ކުޑަ ޤިޔާމަތާއި ބޮޑު ޤިޔާމަތުގެ ވާހަކަ ﷲ ތަޢާލާ ވަނީ ކީރިތި ޤުރުއާނުގައި ޛިކުރުކުރައްވާފައެވެ. ފަހެ ދެޤިޔާމަތުގެ ވާހަކަ އެއްސޫރަތެއްގައި ވާތީ ވެސް ފެންނަން އެބައޮތެވެ. ވާޤިޢާ ސޫރަތުގައި ވާފަދައިންނެވެ.
ފަހެ އެސޫރަތުގެ ފުރަތަމަބައިގައިވަނީ ބޮޑު ޤިޔާމަތުގެ ވާހަކަ ޛިކުރު ކުރައްވާފައެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ: ﴿ إِذَا وَقَعَتِ الْوَاقِعَةُ (١) لَيْسَ لِوَقْعَتِهَا كَاذِبَةٌ (٢) خَافِضَةٌ رَافِعَةٌ (٣) إِذَا رُجَّتِ الأرْضُ رَجًّا (٤) وَبُسَّتِ الْجِبَالُ بَسًّا (٥) فَكَانَتْ هَبَاءً مُنْبَثًّا (٦) وَكُنْتُمْ أَزْوَاجًا ثَلاثَةً (٧)﴾ (سورة الواقعة: 1-7) މާނައީ: “ޤިޔާމަތް ވެއްޖެހިނދެވެ. އެކަންވާނޭކަމާމެދު އިންކާރުކޮށް ދޮގުކުރާނޭ ފަރާތެއް ނުވެއެވެ. އެއްބަޔަކު ދަށްކުރަމުން، އަނެއްބަޔަކު މަތިކުރަމުންނެވެ. (އެބަހީ: އަބާއްޖަވެރިން ދަށްކުރައްވައި، ބާއްޖަވެރިން މަތިވެރިކުރައްވާ ދުވަހެއްގެ ގޮތުގައެވެ). ބިންގަނޑު ގަދަފަދައަށް ހެލިގެންފިހިނދެވެ. އަދި ފަރުބަދަތައް ފުނޑުފުނޑުވެ، ހިމުންވެއްޖެހިނދެވެ. ފަހެ، ވަޔާ ބުރަބުރައިގެންދާ ކުނޑިތަކެއްކަމުގައި އެ ފަރުބަދަތައް ވެއްޖެހިނދެވެ. އަދި ތިޔަބައިމީހުން (އެދުވަހުން) ތިންބާވަތަކަށް ވެދެއެވެ.”
އެއަށްފަހު ސޫރަތުގެ ފަހުކޮޅުގައި ކުޑަ ޤިޔާމަތުގެ ވާހަކަ ޛިކުރުކުރައްވާފައި ވެއެވެ. އެއީ މަރުވުމެވެ. ވަޙީ ކުރެއްވިއެވެ. ﴿فَلَوْلا إِذَا بَلَغَتِ الْحُلْقُومَ (٨٣) وَأَنْتُمْ حِينَئِذٍ تَنْظُرُونَ (٨٤) وَنَحْنُ أَقْرَبُ إِلَيْهِ مِنْكُمْ وَلَكِنْ لا تُبْصِرُونَ (٨٥)﴾ (سورة الواقعة: 83-85) މާނައީ: “ފަހެ، މަރުވުމުގެ ވަގުތުގައި، ކަރާހަމަޔަށް ފުރާނައައިސް ނޭވާހޮޅިޔަށް އެޅިއްޖެހިނދެވެ. އަދި އެހިނދު، ތިޔަބައިމީހުން ބަލަބަލައި ތިބެމުއެވެ. އަދި ތިޔަބައިމީހުންނަށްވުރެ އެމީހާއާ (އެބަހީ: މަރުވާ މީހާއާ) ގާތްކަންބޮޑީ، ތިމަންރަސްކަލާނގެއެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންނަކަށް ނުފެނެތެވެ.”
އަދި ހަމަ އެފަދައިން ދެޤިޔާމަތުގެ ވާހަކަ ސޫރަތުލް ޤިޔާމަތުގައި ޛިކުރުކުރައްވާފައި ވެއެވެ. ފަހެ ވަޙީ ކުރެއްވިއެވެ: ﴿لا أُقْسِمُ بِيَوْمِ الْقِيَامَةِ (١)﴾ (سورة القيامة: 1) މާނައީ: “ޤިޔާމަތް ދުވަސް ގަންދެއްވައި ހުވާ ވަޙީ ކުރައްވަމެވެ.” މިއީ ބޮޑު ޤިޔާމަތެވެ.
އެއަށްފަހު މަރުގެ ވާހަކަ ޛިކުރު ކުރައްވާފައި ވެއެވެ. ވަޙީ ކުރެއްވިއެވެ: ﴿كَلاّ إِذَا بَلَغَتِ التَّرَاقِيَ (٢٦)﴾ (سورة القيامة: 26) މާނައީ: “ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ވައިނޮޅިކަށިގަނޑާ ހަމަޔަށް ފުރާނަ ފޯރައްޖެހިނދެވެ.” އަދި މިއީ ކުޑަ ޤިޔާމަތެވެ.
އަދި މިނޫނަސް އެތައް ތަނެއްގައި ޤުރުއާނުގައި މިވާހަކަ ވެއެވެ. މިތާގައި އެހުރިހާ އާޔަތެއްގެ ވާހަކަ ޛިކުރުކުރުމަކީ ދަތިކަމެކެވެ.
މިފޮތުގައި ބަޔާންކުރުމަށް އަޅުގަނޑުމެން ޤަޞްދުކޮށްފައިވަނީ ޤުރުއާނާއި ސުންނަތުގައި އައިސްފައިވާ ބޮޑު ޤިޔާމަތުގެ ޢަލާމަތްތަކެވެ.[1]
=ނުނިމޭ=
__________________________________________
[1] ބައްލަވާ: ((مجموع الفتاوى)) (4/263-265) لشيخ الإسلام ابن تيمية، و ((فتح الباري)) (11/364)، و ((تاج العروس من جواهر القاموس)) (5/ 390).