[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

الإِجْمَاعُ 4

ijmaau2

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

އިޖުމާޢުގެ މައްޗަށް ބިނާވާ ޙުކުމްތައް [1]

ފުރަތަމައީ: އިޖްމާޢުއަށް ތަބާވުމުގެ ވާޖިބުކަމާއި އެއާ ޚިލާފުވުމަކީ ޙަރާމްކަމެއް

އިޖްމާޢުއަކީ ޙުއްޖަތެކޭ ބުނެވޭ ބަހުގެ މާނައަކީ މިއީއެވެ. އިބްނު ތައިމިއްޔާ رحمه الله ވިދާޅުވެފައިވެއެވެ.

” ޙުކުމްތަކުގެ ތެރެއިން ޙުކުމަކަށް އުންމަތުގެ އިޖްމާޢު ޘާބިތުވެއްޖެނަމަ،  އެކަކުވެސް އެބައިމީހުންގެ އެއިޖުމާޢު ދޫކޮށްލައިގެން ނުވާނެއެވެ.”

ދެވަނައީ: އެ އިޖްމާޢުވެވުނުކަމަކީ ޙައްޤުކަމާއި އަދި ރަނގަޅުގޮތް. އެއިޖުމާޢު ގޯހެއް ނުވާނެ.

މިޙުކުމުގެ މައްޗަށް އަންނަނިވި ކަންތައްތައް ބިނާވެގެންވެއެވެ:

أ- ނައްޞަކާ ޚިލާފަށް އިޖުމާޢުވުމަކީ ވާނޭ ކަމެއްނޫނެވެ.

އެފަދަ ދަޢުވާއެއްކޮށްފި މީހެއްގެ ޙާލަކީ ދެގޮތުންކުރެ އެއްގޮތެކެވެ.

ފުރަތަމަ ގޮތަކީ: އެ އިޖުމާޢުވެފައިވާކަން ޞައްޙަކޮށް ޘާބިތުވެފައިނުވުމެވެ. އެހެނީ ކުށެއްގެ މައްޗަށް އުންމަތް އެއްބަހެއް ނުވާނެއެވެ. އަދި ނައްޞަކާ ޚިލާފުވުމަކީ ކުށެކެވެ.

ދެވަނަ ގޮތަކީ: ހަމަކަށަވަރުން އެނައްޞުވާނީ މަންސޫޚުވެފައެވެ. އެނައްޞާ ޚިލާފަށް އުންމަތް އިޖުމާޢުވީ އެނައްޞޫ މަންސޫޚުކުރި ދަލީލުގެ މައްޗަށެވެ. އިބްނު އަލްޤައްޔިމް رحمه الله ވިދާޅުވެފައިވެއެވެ.

” ނައްޞަކާ ޚިލާފަށް އުންމަތް އިޖުމާޢުވުމަކީ ވާނޭކަމެއްނޫނެވެ. އެކަން ވެފަ އޮންނާނޭ ގޮތަކީ އެކަން މަންސޫޚުކުރާނެ އެހެން ނައްޞެއް އެކަމުގައި އޮންނާނެއެވެ.’

ب – ކުރިން އިޖްމާޢުވެފައިވާ ކަމަކާ ޚިލާފެއް އިޖްމާޢުއެއް ނުވާނެއެވެ. އެކަމުގެ ދަޢުވާކޮށްފި މީހަކު ދަންނާށެވެ. ފަހެ އޭގެން ލާޒިމުވަނީ ދެ އިޖްމާޢުއިން އެއް އިޖްމާޢު ބާޠިލުވުމެވެ. އެހެނީ ޤަޠްޢީ ދެދަލީލު ތަޢާރުޟުވުމަށް އެކަމުން ލާޒިމުވެއެވެ. އެއީ ވާނޭކަމެއްނޫނެވެ.

ج- މުޙައްމަދު صلى الله عليه وسلمގެ އުންމަތް އެކުއެކީ މުރުތައްދުވުމަކީ ވާނޭ ކަމެއްނޫނެވެ. އެހެނީ އެންމެ ބޮޑުކުށަކީ މުރުތައްދުވުމެވެ. ޤަޠުޢީ ޘާބިތުދަލީލުތަކުން އެނގޭ ގޮތުން މިއުންމަތުގެ މީހުން ކުށަކަށް ނުވަތަ މަގުފުރެދުމަކަށް އިޖުމާޢުއެއްނުވާނެއެވެ.

د- އުންމަތައް ބޭނުންޖެހިފައިވާ ނައްޞެއް ގެއްލުވާލުމަކީ އުންމަތުގެ މައްޗަށް ވާނޭކަމެއްނޫނެވެ. އަދި ކިއެއް ހެއްޔެވެ. އެކަމުން އުންމަތްވަނީ މަޢުޞޫމުވެގެންނެވެ. ނަމަވެސް އުންމަތުގެ ބައެއްމީހުންނަށް ބައެއް ނައްޞުތައް ނޭނގިދާނެއެވެ. ނަމަވެސް މުޅި އުންމަތަށް އެކަން ނޭނގުމަކީ ވާނޭކަމެއްނޫނެވެ.

ތިންވަނައީ: އިޖުމާޢުވެފައިވާ ޙުކުމެއް އިންކާރުކުރާމީހާގެ ޙުކުމް

އިބްނު ތައިމިއްޔާ رحمه الله ވިދާޅުވެފައިވެއެވެ.

” މިކަމުގެ ރަނގަޅު ގޮތަކީ ފާޅުވެ ބަޔާންވެފައިވާ އިޖުމާޢުއަކާ އިންކާރުކޮށް ޚިލާފުވާމީހާ ކާފަރުވާނެކަމެވެ. އެއީ ނައްޞަކަށް އިންކާރުކޮށް ޚިލާފުވެ އެދޫކޮށްލާ މީހުން ފަދައިންނެވެ… އެނގިފައިނުވާ އިޖުމާޢުއާ ޚިލާފުވުމާމެދެ ދަންނައެވެ. އެއީ ކާފަރުވާކަމެއްނޫނެވެ.”

ހަތަރުވަނައީ: [މައްސަލާގައި އިޖުމާޢުވެފައިވާނަމަ] އިޖްތިހާދުކުރުން ޙަރާމްވުން.

އެހެނީ އިޖުމާޢުއާ ތަބާވުން ވާޖިބުވެގެންވެއެވެ. ފަހެ ހަމަކަށަވަރުން ނައްޞެއްގެ މައްޗަށް މެނުވީ އިޖުމާޢުއެއްނުވެއެވެ. އެހެންކަމުން – އެނގިބަޔާންވެގެންވާ ގޮތުގައި – މައްސަލާގައި ނައްޞެއް އައިސްފައިވާނަމަ އެކަމުގައި އިޖުތިހާދެއް ނުކުރެވޭނެއެވެ.”

ފަސްވަނައީ: އިޖުމާޢުވީ ކޮން ދަލީލެއްގެ މައްޗަށްކަން ނަޤުލުކޮށްދިނުން ލާޒިމުވެގެން ނުވުން.

އެކަމުގެ ދަލީލު ބަޔާންނުކުރިނަމަވެސް އިޖުމާޢުވެފައިވާކަން ބަޔާންކުރުމުން އެމިންވަރުން ފުދެއެވެ. އަދި އިޖުމާޢުއިން ފުދިފައިވާތީ އެމައްސަލައިގެ އިތުރު ދަލީލެއް އޮތްތާ ހޯދާކަށް ނުޖެހޭނެއެވެ.

=ނިމުނީ=

_________________________________

[1] މިލިޔުމަކީ محمد بن حسين الجيزاني – حفظه الله – ލިޔުއްވާފައިވާ ފޮތެއްކަމުގައިވާ معالم أصول الفقه عند أهل السنة والجماعة ގެ، އިޖުމާޢު އާ ގުޅުންހުރި ބާބު އަޞްލަކަށް ބަލައިގެން ލިޔެމުންދާ ލިޔުމެކެވެ. ބައްލަވާ މިފޮތުގެ ص: 155-178 ، طبعة: دار ابن الجوزي

މލިޔުމުގެ އެހެނިހެން ބައިތައް