بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِأَصْحَابِ الْفِيلِ ﴿١﴾ أَلَمْ يَجْعَلْ كَيْدَهُمْ فِي تَضْلِيلٍ ﴿٢﴾ وَأَرْسَلَ عَلَيْهِمْ طَيْرًا أَبَابِيلَ ﴿٣﴾ تَرْمِيهِم بِحِجَارَةٍ مِّن سِجِّيلٍ ﴿٤﴾ فَجَعَلَهُمْ كَعَصْفٍ مَّأْكُولٍ ﴿٥﴾
ބިސްމީގެ ތަފްސީރު ބެއްލެވުމަށް
أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِأَصْحَابِ الْفِيلِ﴿١﴾
މާނައީ: “އެތުގެ އެކުވެރިންނާމެދު (އެބަހީ: ފީލު ބާގައިމީހުންނާމެދު) ކަލޭގެފާނުގެ رَبُّ، ކަންތައް ކުރެއްވިގޮތް ކަލޭގެފާނަށް އެނގިވަޑައި ނުގަންނަވާތޯއެވެ.” [1]
ﷲ ތަޢާލާ މިއާޔަތުގައި މުޚާޠަބު ކުރައްވަނީ ނަބިއްޔާ صلى الله عليه وعلى آله وسلم އަށެވެ. ނުވަތަ މުޚާޠަބު ކުރައްވަނީ އެބަސްފުޅުރައްދުކުރެވޭނެ ކޮންމެ ފަރާތަކަށެވެ.
ފަހެ ފުރަތަމަ ބަހަށް ބުރަވާނަމަ: ނަބިއްޔާصلى الله عليه وعلى آله وسلمއަށް މުޚާޠަބުކުރެއްވުމަކީ އެކަލޭގެފާނަށާއި އެކަލޭގެފާނުގެ އުންމަތަށް ކުރެވޭ މުޚާޠަބެކެވެ. އެހެނީ އުންމަތް ތަބާވަނީ އެކަލޭގެފާނަށެވެ.
ދެވަނަ ބަހަށް ބުރަވާނަމަ: މުޚާޠަބު ކުރައްވަން ފެށިފައިވެސް އެވަނީ އެކަލޭގެފާނާއި އުންމަތަށް ޢާންމު ކޮށެވެ.
ކޮންމެ މާނައެއް ނެގިނަމަވެސް، މިސޫރަތުގައި އެއްކޮށްވެސް މިވަނީ ފީލް ބާގައިގެ މީހުންނާމެދު ﷲ ތަޢާލާ ކަންތައްކުރެއްވި ގޮތުގެ ވާހަކައެވެ.
ފީލް ބާގައިގެ މީހުންނަކީ ޔަމަނުގެ ބައެކެވެ. އެމީހުން އައީ ޙަބަޝާގެ ރަސްގެފާނު ފޮނުވައިގެން ބޮޑެތި އެތްތަކެއްގައި، ކަޢުބާ ހަލާކު ކޮށްލުމަށެވެ. މިކަން މެދުވެރިވާން ދިމާވި ސަބަބަކީ ޔަމަނުގެ ރަސްގެފާނު ބޭނުންވީ މީސްތަކުން ﷲ – عز وجل -ގެ ގެކޮޅު ކަމުގައިވާ ކަޢުބާއަށް ޙައްޖުވުމުން މަނާކުރުމަށެވެ. ފަހެ އޭނާ ކަޢުބާއާ ވައްތަރު ގެއެއް ބިނާކުރިއެވެ. އަދި ﷲ – عز وجل -ގެ ގެކޮޅަށް ޙައްޖުވުން މަނާކުރުމަށްޓަކައި މީސްތަކުންނަށް އެގެއަށް ޙައްޖުވާން އައުމަށް ގޮވާލިއެވެ.
ފަހެ އެކަމާ ޢަރަބިން ރުޅިއައެވެ. އަދި ކަޢުބާގެ ބަދަލުގައި ޔަމަނުގެ ރަސްގެފާނު ހެދި ގެއަށް (ޢަރަބީންގެ) މީހަކު ދިޔައެވެ. އަދި އެތަނުގައި ޤަޟާޙާޖާ ކުރިއެވެ. އަދި އެތަނުގެ ފާރުތަކުގައި ނަޖިސް ހޭކިއެވެ. ފަހެ މިކަމާ ޔަމަނުގެ ރަސްގެފާނު ވަރަށް ރުޅި ގަދަވިއެވެ. އަދި ޙަބަޝާގެ ރަސްގެފާނަށް އެކަމުގެ ޚަބަރު ދިނެވެ. ފަހެ (ޙަބަޝާގެ ރަސްގެފާނު) ބޮޑެތި އެތްތައް އެމީހުންގެ ގާތަށް ފޮނުވިއެވެ.
ބައެއް ޢިލްމުވެރިން ވިދާޅުވިއެވެ: އޭނާއަށް އެހީތެރިވެ ދިނުމުގެ ގޮތުން ހަ އެތް އޮތެވެ. ފަހެ ޔަމަނުގެ ރަސްގެފާނު ކަޢުބާ ހަލާކުކޮށްލާނެކަމުގެ ދަޢުވާކޮށް، އޭނާގެ ލަޝްކަރު ގޮވައިގެން އައެވެ. ނަމަވެސް ﷲ- سبحانه وتعالى -އެއިލާހުގެ ގެކޮޅު ރައްކާތެރި ކުރެއްވިއެވެ.
ފަހެ”المغمَّس”އޭ ކިޔުނު ހިސާބަށް ވާޞިލްވުމުން އެތްތައް ހުއްޓުނެވެ. އަދި ނުކިޔަމަންތެރިކަން ދެއްކިއެވެ. އަދި ކަޢުބާއާ ދިމާއަށް މިސްރާބުޖެހުމަށް ދެކޮޅުހެދިއެވެ. އޭގެ ބެލެހެއްޓުން ތެރިޔާ އެއަށް ބިރުދެއްކިއެވެ. ނަމަވެސް އޭތި ދެކޮޅުހެދިއެވެ. ފަހެ ޔަމަނާ ދިމާއަށް މޫނު އަނބުރާލައިފިނަމަ ބާރަށް ދުއްވައިގަނެއެވެ. އެއާ ޚިލާފަށް މައްކާއާ ދިމާއަށް މޫނު އަނބުރައިފިނަމަ ހުއްޓެއެވެ. [2] މިއީ ﷲ – عز وجل -ގެ ހެކިތަކުގެ ތެރެއިން ހެއްކެކެވެ.
ދެން އެއަށްފަހު ﷲ އެބައިމީހުންގެ މައްޗަށް ބައިބަޔަށް ދޫނިތަކެއް ފޮނުއްވަންދެން އެގޮތުގައި އެތާނގައި ދެމިތިއްބެވެ. ގާވެފައިވާ މަށީގެ ހިލަތަކެއް، އެ ދޫނިތައް އެއުރެންނާ ދިމާޔަށް އުކަތެވެ.
أَلَمْ يَجْعَلْ كَيْدَهُمْ فِي تَضْلِيلٍ ﴿٢﴾ وَأَرْسَلَ عَلَيْهِمْ طَيْرًا أَبَابِيلَ ﴿٣﴾ تَرْمِيهِم بِحِجَارَةٍ مِّن سِجِّيلٍ ﴿٤﴾
މާނައީ: “އެއިލާހު އެއުރެންގެ މަކަރާއި ޙީލަތް ގެއްލުމެއްގެ ތެރޭގައި ނުލައްވާ ހެއްޔެވެ. [2] އަދި އެއިލާހު އެއުރެންގެ މައްޗަށް ބައިބަޔަށް ދޫނިތަކެއް ފޮނުއްވިއެވެ. [3] ގާވެފައިވާ މަށީގެ ހިލަތަކެއް، އެ ދޫނިތައް އެއުރެންނާ ދިމާޔަށް އުކަތެވެ. [4]”
ޢިލްމުވެރިން ވިދާޅުވެފައިވެއެވެ: ﴿طَيْرًا أَبَابِيلَ﴾ އެބަހީ: ވަކިވަކިން އައި ޖަމާޢަތްތަކެކެވެ. ކޮންމެ ދޫންޏެއްގެ ތުނބުގައިވެސް ހަރު ހިލައެއްވިއެވެ.
﴿سِجِّيلٍ﴾ އެއީ އަލިފާނުން ދޮންކުރެވިފައިވާ މަށީގެ ހިލަތަކެކެވެ. އެހެނީ އެވައްތަރުގެ ހިލައިގައި ހަރުކަން މާ ބޮޑެވެ. މިހިލައަކީ ބޮޑު ހިލައެއް ނޫނެވެ. އަދި ކިއެއް ހެއްޔެވެ. އެއީ ވަރަށް ކުޑަ ހިލަކޮޅެކެވެ. އޭގެ ތެރެއިން މީހެއްގެ ބޮލުގައި އެހިލައިން ޖެހުމުން އޭނާގެ ފުރަގަހުން އެހިލަ ނުކުމެގެން ދެއެވެ. -ﷲގެ ޙަޟްރަތުން އަޅަމެން ރައްކާތެރިކަމަށް އެދެމެވެ.-
فَجَعَلَهُمْ كَعَصْفٍ مَّأْكُولٍ ﴿٥﴾
މާނައީ: “ފަހެ، ޖަނަވާރު ކައި، ވަރާފައިވާ ފަތްތަކެއް ފަދައިން އެއިލާހު އެއުރެން ލެއްވިއެވެ.”
އެބަހީ: ޖަނަވާރުތައް ކައިފައި، ޗިސްވަންދެން ފައިން އަރާފައިހުރި ހުއިތަކެއް ފަދައިންނެވެ.
މިތާ ކުރުގޮތަކަށް މިބަޔާންކޮށްދެވުނީ މިމަތިވެރި ސޫރަތުގައި ﷲ – سبحانه وتعالى – ފީލު ބާގައިގެ މީހުންނާމެދު ކަންތައް ކުރެއްވިގޮތެވެ. އަދި ހަމަކަށަވަރުން އެބައިމީހުންގެ މަކަރާއި ޙީލަތް އެނބުރުނީ އެބައިމީހުންގެ ކަނދުރާތަކާ ދިމާއަށެވެ. ހަމަ މިފަދައިން ޙައްޤަށް ނުބައިކަން ފޯރުވަން އުޅެފި ކޮންމެ މީހަކަށް ފަހެ ހަމަކަށަވަރުން ﷲ – سبحانه وتعالى – އެމީހެއްގެ މަކަރާއި ޙީލަތް އެމީހަކަށް އަނބުރާލައްވައެވެ.
ﷲ – سبحانه وتعالى – މި އެތްތަކުގެ ކިބައިން ކަޢުބާ ޙިމާޔަތްކުރެއްވިނަމަވެސް ފަހު ޒަމާނުގައި ކަޢުބާގެ މައްޗަށް ޙަބަޝާގެ މީހަކު ވެރިވާނެއެވެ. ފަހެ އެމީހަކު ހިލައަކަށް ފަހު ހިލައެއް ހަލާކުކުރަމުން ކަޢުބާ ބިމާ ހަމަކުރާނެއެވެ. [3] މިކަމުގެ ސަބަބަކީ ފީލު ބާގައިގެ މީހުންގެ ޙާދިޘާ ހިނގާދިޔައީ ރަސޫލާ މުޙައްމަދު صلى الله عليه وعلى آله وسلم ރަސޫލުކަމާއިގެން ފޮނުއްވުމުގެ މުޤައްދިމާއެއްގެ ގޮތުންނެވެ. އެކަމުގައި އެކުލެވިގެންވަނީ ގެފުޅަށް މާތްކޮށް މަތިވެރިކޮށް ހިތުމެވެ. ފަހު ޒަމާނާމެދު ދަންނައެވެ. ގެފުޅުގެ އަހުލުވެރިން އެތަނަށް އިހާނެތިކޮށް އެތާނގައި އަނިޔާވެރިކަމާއެކު، ދިނާ ޚިލާފު ގޮތްތައް އުފައްދަން އުޅުމުން، އަދި އެތަނަށް ޤަދަރުނުކުރުމުން، އެހިނދުން ﷲ – سبحانه وتعالى – އެބައިމީހުންގެ މައްޗަށް ގެފުޅު ހަލާކުކުރާނެ މީހަކުވެރިކުރައްވައެވެ. އޭރުން ބިންމަތީގައި ގެފުޅެއް ނުހުންނާނެއެވެ.
އެހެންކަމުން ޚާއްޞަގޮތެއްގައި މައްކާގެ އަހުލުވެރިންގެ މައްޗަށް ވާޖިބުވެގެންވަނީ ކަޢުބާއަށް އިހާނަތްތެރިނުވުމަށްޓަކައި އުރެދުމާއި ފާފާތަކާއި އަދި ބޮޑެތި ފާފަތަކުން ދުރުހެލިވުމެވެ. ފަހެ އެފަދައިން ކަންތައްކުރުމަކީ ﷲ – سبحانه وتعالى – އެބައިމީހުން ނިކަމެތި ކުރައްވާނެ ސަބަބެކެވެ.
ދުޢާއަކީ ﷲ ތަޢާލާ އަޅަމެންގެ ދީނާއި، އެއިލާހު ޙުރުމަތްތެރި ކުރައްވާފައިވާ ގެފުޅު، މަކަރުގެ އަހުލުވެރިންގެ މަކަރުން ސަލާމަތްކޮށް ދެއްވުމެވެ. ހަމަކަށަވަރުން އެއިލާހީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ އިލާހެވެ.
___________________________________
1 الفيل ގެ މާނައަކީ: އެތެވެ.
2 البداية والنهاية لإبن كثير – رحمه الله – (139/3)
3 أخرجه البخاري / كتاب الحج / باب: هدم الكعبة (1595/ 1596)