[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢިލްމު އެދިގޮވަނީ ޢަމަލުކުރުމަށް 20

ilm

الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ، وَالْعَاقِبَةُ لِلْمُتَّقِينَ، وَصَلَّى الله عَلَى مُحَمَّدٍ خَاتَمِ النَّبِيِّينَ، وَعَلَى جَمِيعِ الْأَنْبِيَاءِ وَالْمُرْسَلِينَ.

އަދި ޢަބްދުﷲ ބުން އަލްމުޢްތައްޒު رحمه الله ވިދާޅުވިއެވެ.

“ޢަމަލު ނުކުރެވޭ ޢިލްމުގެ މިޘާލަކީ މޭވާ ނެތް ގަހެއްގެ މިޘާލެވެ.”

އަދިވެސް ވިދާޅުވިއެވެ.

” މުނާފިޤު މީހާގެ ޢިލްމުވަނީ އޭނަގެ ބަހުގައެވެ. އަދި މުއުމިނާގެ ޢިލްމުވަނީ އޭނަގެ ޢަމަލުގައެވެ.”

އަދި މަޢްރޫފުލް ކަރްޚީ رحمه الله ވިދާޅުވިއެވެ.

” ﷲ ތަޢާލާ އަޅަކަށް ހެޔޮ ގޮތެއް އިރާދަ ކުރައްވައިފިނަމަ ، ހެޔޮ ޢަމަލު ކުޅައުމުގެ ދޮރު އޭނަޔަށް ހުޅުއްވާ ދެއްވައެވެ. އަދި ޖަދަލު ކުރުމުގެ ދޮރު އޭނަޔަށް ބަންދު ކުރައްވައެވެ. އަދި ﷲ ތަޢާލާ އަޅަކަށް ނުބައި ގޮތް އިރާދަ ކުރައްވައިފިނަމަ ، ޖަދަލު ކުރުމުގެ ދޮރު އޭނަޔަށް ހުޅުއްވައިދެއްވައެވެ. ހެޔޮ ޢަމަލު ކުޅައުމުގެ ދޮރު އޭނަޔަށް ބަންދު ކޮށްދެއްވައެވެ.”

އަދި އަލްޙަސަނުލް ބަޞަރީ رحمه الله ބަޔަކު ޒުވާބުކޮށް ޖަދަލު ކުރަނިކޮށް އަޑު އިވިގެން ވިދާޅުވިއެވެ.

“މިމީހުންނަކީ އަޅުކަންތައް ކުރުންމަތިން ވަރުބަލިވެ ފޫހިވެފައިވާ ބައެކެވެ. އަދި ބަސްބުނުމަކީ އެބަމީހުންގެ ކައިރީގައި ބޮޑު ކަމެއް ނޫނެވެ. އަދި އެބައިމީހުންގެ ވަރަޢަވެރިކަން ދަށްވެ އެގޮތަށް ވާހަކަ ދައްކަނީއެވެ.”

އަދި ސުފްޔާނު ބުން ޢުޔައިނާ رحمه الله ވިދާޅުވިއެވެ.

“ޢިލްމުން ތިބާއަށް ފައިދާ ނުކޮށްފިނަމަ ގެއްލުން ކޮށްފިއެވެ.”

މިބަސް އިތުރަށް ޝަރަޙަ ކުރަމުން ޢަލްޚަޠީބުލް ބަޣްދާދީ رحمه الله ވިދާޅުވިއެވެ.

“އޭގެ މުރާދަކީ އެޢިލްމަށް ޢަމަލުކުރުމުން ތިބާއަށް ގިނަގުން ޘަވާބުގެ ލިބޭނެކަމެވެ. އެހެން ނަމަވެސް ޢަމަލު ނުކޮށްފިނަމަ ޤިޔާމަތް ދުވަހުން ތިބާގެ މައްޗަށް އެޢިލްމު ޙުއްޖަތެއް ކަމުގައި ވާނެކަމެވެ.”

މިބާބުގައި އެންމެ ރީތި އެއް ބަސް ވާރިދުވެގެން އައިސްފައި ވަނީ ސުފްޔާން رحمه الله ކިބައިންނެވެ. ޢިލްމު ހޯދުން ނުވަތަ ޢަމަލުކުރުން، މިދެކަންތަކުގެ ތެރެއިން އެކަލޭގެފާނަށް އެންމެ ލޮބުވެތީ ކޮންކަމެއްތޯ ސުވާލު ކުރެވުމުން އެކަލޭގެފާނު ދެންނެވިއެވެ.

“ޢިލްމު ޙޯދަނީ ޢަމަލުކުރުމަށެވެ. އަދި ތިބާ ޢަމަލުކުރުމަށްޓަކައި ޢިލްމު ހޯދުން ދޫކޮށް ނުލާށެވެ. އަދި ޢިލްމު ހޯދުމަށްޓަކައި ޢަމަލުކުރުން ދޫކޮށް ނުލާށެވެ.”

  =ނުނިމޭ=

   މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ