ރަސޫލުﷲ صلّى الله عليه وسلّم ޚަބަރު ދެއްވާފައިވާ ޣައިބުގެ ޚަބަރުތައް ހިތުން ތެދުކޮށް ޤަބޫލުކޮށް އެކަންކަމަށް އީމާންވުމަކީ ވާޖިބުވެގެންވާ ކަމެއްކަމުގައި ވީހިނދު އެކަންކަން ފާޅުވުމާމެދު ޝައްކު އުފައްދާ އަދި ޤިޔާމަތުގެ ޢަލާމާތްތަކާއި މެދުވެސް ޝައްކު އުފައްދައި، އެއްބަޔަކު އެއިން ބައެއްކަންކަމާމެދު އިންކާރުކޮށް، އަދި އަނެއްބަޔަކު، ބާޠިލް ގޮތްގޮތަށް އެކަންކަން ތައުވީލުކޮށް އެފުށްމިފުށަށްޖަހާ ފޮތްތައް ލިޔަމުންދާ މިޒަމާނުގައި، އެފަދަ އޮޅުވާލުންތަކަށް [ރައްދުދިނުން] މިބަޙުޘްގެ އަހައްމިއްޔަތު ތަކުގެ ތެރެއިން ހިމެނިގެން ވެއެވެ.
މިހެން މިކަން ވުމާއެކު އަދި އެހެން އެކަން ވުމާވެސްއެކު ޤިޔާމަތުގެ ޢަލާމާތްތަކުގެ މައްޗަށް، އެކަމުގެ ކުދި ޢަލާމާތްތަކާއި ބޮޑެތި ޢަލާމާތްތައް ޝާމިލުވާ، ކީރިތި ޤުރުއާނާއި މާތްނަބިއްޔާގެ ޠާހިރު ސުންނަތުގެ ޘާބިތު ދަލީލުތަކުގެ މައްޗަށް އެކުލެވޭފަދަ ބަޙުޘެއް ތައްޔާރުކުރުމަށް އަޅުގަނޑު ހިތްޖެހުނީއެވެ. ކޮންމެއަކަސް ޙަދީޘްތަކުގެ ޞިއްޙަތު ބެލުމާއި، ތަފާތު ރިވާޔަތްތައް ޖަމާކޮށް [އަޅައިކިޔުން] މިކަމުގައި ހިމެނިގެންވާކަމަށްޓަކައި މިމަޢުޟޫގައި ބަޙުޘެއް ލިޔެ ތައްޔާރު ކުރުމަކީ އެހާ ފަސޭހަ ކަމަކަށްވެސް ނުވިއެވެ.
ޤިޔާމަތުގެ ޢަލާމާތްތަކާ ބެހޭގޮތުން ބައެއް ޢިލްމުވެރިންވަނީ ފޮތްތައް ލިޔެފައެވެ. އެހެނެއްކަމަކު ޘާބިތުވެފައިވާ ޞައްޙަ ޙަދީޘްތައް ގެނެސްދިނުމަށް ލާޒިމްކުރެވި އެކަން ހިފެހެއްޓިފައިނުވާކަން ފާހަގަކުރެވެއެވެ. އަދި ކިއެއްތޯއެވެ. ވަރަށް ނާދިރު ޙާލަތެއް ފިޔަވައި، ޙަދީޘްތަކުގެ ޞައްޙަކަމާއި ނުޞައްޙަކަން ހުށަހަޅައިދެވުމެއްނެތި އެތައްބައިވަރު ރިވާޔަތްތަކެއް އެއްތަން ކުރެވިފައިވާތަން ފެނިގެންދެއެވެ. މިކަން ވެގެންދަނީ އެކަން ބަލައިގަންނަން ތިބޭ މީހުންނަށް (އެބަހީ ކިޔުންތެރިންނަށް) އޮޅުންބޮޅުންވެގެންދާފަދަ ކަމަކަށެވެ. އެކަމުގެ ޞައްޙަގޮތެއް އަދި ނުޞައްޙަގޮތެއް ދެނެގަންނަން ނޭނގުމަކަށެވެ. އަދި ހަމައެފަދައިން އިތުރު ތަފްޞީލަށް ކޮންމެހެން ބޭނުންޖެހޭ ޙަދީޘްތަކުގައި، [އެޙަދީޘާމެދު] އައިސްފައިވާ ޝަރަޙަ ގެނެސްދެވިފައި ނުވާކަން ފާހަގަ ކުރަމެވެ. އެހެނެއްކަމަކު އެބޭބޭކަލުން [ލިޔުންތަކުގައި] ވަނީ އެތައްބައިވަރު ޙަދީޘްތަކެއް އަޅުގަނޑުމެންނަށްޓަކައި އެއްތަންކޮށްދީ އެތައް ބުރަ މަސައްކަތެއް ފަސޭހަކޮށްދީފައެވެ. މާތް ﷲ އެބޭކަލުންނަށް ހެޔޮ ރަޙްމަތް ލައްވާށިއެވެ.
މިދެންނެވި ބައެއް ފޮތްތަކުގެ ތެރޭގައި؛
1. الفِتَنْ
މުއައްލިފް: الحَافِظْ نُعيْم بْن حَمَّاد الخُزَاعِي -رحمه الله-
އަވަހާރަވީ: 228ހ.
2. النِّهَايَة ނުވަތަ الفِتَنْ وَالْملاَحم
މުއައްލިފް: الحَافِظْ ابْن كَثيْر -رحمه الله-
އަވަހާރަވީ: 774ހ.
3. الإِشَاعَة لأَشْرَاطِ السَّاعَة
މުއައްލިފް: الشَّرِيْف مُحَمّد بن رَسُوْل الحُسَيْنِي البرزنجي -رحمه الله-
އަވަހާރަވީ: 1103ހ.
4. الإِذَاعَة لما كَان وَمَا يَكُوْن بَيْن يَدَي السَّاعَة
މުއައްލިފް: الشَّيْخ مُحَمّد صَدِيْق حَسَن القنوْجِي -رحمه الله-
އަވަހާރަވީ: 1307ހ.
5. إِتْحَاف الجَمَاعَة بِما جَاءَ فِيْ الفِتَن وَالملاحِم وَأَشْرَط السَاعَة
މުއައްލިފް: الشَّيْخ حَمُوْد عَبْدُ الله التّويجري النَّجدي -رحمه الله-
[އަވަހާރަވީ: 1413ހ.]
…………މިހެންގޮސް މިނޫންވެސް އެކިއެކި ފޮތްތަކުން، ޤިޔާމަތުގެ ޢަލާމާތްތަކާބެހޭ ޙަދީޘްތައް ނެގީމެވެ.
ހަމަޔަޤީނުންވެސް އަޅުގަނޑުގެ ކުރިއަރައިދިޔަ ބޭބޭފުޅުންގެ ކިބައިން މިކަމުގައި ފައިދާތައް ލިބިގެން ދިޔައެވެ. މިބަޙުޘް ލިޔުމުގައި ހިފަންވީ މިންގަނޑު ކަމުގައި އަޅުގަނޑަށް ފެނުނު ކަންތައްތަކެއް އަމިއްލަ ނަފްސަށް ލާޒިމް ކުރީމެވެ. އެއީ ނަބިއްޔާ صلّى الله عليه وسلّم ގެ ކިބަފުޅުން ވާރިދުވެފައިވާ ޞައްޙަ ޞަރީޙަ ދަލީލެއްގެ މައްޗަށް ކަނަޑައެޅިފައިވާ ޤިޔާމަތުގެ ޢަލާމާތެއް މެނުވީ އެއީ [އެކަމުގެ] ޢަލާމާތެއް ކަމުގައި ޒިކުރުނުކުރުމެވެ. ހަމައެފަދައިން [ޙަދީޘެއް ގެންނައިރު] ޞައްޙަ ދަރަޖައިގެ ނުވަތަ ޙަސަން ދަރަޖައިގެ ޙަދީޘެއް މެނުވީ ޒިކުރު ނުކުރުމަށް ލާޒިމްކުރީމެވެ. އެގޮތުން ޙަދީޘްގެ ޞައްޙަކަމާއި ނުޞައްޙަކަން ދެނެގަތުމުގައި ޙަދީޘް ޢިލްމުވެރިންގެ ބަސްފުޅުތަކަށް ރިޢާޔަތްކުރީމެވެ.
އަދި ޚުލާޞާގޮތެއްގައި [މިބަޙުޘް] ލިޔުމުގެ ގޮތުން، ކޮންމެ ޢަލާމާތެއްގައިމެ ހިމެނޭ ހުރިހާ ޞައްޙަ ޙަދީޘެއް ގެނެސްދީފައެއް ނުމެވާނެއެވެ. އަދިކިއެއްތޯއެވެ. [އެޢަލާމާތަކީ] ޤިޔާމަތުގެ ޢަލާމާތެއްކަން ކަށަވަރުކޮށްދޭފަދަ ޘާބިތު ބައެއް ޙަދީޘް ބަސްފުޅުތަކުން ފުއްދާލީމެވެ.
މީގެއިތުރުން ކޮންމެ ޢަލާމާތެއްގައިވެސް ކޮންމެހެން ދެނެގަނެ އެނގެންޖެހޭ ކަންކަން ޒިކުރުކޮށްލީމެވެ. އޭގެތޭގައި ބީރައްޓެހި ލަފްޒުތަކުގެ މާނަ ގެނެސްދިނުމާއި، ޙަދީޘެއްގައި ތަނެއްގެ ވާހަކަ އައިސްފައިވާނަމަ އެއީ ކޮންތަނެއްކަން ބަޔާންކޮށްދިނުން ހިމެނެއެވެ. އަދި ޢަލާމާތެއްގެ ޝަރަޙައާ ގުޅުންހުރި ޙަދީޘް ބަސްފުޅުތަކުންނާއި ނުވަތަ ޢިލްމުވެރިންގެ ބަސްފުޅުތަކުގެ ތެރެއިން ފަސޭހައިން ވިސްނޭނެފަދަ ޝަރަޙައެއް، ކޮންމެ ޢަލާމާތަކަށްވެސް ގެނެސްދިނުން އެއީ އެންމެ ރަނގަޅުގޮތް ކަމުގައިދެކި [އެގޮތަށް ކުރިޔަށްދިޔައީމެވެ.]
އަދި ހަމަ އެފަދައިން ޤިޔާމަތުގެ ޢަލާމާތްތަކުން ކުރެ ޢަލާމާތަކަށް އިންކާރުކުރާ ނުވަތަ ޙަދީޘްތަކުން ދަލީލު ލިއްބައިދޭ ގޮތްނޫން އެހެން ގޮތަކަށް އެކަން ތައުވީލު ކުރަމުންދާ ފަރާތްތަކަށް ރައްދު ދިނުމަށް ސަމާލުކަންދިނީމެވެ. ޤިޔާމަތުގެ ޢަލާމާތްތަކަކީ ޣައިބުގެ ކަންކަމުގެ ތެރޭގައި ހިމެނޭ، އެކަން އައިސްފައިވާ ގޮތަށް އީމާންވުން ވާޖިބުކުރުވާ ކަންތައްތަކެއް ކަމުގައާއި އެކަންކަން [ޤަބޫލުނުކޮށް] ރައްދު ކުރުމާއި ނުވަތަ އެއީ ހެޔޮކަމަށްވާ ނުވަތަ ނުބައި ކަމަށްވާ ނިޝާނެއް ކަމުގައި ދެކުމާއި ނުވަތަ [އެކަންކަމާ ގުޅިގެން] ޚުރާފާތް ފާޅުކުރުން އެއީ ހުއްދަވެގެންވާނެ ކަންތައްތަކެއް ނޫންކަން ބަޔާންކޮށްދިނީމެވެ.
ދެންފަހެ ޤިޔާމަތުގެ ޢަލާމާތްތައް ނަންގަނެވިފައިވާ ގިނަ ޚަބަރުތައް ނަޤުލުވެފައިވަނީ އާޙާދު ޙަދީޘްތަކުގައި ކަމަށްވީހިނދު އާޙާދު ޙަދީޘަކީ ޙުއްޖަތެއްކަން ބަޔާންކޮށް މިބަޙުޘްގެ ކުރީކޮޅުގައި ބާބެއް ބަނދެ ގެނެސްދިނީމެވެ. އެއީ އާޙާދު ޙަދީޘަކީ ޙުއްޖަތެއް ނޫން ކަމަށާއި ޢަޤީދާގެ މައްސަލަ ތަކުގައި އާޙާދު ޙަދީޘް ނުނެގޭނެ ކަމަށް ބުނާ މީހުންނަށް ރައްދެއްގެ ގޮތުންނެވެ.
ހަމަ އެގޮތަށް މި ބަޙުޘަކީ ﷲ އަށާއި އާޚިރަތް ދުވަހަށް އީމާން ވުމަށް ދެވޭ ދަޢުވަތެކެވެ. އަދި އަމިއްލަ ހަވާ ނަފްސަށް ބަސްފުޅު ވިދާޅު ނުވާ، ތެދުވެރި ކަމާއި ތެދު ކުރެވުމުގެ މާތް ސާހިބާ ދެއްވާފައިވާ އެންމެހާ ޚަބަރުތައް ތެދުކުރުމަށް ދެވޭ ދަޢުވަތެއްވެސް މެއެވެ. މާތް ﷲ އެކަލޭގެފާނަށާއި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުބޭކަލުންނަށް ގިނަގުނައިން ޞަލަވާތާއި ސަލާމް ލައްވާށިއެވެ.
އަދި ހަމަ މިބީދައިން މިއީ މަރުވުށްފަހު [އޮތް ދުނިޔެއަށް (އާޚިރަތަށް)] ތައްޔާރުވުމަށް ދެވޭ ދަޢުވަތެކެވެ. އެހެނީ ހަމަކަށަވަރުންވެސް ޤިޔާމަތް މިވަނީ ކުޑަތަންވެފައެވެ. ޤިޔާމަތްވުމުގެ އެތަކެއްބައިވަރު ޢަލާމާތެއް ފާޅުވެ ނިމިއްޖެއެވެ. އެކަމުގެ ބޮޑެތި ޢަލާމާތްތައް ފާޅުވާން ފަށައިފިނަމަ ހާރުގެ ގޮށް މޮހުމުން އޭގެ މިނާތައް އެކަތި އަނެކަތީގެ ފަހަތުން ދާތަރުތީބުން [ޢަލާމާތަކަށްފަހު ޢަލާމާތެއް] ތަބާވާހުއްޓެވެ. އަދި ހުޅަނގު ފަރާތުން އިރު އަރައިފި ކަމުގައި ވަނީނަމަ ފަހެ ތައުބާގެ ދޮރު ބަންދު ވެއްޖެއެވެ. ޢަމަލުތައް ނިމިއްޖެއެވެ. އެއަށްފަހު އީމާންވުމަކުން އަދި ތައުބާވުމަކުން މަންފާއެއް ނުކުރާނެތެވެ. އޭގެ ކުރިން (ހުޅަނގު ފަރާތުން އިރު އެރުމުގެ ކުރިން) އީމާންވެފައިވީ ނުވަތަ ތައުބާވެފައިވީ މީހަކަށް މެނުވީއެވެ.
﴿يَوْمَ يَأْتِي بَعْضُ آيَاتِ رَبِّكَ لاَ يَنفَعُ نَفْسًا إِيمَانُهَا لَمْ تَكُنْ آمَنَتْ مِن قَبْلُ أَوْ كَسَبَتْ فِي إِيمَانِهَا خَيْرًا﴾ (سورة الأنعام 158) މާނައީ: “ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ބައެއް އާޔަތް (އެބަހީ: ޤިޔާމަތުގެ ޢަލާމާތްތައް) އަންނަ ދުވަހު، އޭގެކުރިން އީމާންވެފައި ނުވާނަމަ، ނުވަތަ އީމާންވެ ހެޔޮޢަލުކޮށްފައި ނުވާނަމަ، އެއްވެސް ނަފްސަކަށް އެނަފްސެއްގެ އީމާނަކުން މަންފާއެއް ނުކުރާނެތެވެ.”
އަދި އެދުވަހަކީ ﴿يَتَذَكَّرُ الْإِنسَانُ مَا سَعَى * وَبُرِّزَتِ الْجَحِيمُ لِمَن يَرَى * فَأَمَّا مَن طَغَى * وَآثَرَ الْحَيَاةَ الدُّنْيَا * فَإِنَّ الْجَحِيمَ هِيَ الْمَأْوَى * وَأَمَّا مَنْ خَافَ مَقَامَ رَبِّهِ وَنَهَى النَّفْسَ عَنِ الْهَوَى * فَإِنَّ الْجَنَّةَ هِيَ الْمَأْوَى﴾ (سورة النازعات 35-41) “އިންސާނާ ކުޅަހާ ކަމެއް، ހަނދުމަވާ ދުވަހެވެ. [35] އަދި ދެކޭމީހަކަށް ނަރަކަ ފާޅުކުރައްވާނެތެވެ. [36] ފަހެ، ފުރެދުމުގައި ހައްދުފަހަނަޅައި، އަދި ދުނިޔޭގެ ދިރިއުޅުމަށް އިސްކަންދިން މީހާ ދަންނާށެވެ! [37-38] ފަހެ، ހަމަކަށަވަރުން، އެމީހާ އުޅޭނެ ތަނަކީ، ނަރަކަޔެވެ. [39] އަދި އެމީހާގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ހުންނަންޖެހޭ ހުރުމަށް ބިރުވެތިވެ، އެމީހެއްގެ ނަފްސު އަމިއްލަ އެދުންތަކުން ދުރުކޮށްފިމީހާ ދަންނާށެވެ! [40] ފަހެ، ހަމަކަށަވަރުން، އެމީހާ އުޅޭނެ ތަނަކީ، ސުވަރުގެއެވެ. [41]“
ބޮޑުވެގެންވާ ޢަރުޝީގެ ވެރި، މަތިވެރި މާތް ﷲ ގެ ޙަޟްރަތުން އެދި ދަންނަވަނީ، އެންމެބޮޑު ބިރުވެރިކަމުގެ ދުވަހު (ޤިޔާމްތް ދުވަހު)، އަމާންކަން ލިބިގެންވާ ބައެއް ކަމުގައި އަޅުގަނޑުމެން ލެއްވުމެވެ. އަދި އެކަލާނގެ [ޢަރްޝީގެ] ހިޔާވަހިކަން ނޫން ހިޔާވަހިކަމެއް ނުވާދުވަހު އެހިޔަލުން ހިޔާވަހިކަން ލިބޭ މީހުންގެ ތެރެއިން އަޅުގަނޑުމެން ލެއްވުމެވެ.
=ނުނިމޭ=