(5) އިޒުނައަށް އެދުމާއި ސަލާމްގޮވުމަކީ ވަންނަމީހާގެ މައްޗަށް ވާޖިބުކަމެއްތަ؟
ނޫރު ސޫރަތުގެ އާޔަތުގެ ބޭރުފުށުން ދޭހަކޮށްދެނީ އިޒުނައަށް އެދުމާއި ސަލާމްގޮވުމަކީ ވަންނަމީހާގެ ކުރަންޖެހޭނެ ދެކަމެއްކަމެވެ. މި ދެކަމުގެ ޙުކުމް ތަފާތުވިނަމަވެސް، ޖުމްހޫރު ޢިލްމުވެރިންގެ ރައުޔަކީ މިދެކަންތައް ކުރަންޖެހުމެވެ. އެބޭކަލުންގެ އަރިހުގައި އިޒުނައަށް އެދުމަކީ ވާޖިބުކަމެކެވެ. އަދި ސަލާމްގޮވުމަކީ މުސްތަޙައްބުކަމެކެވެ. އެހެނީ، އިޒުނައަށް އެދެންޖެހެނީ އެމީހާގެ ބެލުން ރައްކާތެރިކުރުމުގެގޮތުން މީސްތަކުންގެ ޢައުރަތައް ފެނިދާނެކަމުގެ ބިރަށްޓަކައެވެ. ސަހުލު ބުން ސަޢުދު ރަޟިޔަﷲ ޢަންހުގެ ކިބައިން އައިސްފައިވާ ޙަދީޘްގައި ވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((إِنَّمَا جُعِلَ الِاسْتِئْذَانُ مِنْ أَجْلِ الْبَصَرِ)) (البخاري: 6241) މާނައީ: “އިޒުނައަށް އެދުން (ޝަރުޢު ކުރެވުނީ) ބެލުމުން ރައްކާތެރިވުމަށްޓަކައެވެ.” މިކަމުން ދޭހަކޮށްދެނީ އިޒުނައަށް އެދުމުގެ ވާޖިބުކަމެވެ. ޙަރާމްކަމަކަށް މަގުފަހިވާ ކަންކަމީ ޙަރާމްވެގެންވާ ކަންކަމެވެ. އަދި ޙަރާމްކަންކަމުން ދުރުވެގަތުމަކީ ވާޖިބުވާނޭ ކަމެކެވެ.
މިއާޚިލާފަށް، ސަލާމް ގޮވުމަކީ އެކަކު އަނެކަކު ދެކެ ލޯބި އުފައްދައިދީ، ގުޅުން ހަރުދަނާކުރުމަށްޓަކައި ޝަރުޢުކުރައްވާފައިވާކަމެކެވެ. ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ((أَوَلاَ أَدُلُّكُمْ عَلَى شَىْءٍ إِذَا فَعَلْتُمُوهُ تَحَابَبْتُمْ، أَفْشُوا السَّلاَمَ بَيْنَكُمْ)) (مسلم) މާނައީ: “ތިޔަބައިމީހުން އެކަމެއް ކުރުމުން ތިޔަބައިމީހުންގެ މެދުގައި ލޯބިއިތުރުވާނެކަމަކަށް ތިމަންކަލޭގެފާނު މަގު ދައްކަވަންތޯއެވެ؟ ތިޔަބައިމީހުންގެ މެދުގައި ސަލާމްގޮވުން ފަތުރާށެވެ.” އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((فَإِذَا دَخَلْتُم بُيُوتًا فَسَلِّمُوا عَلَىٰ أَنفُسِكُمْ تَحِيَّةً مِّنْ عِندِ اللَّـهِ مُبَارَكَةً طَيِّبَةً)) ﴿النور: ٦١﴾ މާނައީ: “ފަހެ، ތިޔަބައިމީހުން ގޭގެއަށް ވަންނައިރު، ﷲގެ ޙަޟްރަތުންވާ ބަރަކާތްތެރި ހެޔޮ سلام އަކުން ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ތިޔަބައިމީހުން سلام ކުރާށެވެ!”
(6) ވަންނަން އަންނަމީހާ ގޭގެ ދޮރުމަތީގައި ހުންނާނީ ކިހިނެއް؟
އިޒުނައަށް އެދެން ހުންނައިރު ހުންނަންޖެހޭގޮތުގެ އަދަބުތަކުގެ ތެރޭގައި؛ މޫނު ސީދާ ދޮރާ ދިމާލަށް ކުރިމަތިލައިގެން ނުހުރުންވެއެވެ. އޭގެބަދަލުގައި ހުންނަންޖެހޭނީ ދޮރުހުޅުވާލުމުން ގޭތެރެ ނުފެންނަގޮތަށް ކަނާތްފަރާތަށް ނުވަތަ ވާތްފަރާތަށް ވާގޮތަށެވެ. އަޅުގަނޑުމެންގެ މިޒަމާނުގައި ދޮރު ހަރުކޮށްފައި ހުންނަ ދިމާލަށް ކުރިމަތިލައިގެން ހުރުމަކީ އެންމެ ރައްކާތެރިގޮތެވެ. ޢަބްދުﷲ ބުން ބުސްރު ރަޟިޔަﷲ ޢަންހު ކިބައިން ރިވާވެފައިވެއެވެ. ((كَانَ رَسُولُ اللَّهِ -صلى الله عليه وسلم- إِذَا أَتَى بَابَ قَوْمٍ لَمْ يَسْتَقْبِلِ الْبَابَ مِنْ تِلْقَاءِ وَجْهِهِ وَلَكِنْ مِنْ رُكْنِهِ الأَيْمَنِ أَوِ الأَيْسَرِ، وَيَقُولُ: «السَّلاَمُ عَلَيْكُم، السَّلاَمُ عَلَيْكُمْ ». وَذَلِكَ أَنَّ الدُّورَ لَمْ يَكُنْ عَلَيْهَا يَوْمَئِذٍ سُتُورٌ.)) (أبو داود: 5188، وصححه الألباني في صحيح وضعيف سنن أبي داود: 5186) މާނައީ: “ބައެއްގެ ގެއަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަޑައިގެންފިނަމަ، އެކަލޭގެފާނުގެ މޫނުފުޅު ސީދާ ދޮރާދިމާލަށް ކުރިމަތި ނުކުރައްވައެވެ. އޭގެބަދަލުގައި ހުންނަވަނީ ކަނާއަތް ނުވަތަ ވައަތްފަރާތަށެވެ. އަދި އެކަލޭގެފާނު ވިދާޅުވެއެވެ. السَّلاَمُ عَلَيْكُم، السَّلاَمُ عَلَيْكُمْ. އަދި އެދުވަސްވަރު ގޭގޭގައި ފަރުދާލެވިފައެއް ނުހުރެއެވެ.” އަދި ސަޢުދު ބުން ޢުބާދާ ރަޟިޔަﷲ ޢަންހު ކިބައިން ރިވާވެފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ((جِئْتُ إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَهُوَ فِي بَيْتٍ، فَقُمْتُ مُقَابِلَ الْبَابِ، فَاسْتَأْذَنْتُ، فَأَشَارَ إِلَيَّ أَنْ تَبَاعَدْ، ثُمَّ جِئْتُ، فَاسْتَأْذَنْتُ، فَقَالَ: وَهَلِ الاسْتِئْذَانُ إِلا مِن النَّظَرِ.)) ((الطبراني في معجم الكبير: 5386، وصحح رجاله الهيثمي في المجمع: 12809) މާނައީ: ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ގެކޮޅުތަކުގެ ތެރެއިން ގެކޮޅެއްގައި ވަނިކޮށް ތިމަން އެކަލޭގެފާނުގެ އަރިހަށް އައިސް، ދޮރުގެ ކުރިމަތީގައި ސީދަލަށް ހުއްޓި އިޒުނައަށް އެދުނީމެވެ. އެހިނދު، ތިމަން އެތަނުން ދުރުވުމަށް އިޝާރާތް ކުރެއްވެވިއެވެ. ދެން އަނެއްކާވެސް ތިމަން އައިސް އިޒުނައަށް އެދުނީމެވެ. އެހިނދު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. “އިޒުނައަށް އެދުން (ޝަރުޢު ކުރެވުނީ) ބެލުމުން ރައްކާތެރިވުމަށް ނޫން ހެއްޔެވެ؟”
(7) އަންހެންވެރިންނާއި ލޯ އަނދިރިމީހުންވެސް އިޒުނަ ހޯދުމަކީ ވާޖިބެއް ހެއްޔެވެ؟
ކުރީގައި ބަޔާންވެ ގޮސްފައިވާ ފަދައިން، ގޭގެއަށް ވަންނައިރު އިޒުނައަށް އެދުމުގެ ޙިކުމަތަކީ އެ ގޭގެ އަހުލުވެރިން ފެންނަން ބޭނުންނުވާ މަންޒަރެއް އެއަންނަމީހާއަށް ފެނިދާނެކަމަށްޓަކައެވެ. އަދި މީސްތަކުންގެ ސިއްރުތަކާއި ޢައުރަތައް ރައްކާތެރިކުރުމަށްޓަކައެވެ. އެހެންކަމުން، ނޫރު ސޫރަތުގެ އާޔަތުގައި އެވާ އަމުރުގެ ތެރެއަށް އަންހެންވެރިންނާއި ލޯ އަނދިރިމީހުން ވަންނާނެ ހެއްޔެވެ؟
އަޅުގަނޑުމެން އާޔަތުގެ ބޭރުފުށުގެ މާނައަށް ވިސްނާލައިފިނަމަ، ތިމާގެ ގެނޫން އެހެން ގެއަކަށް ވަނުމަށް އެދޭ ކޮންމެ މީހަކު އެގޭގެ އަހުލުވެރިންގެ ކިބައިން އިޒުނަ ހޯދަންޖެހޭނެއެވެ. އެއީ ފިރިހެނެއްކަމުގައިވިޔަސް އަދި އަންހެނެއްކަމުގައި ވިޔަސްމެއެވެ. އަދި ލޮލަށް ފެންނަމީހެއްކަމުގައި ވިޔަސް އަދި ލޮލަށް ނުފެންނަމީހެއްކަމުގައި ވީނަމަވެސްމެއެވެ. މިއީ ޖުމްހޫރު ޢިލްމުވެރިންގެވެސް ބަސްފުޅެވެ. އެހެނީ، މީސްތަކުންގެ ޢައުރައިގެ ތެރޭގައި އެބައިމީހުންގެ ސިއްރު ވާހަކަތައްވެސް ހިމެނިގެންދާނެއެވެ. އެހެންކަމުން، އިވުމަކީވެސް މީސްތަކުންގެ ސިއްރުތައް ދެނެގަނެވޭ ކަމެއްކަމުގައިވާތީ، ލޮލަށް ނުފެންނަމީހުންވެސް ގޭގެއަށް ވަންނައިރު އިޒުނަ ހޯދަންޖެހޭނެއެވެ.
އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅު ((إِنَّمَا جُعِلَ الِاسْتِئْذَانُ مِنْ أَجْلِ الْبَصَرِ)) (البخاري: 6241) މާނައީ: “އިޒުނައަށް އެދުން (ޝަރުޢު ކުރެވުނީ) ބެލުމުން ރައްކާތެރިވުމަށްޓަކައެވެ.” ދަންނައެވެ. މި ޙަދީޘްފުޅުގެ ބޭރުފުށުގެ މާނައިން، އިޒުނައަށް އެދުން ﷲ ޝަރުޢުކުރެއްވީ ބެލުމުން ރައްކާތެރިވުމަށްޓަކައި ކަމުގައި ވާއިރު، ލޮލަށް ނުފެންނަމީހަކު ބެލުމުން ރައްކާތެރިވާން ނުޖެހޭއިރު، އެފަދަ މީހަކު އިޒުނަ ހޯދަން ނުޖެހޭނޭ ވިސްނިދާނެއެވެ. އެހެންނަމަވެސް، އިޒުނައަށް އެދުން (ޝަރުޢު ކުރެވުނީ) ބެލުމުން ރައްކާތެރިވުމަށްޓަކައޭ ޙަދީޘް ކުރައްވާފައި އެވަނީ؛ ބެލުމަކީ އެންމެ ޢާއްމުކޮށް ގޭގެއަށް ދާއިރު މީސްތަކުންގެ ޢައުރަތައް ފާޅުވާނެ މަގުކަމުގައި ވާތީއެވެ.
އާޔަތުގައި ((يَا أَيُّهَا الَّذِينَ آمَنُوا)) މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ!” މިފަދައިން ފިރިހެން ޞީޣާއިން ވަޙީ ކުރައްވާފައިވީކަމުގައިވީނަމަވެސް އަންހެންވެރިންވެސް މި ގޮވާލެއްވުމުގައި ޝާމިލުވާނެއެވެ. އެއީ މި ޞީޣާއިން ކީރިތި ޤުރުއާނުގައި އެހެންވެސް އަމުރުތައް އައިސްފައިވާ ފަދައިންނެވެ.
(8) އިޒުނައާނުލައި ގޭގެއަށް ވަދެވޭނެ ޙާލަތްތަކަކީ ކޮބާ؟
ނޫރު ސޫރަތުގެ އާޔަތުގެ ބޭރުފުށުގެ މާނައިން ދޭހަކޮށްދެނީ، އެއްވެސް ވަގުތެއްގައި އަދި އެއްވެސް ޙާލަތެއްގައި ގެތަކަށް އިޒުނައާނުލައި ވަނުމަކީ ނަހީ ކުރައްވާފައިވާކަމެއްކަމެވެ. އެހެނީ، އާޔަތުގައި ވަކި ވަގުތުތަކެއް ނުވަތަ ޙާލަތެއް އިސްތިޘްނާކުރައްވާފައެއް ނުވެއެވެ. އެހެންނަމަވެސް، ޟަރޫރީ ޙާލަތްތައް މި ނަހީއިން އިސްތިޘްނާވެގެންވެއެވެ. އެފަދަ ޟަރޫރީ ޙާލަތަކީ އިޒުނައާނުލައި ގޭގެއަށް ވަނުން ހުއްދަވާ ޙާލަތްތަކެކެވެ. އޭގެ މިސާލެއްގެ ގޮތުން؛ ގެއެއްގައި އަލިފާނުގެ ޙާދިސާއެއްފަދަ ޙާދިސާއެއްގެ ސަބަބުން އެގެއަކާއި އެގެއެއްގެ އަހުލުވެރިން ސަލާމަތްކުރުމުގެ ގޮތުން އިޒުނައާނުލައި ވަންނަން މަޖުބޫރުވެއްޖެނަމަ ވަނުން ހުއްދަވާނެއެވެ.
(9) ބާލިޣުނުވާ ކުޑަކުދިން ގޭގެއަށް ވަންނައިރު އިޒުނަ ހޯދަންޖެހޭނެތަ؟
ގޭގެއަށް ވަންނައިރު އިޒުނައަށް އެދުމަކީ ބާލިޣުވެފައިވާ ފިރިހެނުންނާއި އަންހެނުންނަށް ޚާއްޞަވެގެންވާ ކަމެކެވެ. ބާލިޣުނުވާ ކުޑަކުދިންނަކީ ޝަރުޢީ ތަކްލީފުތައް ޖެހިފައިވާ މުކައްލަފުންނެއް ނޫނެވެ. އަދި ޖިންސީ ގުޅުންތަކާއި، ޢައުރައިގެ މައްސަލަތައް އެކުދިންނަށް އެނގިގެންނުވާނެއެވެ. އެފަދަ ކުދިންނަށް ބާލިޣުވެއްޖެއުމަށް ދާންދެން 3 ވަގުތެއްގައި މެނުވީ އިޒުނައާނުލައި ވަނުން ހުއްދަވެގެންވެއެވެ. އެ 3 ވަގުތަކީ ފަޖުރުލުމުގެ ކުރިންނާއި، މެންދުރު ވަގުތާއި، ޢިޝާނަމާދުގެ ފަހުންނެވެ. މި 3 ވަގުތުގައި ކުޑަކުދިންވެސް ބޮޑެތިމީހުންނެކޭ އެއްފަދައިން އިޒުނަ ހޯދަންޖެހޭނެއެވެ. ﷲ ވަޙީ ކުރައްވާފައިވެއެވެ. ((وَإِذَا بَلَغَ الْأَطْفَالُ مِنكُمُ الْحُلُمَ فَلْيَسْتَأْذِنُوا كَمَا اسْتَأْذَنَ الَّذِينَ مِن قَبْلِهِمْ ۚ)) ﴿النور: 59﴾ މާނައީ: “އަދި ތިޔަބައިމީހުންގެ ތެރެއިން ކުޑަކުދިން، ބާލިޣު ވުމުގެ ޢުމުރާހަމައަށް ފޯރައްޖެނަމަ، އެކުދިންގެ ކުރިން އިސްވެދިޔަމީހުން (ތިޔަބައިމީހުންގެ ކިބައިން) އިޒުނަ ލިބިގަތްފަދައިން، އެކުދިންވެސް އިޒުނަ ލިބިގަންނަހުށިކަމެވެ!” އަދި ވެސް އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ. ((يَا أَيُّهَا الَّذِينَ آمَنُوا لِيَسْتَأْذِنكُمُ الَّذِينَ مَلَكَتْ أَيْمَانُكُمْ وَالَّذِينَ لَمْ يَبْلُغُوا الْحُلُمَ مِنكُمْ ثَلَاثَ مَرَّاتٍ ۚ مِّن قَبْلِ صَلَاةِ الْفَجْرِ وَحِينَ تَضَعُونَ ثِيَابَكُم مِّنَ الظَّهِيرَةِ وَمِن بَعْدِ صَلَاةِ الْعِشَاءِ ۚ ثَلَاثُ عَوْرَاتٍ لَّكُمْ ۚ لَيْسَ عَلَيْكُمْ وَلَا عَلَيْهِمْ جُنَاحٌ بَعْدَهُنَّ ۚ طَوَّافُونَ عَلَيْكُم بَعْضُكُمْ عَلَىٰ بَعْضٍ ۚ)) ﴿النور: 58﴾ މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުންނާއި، ތިޔަބައިމީހުންކުރެ ބާލިޣުވުމުގެ ޢުމުރާ ހަމައަށް ނުފޯރާ ކުޑަކުދިންވެސް، ތިންވަގުތެއްގައި ތިޔަބައިމީހުންގެ ކިބައިން އިޒުނަ ލިބިގަންނަހުށިކަމެވެ! އެއީ ފަތިސްނަމާދުގެ ކުރިންނާއި، މެންދުރުވަގުތު ތިޔަބައިމީހުންގެ ފޭރާން ލުއިކޮށްގެންތިބޭ ވަގުތުގައްޔާއި، ޢިޝާނަމާދުގެ ފަހުންނެވެ. (އެއީ) ތިޔަބައިމީހުން ނިވައިވެތިބޭ ތިންވަގުތެކެވެ. އެވަގުތުތަކަށްފަހު، ތިޔަބައިމީހުންގެ މައްޗަކަށްވެސް، އަދި އެބައިމީހުންގެ މައްޗަކަށްވެސް (ވަދެނުކުމެ އުޅުމުގައި) ކުށެއް ނެތެވެ. (އެއުރެންނީ) ތިޔަބައިމީހުންގެ އެއްބަޔަކު ތިބޭތަނަކަށް އަނެއްބަޔަކު ވަދެނުކުމެއުޅޭ ބަޔެކެވެ.”
(ނުނިމޭ)
_________________________