ޔަހޫދީންނާއި ނަސާރާއިން އެބައިމީހުންގެ ނަބީންގެ ސުންނަތްތައް ބަދަލުކޮށް ހެދުމުގެ ސަބަބުން، އެދެ ދީނުގެ އަސްލު ގެއްލި އޮޅުންފިލާން ނެތްކަމުގައިވީ ނަމަވެސް މުސްލިމުންގެ މާތް ނަބިއްޔާގެ ސުންނަތް އާދެ، އެނަބިއްޔާގެ ބަސްފުޅުތަކާއި ޢަމަލު ފުޅުތަކުގެ ޚަބަރު އަދި އަދަށް ދާންދެންވެސް ނުހަނު ސާފުކޮށް ފެންނާން އެބައޮތެވެ. އަދި ޤިޔާމަތާ ޖެހެންދެންވެސް އޮންނާނެއެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. تَرَكْتُ فِيكُمْ أَمْرَيْنِ لَنْ تَضِلُّوا مَا تَمَسَّكْتُمْ بِهِمَا كِتَابَ اللَّهِ وَسُنَّةَ نَبِيِّهِ–(موطأ كتاب القدر 3)މާނައީ: “ތިޔަބައިމީހުންގެ ތެރެއަށް ބަޔާން ވެގެންވާ ދެއެއްޗެއް ތިމަން ނަބިއްޔާ ދޫކުރީމެވެ. އޭގައި ތިޔަބައިމީހުން ހިފަހައްޓައިގެން ތިބިހާ ހިނދަކު، ދުވަހަކުވެސް ތިޔަބައިމިހުން މަގުނުފުރެދޭނެއެވެ. އެއީ ﷲ ތަޢާލާގެ ފޮތާއި އެއިލާހުގެ ނަބިއްޔާގެ ސުންނަތެވެ.”
ޝައްކެއްވެސް ނެތެވެ. މިފަދަ ޞަރީޙަކޮށް ބަޔާންކޮށް ދެއްވާފައިވާ ދެއެއްޗެއްގައި ހިފައި އެއަށް ޢަމަލުކޮށްފިނަމަ މަގުނުފުރެދޭނެ ދެއެއްޗަކީ ދާއިމީ ގޮތެއްގައި ޒަމާނަށް ދެމިއޮންނާނެ ދެއެއްޗެއްކަން ޔަޤީނެވެ. އެހެންނަމަ އެދެއެއްޗެއްގައި ހިފާކަން ނުއެންގެވީސްކަން ކަށަވަރެވެ. އާދެ، ދީނުގެ ބައެއް ޢަދާވާތް ތެރިންނާއި، އަމިއްލަ އެދުމުގެ އަހުލުވެރިންގެ ސަބަބުން ސުންނަތަށް އެރި ބައެއް އޮޅުން ނެތީއެއްނޫނެވެ. ނަމަވެސް ދީނުގެ ކުޅަދާނަ ޢިލްމުވެރީންގެ އަގު ނުކުރެވޭފަދަ ޚިދުމަތާއި މިންނަތުން މިދެންނެވި އޮޅުންތައް ފިލުވާ ސާފުކޮށް ދެއްވައިފިއެވެ. މިއަދު މިއޮތީ އެނަބިއްޔާގެ ސުންނަތް ނުހަނު ރޯޝަންކޮށެވެ. ނަމަވެސް އެފެންނަނީ ހޯދައި ބަލައި އެކަމަށް ނަޒަރު ހިންގާ މީހަކަށެވެ.
ކީރިތި ޤުރުއާން ރައްކައުތެރި ކުރައްވާނެކަމުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ – (الحجر 9)މާނައީ: “ހަމަކަށަވަރުން ތިމަންއިލާހު ޤުރުއާން ބާވައިލެއްވީމެވެ. އަދި ހަމަޔަޤީނުން އެފޮތް ރައްކައުތެރި ކުރައްވާ ހުށީމެވެ.”
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަކީ ކީރިތި ޤުރުއާންގެ ޝަރަޙަ އެވެ. އެގޮތް އެގޭނީ މިއާޔަތުންނެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. وَاذْكُرْنَ مَا يُتْلَىٰ فِي بُيُوتِكُنَّ مِنْ آيَاتِ اللَّهِ وَالْحِكْمَةِ (أحزاب 34)މިއާޔަތާ އަދި މިފަދަ އެހެނިހެން އާޔަތުންނެވެ. މިއާޔަތުގެ މާނައީ: “އަދި ﷲއާޔަތްތަކުންނާ ޙިކުމަތުން (އެބަހީ: ސުންނަތުން) ކިޔެވޭ ތަކެތި ތިޔަބައިމީހުން ތިޔަކަބަލުން ގޭގައި ކިޔަވާށެވެ.” މިއާޔަތުގެ ޙިކުމަތުގެ މުރާދަކީ ސުންނަތެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅު އެއީވެސް ވަޙީ ކަމުގައި އަންގަވައި ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. وَمَا يَنطِقُ عَنِ الْهَوَى (3) إِنْ هُوَ إِلَّا وَحْيٌ يُوحَى – (نجم 3, 4)މާނައީ: “އެނަބިއްޔާ އަމިއްލަ ހަވާނަފްސަށް (ދީނުގެ) ވާހަކަފުޅު، ނުދައްކަވައެވެ. އަދި ކިޔެއް ހެއްޔެވެ. އެއީ ހަމަ ވަޙީކަމުގައި މެނުވީ ނުވެއެވެ.”
ވީއިރު ޤުރުއާން ސަލާމަތުން އޮވެފައި ސުންނަތް ފެންނާން ނެތްކަމުގައި ބުނާ މީހުންގެ މައްޗަށް މިހުރިހައި އާޔަތްތަކެއް ރައްދު ކުރެއެވެ. އާދެ، ސުންނަތް ފެންނަން އެބައޮތެވެ. ނަމަވެސް މިޒަމާނަކަށް އައިސް ދީނުގެ ކަންކަމާމެދު ނަފްރަތުކުރާ ބައެއް މީހުން އެނަބިއްޔާގެ ސުންނަތް މިހާގިނަ ދުވަހު ދެމިއޮތުމަކީ އެކަށީގެންނުވާ ކަމެއް ކަމުގައި ބުނެ ހަދައެވެ. ޝައްކެއްވެސް ނެތެވެ. އެއީ ދީނުގެ ޢަދާވަތްތެރިންގެ ބަސް ޤަބޫލްކޮށް ސީދާމަގު ގެއްލިފައިވާ މީހުންނެވެ. ﷲ ތަޢާލާ އެމީހުންނަށް ތެދުމަގު ދައްކަވާށިއެވެ.
ކިޔަވާ ކުދިންގެ މަޢުލުމާތަށްޓަކައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތް ލިޔެފައިހުރި ބައެއް މުހިއްމު ފޮތް މިތާ ނޯޓް ކޮށްލަމެވެ.
1. صحيح البخارى
2. صحيح مسلم
3. سنن أبى داود
4. سنن الترمذى
5.سنن النسائى
6. سنن أبن ماجه
7. مسند الإمام أحمد بن حنبل
8. موطأ الإمام مالك
އަދި މިނޫންވެސް ކިތަންމެ ފޮތެކެވެ. މިހުރިހާ ފޮތެއް ދަންނަބޭކަލުން ކުރެއްވި ޚިދުމަތްތަކާއެކު އަދި އަދަށް ދާންދެންވެސް އެބަހުއްޓެވެ. ވީމާ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތް ހޯދާ އުގެނި ދަސްކޮށް އެއަށް ޢަމަލު ކުރުމީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް އެންމެ މުޤައްދަސް ވާޖިބެވެ. ދުނިޔެ އާއި އާޚިރަތުގެ ބާއްޖަ ވެރިކަން ލިބިގަތުމަށްޓަކައެވެ.
ސުވާލު:
(1) ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މިއުއްމަތް މަގު ނުފެރެދުމަށްޓަކައި ދޫކުރެއްވި ދެ އެއްޗަކީކޮބާ؟
(2) ޔަހޫދީންނާއި ނަސާރާއިންގެ ނަބީބޭކަލުންގެ ސުންނަތް ފެންނާންނެތީ ކީއްވެ؟
(3) ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތް ލިޔެވިފައިހުރި ބައެއް ފޮތް ބަޔާންކުރޭ!
(4) ސުނަތް ދެމިއޮތް ކަމުގެ ދަލީލު ބަޔާންކުރޭ!