[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކުޑަކުދިންގެ ވާހަކަ: ގޮތްނޭނގޭ ބިހެއް

eggމިއީ ޙަގީގީ ޙާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކަ އެކެވެ.

ޝައިމަލް ގޭގެ ބެލްކަނީއިން ބޭރު ބަލަހައްޓައިގެން ހުއްޓާ ކުއްލިއަކަށް އޭނަގެ ލޮލުގައި އަޅައިގަތީ ޖެހިގެން ހުރިގޭ ވަލުތެރޭގައި ހުރި ރުކެއްގެ ދޮށުގައި އޮތް ބިހެކެވެ. އެކަނި މާ އެކަނި ވަކިން އޮތް ބިހެކެވެ.

ޢުމުރުން އަށް އަހަރު ފުރިފައިވާ ޝައިމަލް އަކީ އާ ކަންތައް ހޯދާ ހިތްވާ ކުއްޖެކެވެ. ސައިންސް ކިޔެވުމަށް ވަރަށް ފޯރި ހުންނަ ކުއްޖެކެވެ. ތަފާތު އެކްސްޕެރިމެންޓުތައް ހެދުމުގެ ޝައުގު ހުންނަ ކުއްޖެކެވެ.

މި ބިސް ފެނުމާއެކު ޝައިމަލް ހިތަށް އެރިއެވެ. އެއީ ކޮން ބިހެއް ބާވައެވެ. އެއީ ކުކުޅު ބިހެއް ބާވައެވެ. ނުވަތަ އަސްދޫނި ބިހެއް ބާވައެވެ. ނޫނީ ކުދިން ކުޅެން ގެންގުޅޭ ޕްލާސްޓިކް ބިހެއް ބާވައެވެ. ގައިމު އެގޭގައި ކުކުޅެއް ނުހުންނާނެއެވެ. އެއީ މީހުން ނޫޅޭ ފަޅު ގެއެކެވެ.

މިކަހަލަ ތަފާތު ޚިޔާލުތަކެއްގެ ތެރޭގައި ހުރުމަށްފަހު ޝައިމަލް ނިންމީ ބިހުގެ އަޖުމަ ބަލާލާށެވެ. މިހެން ހިތަށް އަރާ ޝައިމަލް އޭނަގެ ކޮއްކޮއަށް ގޮވާލިއެވެ. އަދި ކޮއްކޮއަށް އެ ބިސް ދެއްކުމަށްފަހު އެ ބިސް އެކްސްޕެރިމެންޓު ކުރުމަށް ހިނގާށޭ ބުންޏެވެ.

ކޮއްކޮ ވަރަށް ފޯރީގައި ބުންޏެވެ. ދަމާ ހިނގާށެވެ. އެ ބިސް ހިފައިގެން ކޮޓަރީގައި ތިބެ އެއީ ކޮންކަހަލަ ބިހެއްތޯ ބަލާނީއެވެ. މަންމަވެސް ގޭގައި ނެތެވެ. ބޭބެ ގޮސް ބިސް ހިފައިގެން އަންނާށެވެ.

ޝައިމަލް އަވަހަށް ސިޑިން ފައިބައިގެން ޖެހިގެން ހުރިގޭގެ ގޯތި ތެރެއަށް ވަދެ އެ ބިސް ހިފައިގެން ދުވެފައި އައެވެ. އަދި ޝައިމަލް އާއި އޭނަގެ ކޮއްކޮ ވިއާމް އާއި ދެކުދިން ވެގެން އެ ބިސް އެކި ގޮތް ގޮތަށް ތަޅުވާހެދި އެވެ. އަދި ތައްޓެއްގެ ތެރޭގައި ބިސް ބޭއްވުމަށްފަހު ޓޯޗަކުން އަލިކޮށް ބަލާލުމުން އެކުދިންނަށް އެންމެ ބޮޑަށް ލަފާ ކުރެވުނީ އެއީ ކުކުޅުބިހެއް ކަމުގައެވެ.

އެ ބިހާ މެދު ވިސްނާލަން ހުރުމަށްފަހު ވިއާމް ބުންޏެވެ. ބޭބެ އެވެ. ތި ބިސް ފަޅާލަމާ ހިނގާށެވެ. ވިއާމް މިހެން ބުނުމުން ބަލާކަށް ނުހުރެ ޝައިމަލް ސަމުސަލަކުން ޖަހާ ބިސް ފަޅާލިއެވެ. އެވަގުތު ޕޮއް ކިޔާފައި އިވުނު އަޑަކާއެކު އޭގައި ހުރި ހުރިއެއްޗެއް ދިޔައީ ދެކުދިންގެ މޫނަށެވެ. އެވަގުތު މުޅިތަނަށް ނުބައި ވަހެއްވެސް ފެތުރިގެން ދިޔައެވެ.

ދެކުދިންނަށް އެއްފަހަރާ ” އައްޗީޑި” އޭ ބުނެވުނު ވަގުތު މަންމަ އައިސް ކޮޓަރީގެ ދޮރު ހުޅުވިއެވެ. އަދި މަންމަ ބުންޏެވެ.

ކުނި ކުކުޅުބިހެއް ގެނެސްގެން އުޅެނީ ކާކު ހެއްޔެވެ. ތިކުދިންގެ މޫނަށް ކުނި ބިސް ދިޔައީ ކިހިނެއް ހެއްޔެވެ.

” އައްޗި.އަވަހަށް ދޮވެލައިގެން އާދޭ”.މި ގޭތެރެއިން ތި ވަސް ފިލާނެ އިރެއްވެސް ނޭނގެ.” މިހެން ބުނެ ކުނި ކުކުޅުބިސް ހިފައިގެން ގޮސް ގޯތިތެރޭގައި ވަޅުލައިފި އެވެ.

އަދި ދެކުދިން ގެނެސް ވީގޮތް އޮޅުން ފިލުވިއެވެ. ޝައިމަލް ތެދުވެރިކަމާއެކު މަންމަ ބުނެފާނެ އެއްޗަކަށް ބިރުން ހުރެ އެކުދިން ކަންތައް ކުރި ގޮތް ކިޔާދީފި އެވެ. އޭރުވެސް ދުވާ ވަހުން އޭނަ އަށް ރަގަޅަށް ނޭވާލެވެނީކީ ނޫނެވެ.

ޝައިމަލް އާއި ވިއާމްގެ ވާހަކަތައް އަޑު އަހަން ހުރުމަށްފަހު މަންމަ ބުންޏެވެ. ދެކުދިން ވެސް އަޑުއަހާށެވެ.

އެކުސްޕެރިމެންޓު ކޮށް ތަޙުލީލީ ނަޒަރަކުން ކަންކަން ހޯދުމަކީ ގޯހެއް ނޫނެވެ. އެކަމަކު އެކަންތައް ކުރަންވާނީ ބޮޑެތި މީހުންގެ އެހީ ހޯދައިގެންނެވެ. އަމުދުން މަންމަ ގާތު ނުބުނެ ބޭރަށް ދިއުމަކީވެސް ގޯސް ކަމެއްކަން މިއަދު ތިކުދީން ހަނދާނެއް ނެތެވެ. އެހެންވީމަ ދެން ވެސް ތިޔަ ގޮތަށް އަމިއްލަ އަށް ކަންތައް ކުރަން ނޫޅޭށެވެ. އެކަމުގެ ނަތީޖާ މިއަދު ތި ދިމާވިހެން ފަހުންވެސް ގޯސް ވެދާނެއެވެ.

މަންމަގެ ވާހަކަ އަށް ދެކުދިންވެސް އެއްބަސްވި އެވެ. އަދި ބުންޏެވެ. މަންމާ އެވެ. އިރާދަކުރެއްވިޔާ ކުނި ކުކުޅު ބިހުގެ ހަނދާން އަބަދުވެސް ހުންނާނެއެވެ.