[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ގެތައް އިޞްލާޙުކުރުމަށް 40 ނަސޭހަތް (28)

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ފަނަރަވަނަ ނަސޭހަތް: އެމީހެއްގެ ދީންވެރިކަމާމެދު ތިބާ ނުރުހޭ މީހަކު ގެއަށް ނުވެއްދުން

 

ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«…وَمَثَلُ جَلِيسِ السُّوءِ كَمَثَلِ صَاحِبِ الْكِيرِ…» [قطعة من رواية أبي داود ٤٨٢٩]

މާނައީ: “ނުރަނގަޅު މީހުންނާއެކު އިށީނދެ އުޅޭ މީހެއްގެ މިޘާލަކީ ‘ކީރެއް’ ގެންގުޅޭ މީހެއްގެ މިޘާލެވެ.”

“ކީރަކީ” އަލިފާން ރޯކުރުމަށް ފުމެން ބޭނުންކުރާ އެއްޗެކެވެ.

އަދި ބުޚާރީގެ ރިވާޔަތުގައި ވެއެވެ.

«…وَكِيرُ الحَدَّادِ يُحْرِقُ بَيْتَكَ، أَوْ ثَوْبَكَ، أَوْ تَجِدُ مِنْهُ رِيحًا خَبِيثَةً» [رواه البخاري / الفتح رقم الحديث ٢١٠١]

މާނައީ: “އަދި ދަގަނޑުތަޅާމީހާގެ ކީރުން ތިބާގެ ގެ ނުވަތަ ހެދުން އަންދާލައެވެ. ނުވަތަ އޭގެ ނުބައިވަސް ހިފައެވެ.”

ﷲ ގަންދީ ހުވާކޮށް ބުނަމެވެ. ފަސާދައާއި ހަލާކުގެ ސަބަބުން ތިބާގެ ގެ އަންދާލާނެއެވެ. ގެއަށް ވަންނަ ފަސާދަކުރާމީހުންނާއި ޝައްކުކުރެވޭފަދަ މީހުންގެ ސަބަބުން ކިތައް ގޭގައި އެގޭގެ އަހުލުވެރިންގެ މެދުގައި ޢަދާވާތްތެރިކަން އުފެދޭ ހެއްޔެވެ. އަދި ބައްޕައާއި ދަރިންގެ މެދުގައިވެސް ޢަދާވާތްތެރިކަން އުފެދޭ ސަބަބެއްކަމުގައި އެކަން ވެފައިވެއެވެ. އަދި ކިތައް ފިރިން އެމީހުންގެ އަނބީންނާ ވަކިވާން ޖެހުނު ހެއްޔެވެ.

އަދި އަނބިމީހާ އޭނާގެ ފިރިމީހާއާ މެދު ފަސާދަކުރާ ނުވަތަ ފިރިމީހާއާ އޭނާގެ އަނބިމީހާ މެދު ފަސާދަކުރާ މީހާއަށް ﷲ ތަޢާލާ ލަޢުނަތް ލެއްވިއެވެ.

އަދި ބައެއްފަހަރު ގެތަކުގެ ތެރޭގައި ސިޙުރު ބޭއްވުމާއި ވައްކަންކުރުމާ އަދި ގިނަފަހަރަށް އަޚްލާޤު ފަސާދަވުމުގެ ސަބަބެއްކަމުގައި ވެފައިވަނީ ތިބާ އޭނާގެ ދީންވެރިކަމާމެދު ނުރުހޭ މީހަކު ގެއަށް ވެއްދުމެވެ. ފަހެ، ވާޖިބުވެގެންވަނީ އެފަދަ މީހަކު ގެއަށް ވަނުމުގެ އިޛުނަ ނުދިނުމެވެ. އެއީ ތިބާގެ އަވަށްޓެރިންގެ ތެރެއިންވާ މީހެއްކަމުގައި ވިޔަސްމެއެވެ. ފިރިހެނެއް ނުވަތަ އަންހެނެއް ވިޔަސްމެވެ. ބޭރުފުށުން ހެޔޮއެދޭ އެކުވެރިންކަމަށް ދައްކައިގެން އުޅޭ ފިރިހެނުންނާއި އަންހެނުން ވެސްމެއެވެ. ބައެއްމީހުން ލަދުން އެއްޗެއް ނުބުނެއެވެ. ފަހެ، ދޮރުކައިރިން އެފަދަމީހަކު ފެންނަ އިރަށް އިޛުނަދެއެވެ. އެއީ ފަސާދަކުރާމީހެއްކަން އެނގިހުރެވެސްމެއެވެ.

ގޭގައި މިމަސްޢޫލިއްޔަތުގެ ތެރެއިން ބޮޑު ބައެއް އުފުލަން ޖެހެނީ އަންހެންމީހާއެވެ.

ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«أَيُّ يَوْمٍ أَحْرَمُ، أَيُّ يَوْمٍ أَحْرَمُ، أَيُّ يَوْمٍ أَحْرَمُ؟» قَالَ: فَقَالَ النَّاسُ: يَوْمُ الحَجِّ الأَكْبَرِ.

މާނައީ: “”އެންމެ ޙުރުމަތްތެރިވެގެންވާ ދުވަހަކީ ކޮބާ ހެއްޔެވެ؟ އެންމެ ޙުރުމަތްތެރިވެގެންވާ ދުވަހަކީ ކޮބާ ހެއްޔެވެ؟ އެންމެ ޙުރުމަތްތެރިވެގެންވާ ދުވަހަކީ ކޮބާ ހެއްޔެވެ؟” ވިދާޅުވިއެވެ. ފަހެ، މީސްތަކުން ދެންނެވިއެވެ. “ބޮޑުވެގެންވާ ޙައްޖުގެ ދުވަހެވެ.””

ދެން އެކަލޭގެފާނު صلى الله عليه وسلم އެދުވަހު ދެއްވި ޝާމިލުކަންބޮޑު ޚުޠުބާގެ ތެރެއިން ޙަދީޘްކުރެއްވިއެވެ.

«…فَأَمَّا حَقُّكُمْ عَلَى نِسَائِكُمْ، فَلاَ يُوطِئْنَ فُرُشَكُمْ مَنْ تَكْرَهُونَ، وَلاَ يَأْذَنَّ فِي بُيُوتِكُمْ لِمَنْ تَكْرَهُونَ…» [رواه الترمذي عن سليمان بن عمرو بن الأحوص / كتاب: تفسير القرآن / باب: تفسير سورة توبة / رقم ٣٠٨٧]

މާނައީ: “…ފަހެ، އަނބީންގެ ފުށުން ތިޔަބައިމީހުންނަށްވާ ޙައްޤަކީ ތިޔަބައިމީހުންގެ ތަންމަތިތަކުގައި ތިޔަބައިމީހުން ނުރުހޭމީހުން އިށީނަ ނުދިނުމެވެ. އަދި ގެތަކަށް ތިޔަބައިމީހުން ނުރުހޭމީހުން ވަނުމުގެ އިޛުނަ ނުދިނުމެވެ…”

އޭ މުސްލިމު އަންހެނާއެވެ. ތިބާގެ އަވަށްޓެރިންކުރެ މީހެއްގެ ފުށުން ފަސާދައިގެ އަޘަރު ތިބާގެ ފިރިމީހާ ނުވަތަ ބައްޕައަށް ފެނުމުން އެމީހަކު ގެއަށް ވެއްދުމަށް މަނާކުރުމުން އެކަމާ ތިބާ ހިތާމަ ނުކުރާށެވެ. މީހަކު ތިބާގެ ފިރިމީހާއާއި އޭނާގެ ފިރިމީހާއާ އަޅާކިޔައިފިނަމަ އެކަމަށް ސަމާލުވެ ހުންނާށެވެ. އެކަމުގެ ސަބަބުން ތިބާގެ ފިރިމީހާގެ ފޯރުންތެރިކަން ނެތް މިންވަރުން އެއްޗެހި ހޯދުމަށް ނޭދޭށެވެ. ގެއަށް އަންނަމީހުންގެ ތެރެއިން ތިބާގެ ފިރިމީހާއަށް ނުބައިކަންތައްތައް ޒީނަތްތެރިކޮށްދޭ ބަޔަކުވާކަމުގައި ތިބާއަށް ޔަޤީންވާނަމަ ތިބާގެ ފިރިމީހާއަށް އެމީހެއްގެ ކިބައިން ދުރުވުމަށް ނަސޭހަތްތެރިވުމަކީ ތިބާގެ މައްޗަށް އޮތް ވާޖިބެކެވެ.

_________________________

=ނުނިމޭ=

އެހެންބައިތައް ބެއްލެވުމަށް