[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޙަޤީޤީ ހިތްހަމަޖެހުން ލިބޭނީ ކޮންބަޔަކަށް؟

އިންސާނުންގެ ތެރެއިން މުސްލިމެއް ކަމުގައިވިއަސް ކާފަރެއްކަމުގައި ވިއަސް، މަސައްކަތްކުރަމުންދަނީ ހިތްހަމަޖެހުމާއި އަރާމާއި އުފާ ޙާޞިލުކުރުމަށެވެ. ނަމަވެސް ޙަޤީޤީ ހިތްހަމަޖެހުން ޙާޞިލުވަނީ މަދުބަޔަކަށެވެ. އާދެ، އެބައިމީހުން ޚަލްޤުކުރެއްވި އިލާހު، ﷲތަބާރަކަ ވަތަޢާލާ އަންގަވާފައިވާ ގޮތުގައި ހިތްހަމަޖެހުން ޙާޞިލުކުރަން އުޅޭ މީހުންނަށެވެ.  އޭނާގެ އަމިއްލަ ނަފްސު ހިސާބުކޮށް، ސީދާވެގެންވާ މަގުން ހިނގަން މަސައްކަތްކުރާ މީހުންނަށެވެ.

ނަމަވެސް ހިތްހަމަޖެހުން ހޯދުން އެއީ އަޅުގަނޑުމެން އެންމެންގެ މަޤްޞަދަކަށް ވެފައިވުމާއެކުވެސް، ހަޔާތުގެ ކަންތައްތަކަށް ބަލައިލުމުން ފެނިގެންދަނީ ފަސޭހަކަމާއެކު ފާފަތަކަށް އަރައިގަނެވޭތަނެވެ. މިފާފަތަކުގެ  ތެރޭގައި އަޅުގަނޑުމެން ނިމިގެންދާނީ ކިހިނެތް ކޮންއިރަކު ކަމެއް އަޅުގަނޑުމެން އެކަކަށްވެސް އެނގޭތޯއެވެ؟ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! އަޅުގަޑުމެންގެ ދުނިޔެއާއި އާޚިރަތް ބާއްޖަވެރިކޮށް ހިތްހަމަޖެހުން ހޯދަން އެދޭނަމަ އަޅުގަނޑުމެންނަށް އޮތީ ގިނަގިނައިން އިސްތިޣުފާރުކޮށް ޒިކުރުކުރުންމަތީ ދެމިތިބުމެވެ.

އަލްއަހްޒާބު ސޫރަތުގެ 35ވަނަ އާޔަތުގެ މާނަ ގައިވެއެވެ. ” ގިނަގިނައިން ﷲ ހަނދުމަކޮށް ޛިކުރުކުރާ ފިރިހެނުންނާއި އަންހެނުން، އެއެންމެންނަށްޓަކައި ﷲ ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަ ތައްޔާރުކުރެއްވިއެވެ. އަލްބަގަރާގެ 152ވަނަ އާޔަތުގައި ވެއެވެ. “ފަހެ ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ. އަދި ތިޔަބައިމީހުން ތިމަންރަސްކަލާނގެ އަށް ޝުކުރުކުރާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ކާފިރު ނުވާށެވެ!”

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘްކުރެއްވިއެވެ.” ﷲ ސުބުޙާނަހޫ ވަތަޢާލާ (ޤުދުސީ ޙަދީޘެއްގައި) ވަޙީކުރެއްވިއެވެ. ތިމަންރަސްކަލާނގެއާމެދު ތިމަންރަސްކަލާންގެ އަޅާ އުންމީދު ކުރާ ގޮތެއްގައި ތިމަންރަސްކަލާނގެ ވޮޑިގެންވަމެވެ. އަދި އޭނާ ތިމަންރަސްކަލާނގެ މަތީން ހަނދުމަކޮށްފިނަމަ އޭނާއާއެކު ތިމަންރަސްކަލާނގެ ވޮޑިގެންވަމެވެ. އޭނާ ތިމަންރަސްކަލާނގެ މަތިން ހަނދުމަކުރީ އެކަނިހުރެ ކަމުގައި ވަނީނަމަ، ތިމަންރަސްކަލާނގެ އޭނާގެމަތީން ހަނދުމަކުރައްވާ ހުށީމެވެ. އަދި އޭނާ ތިމަންރަސްކަލާނގެ މަތީން ހަނދުމަކުރީ ޖަމާއަތެއްގައި ކަމުގައި ވަނީނަމަ އެއަށްވުރެ ހެޔޮކަންބޮޑު ޖަމާއަތެއްގައި އޭނާ ހަނދުމަކުރައްވާ ހުށީމެވެ. އޭނާ ތިމަންރަސްކަލާނގެއާއި ކައިވަތަކުން ކުއްތަންވެއްޖެނަމަ ތިމަންރަސްކަލާނގެ އޭނާއާ މުށަކަށް ކުންތަންވެވޮޑިގަންނަވާ ހުށީމެވެ. އަދި އޭނާ ތިމަންރަސްކަލާންގެއާއި މުށަކަށް ކުންތަންވެއްޖެނަމަ، ބާޢަކަށް (ދެއަތުގެ ދުރުމިނަށް) ކުއްތަންވެ ވޮޑިގަންނަވާހުށީމެވެ. އޭނާ ތިމަންރަސްކަލާނގެއާއި ކުއްތަންވުމަށްޓަކައި ހިނގާފައި އަތުވެއްޖެނަމަ ތިމަންރަސްކަލާނގެ އަވަސްވެވޮޑިގެން އޭނާއާ ކުއްތަންވެ ވޮޑިގަންނަވަމެވެ”

 ކޮންމެ މީހަކުވެސް މަސައްކަތް ކުރަންޖެހޭނީ ދުނިޔެއަށް ފޮނުއްވި މަޤުސަދު ހާސިލްކުރެވޭތޯއެވެ. އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްގައި އެކަލާނގެ ހަދުމަކުރަން ޖެހެއެވެ. ދިރިއުޅުމުގެ ހަޤީޤީ ހިތްހަމަޖެހުން ލިބޭނީ ﷲ ހަނދުމަކޮށް ޛިކުރުކުރާ މީހުންނަށެވެ.

އަލްއަޢުރާފް ސޫރަތުގެ 205 ވަނަ އާޔަތުގެ މާނާގައި ވެއެވެ.“އަދި ކަލޭގެފާނުގެ ހިތްޕުޅުން ކަލޭގެފާނުގެ ވެރިރަސްކަލާނގެ ހަނދުމަކުރައްވާށެވެ. މަޑުމޮޅިވެ ބިރުވެތިވާ ޙާލުގައެވެ. ބަސް ބުނުމުގެ ތެރެއިން އަޑުހަރުކުރެއްވުމަށްވުރެ މަޑުންނެވެ. ހެނދުނާއި ހަވީރުގެ ވަގުތުތަކުގައެވެ. އަދި ޣާފިލުވެގެންވާ މީހުންގެތެރެއިން ކަލޭގެފާނު ވެވަޑައި ނުގަންނަވާށެވެ.”

އަޅުގަނޑުމެންގެ ޢަމަލްތަކުގެ ހިސާބުބެއްލެވުމުގެ ކުރިން ޢަމަލުތައް ސީދާކޮށް، ހަޔާތުގެ ދުވަސްތައް ބޭކާރުގޮތުގައި ނަގައިނުލާ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފަމާ ހިނގާށެވެ.