އަބްދުލް މާލިކު (ރަޟިޔަﷲ ޢަންހު) ވިދާޅިވިއެވެ. “ޖަހިލިއްޔަތުގެ ދުވަސްވަރުގައި ޢައުފް އިބްނު މުހައްލިމް އައްޝައިބާނީ އަކީ އަރަބިން ވަރަށް ޤަދަރުކުރާ ބޭކަލެކެވެ.އެކަލޭގެފާނުގެ ދަރިކަނބަލުން އުއްމު ޣިޔާސް ކައިވެނި ބައްލަވައިގަތީ އަލްހާރިޘް އިބްނު އަމްރު އަލް ކިންދީ އާއެވެ. އެކަމަނާ ކައިވެނީގެ މަޖިލިހަށް ގެންދިޔުމުގެ ކުރިން އެކަމަނާގެ މަންމާފުޅު އުމާމާ އެކަމަނާއަށް ނަސޭހަތްތެރިވަމުން ދެންނެވިއެވެ.
“ދަރިފުޅާއެވެ! ދަރިފުޅުގެ ރަނގަޅު އަޚްލާގާ މާތް ސިފައިގެ ސަބަބުން މަންމަ ނަސޭހަތްތެރިވާނަމަ ދަރިފުޅަށް މި ނަސޭހަތް ބޭނުން ނުވީހެވެ. ދަރިފުޅުގެ ކިބައިގައި މި ސިފަތައް އެބަހުއްޓެވެ. ނަމަވެސް ޣާފިލުވެފައިވާ މީހުންނާ ވިސްނާމީހުންނަށް މި ނަސޭހަތް އަބަދުމެ ހަނދާންކޮށްދިނުމެއްގެ ގޮތުގައި އޮންނާނެވެ.
ދަރިފުޅާއެވެ! އަންހެނުން އެބައިމީހުންގެ ބައްޕައިންގެ ތަނަވަސްކަމާހުރެ ފިރިއެއްގެ ބޭނުން ނުވާނަމަ ހުރިހާ އެންމެންގެ ތެރެއިންވެސް އެކަމަށް އެންމެ އެކަށީގެންވާ މީހަކީ ދަރިފުޅެވެ.އެކަމަކު ﷲ ތަޢާލާ އަންހެނުން ލައްވާފައިވަނީ ފިރިހެނުންނަށްޓަކައެވެ.އަދި ފިރިހެނުން ލައްވާފައިވަނީ އަންހެނުންނަށްޓަކައެވެ.
ދަރިފުޅާއެވެ! ދަރިފުޅު ތައްޔާރުވަމުން ތިދަނީ، އުޅެ ބޮޑުވި ގެ ދޫކޮށް އެހެން މާހައުލަކަށް ދާށެވެ. ދަރިފުޅު ނުވެސްދަންނަ މުޅިން އާ ބަޔަކާ އެކު ދިރިއުޅޭށެވެ.ނަމަވެސް ކައިވެނީގެ އަޤުދުން ދެމީހުން ގުޅުމަށްފަހު ފިރިމީހާއަކީ ދަރިފުޅުގެ ސާހިބެވެ. އެހެންކަމުން ދަރިފުޅު ފިރިމީހާއަށް ޚިދުމަތްކުރާށެވެ. އޭރުން ދަރިފުޅުގެ ފިރިމީހާ ދަރިފުޅަށް ޚިދުމަތްކުރާނެއެވެ.
ދަރިފުޅު މަންމަގެ ފަރާތުން ދިހަ ކަމެއް ދަސްކުރާށެވެ. މި ކަންތައްތަކަކީ ދަރިފުޅަށްހުރި މަގުދެއްކުމެކެވެ. އަދި ހަނދާންކޮށްދިނުމެއްވެސް މެއެވެ.
ފުރަތަމަ އަދި ދެވަނަ ކަމަކީ: ދަރިފުޅު ފުދިގެންވާ މީހަކު ކަމުގައިވާށެވެ. އަދި ފިރިމީހާގެ އަމުރުތައް އަޑުއަހާ ކިޔަމަންވާށެވެ. އެކަމުން ﷲ ގެ ރުހިވޮޑިގަތުން ލިބުމުގެ އިތުރުން ސިކުނޑިއަށް ހިތްހަމަޖެހުން ލިބޭނެއެވެ.
ތިންވަނަ އަދި ހަތަރުވަނަ ކަމަކީ: އަބަދުވެސް ފިރިމީހާއަށްޓަކާ ޒީނަތްތެރިވެގެން ހުންނާށެވެ. އަދި ދަރިފުޅުގެ ގައިން ފިރިމީހާއަށް ނުބައި ވަސް ދުވިޔަ ނުދޭށެވެ.ކޮހޮލު (އަނދުން) އެއީ ޒީނަތްތެރިކަން ފާޅުކުރުމަށް ބޭނުންކުރެވޭ އެންމެ މޮޅު ހަތިޔާރެވެ. އަދި ފެނަކީ އެއްމެ މަދުން ލިބެން ހުންނަ އަތަރަށްވުރެ މާ ރަނގަޅު އެއްޗެކެވެ.
ފަސްވަނަ އަދި ހަވަނަ ކަމަކީ: ގަޑިންގަޑިޔަށް ފިރިމީހާއަށްޓަކައި ކެއުން ތައްޔާރުކުރާށެވެ.އެހެނީ ބަނޑުހައިވެ ހާންތިވެފައިވާ މީހާގެ މިސާލަކީ އަނދައަނދައި ހުންނަ އަލިފާނުގެ މިސާލެވެ. އަދި ފިރިމީހާ ނިދަން އޮންނަ ގަޑީގައި އަޑުގަދަ ނުކުރާށެވެ. ނިދަން އޮންނައިރު އުނދަގޫ ކުރުމަކީ މީހާ ރުޅިގަދަވާ ކަމެކެވެ.
ހަތްވަނަ އަދި އަށްވަނަ ކަމަކީ: ފިރިމީހާގެ މުޢައްޒަފުންނަށާއި ދަރިންނަށް ފުރިހަމައަށް ކަމޭހިތާށެވެ. އަދި ފިރިމީހާގެ މުދަލަށް ރައްކާތެރިވާށެވެ.އެހެނީ މިކަންކަމުން ފިރިމީހާއަށް ދަރިފުޅު ކަމޭހިތާވަރު ހާމަވާނެއެވެ.އަދި ދަރިފުޅުގެ ޒިންމާދާރުކަން ފާޅުވެގެންދާނެއެވެ.
ނުވަވަނަ އަދި ދިހަވަނަ ކަމަކީ :ފިރިމީހާގެ ސިއްރުތައް ރައްކާތެރިކުރާށެވެ.ހަމަ އެހެންމެ ފިރިމީހާގެ އަމުރުތަކަށް ފުރިހަމ ގޮތުގައި ކިޔަމަންވާށެވެ. ނުކިޔަމަންތެރިކަމަކީ ފިރިމީހާގެ ހިތުގައި ނަފްރަތު އުފައްދާނޭކަމެކެވެ. އަދި ބޭވަފާތެރިވުމަކީ އިތުބާރުގެއްލިދާނެ ކަމެކެވެ.
ދަރިފުޅާއެވެ! ސަމާލުވާށެވެ. ފިރިމީހާ ދެރަވެފައި ހުންނަ ވަގުތު އުފާވެރިކަން ފާޅު ނުކުރާށެވެ. ހަމައެހެންމެ އުފާވެފައި ހުންނަ ވަގުތު ހިތާމަވެރިކަން ފާޅު ނުކުރާށެވެ.އެހެނީ އެކަމުގެ އާޚިރު ނަތީޖާއަކީ ފިރިމީހާގެ ހިތްހަމަ ނުޖެހުން ކަމުގައިވެސް ވުން އެކަށީގެންވެއެވެ.
ދަރިފުޅަށް ދެވެންއޮށް އެންމެ މަތީ ދަރަޖައަކަށް، ފިރިމީހާއަށް ގަދަރުކޮށް އިޙްތިރާމް ކުރާށެވެ.އަދި ފިރިމީހާގެ ކޮންމެ ނިންމުމަކަށް އާނބަސް ބުނެވޭތޯބަލާށެވެ. އެކަމުން ދެމީހުންގެ ގުޅުން ވަރުގަދަވެ އިތުރަށް ބަދަހިވާނެއެވެ.
މަގޭ ލޯބިވާ ދަރިފުޅާއެވެ! ދަންނާށެވެ…ދަރިފުޅުގެ އެއްވެސް އެދުމެއް ފރިމީހާގެ އުފަލާއި ހިތްހަމަޖެހުން ފުނޑު ފުނޑު ކޮށްލުމަށްފަހު އިސްނުކުރާށެވެ.އެހެނީ ދަރިފުޅަށް އެއްވެސް ކަމެއް ފިރިމީހާގެ އުފަލާއި ހިތްހަމަ ޖެހުން ކުރިއަށް ނުގެނެސް ފުރިހަމަ ނުވާނެއެވެ.އެއީ ދަރިފުޅު ހިތްހަމަޖެހޭ ނުވަތަ ނުޖެހޭ ކަމެއްވިޔަސް މެއެވެ.ﷲ ތަޢާލާ ދަރިފުޅަށް އެންމެ ރަނގަޅުގޮތް ނިންމުމުގެ ތައުފީގު ދެއްވާ ދަރިފުޅު ރައްކާތެރި ކުރައްވާށިއެވެ….