[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކުޑަކުދިންގެ ނަފްސުތަކުގައި ތަޥްޙީދު މަތިވެރިކުރުން -1-

islameyat-73-8
ތަޥްޙީދަކީ ހުރިހާ ކަމެއްގައިވެސް ﷲ ތަޢާލާ އެއްކައުވަންތަ ކުރުމެވެ. ﷲ ތަޢާލާ އެއްކައުވަންތަ ކުރުމަކީ އެންމެ މުހިއްމުކަމެވެ. އަދި އަޞްލުތަކުގެ ތެރެއިން އެންމެ މުހިއްމު އަޞްލެވެ. މާތް ﷲ އެންމެހައި ރަސޫލުބޭކަލުން ފޮނުއްވައި، ފޮތްތައް ބާވައިލެއްވީ އެއިލާހު އެއްކައުވަންތަ ކުރުމަށްޓަކައެވެ. އަދި ޙައްޤުގޮތުގައި ﷲ އެއްކައުވަންތަކުރުމަކީ ދީނީގޮތުންނާއި ދުނިޔެވީގތޮތުންނާއި އަދި ކައްވަޅާއި އާޚިރަތުގައިވެސް އުފާވެރިކަން ލިބިގެންދާކަމެވެ. މިކަމަކީ މިހާ މުއްހިއްމު ކަމަކަށްވުމާއެކު އެންމެހާ ނަބީބޭކަލުންވެސް އެބޭކަލުންގެ ޙަޔާތުގެ ހުރިހާ މަރުޙަލާއެއްގައިވެސް މިކަމަށް ވަރަށްބޮޑު އަހައްމިއްޔަތުކަމެއް ދެއްވިއެވެ. އެބޭކަލުން ﷲ ތަޢާލާ މާތްކޮށް މަތިވެރިކުރިއެވެ. އެއިލާހުގެ ނަންފުޅުތަކާއި ސިފަފުޅުތައް މާތްކޮށް މަތިވެރިކުރިއެވެ. އަދި ސިއްރާއި ފާޅުގައިވެސް ﷲ ތަޢާލާއަށް އެކަނި އަޅުކަންތައް ޚާލިޞްކުރިއެވެ. އެހެންކަމުން އެއިން ކޮންމެ ބޭކަލަކުވެސް ﷲ ތަޢާލާއަށް ޝިރުކުކޮށް އެއިލާހާއިއެކީ އެހެން އެއްވެސް ފަރާތަކަށް ދުޢާކުރުމާއި އެއިލާހު ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ދުޢާކުރުމުން ރައްކާތެރިވުމަށް އިންޒާރުކުރައްވައި އެފަދަމީހުންނަށް ހުރި ވަޢީދުގެ ޚަބަރުދެއްވިއެވެ. އެފަދަމީހުން ﷲ ތަޢާލާގެ މާތްކަމާމެދު އެއްވެސް ފަރުވާލެއްނުބަހައްޓައެވެ.

މި މަޤާމަކީ މީގެ ތަފްޞީލަށް ދާންއޮތް މަޤާމެއްކަމުގައި ނުދެކެވެ. އެހެން ނަމަވެސް މި މަޤާމުގައި ވާހަކަދައްކަން ޤަސްދުކުރަނީ ﷲ ތަޢާލާ އެއްކައުވަންތަކުރުމުގެ މުހިއްމުކަން ކުޑަކުދިންނާއި ޒުވާނުންގެ ހިތްތަކުގައި އަށަގެންނެވުމުގެ މުހިއްމުކަމާމެދުގައެވެ. ސަބަބަކީ މި ކަމަކީ ވަރަށް ގިނަ މީހުން އެކަމަކާމެދު ޣާފިލުވެފައިވާ ކަމަކަށްވާތީއެވެ. އަދި ބައެއްފަހަރު ރަނގަޅު ތަރުބިއްޔަތެއް ދޭން މަސައްކަތްކުރާ މީހުންވެސް ﷲ ތަޢާލާ އެއްކައުވަންތަކުރުމުގެ ޢިލްމު ކުދިންނަށް ބުނެނުދީ އިހުމާލުވެއެވެ. ބައެއްފަހަރު މަތިމަތިން ބަލާލާ މަޢުޟޫއެއްކަމުގައި މެނުވީ ނަހަދައެވެ. އެހެންނަމަވެސް ތަރުބިއްޔަތުގެ ބައެއް މަޢުޟޫޢުތަކުގައި އެބައިމީހުން ވަރަށްބޮޑަށް ވަދެގެންގޮސް އެޔަށް ގަދައަޅާތަން ފެނެއެވެ. މިގޮތުން ސުލޫކާއި އިޖުތިމާޢީ އަދަބުތަކާއި މަގުމަތީގެ އަދަބުތަކާއި ގޭގައި އުޅުމުގެ އަދަބުތަކާއި ޢާއިލާގެ ޙައްޤުތަކާއިމެދު ވަރަށް ބޮޑަށް ސަމާލުކަން ދޭތަން ފެނެއެވެ. މީގެތެރޭގައި މައިންބަފައިންގެ ޙައްޤުތަކާއި ގާތްތިމާގެ މީހުންގެ ޙައްޤުތައްވެސް ހިމެނެއެވެ. މި ހުރިހާ ކަމަކީވެސް ހުސް ރަނގަޅުކަންކަމެވެ. އެހެންނަމަވެސް ﷲ ތަޢާލާ އެއްކައުވަންތަކުރުމުގެ މުހިއްމުކަން މިހުރިހާކަމަކަށްވުރެ ބޮޑުވެގެންވާއިރު އެކަމަށް ބާރުއެޅުމުގައި ތަރުބިއްޔަތު ކުރާމީހުން އިހުމާލުވެއެވެ. މުވާއެކު ދެން އެކުދިންނަށް ދޭ އެހެން ތަރުބިއްޔަތަކުން ފާއިދާއެއްނުކުރެއެވެ. އެކުދިންގެ ކިބައިގާ ތަޥްޙީދުގެ އެއްވެސް އަސަރެއް ފެންނާކަށް ނުހުރެއެވެ. ސަބަބަކީ އެކުދިންގެ ހިތްތަކުގައިވާ ޢަޤީދާ ބަލިކަށިވުމެވެ. އެ ޢަޤީދާ އަކީ އެކުދިންގެ ހިތްތަކުގައި ﷲ ތަޢާލާއަށް ލޯބިކުރުމާއި އެއިލާހުގެ ޢަޒާބާއި ކޯފާއަށް ބިރުވެތިވުން އާލާކުރާއެއްޗެކެވެ. މި ދެކަން ނެތުމުގެ ސަބަބުން އެހެން އެއްވެސް ތަރުބިއްޔަތެއް ހަރުނުލާނެއެވެ.

މާތް ނަބިއްޔާ صلى الله عليه و سلم އަކީ ހުރިހާ ކަމެއްވެސް އެންމެ ރަނގަޅަށް އުނގަންނަވައިދެއްވާ ސާހިބާއެވެ. އެކަލޭގެފާނަކީ ކޮންމެ ކަމެއްގައިވެސް ނަމޫނާއަކަށް އަޅުގަނޑުމެން ބަލަންޖެހޭ ސާހިބާއެވެ. ކުޑަކުދިންނާއި ޒުވާނުންގެ ކަންތައްތަކަކީ އެކަލޭގެފާނު ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވިކަންކަމެވެ.  މިގޮތުން އެކުދިން ތަރުބިއްޔަތުކުރުމުގައި މާތް ނަބިއްޔާ صلى الله عليه و سلم އެންމެބޮޑު އަހައްމިއްޔަތުކަމެއް ދެއްވީ ﷲ ތަޢާލާ އެއްކައުވަންތަކުރުން އެކުދިންގެ ހިތްތަކުގައި އަށަގެންނެވުމަށެވެ.

= ނުނިމޭ =

ލިޔުމުގެ އެހެންބައިތައް ވިދާޅުވުމަށް