނީ އެހާބޮޑު އިނާމެއް ހޯދާކަށް ނޫނެވެ. އަދި ބޭބެއަށް އެހީތެރިވެ ދިނުމަށެވެ. އެކަމަކުވެސް އަނިލްކަހަލަ ފަޤީރު ކުއްޖަކަށް މިލިބުނު ނަސީބާމެދު އުފަލުން ގެއަށް ދިޔައީ ނިޢުމަތްތަކުގެ ވެރި މާތްﷲއަށް ޝުކުރުއަދާކުރަމުންނެވެ.