[ތިރީގައި] މިވަނީ މީގެ ބައެއް ދަލީލުތަކެވެ.
ހ. ފުރަތަމަ އުފެއްދެވުން:
މާތް ﷲ ވަޙީ ކުރައްވިއެވެ. ﴿يَا أَيُّهَا النَّاسُ إِنْ كُنْتُمْ فِي رَيْبٍ مِنَ الْبَعْثِ فَإِنَّا خَلَقْنَاكُمْ مِنْ تُرَابٍ ثُمَّ مِنْ نُطْفَةٍ ثُمَّ مِنْ عَلَقَةٍ ثُمَّ مِنْ مُضْغَةٍ مُخَلَّقَةٍ وَغَيْرِ مُخَلَّقَةٍ… (٥)﴾ (سورة الحج)
މާނައީ: “އޭ މީސްތަކުންނޭވެ! (މަރުވުމަށްފަހު) އަލުން ދިރުއްވައި ފޮނުއްވާނޭ ކަމާމެދު، ތިޔަބައިމީހުން ޝައްކެއްގައިވާނަމަ، ފަހެ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން (ގެ އަޞްލު) އުފެއްދެވީ، ވެލިންނެވެ. ދެން މަނިތިއްކަކުންނެވެ. ދެން ގަނޑުލޭކޮޅަކުންނެވެ. ދެން (އާދަމްގެ ދަރިޔެއްގެ) ސިފަ ފާޅުވެގެންވާ، ނުވަތަ ފާޅުވެގެންނުވާ މަސްކޮޅަކުންނެވެ…”
ފަހެ ތަފާތު މަރުޙަލާތަކަކުން އިންސާނާ އުފެއްދެވުމަށް ކުޅަދާނަކަން ލިބިގެންވީ ފަރާތަކަށް އެހެން ފަހަރަކު އެކަން ކުރުމަށް ނުކުޅެދުންތެރި ނުވާނެކަން ޔަޤީނެވެ. އަދި ކިއެއްތޯއެވެ! ބުއްދީގެ ގޮތުން ބަލާނަމަ އެކަން އިޢާދަ ކުރުމަކީ (އެބަހީ؛ ދެވަނަ ފަހަރު އެކަން ކުރުމީ)، ފުރަތަމަ ފަހަރު އެކަން ކުރުމަށްވުރެ ފަސޭހަކަންބޮޑު ކަމަކަށް ނޫނީ ނުވާނެއެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވާ ފަދައިންނެވެ. ﴿وَضَرَبَ لَنَا مَثَلا وَنَسِيَ خَلْقَهُ قَالَ مَنْ يُحْيِي الْعِظَامَ وَهِيَ رَمِيمٌ (٧٨)قُلْ يُحْيِيهَا الَّذِي أَنْشَأَهَا أَوَّلَ مَرَّةٍ وَهُوَ بِكُلِّ خَلْقٍ عَلِيمٌ (٧٩)﴾ (سورة يس: 78-79)
މާނައީ: “އަދި އެ އިންސާނާ ތިމަންރަސްކަލާނގެއަށް މިޘާލެއް ޖެއްސެވެ. އަދި އޭނާ ހެއްދެވިގޮތް އޭނާ ހަނދުމަނައްތައިލީއެވެ. އޭނާ ބުންޏެވެ. ކަށިތައް ފީވެ، ހަލާކުވެފައިވަނިކޮށް، އެތަކެތި ދިރުއްވާނީ ކާކުހެއްޔެވެ؟ [78] ކަލޭގެފާނު ވިދާޅުވާށެވެ! އެ ކަށިތައް އަލުން ދިރުއްވާނީ، ފުރަތަފަހަރު އެކަށިތައް އުފެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، ހުރިހާ މަޚްލޫޤުންގެ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.[79]”
ށ. [އަލުން ދިރުއްވައި] ފޮނުއްވުމަކީ ކުރެވިދާނެ ކަމެއް ކަމުގައި ކައުނުން ފެންނަން ހުރި ޙިއްސީ ކަންކަން.
މާތް ﷲ ވަޙީ ކުރެއްވިއެވެ. ﴿…وَتَرَى الأرْضَ هَامِدَةً فَإِذَا أَنْزَلْنَا عَلَيْهَا الْمَاءَ اهْتَزَّتْ وَرَبَتْ وَأَنْبَتَتْ مِنْ كُلِّ زَوْجٍ بَهِيجٍ (٥)ذَلِكَ بِأَنَّ اللَّهَ هُوَ الْحَقُّ وَأَنَّهُ يُحْيِي الْمَوْتَى وَأَنَّهُ عَلَى كُلِّ شَيْءٍ قَدِيرٌ (٦)وَأَنَّ السَّاعَةَ آتِيَةٌ لا رَيْبَ فِيهَا وَأَنَّ اللَّهَ يَبْعَثُ مَنْ فِي الْقُبُورِ (٧)﴾ (سورة الحج: 5-7)
މާނައީ: …އަދި ބިންގަނޑު މަރުވެފައިވަނިކޮށް ތިބާ ދެކޭނޫއެވެ. ފަހެ، އެ ބިމުގެ މައްޗަށް ތިމަންރަސްކަލާނގެ ވާރޭ ވެއްސަވައިފިހިނދު، އެ ބިމުގެ ގަސްތަކުގެ ޙަރަކާތްފެށި، ގަސްތައް އިތުރުވެއެވެ. އަދި ހުރިހާ ބާވަތަކުން، ބަލާމީހާޔަށް އުފާލިބެނިވި ގަސްތައް ފަޅުވަތެވެ. [5] އެހެނީ ހަމަކަށަވަރުން، ﷲ އީ، ޙައްޤުވަންތަ ރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން، އެކަލާނގެ މަރުވެފައިވާމީހުން ދިރުއްވަތެވެ. އަދި ހަމަކަށަވަރުން، އެކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. [6] އަދި ހަމަކަށަވަރުން، ޤިޔާމަތްވުމުގެ ވަގުތަކީ، އަންނާނޭ އެއްޗެކެވެ. އެއާމެދަކު ޝައްކެއްނެތެވެ. އަދި ހަމަކަށަވަރުން، ﷲ، ކަށްވަޅުތަކުގައި ތިބިމީހުން އަލުން ދިރުއްވައި ފޮނުއްވާ ހުއްޓެވެ.[7]”
ފަހެ މަރުވެފައިވާ ބިންގަނޑު، ވާރޭފެނުން ދިރުއްވައި އެތަނުން ގަސްގަހާގެހި ފެޅުއްވުމީ، މަރުވެފައިވާ ތަކެތި އަލުން ދިރުއްވާ އަދި ޤިޔާމަތް ޤާއިމްކުރެއްވުމުގެ ބާރުވެރިކަން، ޚާލިޤުވަންތަ ރަސްކަލާނގެއަށް ލިބިގެންވާ ކަމުގެ ހެއްކެކެވެ.
=ނުނިމޭ=