[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މިންބަރުގެ ނިވަލުގައި އަދި ދެތަނބު ދެމެދުގައި ނަމާދުކުރުން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

الثمر المستطاب އޭކިޔުނު ފޮތުގައި ޝައިޚު އަލްބާނީ رحمه الله ބުރަވެލައްވާފައިވަނީ: ގިނަހަރުފަތް ހުންނަ މިންބަރު (ބެހެއްޓުމަކީ) ބިދުޢައެއްކަމުގައެވެ. އެއީ އޭގެ ސަބަބުން ސަފުތައް މެދު ކެނޑޭތީއެވެ. އެކަމަކީ ބިދުޢަކަށްވުމުގެ އިތުރަށް އެއީ ރަސޫލާ صلى الله عليه وسلم ގެންނަވާފައިވާ ގޮތާވެސް ޚިލާފުކަމެކެވެ. އެކަލޭގެފާނުގެ މިންބަރުގައި ހުރީ ތިން ހަރުފަތެވެ. (އަދުގެ) މިންބަރުތަކުގައި ޒީނަތްތެރިކަމާއި ލިޔެލާޖުހުންތަކާއި މުދާތައް ގެއްލެނިކުރުވަނިވި އިސްރާފުކުރުންތައް އެކުލެވިގެންވެއެވެ. ސަފުތައް މެދުކަނޑާލުމުގައި އެމިންބަރުތައްވަނީ ތަނބެއްގެ ދަރަޖައިގައެވެ. އަދި ކިއެއް ހެއްޔެވެ. ތަނބަކަށްވުރެވެސް އޭގެ ގެއްލުން މާ ބޮޑެވެ. އެހެނީ އޭގެ ދިގުމިން ހުރިވަރަކުން ގިނަ ސަފުތަކެއް މެދުކަނޑާލާތީއެވެ.

އަދިވެސް ޝައިޚު ވިދާޅުވިއެވެ: އިމާމުމީހާގެ ޙަރަކާތްތައް ހުރިގޮތް ނަމާދުކުރާމީހުންނަށް ނޭނގުމަށް މެދުވެރިވާ ސަބަބަކަށްވާކަމީ އޭގެ ގެއްލުމެކެވެ. ފަހެ އިމާމު މީހާ ފުރަތަމަ އައްތަޙިއްޔާތު މަތިން ހަނދާންނެތި ތަކްބީރުކިޔުމަށް ފަހު ތިންވަނަ ރަކުޢަތަށް ތެދުވިނަމަ، އިމާމުގެ ފަހަތުގައި ތިބިމީހުން އިމާމަށް ތަބާވާނެއެވެ. ނަމަވެސް ކަނާތްފަރާތުން މިންބަރުގެ ނިވަލުގައި ތިބޭ މީހުންނަށް އިމާމު ހަނދުމަ ނެތިގެން އުޅޭކަމެއް ނޭނގޭނެއެވެ. އަދި އިމާމު ތަކުބީރުކީ އައްތަޙިއްޔާތަށް ދިޔުމަށްކަމަށް ހީކޮށް، އައްތަޙިއްޔާތަށް އިށީންނާނެއެވެ. ދެން އެއަށްފަހު އިމާމުމީހާއާއި މައުމޫމު މީހުންގެ ނަމާދުގެ ޙަރަކާތްތައް ތަފާތުވާނެއެވެ. އަދި އޭގެ ސަބަބުން ގިނަ ބަޔަކު ހަދާނެގޮތެއް ނޭނގި، އެބައިމީހުންގެ ނަމާދު ބާޠިލުވުމަށް ހުށަހެޅިގެން ދާނެއެވެ.

އެހެންކަމުން ޝައިޚު އަލްބާނީ رحمه الله ވިދާޅުވެފައިވަނީ: މިސްކިތެއް ނުވަތަ ހުކުރު މިސްކިތެއް ބިނާކުރާ މީހަކަށް އެކަށީގެންވަނީ އޭނާގެ އިންޖިނިއާ ނުވަތަ އާޗިޓެކްޓަށް (މިސްކިތް) ކުރެހުމުގައި ވީ އެންމެ މަދުން ތަނބުތައް ލުމަށް އަމުރުކުރުމެވެ. އެއީ އެތަކެތި ހުރުމުން ދިމާވާ ފަސާދަތައް މަދު ކުރުމަށެވެ. އެގޮތުން ސަފުތައް މެދުކެނޑުމާއި ނަމާދުކުރާ މީހުންނަށް ޖާގަދަތިވުން ހިމެނެއެވެ. އެހެނީ މިސްކިތް އެހާ ފުޅާ، ޖާގަ ތަނަވަސް ނޫންނަމަ ސިމެންތިއާއި ދަގަނޑު (ކޮންކޮރީޓް) ބޭނުންކޮށްގެން، އެއްވެސް ތަނބެއްނުލާ މިސްކިތްތައް ބިނާކުރުން އެއީ މިއަދު ކުރެވިދާނެ ކަމެކެވެ. ހަމަކަށަވަރުންވެސް ދިމިޝްޤުގައި މިފަދައިން ގިނަ މިސްކިތްތަކެއް ބިނާކުރެވިފައިވެއެވެ. މިޘާލަކަށް ބަޣްދާދު މަގުގައި ހުންނަ (مسجد لالا باشا) އާއި މުހާޖިރީންގައި ހުންނަ (جامع المرابط) އަދި މިނޫން މިސްކިތްތައްވެސް ފާހަގަ ކުރެވެއެވެ.

ދެން އެއަށްފަހު ޝައިޚު އަލްބާނީ رحمه الله ވިދާޅުވިއެވެ: އެހެންކަމުން ސަލަފުންގެ ބައެއް ޢިލްމުވެރިން ދެކިވަޑައިގަންނަވަނީ މިންބަރުގެ ސަބަބުން ކެނޑިފައިވާ ފުރަތަމަ ސަފު އެއީ ފުރަތަމަ ސަފުނޫން ކަމަށެވެ.

ތިމަން ބުނަމެވެ:  [1] އަދި އިމާމު ނަވަވީމެންފަދަ އެހެން ބައެއް ބޭފުޅުން ދެކިވަޑައިގަންނަވަނީ ފުރަތަމަ ސަފަކީ އިމާމުމީހާއާ ވިދިގެން އޮންނަ ސަފުކަމަށެވެ. (المجموع 4/ 301) އެއީ އެދެމެދަށް މިންބަރު ނުވަތަ މަޤްޞޫރާ [2] ނުވަތަ ތަނބުތައް ވަނަސް ނުވަނަސްއެވެ.

ޝައިޚު އަލްބާނީ رحمه الله ވިދާޅުވިއެވެ: ކޮންމެ ގޮތެއް ވީނަމަވެސް މިންބަރުގެ ފަހަތުގައި ކުރާނަމާދު މަކްރޫހަ ދަރަޖައަށް ދިޔުމުން އެއްކިބާ ނުވާނެއެވެ. އެއީ ނަމާދު ފަސާދަވުމަށް ނުވަތަ ބާޠިލުވުމަށް ހުށަހަޅާލެވޭތީއެވެ… ފަހެ ދެތަނބު ދެމެދު އަހަރެމެން ނަމާދުނުކުރާނަމެވެ. އަނަސް ބުން މާލިކު [3] رضي الله عنه ކަންތައްކުރެއްވި ފަދައިން އަހަރެމެން ކުރިއަށް ނުވަތަ ފަހަތަށް ޖެހިލާނީއެވެ. މިންބަރުގެ ފުރަގަހުގައި ނަމާދުކުރުމާއި އެކަމާއިދެމެދު ތިމަންމެންގާތު ފަރަޤެއްނެތެވެ. އެހެނީ ދެކަމުގައިވެސްވަނީ އެއް ޢިއްލަތެކެވެ(އެބަހީ: ސަބަބެކެވެ). އަދި އިސްވެ ބަޔާންކުރެވުނު ފަދައިން ދެތަނބުދެމެދު ނަމާދުކުރުމުން ނަމާދު ބާޠިލުވުމަށް ހުށައެޅޭ މިންވަރަށްވުރެ މާބޮޑަށް (މިންބަރުގެ ނިވަލުގައި ކުރެވޭ) ނަމާދު ފަސާދަވުމަށް ހުށަހަޅާލެވެއެވެ. [4] [5]

_________________________________________

[1] މިއީ ޝައިޚު އަލްބާނީގެ ‘އިޚްތިޔާރާތުލް ފިޤުހިއްޔާ’ މިފޮތް އެކުލަވާލެއްވި ޝައިޚުކަމުގައިވާ އިބްރާހީމް އަބޫ ޝާދީގެ ބަސްފުޅެކެވެ.

[2] މަޤްޞޫރާ: މިއީ މިޙްރާބުގެ ކަނުގައި ހަދާފައި ހުންނަ ކޮޓަރިއެކެވެ. އެތާގައި އާންމުކޮށް ނަމާދުކުރާނީ އަމީރުންފަދަ ބޭފުޅުންނެވެ. [معجم لغة الفقهاء / ا . د محمد رواس قلعه جي – د . حامد صادق قنيبي]

[3] ޢަބްދުލް ޙަމީދު އިބްނު މަޙްމޫދު ވިދާޅުވިއެވެ: އަމީރުންގެ ތެރެއިން އަމީރެއްގެ ފަހަތުގައި އަހަރެމެން ނަމާދުކުރީމެވެ. އަދި މީސްތަކުންގެ ސަބަބުން އަހަރެމެންނަށް ޟަރޫރީ ޙާލަތެއް މެދުވެރިވެ، ފަހެ އަހަރެމެން ދެތަނބުދެމެދުގައި ނަމާދުކުރީމެވެ. ފަހެ އަނަސް رضي الله عنه ފަހަތަށް ޖެހިވަޑައިގަންނަވަން ފެށިއެވެ. ދެން އަހަރެމެން ނަމާދުކޮށް ނިމުމުން އަނަސް رضي الله عنه ވިދާޅުވިއެވެ: “ރަސޫލާ صلى الله عليه وسلمގެ ދުވަސްވަރުގައި މީގެން (ނުވަތަ މިކަމުން) އަހަރެމެން ރައްކާތެރިވެ އުޅުނީމެވެ”. رواه أحمد (١٣١٣) والحاكم (١/ ٢١۰) والنسائي (١/ ١٣١).

[4] ދެތަނބުދެމެދުގައި އަދި އެހެންގޮތްތުންވެސް ކެނޑިފައިވާ ޞަފުތަކުގައި ނަމާދުކުމަކީ މަކުރޫހަކަމެއްކަމުގައި ޢިލްމުވެރިން ދެކިވަޑައިގަންނަވަނީ ޝަރުޠަކާ އެކުގައެވެ. އެއީ މިސްކިތުގައި ޖާގަ ތަނަވަސްވެފައިވާ ޙާލަތްތަކުގައެވެ. ނަމަވެސް މިސްކިތުގައި ނަމާދުކުރާމީހުން ގިނަވެ، ބާރު ބޮޑުވެފައިވާނަމަ އެއީ މަކުރޫހަކަމެއްނޫނެވެ. ބައްލަވާ: فتاوى اللجنة الدائمة – المجموعة الثانية (6 / 329)

[5] މިލިޔުމަކީ އިބްރާހީމް އަބޫ ޝާދީ ލިޔުއްވާފައިވާ الاختيارات الفقهية للإمام الألباني ، މިފޮތުން ތަރުޖަމާ ކުރެވިފައިވާ ލިޔުމެކެވެ. (ޞަފްޙާ 133-134)