ދެވަނަބައި
ނަމާދު އެޅުމުން ނުވަތަ އެނޫންކަމަކުންވެސް ދީނުން ބޭރުވާ މީހާއާމެދު ޢަމަލުކުރެވޭނެ ގޮތް
ދުނިޔެވީގޮތުންނާއި އުޚްރަވީގޮތުން އޭނާގެ މައްޗަށް ޙުކުމްތަކެއް އާދެއެވެ.
ފުރަތަމަ: ދުނިޔަވީގޮތުން އަންނަ ޙުކުމްތައް
1. ވަލީވެރިކަން ގެއްލުން: އިސްލާމްކަން ޝަރުތުކުރާ އެއްވެސްކަމެއްގައި ވަލީވެރިއަކަށް އެނާއަކަށް ނުވެވޭނެއެވެ. އެހެންކަމުން އޭނާގެ ނުވަތަ އެހެންމީހެއްގެވެސް ޅަދަރީންގެ މައްޗަށްވާ ވަލީވެރިއަކުކަމުގައި އޭނާއަކަށް ނުވެވޭނެއެވެ. އަދި އޭނާގެވެސް އަދި އެހެންމީހެއްގެވިޔަސް އެއްވެސް އަންހެންދަރިއަކު ކައިވެންޏެއްވެސް ނުކޮށްދެވޭނެއެވެ.
އެހެނީ ފިޤުހުވެރީން އެބައިމީހުންގެ ‘ކުރު، ދިގު’ ފޮތްތަކުގައި ޞަރީޙަކޮށް ބަޔާންކުރައްވާފައިވާފަދައިން މުސްލިމު އަންހެނަކު ކައިވެނިކުރުވާނަމަ ވަލީވެރިޔާއަކީ މުސްލިމަކުކަމުގައިވުން ޝަރުތުކުރައްވާފައިވެއެވެ. ފިޤުހުވެރީން ވިދާޅުވެއެވެ. “މުސްލިމު އަންހެނާގެ ވަލީވެރިކަމުގެ ބާރު ކާފިރަކަށް ލިބިގެނެއްނުވެއެވެ.
އަދި އިބްން ޢައްބާސް (ރަޟިޔަﷲ ޢަންހުމާ) ވިދާޅުވެފައިވެއެވެ. “ތެދުމަގުލިބިފައިވާ ވަލީވެރިއެއްގެ ވަލީއާނުލާ ކައިވެއްޏެއް ނުވެއެވެ.” ތެދުމަގުގެ އެންމެ މަތީ މަޤާމަކީ އިސްލާމްދީނެވެ. އަދި އެންމެ ދަށުދަރަޖައަކީ ކާފިރުވުމާއި ދީނުން ބޭރުވުމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿ وَمَنْ يَرْغَبُ عَنْ مِلَّةِ إِبْرَاهِيمَ إِلَّا مَنْ سَفِهَ نَفْسَهُ﴾ ]البقرة: 130]
“އެމީހެއްގެ ނަފްސު އިހާނެތި ކޮށްލައިފި މީހަކު މެނުވީ، އިބްރާހީމްގެފާނުގެ ދީނަށް ނުރުހުންވެ، އެ ދީނުން ދުރުވެގަންނާނީ ކާކުހެއްޔެވެ؟”
2. އޭނާގެ ގާތްތިމާގެމީހުންގެ ކިބައިން ވާރުތަނުވުން: އެހެނީ މުސްލިމުމީހާއަށް ކާފަރުމީހާގެ ކިބައިން ވާރުތަނުވާނެތެވެ. އަދި ކާފަރުމީހާއަށް މުސްލިމު މީހާގެ ކިބައިން ވާރުތަނުވާނެތެވެ. އެއީ އުސާމަތު ބުން ޒައިދު (ރަޟިޔަﷲ ޢަންހު)ގެ އަރިހުން ރިވާވެގެން އައިސްފައިވާ ޙަދީޘްގައިވާފަދައިންނެވެ. އެކަލޭގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރެއްވިއެވެ.
((لاَ يَرِثُ الْمُسْلِمُ الْكَافِرَ وَلاَ الْكَافِرُ الْمُسْلِمَ )) أخرجه البخاري ومسلم وغيرهما
“ކާފިރެއްގެ ކިބައިން މުސްލިމަކަށް ވާރުތަ ނުވާނެއެވެ. އަދި މުސްލިމެއްގެ ކިބައިން ކާފިރަކަށްވެސް (ވާރުތަ) ނުވާނެއެވެ.” ރިވާކުރެއްވީ ބުޚާރީއާއި މުސްލިމް އަދި އެނޫންވެސް ބޭކަލުން
3. މައްކާއަށާއި އަދި މައްކާގެ ޙަރަމްގެތެރެޔަށް ވަނުން ޙަރާމްވުން: އެއީ ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ.
﴿يَا أَيُّهَا الَّذِينَ آَمَنُوا إِنَّمَا الْمُشْرِكُونَ نَجَسٌ فَلَا يَقْرَبُوا الْمَسْجِدَ الْحَرَامَ بَعْدَ عَامِهِمْ هَذَا﴾ [التوبة: 28]
“އޭ އީމާންވެއްޖެ މީސްތަކުންނޭވެ! މުޝްރިކުންނަކީ، ނަޖިސް ބަޔެއްކަން ކަށަވަރެވެ. ފަހެ، މިއަހަރަށްފަހު، މަސްޖިދުލްޙަރާމް އާ އެއުރެން، ކައިރިވިޔަ ނުދޭހުށިކަމެވެ!”
4. ނަޢަމް ސޫފީގެތެރެއިން އެބައިމީހުން ކަތިލާތަކެތި ކެއުން ޙަރާމްވުން: އެއީ (ޖަމަލު، ގެރި، ބަކަރި، ކަންބަޅި) އަދި އެނޫންވެސް ކެއުމަށްޓަކައި ކަތިލަންޖެހޭ ތަކެއްޗެވެ. އެހެނީ ކަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ކަތިލާމީހާއަކީ މުސްލިމެއްކަމުގައި ނުވަތަ ފޮތްދެވުނު (އަހުލު ކިތާބީންގެ) މީހުންގެ ތެރެއިން މީހެއްކަމުގައި (ޔަހޫދީއެއް ނުވަތަ ނަޞާރާއެއްކަމުގައި) ވާންޖެހޭނެއެވެ. ފަހެ މުރުތައްދުވެފައިވާ މީހުންނާއި، ބުދަށްއަޅުކަންކުރާ މީހުންނާއި، މަޖޫސީންނާއި އަދި އެފަދަ މީހުން ކަތިލާތަކެތި ހުއްދަވެގެން ނުވެއެވެ.
އަލްޚާޒިން އެކަލޭގެފާނުގެ ތަފްސީރުގައި ވިދާޅުވެފައިވެއެވެ. “މަޖޫސީންނާއި، އަރަބީންގެ ތެރެއިން ހުރިހާ ޝިރުކުގެ އަހުލުވެރީންނާއި ބުދަށް އަޅުކަންކުރާ މީހުންނާއި، އެބަޔަކަށް ފޮތެއް ބާއްވާލެއްވިފައި ނުވާމީހުން ކަތިލާތަކެތި ޙަރާމްވާނެކަމަސް ޢިލްމުވެރިންވަނީ އިޖުމާޢުވެ ވަޑައިގެންފައެވެ.”
އަދި އިމާމް އަޙްމަދު (ރަޙިމަހުﷲ) ވިދާޅުވިއެވެ. “މިޔާއި ޚިލާފަށް ބިދުޢަވެރިއެއްފިޔަވައި އެއްވެސްމީހަކު ބުނިކަމެއް އެނގިފައެއް ނުވެއެވެ.”
5. މަރުވުމަށްފަހު އޭނާގެ މައްޗަށް ކަށުނަމާދު ކުރުން ޙަރާމްވުން. އަދި އޭނާއަށް ފާފަފުއްސެވުމާއި ރަޙުމަތަށް އެދި ދުޢާކުރުން ޙަރާމްވުން. އެއީ ﷲ ތަޢާލާގެ މިވަޙީ ބަސްފުޅުގައިވާފަދައިންނެވެ.
﴿ وَلَا تُصَلِّ عَلَى أَحَدٍ مِنْهُمْ مَاتَ أَبَدًا وَلَا تَقُمْ عَلَى قَبْرِهِ إِنَّهُمْ كَفَرُوا بِاللَّهِ وَرَسُولِهِ وَمَاتُوا وَهُمْ فَاسِقُونَ ﴾ [التوبة: 84]
” އެއުރެންގެ ތެރެއިން މަރުވި އެއްވެސް މީހެއްގެ މައްޗަށް ކަލޭގެފާނު ދުވަހަކުވެސް ކަށުނަމާދު ނުކުރައްވާށެވެ! އަދި އެމީހެއްގެ މަހާނަދޮށުގައިވެސް ކަލޭގެފާނު ހުއްޓިވަޑައިގެން ނުހުންނަވާށެވެ! ހަމަކަށަވަރުން، އެއުރެން اللَّه އަށާއި، އެކަލާނގެ ރަސޫލާއަށް ކާފިރުވިއެވެ. އަދި އެއުރެން މަރުވީ، ފާސިޤުން ކަމުގައިވާ ޙާލުގައެވެ.”
އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ.
﴿ مَا كَانَ لِلنَّبِيِّ وَالَّذِينَ آَمَنُوا أَنْ يَسْتَغْفِرُوا لِلْمُشْرِكِينَ وَلَوْ كَانُوا أُولِي قُرْبَى مِنْ بَعْدِ مَا تَبَيَّنَ لَهُمْ أَنَّهُمْ أَصْحَابُ الْجَحِيمِ (113) وَمَا كَانَ اسْتِغْفَارُ إِبْرَاهِيمَ لِأَبِيهِ إِلَّا عَنْ مَوْعِدَةٍ وَعَدَهَا إِيَّاهُ فَلَمَّا تَبَيَّنَ لَهُ أَنَّهُ عَدُوٌّ لِلَّهِ تَبَرَّأَ مِنْهُ إِنَّ إِبْرَاهِيمَ لَأَوَّاهٌ حَلِيمٌ (114) ﴾ [التوبة: 113-114]
މާނައީ: “ނަބިއްޔާއަކަށްވެސް، އަދި އީމާންވި މީހުންނަކަށްވެސް މުޝްރިކުންނަށްޓަކައި ފާފަފުއްސެވުންއެދި ދުޢާ ކުރެއްވުމެއް ނެތެވެ. އެއުރެންނީ ގާތްތިމާގެ މީހުންކަމުގައި ވީނަމަވެސްމެއެވެ. ހަމަކަށަވަރުން، އެއުރެންނީ ނަރަކައިގެ އަހުލު ވެރިންކަން އެއުރެންނަށް ފާޅުވެ އެނގުމަށްފަހުގައެވެ. [113] އެކަލޭގެފާނަށް (އެބަހީ: އިބްރާހީމްގެފާނަށް) އެކަލާނގެ ކުރައްވާފައިވާ ވަޢުދެއްގެ މަތިން މެނުވީ، އިބްރާހީމްގެފާނު، އެކަލޭގެފާނުގެ ބަފައިކަލުންނަށް އިސްތިޣްފާރު ކުރެއްވުން ނުވެއެވެ. ފަހެ، އޭނާއަކީ اللَّه ގެ ޢަދާވާތްތެރިޔެއްކަން އެކަލޭގެފާނަށް ބަޔާންވެ އެނގިވަޑައިގަތްހިނދު، އޭނާގެ ކިބައިން އެކަލޭގެފާނު ބަރީއަވެވަޑައިގަތެވެ. ހަމަކަށަވަރުން، އިބްރާހީމްގެފާނީ، ދުޢާ ކުރެއްވުން ގިނަ، ކޯފާ މަޑު ބޭކަލެކެވެ.[114]”