[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަމާދު އަޅާ މީހާގެ ޙުކުމް 3

hukum

 

ދެވަނަ: ސުންނަތުގެ ދަލީލުތައް

1. ޞަޙީޙު މުސްލިމުގެ ކިތާބުލް އީމާންގައި  ޖާބިރު ބުން ޢަބްދުﷲ ގެ ފަރާތުން ރިވާކުރައްވާފައިވެއެވެ. ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ޙަދީޘް ކުރެއްވިއެވެ.

(( إِنَّ بَيْنَ الرَّجُلِ وَبَيْنَ الشِّرْكِ وَالْكُفْرِ تَرْكَ الصَّلَاةِ))

މާނައީ: “ހަމަކަށަވަރުން މީހަކާއި ޝިރުކާއި އަދި ކުފުރާއި ދެމެދުވަނީ ނަމާދު އެޅުމެވެ”

2. ބުރައިދާ ބުން ޙުޞައިބު (ރަޟިޔަﷲ ޢަންހު) ގެ ކިބައިން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލު ﷲ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްފުޅުކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ.

((الْعَهْد الذي بَيْننَا وَبينهمْ الصَّلَاة, فَمَنْ تَرَكَهَا فَقَدْ كَفَرَ))

“އަހަރެމެންނާއި އެމީހުންނާއި ދެމެދުވާ ޢަހުދަކީ ނަމާދެވެ. ފަހެ އެ ދޫކޮށްފިމީހާ ހަމަކަށަވަރުން ކާފަރުވެއްޖެއެވެ.” މިޙަދީޘް ރިވާކުރެއްވީ އަޙްމަދު، އަބޫ ދާވޫދު، ތިރުމިޛީ، ނަސާއީ އަދި އިބްން މާޖާ

މިޙަދީޘްގައި ކުފުރުގެ މާނައަކީ މިއްލަތުން ބޭރުވާ ކުފުރެވެ. އެހެނީ ނަބިއްޔާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އެވަނީ މުއުމިނުންނާއި ކާފިރުންނާއި ވަކިކުރާ އެއްޗެއްކަމުގައި ނަމާދު ހައްދަވާފައެވެ. އަދި ބަޔާންވެގެންވާ ކަމަކީ ކާފަރުންގެ މިއްލަތަކީ އިސްލާމުންގެ މިއްލަތެއް ނޫނެވެ. މި އަހުދައިގެން ނާންނަ މީހަކު ވާހުށީ ކާފަރުންގެ ތެރެއިންނެވެ.

3. ޞަޙީޙް މުސްލިމުގައި އުއްމު ސަލަމާ (ރަޟިޔަ ﷲ ޢަންހާ)ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

((سَتَكُونُ أُمَرَاءُ فَتَعْرِفُونَ وَتُنْكِرُونَ، فَمَنْ عَرَفَ بَرِئَ، وَمَنْ أَنْكَرَ سَلِمَ، وَلَكِنْ مَنْ رَضِيَ وَتَابَعَ» قَالُوا: أَفَلَا نُقَاتِلُهُمْ؟ قَالَ: «لَا، مَا صَلَّوْا»))

“ވެރިންތަކެއް ތިޔަބައިމީހުންގެ މައްޗަށް އަންނާނެއެވެ. ތިޔަބައިމީހުން އެމީހުންގެ ފަރާތުންފެންނަ ޝަރީޢަތާއި ޚިލާފުނުވާ ކަންތަކަށް ރުހޭނެއެވެ. އަދި ޝަރީޢަތާއި ޚިލާފުވާ ކަންތަކަށް ނުރުހޭނެއެވެ. އެމީހުންގެ ނުބައިކަންތަށް އެނގޭމީހާ (އަދި އެކަން ހުއްޓުވަން އުޅެފިމީހާ) އެކަމުން ބަރީއަވެއްޖެއެވެ. އަދި އެކަންއެނގި އިންކާރުކުރާ (އަދި އަތުން އެކަން ހުއްޓުވުމަށް ކަމެއް ކުރުމަށް ނުކުޅެދުންމީހާ) އެކަމުން ސަލާމަތްވެއްޖެއެވެ. އަދި އެމީހުންގެ ނުބައިކަން އެނގި އެކަމަށް ރުހިއްޖެމީހާ އަދި އެކަމުގައި ތަބާވެއްޖެމީހާ ހަލާކުވެއްޖެއެވެ.” ސަޙާބީން ދެންނެވިއެވެ. “އެބައިމީހުންނާއި ދެކޮޅަށް ހަނގުރާމަ ކުރަންވީހެއްޔެވެ؟” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ނޫނެކެވެ. އެބައިމީހުން ނަމާދުކުރާހާ ހިނދަކު (އެބައިމީހުންނާ ހަނގުރާމަ ނުކުރާށެވެ.)”

4. ޞަޙީޙު މުސްލިމުގައި އަދިވެސްވެއެވެ. ޢައުފު ބުން މާލިކުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ނަބިއްޔާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރެއްވިއެވެ.

((خِيَارُ أَئِمَّتِكُمُ الَّذِينَ تُحِبُّونَهُمْ وَيُحِبُّونَكُمْ، وَيُصَلُّونَ عَلَيْكُمْ وَتُصَلُّونَ عَلَيْهِمْ، وَشِرَارُ أَئِمَّتِكُمُ الَّذِينَ تُبْغِضُونَهُمْ وَيُبْغِضُونَكُمْ، وَتَلْعَنُونَهُمْ وَيَلْعَنُونَكُمْ»، قِيلَ: يَا رَسُولَ اللهِ، أَفَلَا نُنَابِذُهُمْ بِالسَّيْفِ؟ قَالَ: «لَا، مَا أَقَامُوا فِيكُمُ الصَّلَاةَ»))

“ތިޔަބައިމީހުންގެ ތެރެއިން އެންމެ ރަނގަޅު ވެރިންނަކީ ތިޔަބައިމީހުން އެބައެއްދެކެ ލޯބިވާ އަދި އެބައިމީހުން ތިޔަބައިމީހުންދެކެ ލޯބިވާ މީހުންނެވެ. އަދި އެބައިމީޙުން ތިޔަބައިމީހުންނަށް ރަޙުމަތަށްއެދި ދުޢާކޮއްދެއެވެ، އަދި ތިޔަބައިމީހުން އެބައިމީހުންނަށް ރަޙްމަތަށް އެދި ދުޢާކޮއްދެއެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން އެންމެ ނުބައި ވެރިންނަކީ ތިޔަބައިމީހުން އެބައިމީހުންދެކެ ރުޅިއަންނަ އަދި އެބައިމީހުންވެސް ތިޔަބައިމީހުންދެކެ ރުޅިއަންނަ މީހުންނެވެ. އަދި ތިޔަބައިމީހުން އެބައިމީހުންނަށް ލަޢުނަތް ދެއެވެ، އަދި އެބައިމީހުންވެސް ތިޔަބައިމީހުންނަށް ލަޢުނަތް ދެއެވެ.” އެހިނދު ދެންނެވުނެވެ. “އޭ ﷲގެ ރަސޫލާއެވެ. އަހަރެމެން ކަނޑި ހިފައިގެން ނުކުމެ އެބައިމީހުން ވެރިކަމުން ދުރުކުރަންވީ ނޫންހެއްޔެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ “ނޫނެކެވެ. އެބައިމީހުން ތިޔަބައިމީހުންގެ ތެރޭގައި ނަމާދު ޤާއިމް ކުރާހާ ހިނދަކު އެވެ.”

ފަހުން ޒިކުރުކުރެވުނު ދެ ޙަދީޘްގައި ވެރިން ނަމާދު ޤާއިމް ނުކޮއްފިނަމަ އެބައިމީހުންނާއި ހަނގުރާމަކޮށް ވެރިކަމުން ބޭލޭނެކަން ދަލީކޮއްދެއެވެ. ފާޅުވެގެންވާ ކުފުރެއް ނުގެންނަހާ ހިނދަކު ވެރިންނާއި ހަނގުރާމަކޮށް އަދި ވެރިކަމުން ބޭލުން ހުއްދަވެގެން ނުވެއެވެ. އެކަމުގައި ﷲ ތަޢާލާގެ ޙަޟްރަތުން އަހަރެމެންނަށް ހެއްކާއި ދަލީލުވެއެވެ. ޢުބާދާ ބުން ޞާމިތު (ރަޟިޔަﷲ ޢަންހު) ވިދާޅުވިއެވެ.

((دَعَانَا رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَبَايَعْنَاهُ، فَكَانَ فِيمَا أَخَذَ عَلَيْنَا: «أَنْ بَايَعَنَا عَلَى السَّمْعِ وَالطَّاعَةِ فِي مَنْشَطِنَا وَمَكْرَهِنَا، وَعُسْرِنَا وَيُسْرِنَا، وَأَثَرَةٍ عَلَيْنَا، وَأَنْ لَا نُنَازِعَ الْأَمْرَ أَهْلَهُ»، قَالَ: «إِلَّا أَنْ تَرَوْا كُفْرًا بَوَاحًا عِنْدَكُمْ مِنَ اللهِ فِيهِ بُرْهَانٌ»))

“ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އަހަރެމެންނަށް ގޮވާލެއްވިއެވެ. އަދި އަހަރެމެން އެކަލޭގެފާނަށް ބައިއަތު ހިފީމެވެ. އަހަރެމެންގެ ފަރާތުން ހިފުނު ކަންކަމުގެ ތެރޭގައިވަނީ: ރުހުމުގަޔާއި ނުރުހުމުގައި އަދި ދަތިކަމުގަޔާއި ފަސޭހާގައި އަޑުއަހާ ކިޔަމަންވުމެވެ. އަދި އަހަރެމެންގެ މައްޗަށް އެބައިމީހުން (ވެރީން) އަދާކުރަންޖެހޭ ޙައްޤު އަދާނުކުރިޔަސް އެބައިމީހުންނަށް ކިޔަމަންވުމަށާއި، އަދި ވެރިއަކު އަހަރެމެންގެ މައްޗަށް އިސްކުރެވިއްޖެނަމަ ވެރިއާ އާ ވަރިކަމުގެ ކަންތަކުގައި ދެބަސްނުވުމަށެވެ. ހަދީޘްކުރެއްވިއެވެ. އެބަޔަކަށް ތަބާނުވުމަށް ﷲގެ ޙަޟްރަތުގައި ދައްކާނޭ ފާޅު ހެއްކެއްގެ ގޮތުގައި ފާޅުވެގެންވާ ކުފުރެއް އެބައިމީހުންގެ ފަރާތުން ފެނިއްޖައުމަށް ދާންދެނެވެ.”

މިހެންކަމުން އެބައިމީހުންނާ ހަނގުރާމަކޮށް ވެރިކަމުން ދުރުކުރުމަށް އެކަލޭގެފާނު ކަނޑައަޅުއްވާފައިވާ ހައްދަކީ ނަމާދު ދޫކުރުމެވެ. ވީމާ ނަމާދު ދޫކުރުމަކީ ﷲ ތަޢާލާގެ ފަރާތުން އަހަރެމެންނަށް އެކަމަށް ހެކި ލިބިގެންވާ ފާޅުވެގެންވާ ބޮޑު ކުފުރެކެވެ.

ކީރިތި ޤުރުއާނާއި ސުންނަތުގައިވެސް ނަމާދު ދޫކުރާމީހާއީ ކާފަރެއް ނޫންކަމުގައި، ނުވަތަ އެއީ މުއުމިނެއްކަމުގައި ވާރިދުވެގެން އައިސްފައެއް ނުވެއެވެ. މިކަމުގައި ވާރިދުވެގެން އައިސްފައިވާހާވެސް ނައްޞުތަކުގައިވަނީ ތައުޙީދުގެ މާތްކަން، (ﷲ ފިޔަވައި ހައްޤުވެގެން އަޅުކަންކުރެވޭ އެހެން އިލާހަކު ނުވާކަމަށާޢި އަދި މުޙައްމަދުގެފާނީ އެކަލާނގެ ރަސޫލާކަމަށް ހެކިވުމުގެ، މަތިވެރިކަން ބަޔާންކުރުމެވެ.) އަދި އޭގެ ޘަވާބު ބަޔާންކުރުމެވެ. މިފަދަ ނައްޞުތަކުގައިވަނީ އެނައްޞުގައިވާ ޤައިދެއްގެ ސަބަބުން އެއާއިއެކު ނަމާދު ދޫކުރުން މަނާކުރާ ނައްޞުތަކެވެ، ނުވަތަ ނަމާދު ދޫކުރުމުން އުޒުރުވެރިވެވޭފަދަ ވަކި ޚާއްސަ ޙާލަތެއްވާ ނައްޞުތަކެވެ، ނުވަތަ ޢާންމުކޮށް އައިސްފައިވާ، ނަމާދު ނުކުރާމީހާ ކާފަރުވާނެކަމަށް މާނަކުރެވޭ ނައްޞުތަކެވެ. އެހެނީ ނަމާދު ނުކުރާމީހާ ކާފިރުވާނޭކަމަށްވާ ދަލީލުތަކަކީ ޚާއްޞަ ދަލީލުތަކެވެ. ޚާއްޞަ ދަލީލުތައް ޢާންމު ދަލީލުތަކުގެ ކުރިޔަށް ނެރެވޭނެއެވެ.

 އިތުރު ބައިތައް…