[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މުސްލިމު އަންހެންކަނބަލުންގެ ޙައްޤުތަކާއި ވާޖިބުތައް

26743_109106252433994_100000038581583_240055_1653138_nإن الحمد لله نحمده ونستعينه ونستغفره ونعوذ بالله من شرور أنفسنا ومن سيئات أعمالنا, من يهده الله فلا مضل له , ومن يضلل فلا هادي له , وأشهد أن لا إله إلا الله وحده لا شريك له وأشهد أن محمدا عبده ورسوله صلى الله عليه وعلى آله وأصحابه ومن تبعهم بإحسان إلى يوم الدين وسلم تسليما كثيرا

އެންމެހާ ޙަމްދު ތަޢުރީފާއި ޘަނާ ޙައްޤުވެގެންވަނީ ޢާލަމްތަކުގެ ވެރި ﷲ ޢައްޒަ ވަޖައްލައަށެވެ. އަޅަމެން އެހީއާއި މަދަދަށް އަދި ވާތްގަށް އެދެނީ އެއިލާހުގެ ޙަޟްރަތުންނެވެ. ފާފަ ފުއްސެވުމަށާއި ރައްކާތެރިކަމަށް އެދެނީވެސް ހަމަ އެ މަތިވެރި އެއްކައުވަންތަ އިލާހުގެ ޙަޟްރަތުންނެވެ. އެއިލާހު ތެދުމަގު ދައްކަވައިފި ފަރާތެއް މަގުފުރައްދާނެ ފަރާތެއްނުވެއެވެ. އަދި އެއިލާހު މަގުފުރައްދަވައިފި ފަރާތަކަށް ތެދުމަގު ދައްކާނޭ ފަރާތެއްނުވެއެވެ. ﷲ ޢައްޒަވައްޖަލަ ފިޔަވައި ޙައްޤުގޮތުގައި އަޅުކަން ކުރެވޭ ފަރާތެއް ނުވާކަމަށް އަޅު ހެކިވަމެވެ. އެއިލާހަށް އެއްވެސް ބައިވެރިޔަކު، ޝަރީކަކުނުވެއެވެ. އަދި އެއިލާހުގެ އަޅާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ މިއުއްމަތުގެ މާތް ނަބިއްޔާ އަދި ރަސޫލާކަމަށް އަޅުހެކިވަމެވެ. އަދި މި ޞަލަވާތުގައި އެކަލޭގެފާނުގެ އެންމެހާ އަހުލުބައިތުންނާއި އަޞްޙާބު ބޭކަލުން އަދި ޤިޔާމަތާ ހަމައަށް ދާންދެން އެކަލޭގެފާނަށް ތަބާވީ އެންމެހާ މީސްތަކުން ޝާމިލުކުރަމެވެ. އާމީން

ދުނިޔޭގައިވާ ހުރިހާ ދީންތަކުގެ ތެރެއިން އަންހެންކަނބަލުންނަށް އެންމެ މަތިވެރި ދަރަޖައެއް ދީ އެކަނބަލުންނަކީ އަގުހުރި ބައެއްކަމުގައި އެންމެ ފުރިހަމައަށް ބަލައިގަތް ދީނަކީ އިސްލާމްދީން ކަމާމެދުގައި އިތުރަށް ޝައްކުކުރާނެ އެއްވެސް ޖާގައެއްނެތެވެ. ސަބަބަކީ އެ ދީނުގެ އެންމެ މަތިވެރި ފޮތުގައި އެކަނބަލުންގެ ޚައްޤުތައް ރައްކާތެރި ކުރުމަށްޓަކައި ސޫރަތެއް ބާވާލައްވާފައިވެއެވެ. އެކަނބަލުންނަށް ލިބެން ޖެހޭ ޙައްޤުތައް ނުހަނު ފުރިހަމައަށް އެފޮތުގަޔާއި އަދި އެފޮތް ބާވައިލެއްވި އިލާހު ފޮނުއްވި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން ސާބިތުވެއެވެ. ނަމަވެސް މިފަހަކަށްއައިސް އިސްލާމްދީނަކީ އަންހެނުންގެ ޤަދަރު ނަގާލައި އެކަނބަލުންގެ ޙައްޤުތައް ނިގުޅައިގަންނަ ދީނެއް ކަމަށް މިދީނުގެ ދުޝްމަނުންނާއި މުނާފިޤުން ދަނީ ތުހުމަތުކުރަމުންނެވެ. ކަމުގެ ޙަޤީޤަތް ނުބަލައި އެމީހުންގެ ނަޒަރުން އަޅާކިޔަން ފަށައިފިނަމަ އިސްލާމްދީނުގައިވާ ކޮންމެއެއްޗަކީވެސް ކޮންމެ ސުރުހީއަކީވެސް މިފަދަ ކަމަކަށްވާނެ ކަމާމެދު ޝައްކެއްނެތެވެ.

ގިނަޢިލްމުވެރިން މިމަޢުޟޫޢުގައި ވާހަކަދައްކާފައިވާއިރުވެސް މިމަޢުޟޫޢު ވެފައިވަނީ، އިސްލާމްދީނުގެ އަގުވައްޓާލުމަށާއި އަދި ދީނަށް އޮންނަ ޤަދަރު ގެއްލުވާލުމަށް ބޭނުންކުރެވެމުންދާ މަޢުޟޫއަކަށެވެ. ވީމާ މިފޮތުގައި އަލިއަޅުވާލެވިފައިވަނީ މިފަދަ ބުހުތާނުތަކުގެ ޙަޤީޤަތަކީ ކޮބައިކަމާއި އިސްލާމްދީނުގައި އަންހެން ކަނބަލުންނަކީ ކިހާ މަތިވެރި ދަރަޖައެއްދެވޭ ބައެއްކަމާއި، ދީނުގައި އެކަނބަލުންނަށް ކަންތައްތައް ކުރަން އަންގަވާފައިވާ އިރުޝާދުތަކުގެ މައްޗަށެވެ. ވީމާ އުއްމީދުކުރެވެނީ މިފޮތުގެ ޒަރީއާއިން މިދެންނެވިފަދަ ޚީޔާލީ ބުހުތާނުތަކާއި އަދި އިސްލާމްދީނުގައި އެކަނބަލުންނަށް ދެވޭ ޙައްޤުތަކާއި ވާޖިބުތަކާއި މެދުގައި ދެކެވޭ ދޮގުވާހަކަތައް ފިލުވާލުމުގެ ކުޑަނަމަވެސް އެހީތެރިއަކަށް ވާނެކަމަށެވެ. އިސްލާމްދީނުގައި އަންހެނުންގެ މައްސަލަތަކަކީ އަބަދުވެސް ވާހަކަދެކެވޭ މަޢުޟޫއަކަށް އޮންނަނީ ވެފައެވެ. ނަމަވެސް ހިތާމައަކީ މިވާހަކަތަކުގެ އަސްލުތަކަކީ ފުރިހަމަ މަޢުލޫމާތު ނުލިބި އުފެދިފައި ހުރި ވާހަކަތަކާއި، ނުބައިކޮށް މާނަކުރެވުމުގެ ސަބަބުން އުފެދޭ “އެގަހުކޭލެއް މިގަހުކޭލެއް ނޭނގޭ” މައްސަލަތައް ކަމެވެ. މިފޮތުގައި މިސުރުހީ ގެމައްޗަށް އަލިއަޅުވާލެވިފައިވާނީ ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގެ އަލީގައެވެ.

ފެށުމުގެ ކުރިން އަޅުގަނޑުމެން އެންމެވެސް ދެނެގަންނަންވީ ކަމަކީ އަޅުގަނޑުމެން އިންސާނުންނާއި ޖިންނީންނަކީ ﷲ ޢައްޒަވަޖައްލަ، ކޮން ބޭނުމަކު އުފައްދަވާފައިވާ ބައެއްކަމެވެ. އަޅުގަނޑުމެން މުސްލިމުން ޤަބޫލުކުރާގޮތުގައި ޖިންނީންވެސް އަދި އިންސީންވެސް އުފެއްދެވުނީ ހަމައެކަނި ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އަޅުކަންކުރުމަށެވެ. އަދި ޝައިތާނާއާއި އެސޮރުގެ އެކުވެރިން ކިބައިން ސަލާމަތްވެގެން ފުރިހަމަ “ޠާހިރު” ދިރުއުޅުމެއް އުޅެވޭނީ ﷲ ޢައްޒަވަޖައްލަ އެންގެވި ގޮތަށް ތަބާވެ އެމަގުން ހިނގައިގެންނެވެ. އޭރުން އަޅުގަނޑުމެންނަކީ ކާމިޔާބުލިބި، ސުވަރުގޭގެ މަތިވެރި ދަރަޖަލިބޭ ބަޔަކަށް ވެގެންދާނެކަމާމެދު ޝައްކެއްނެތެވެ. ވީމާ މުޅި މިމައްސަލާގައިވެސް ރޫޙާނީގޮތުން ވިސްނަންޖެހޭނީ މިނަޒަރުންނެވެ.

ނުނިމޭ

ނޯޓު: މިއީ ” މިއީ ޙުޤޫޤް ވަ ވާޖިބާތުލް މަރްއާ ފިލް އިސްލާމް” މި ފޮތް އަސްލަކަށް ބެލިގެން އެކުލަވާލެވިފައިވާ ކުޑަ ރިސާލާއެކެވެ. މިފޮތް ލިޔުމަށް އެހީތެރިވި އަދި ޓައިޕުކޮށްދެވި އެންމެހާ އަޚުންނަށް ﷲ ހެޔޮޖަޒާ ދެއްވާށިއެވެ. އަދި ކުށެއްވާނަމަ އަޅުގަނޑާއި ޝައިތާނާގެ ކިބައިންނެވެ.

ފޮޓޯގައިވާ ޙަދީޘްގެ މާނަ: “ފަހެ އަންހެނާ ފަސްނަމާދުކޮށް، އިތްފަތްތެރިވެ، ފިރިމީހާއަށް ކިޔަމަންތެރިކަން އަދާކުރުމުން ސުވަރުގޭގެ ދޮރުކޮޅުތަކުން ބޭނުންދޮރަކުން ސުވަރުގެ ވަދެވޭހުއްޓެވެ” ރިވާކުރެއްވީ އިމާމު އަޙުމަދު