[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 3 “މުޤައްދިމާ”

qiyaamai vumuge

ދެންފަހެ މިއުންމަތަކީ އެންމެފަހުގެ އުންމަތްކަމުގައި ވީހިނދު، އަދި މުޙައްމަދު صلّى الله عليه وسلّم އަކީ ނަބީކަމާއި ރަސޫލުކަން ޚަތިމް ކުރެއްވި މާތް ސާހިބާކަމުގައި ވީހިނދު، ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ މިއުންމަތަށް ޚާއްޞަ ކަންތައް ތަކެއް ދެއްވާފައެވެ. [މީގެ ތެރޭގައި] ޤިޔާމަތް ވުމުގެ ޢަލާމާތްތައް މިއުއްމަތުގައި ފާޅުކުރެއްވުން ހިމެނިގެން ވެއެވެ. މާތް ނަބިއްޔާ މުޙައްމަދު صلّى الله عليه وسلّم ވަނީ އެކަލޭގެފާނުގެ މާތް ދޫފުޅުން އެކަންކަން ބަޔާންކޮށްދެއްވާ ފުރިހަމަ ކޮށްދެއްވާފައެވެ. ޤިޔާމަތުގެ ޢަލާމާތްތައް މީސްތަކުންގެ ތެރެއިން ފާޅުވާނެކަމާއި އެކަމުން ރެކިނުގަނެވޭނޭކަން ވަނީ ޚަބަރު ކުރައްވާފައެވެ. ފަހެ އެމާތް ނަބީކަލޭގެފާނު صلّى الله عليه وسلّمއަށް ފަހު އިތުރު ނަބިއްޔަކު ނުފޮނުއްވުން އެއީ ޤިޔާމަތުގެ މިޢަލާމާތްތައް މީސްތަކުންނަށް ބަޔާންކޮށްދޭ ކަމެކެވެ. އަދި ފަހުޒަމާނުގައި ބޮޑެތި ކަންތައްތަކެއް ހިނގާ، މިޢާލަމް ފަނާވެ ނެތިގެންދިޔުން މީގެތެރެއިން ހިމެނިގެން ވެއެވެ. އަދި އެއަށްފަހު މުޅިން އާޙަޔާތެއްފެށި [ދުނިޔޭގައި] ކޮށްފައިވާ ކަންތައްތަކުގެ ޖަޒާ މީސްތަކުންނަށް ލިބިގެންދިޔުން ހިމެނިގެން ވެއެވެ.

﴿فَمَنْ يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ * وَمَنْ يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ﴾ (سورة الزلزلة 7-8) މާނައީ: “ފަހެ ޛައްރެއްގެ މިންވަރުވިޔަސް، ހެޔޮކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ. [7] އަދި ޛައްރެއްގެ މިންވަރުވިޔަސް، ނުބައިކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ. [8]

އާޚިރަތް ދުވަހަށް އީމާންވުމަކީ [އިސްލާމީ] ޢަޤީދާގެ ތެރޭގައި ހިމެނިގެންވާ، އެކަން ހިތުން ތެދުކޮށް ޤަބޫލުކުރުން ވާޖިބުވެގެންވާ ކަމެކެވެ. އެއީ އާޚިރަތް ދުވަހާއި އެދުވަހުން [ހެޔޮ ކަންތައްތައްތަކަށް] ޘަވާބާއި [ނުބައި ކަންތައްތަކަށް] ޢަޛާބު ދެއްވާނެ ކަމަށް އީމާންވުމެވެ. އެހެން ނަމަވެސް ދުނިޔޭގެ ދިރިއުޅުމާއި ދުނިޔޭގެ އުފަލާ މަޖަލުގައި، އާޚިރަތް ދުވަހުގެ މަތިން ހަނދުމަނެތި އެދުވަހަށްޓަކައި [ހެޔޮ] ޢަމަލުތައް ކުރުމުން މީސްތަކުން އެއްކިބާވެދާނެ ކަމަށްޓަކައި، އަދި އެދުވަހާއި މެދު މީސްތަކުންގެ ހިތްތަކުގައި ކުޑަވެސް ޝައްކެއް އޮތަނުދިނުމަށްޓަކައި، މާތް ﷲ ސުބްޙާނަޙޫ ވަތަޢާލާ ވަނީ ޤިޔާމަތް ދުވަހަކީ ހަމަކަށަވަރުންވެސް އަންނާނެ ދުވަހެއްކަން ދަލާލަތުކޮށްދޭ، އަދި އެކަންތައްތައް އިމްތިޙާނު ނުކުރެވި ދޫނުކުރައްވާނޭ ގިނަ ކަންތައްތަކެއް ލައްވާފައެވެ.

ފަހެ ތެދުވެރި އަދި ތެދުކުރެވިގެންވާ ސާހިބާ صلّى الله عليه وسلّم، ޤިޔާމަތުގެ ޢަލާމާތްތަކުގެ ތަކުގެ ތެރެއިން ކަމެއް އަންގާދެއްވުމަށްފަހު، މީސްތަކުން އެއިން ކަމެއް ދެކިއްޖެ ކަމުގައި ވަނީނަމަ އެދުވަހަކީ ހަމަ ޔަޤީނުންވެސް އަންނާނެ ދުވަހެއްކަން މީސްތަކުންގެ ހިތްތަކުގައި ކަށަވަރުވެ ބިންވަޅުނެގިގެން ހިނގައިދާނެތެވެ. އަދި އެދުވަހަށްޓަކައި ތައްޔާރުވެ ހެޔޮޢަމަލު ކުރާނެކަން ޔަޤީނެވެ. ތިމާއަށް ކަނޑައެޅިގެންވާ އަޖަލު ހަމަވެ، މަރުއައިސް ބައްދަލު ވުމުގެ ކުރިން ޞާލިޙު ޢަމަލު ކުރުން ގިނަކުރާނެކަން ވެސް ކަށަވަރެވެ. [މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.]

﴿أَنْ تَقُولَ نَفْسٌ يَا حَسْرَتَا عَلَى مَا فَرَّطْتُ فِي جَنْبِ اللَّهِ وَإِنْ كُنْتُ لَمِنَ السَّاخِرِينَ * أَوْ تَقُولَ لَوْ أَنَّ اللَّهَ هَدَانِي لَكُنْتُ مِنَ الْمُتَّقِينَ * أَوْ تَقُولَ حِينَ تَرَى الْعَذَابَ لَوْ أَنَّ لِي كَرَّةً فَأَكُونَ مِنَ الْمُحْسِنِينَ﴾ (سورة الزمر 56-58) މާނައީ: “ﷲ ގެ ފަރާތަށް (އަދާކުރަންޖެހޭ ވާޖިބުތަކުގައި) މިއަޅާ ފަރުވާކުޑަކުރި ކަމަށްޓަކައި، މިއަޅާޔަށްހުރި ހިތާމައިގެ ބޮޑުކަމާއޭ ތިޔަބައިމީހުންކުރެ މީހަކަށް ބުނަންޖެހިދާނެތީއެވެ. އަދި ހަމަކަށަވަރުން، މިއަޅާވީ (ދީނަށް) ފުރައްސާރަކުރާ މީހުންގެ ތެރެއިންނެވެ. [56] ނުވަތަ ﷲ މިއަޅާޔަށް ތެދުމަގު ދެއްކެވިނަމަ، މިއަޅާވީހީ، ތަޤްވާވެރިންގެ ތެރެއިންކަން ކަށަވަރޭ އެމީހަކު ބުނަންޖެހިދާނެތީއެވެ. [57] ނުވަތަ އެމީހަކަށް ޢަޛާބުފެނިގެން އަންނަހިނދު، މިއަޅާޔަށް އަދި އެއްފަހަރު (ދުނިޔެއަށް) ރުޖޫޢަވުމެއް ލިބޭނެނަމައޭ ބުނަންޖެހިދާނެތީއެވެ. ފަހެ، އޭރުން ތިމަންއަޅާ ވާހުށީ، އިޙްސާންތެރިންގެ ތެރެއިންނެވެ. [58]

އަދި ނަބިއްޔާ صلّى الله عليه وسلّم އެކަލޭގެފާނުގެ ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

((بُعِثْتُ أَنَا وَالسَّاعَة كَهَاتَيْنِ)) (صحيح مسلم) މާނައީ: “ތިމަންކަލޭގެފާނު ފޮނުއްވުނީ ޤިޔާމަތާއި މިހާކައިރީގައެވެ.”(1)

 އަދި އެކަލޭގެފާނު صلى الله عليه وسلّم ޤިޔާމަތުގެ ވާހަކަ ޛިކުރުކުރައްވާކަމުގައި ވަނީނަމަ، އިތުރު އެކަލޭގެފާނުގެ ދެކޯތާފަތްޕުޅު  ރަތްވެ، އަޑުފުޅު އުފުލި، ގަދައަށް ކޯފާ އިސްވެ ހުންނަވައި ލަޝްކަރަކަށް އިންޛާރު ކުރައްވާ ބަސްފުޅު ޙަދީޘް ކުރައްވާ ކަހަލައެވެ:

“صَبَّحَكُمْ مَسَّاكُمْ” (صحيح مسلم) “ތިޔަބައިމީހުންގެ ކައިރިއަށް ހެނދުނުގެ ވަގުތު ނުވަތަ ހަވީރުގެ ވަޤުތު އަތުވެއްޖެއެވެ. (އެބަހީ: ހެނދުނުގެ ވަޤުތު ނުވަތަ ހަވީރުގެ ވަޤުތު ތިޔަބައިމީހުންނާ އައިސް ބައްދަލުކުރާ ފަދައިން ޤިޔާމަތް ކައިރިވެއްޖެއެވެ.)”

މާތް ނަބިއްޔާ صلّى الله عليه وسلّم ގެ އަޞްޙާބުބޭކަލުން، އެބޭކަލުންގެ ތެރެއިން ޤިޔާމަތުގެ ޢަލާމާތްތައް ފާޅުވުމުން އެކަންކަމާއިމެދު ބިރުފުޅުގެން ވަޑައިގެން އުޅުއްވައެވެ. އެގޮތުން ރަސޫލުﷲ صلّى الله عليه وسلّم ދައްޖާލުގެ ޞިފަތައް ބަޔާންކޮށްދެއްވުމުން އެބޭކަލުންނަށް އެކަން ސިފަވިގޮތާމެދު ބިރުފުޅުގެން ވަޑައިގެން އުޅުއްވިކަމުގައި ބަޔާންވެގެންވެއެވެ. ނައްވާސް ބުން ސަމްޢާން رضي الله عنه ގެ ކިބައިން ރިވާވެގެންވާ ޙަދީޘްގައި ވާފަދައިންނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

((ذَكَرَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ الدَّجَّالَ ذَاتَ غَدَاةٍ، فَخَفَّضَ فِيهِ وَرَفَّعَ، حَتَّى ظَنَنَّاهُ فِي طَائِفَةِ النَّخْلِ، فَلَمَّا رُحْنَا إِلَيْهِ عَرَفَ ذَلِكَ فِينَا، فَقَالَ: مَا شَأْنُكُمْ؟ قُلْنَا: يَا رَسُولَ اللهِ! ذَكَرْتَ الدَّجَّالَ غَدَاةً، فَخَفَّضْتَ فِيهِ وَرَفَّعْتَ، حَتَّى ظَنَنَّاهُ فِي طَائِفَةِ النَّخْلِ، فَقَالَ: غَيْرُ الدَّجَّالِ أَخْوَفُنِي عَلَيْكُمْ، إِنْ يَخْرُجْ وَأَنَا فِيكُمْ، فَأَنَا حَجِيجُهُ دُونَكُمْ، وَإِنْ يَخْرُجْ وَلَسْتُ فِيكُمْ، فَامْرُؤٌ حَجِيجُ نَفْسِهِ، وَاللهُ خَلِيفَتِي عَلَى كُلِّ مُسْلِمٍ)) (صحيح مسلم)

މާނައީ: “އެއްދުވަހަކު ހެނދުނުގެ ވަގުތުގައި ރަސޫލުﷲ صلّى الله عليه وسلّم ދައްޖާލުގެ ވާހަކަ ކިޔައިދެއްވިއެވެ. އަދި ކިޔައިދެއްވިއިރު އަޑުފުޅު މަޑުކުރައްވާ އަދި އަޑުފުޅު އުފުއްލަވާފައިވެސް ވާހަކަފުޅުދެއްކެވިއެވެ. ދައްޖާލު ފާޅުވެގެން އައިސް ކަދުރުދަނޑުތަކާ ދިމާލުގައި ވީހެން ތިމަންމެން ބޭކަލުންނަށް ހީވެއްޖެއުމަށް ދާންދެންނެވެ. ދެންފަހެ ރަސޫލުﷲ صلّى الله عليه وسلّم ގެ އަރިހަށް  ތިމަންމެން ދިޔުމުން ތިމަންމެންގެ ކިބައިގައި އެކަމަށް ބިރުގަންފައިވާކަމުގެ އަޘަރުފެންނަން ހުރުމުން ޙަދީޘްކުރައްވައިފިއެވެ ‘ތިޔަބޭކަލުންނަށް ކިހިނެއް ވީތޯއެވެ؟’ ތިމަންމެން ދެންނެވީމުއެވެ: ‘އޭ ﷲގެ ރަސޫލާއެވެ. (ހެނދުނު) ދައްޖާލުގެ ވާހަކަ ޛިކުރުކުރައްވާ، ކިޔައިދެއްވިއިރު އަޑުފުޅު މަޑުކުރައްވާ އަދި އަޑުފުޅު އުފުއްލަވާފައިވެސް ވާހަކަފުޅުދެއްކެވުމުން، ދައްޖާލު ފާޅުވެގެން އައިސް ކަދުރުދަނޑުތަކާ ދިމާލުގައިވީހެން ތިމަންމެންނަށް ހީވެއްޖެއެވެ.’ އެކަލޭގެފާނު صلّى الله عليه وسلّم ޙަދީޘް ކުރެއްވިއެވެ. ‘ތިމަންކަލޭގެފާނު ތިޔަބޭކަލުންގެ މައްޗަށް އެންމެ ބިރުފުޅުގަންނަނީ ދައްޖާލުގެ ކަންތައްތަކާ   މެދުއެވެ. ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ ތެރޭގައި ހުންނަވަނިކޮށް (ދައްޖާލު) ފާޅުވެއްޖެނަމަ ތިމަންކަލޭގެފާނު އޭގެ މައްޗަށް ގަދަވެ، ތިޔަބައިމީހުން ދިފާޢު ކުރައްވާނަމެވެ. އަދި ތިމަންކަލޭގެފާނު ތިޔަބޭކަލުންގެ ތެރޭގައި ނުވަނީސް (ދައްޖާލު) ފާޅުވެއްޖެނަމަ ކޮންމެ މީހަކުވެސް އަމިއްލައަށް އޭގެ މައްޗަށް ގަދަވެގަންނަ ހުއްޓެވެ.”

ހަމަޔަޤީނުންވެސް މާތް ނަބިއްޔާ صلّى الله عليه وسلّم އެކަންކަމާއިމެދު ޚަބަރުދެއްވާފައިވާ، ޤިޔާމަތުގެ ވަރަށްގިނަ ޢަލާމާތްތައް މިވަނީ ފާޅުވެ ނިމިފައެވެ. ފަހެ މުއުމިނު އަޅާގެ އީމާންތެރިކަން މިކަންކަމުގެ ސަބަބުން ދުވަހެއް ދުވަހަކަށް އިތުރުވެގެން ދެއެވެ. އަދި ނަބީކަމުގެ ދަލީލުތަކާއި [ރަސޫލުކަން] ތެދުކަމުގެ ހެކިތައް ޤަބޫލުކުރެވި އިސްލާމްދީނުގައި ޘާބިތުވެ ހުރުމަށް މުސްލިމުތަކުންނަށް [އެބައިމީހުންގެ ނަފްސުތައް] ވާޖިބު ކުރުވައެވެ.

ރަސޫލުﷲ صلّى الله عليه وسلّم ޚަބަރު ކުރައްވާފައިވާ ޣައިބުގެ ކަންކަން، އެކަލޭގެފާނު ޚަބަރު ކުރައްވާފައިވާ ގޮތަށް އެކަން ހިނގައިގެން ދާމަންޒަރު ފެނުމުން އީމާންތެރިކަން އިތުރުނުވެ ހުންނާނީ ކޮންފަދައަކުންތޯއެވެ؟ ފަހެ މިޢަލާމާތްތަކުންކުރެ އަލަށްފާޅުވާ ކޮންމެ ޢަލާމާތެއްމެ ވާހުށީ މުޙައްމަދު صلّى الله عليه وسلّم އުންމަތުގެ މައްޗަށްވާ ބަޔާންކޮށްދެނިވި މުޢުޖިޒާތަކަށްކަން ކަށަވަރެވެ. ދެންފަހެ ރަސޫލުﷲ صلّى الله عليه وسلّم ގެ ރިސާލަތައް ފުރަގަސްދީ، [އެރިސާލަތާމެދު] ޝައްކު އުފައްދާ މީހުންނަށް ގެއްލުމާއި ހަލާކު ހުއްޓެވެ. ނަރަކައިގެ ވޭންދެނިވި ޢަޛާބު ހުއްޓެވެ.

—————————————————————-

(1) މިޙަދީޘްގެ ޝަރަޙާގައި ޙާފިޡް އިބްން ރަޖަބް ވިދާޅުވެފައި ވެއެވެ. މާތް ނަބިއްޔާ صلّى الله عليه وسلّم ގެ އަތްޕުޅުގެ ޝަހާދަތް އިނގިއްޔާއި މެދު އިނގިލި ކައިރި ކޮށްލައްވައި މިފަދައިން ޙަދީޘް ކުރެއްވިއެވެ. އެބަހީ ޝަހާދަތް އިނގިއްޔާއި މެދު އިނގިލީގެ ތެރެއިން ބާކީ އޮތް ތަންކޮޅުގެ މިންވަރެވެ. އަދިވެސް ވިދާޅުވެފައި ވެއެވެ. އެކަލޭގެފާނު ދެއިނގިލި ކައިރިކޮށްލެއްވުމުން އެދެއިނގިލީގެ ދުރުމިނުގައިވާހާ މިންވަރެވެ.

ބައްލަވާ: فتح الباري لابن رجب / باب: من أدرك من العصر ركعة قبل الغروب / صفحة 536

=ނުނިމޭ=

މިލިޔުމުގެ އެހެންބައިތައް ބައްލަވާ