[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

الإِجْمَاعُ 3

ijmaau2

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ދެވަނައީ: ސުންނަތުގެ ދަލީލުތައް

ނަބިއްޔާ صلى الله عليه وسلم ޙދީޘްކުރައްވާފައިވެއެވެ. ((…مَنْ أَرَادَ بُحْبُوحَةَ الْجَنَّةِ ، فَلْيَلْزَمِ الْجَمَاعَةَ…)) [رواه الترمذي / كتاب: الفتن… / باب: ما جاء في لزوم الجماعة / رقم: 2165 وغيره وصححه الألباني في السلسلة الصحيحة، رقم: 430]

މާނައީ: “…ސުވަރުގޭގެ އެންމެ ރަނގަޅުހިސާބަށް އެދޭ މީހާ ފަހެ [މުސްލިމުންގެ] ޖަމާޢަތަށް ލާޒިމުވާށެވެ…”

އަދިވެސް އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ((إِنَّ أُمَّتِي لَا تَجْتَمِعُ عَلَى ضَلَالَةٍ)) [رواه ابن ماجة / كتابـ: الفتن / باب: السواد الأعظم / رقم:  وغيره وصححه الألباني في مشكاة المصابيح، رقم: 173،174 ]

މާނައީ: “ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުން މަގުފުރެދުމެއްގެ މައްޗަށް ޖަމާނުވާނެއެވެ”

އިސްވެ ބަޔާންވެ ދިޔަ ނައްޞުތަކުން ފާހަގަކުރެވޭ ދެ އަޞްލެއްވެއެވެ:

ފުރަތަމަ އަޞްލަކީ: [މުސްލިމުންގެ] ޖަމާޢަތަށް ލާޒިމުވުމުގެ ވާޖިބުކަމެވެ. އަދި [މުސްލިމުންގެ] ޖަމާޢަތާ ވަކިވެ ޚިލާފުވުމުގެ ޙަރާމްކަމެވެ.

ދެވަނަ އަޞްލަކީ: މިއުންމަތް އެކުއެކީ ކުށްކުރުމުންނާއި މަގުފުރެދުމުން މަޢުޞޫމުވެގެންވާކަމެވެ.

މިދެ އަޞްލަކީ އެކަތި އަނެކައްޗަށް ލާޒިމުވާ ކަމެކެވެ. އެހެނީ އުންމަތް އެކުއެކީގައި ޖަމާވެފައިވާ ބަސް ޙައްޤުބަހަށް މެނުވީ ނުވާނެއެވެ. ހަމައެފަދައިން ފަހެ ހަމަކަށަވަރުން މަޢުޞޫމުކަން ލިބިގެންވަނީ އެންމެން އެކުއެކީ ބުނާ ބަހަށެވެ. ބައެއް ބޭކަލުންގެ ބަހަކަށްނޫނެވެ.

މިތާގައި ދެމަސްއަލައެއް ޛިކުރުކުރެވެއެވެ:

ފުރަތަމަ މަސްއަލައަކީ: މި ނައްޞުތަކުން އެނގިގެންދަނީ ވަކި ޢަދަދެއްގެ ބައެއް ކަނޑަނޭޅި، ރައްކާތެރިކަން މުޅި އުންމަތަށް ނިސްބަތްކުރެވޭކަމެވެ. އަދި ކިއެއް ހެއްޔެވެ. ހަމަކަށަވަރުން އިޖުމާޢުގެ އަހުލުވެރިން އިއްތިފާޤުވެވަޑައިގެންފިކަން ޘާބިތުވެއްޖެނަމަ އެބޭކަލުންގެ ބަހަށް ތަބާވުން ވާޖިބުވާނެއެވެ. އަދި އެބޫފުޅުން އެކަމުގައި މަޢުޞޫމުކަމަށް ޘާބިތުވާނެއެވެ. އެއަށް ބިނާކޮށް އިޖުމާޢުއެއް ޞައްޙަވުމުގައި އިޖުމާޢުވި ބޭކަލުންގެ ޢަދަދު މުތަވާޠިރު ދަރަޖައަށް ދިޔުން އެއީ ޝަރުޠެއް ނޫނެވެ. [1] އެހެނީ ޝަރުޢީ ދަލީލުތަކުގައި އެކަން ޝަރުޠުކުރެވިފައި ނުވާތީއެވެ. އަދި ކިއެއް ހެއްޔެވެ. ހަމަކަށަވަރުން މަޢުޞޫމުކަން ގުޅުވާލެވިފައިވަނީ އިޖުމާޢުއަށާއި އެއިއްތިފާޤުގެ މައްޗަށް އެކަންޏެވެ.

ދެވަނަ މަސްއަލައަކީ: ހަމަކަށަވަރުން މިނައްޞުތައް ދަލާލަތުކުރަނީ އިޖުމާޢުއަކީ ކޮންމެ ދުވަސްވަރެއްގައިވެސް ޙުއްޖަތެއްކަމެވެ. އެއީ ޞަހާބީ ބޭކަލުންގެ ދުވަސްވަރުގައި ކަމުގައިވިޔަސް، އަދި އެބޭފުޅުންނަށް ފަހުން ވަޑައިގެން ޖީލުތަކުގައި ކަމުގައި ވިޔަސްމެއެވެ.

=ނުނިމޭ=

_________________________________

[1] މުތަވާތިރުގެ އިތުރު ތަފްސީލުބެއްލެވުމަށް: ލިންކު

[2] މިލިޔުމަކީ محمد بن حسين الجيزاني – حفظه الله – ލިޔުއްވާފައިވާ ފޮތެއްކަމުގައިވާ معالم أصول الفقه عند أهل السنة والجماعة ގެ، އިޖުމާޢު އާ ގުޅުންހުރި ބާބު އަޞްލަކަށް ބަލައިގެން ލިޔެމުންދާ ލިޔުމެކެވެ. ބައްލަވާ މިފޮތުގެ ص: 155-178 ، طبعة: دار ابن الجوزي

މލިޔުމުގެ އެހެނިހެން ބައިތައް