[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކުޑަކުދިންގެ ވާހަކަ: ކުނި އެއްކުރި ދުވަސް

storyގަޑިން ހަވީރު ފަހެއްޖެހީއެވެ. ނިޒާމް އޭނަގެ އެކުވެރިންނާ އެކު ނިކުތީ ރަށުގެ އަތިރިމައްޗަށެވެ. މިއީ ނިޒާމްގެ އާދައެވެ. އެތާތިބެގެން ފުރާވަރުގެ އެހެން ކުދިންނާއެކު ސަކަރާތްޖަހާ ހީނސަމާސަ ކުރެއެވެ. ނިޒާމްގެ ރައްޓެހިކުދިންނާއެކު އުޅޭ މި ގްރޫޕަކީ އޭރަކު ހިތަށް އެރިކަމެއް ކުރަމުން އަންނަ ގްރޫޕެކެވެ.

އާދައިގެމަތިން މިތާ ތިއްބާ އަޑުގަދަކުރާއިން މީހަކު ވާހަކަ ދައްކާ އަޑު އިވިގެން ސަކަރާތް ހުއްޓާލާފައި ނިޒާމް އެ އަޑަށް ސަމާލުކަން ދިނެވެ.

” މާދަމާ ހެނދުނު ހަތެއް ޖަހާއިރަށް ރަށުތެރެސާފުކުރަން ކައުންސިލް އިދާރާކައިރިއަށް ރައްޔިތުން ނިކުތުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދިލެއްވުމެއް.”

” އެތަނަށް ދާންވާނެ ދޯ.” އަޑުގަދަކުރާއިން އިވުނު އެނައުންސުމެންޓަށް ސަމާލުކަން ދީގެން ހުރުމަށްފަހު އެހެންކުދިން ބައިވެރިކުރުވުމުގެ ނިޔަތުގައި ނިޒާމް ބުންޏެވެ.

” ކޮންތާކަށް…އަހަރެމެނެއް ނުދާނަން.އެކަހަލަ ބަންގާޅިން ކުރާ މަސައްކަތް ކުރަން. ތީ އަބަދުވެސް ދާ މީހެއްނު.ކަލޭ ދޭ”

ނިޒާމާއި ދިމާއަށް އޭނަގެ އެކުވެރިޔަކު ބުންޏެވެ.

” އާނ. އަހަރެން ދާނަން.އެތަނަށް ދިޔައިމަ ދަޅު ލިބޭނެ. އަދި އެހެންނޫނަސް އަހަރެންނަށް ވަރަށް މަޖާ. އެންމެން ގްރޫޕް ހަދައިގެން އެކަހަލަ މަސައްކަތް ކުރާ އިރު”ނިޒާމް ދާން ބޭނުންވި ސަބަބު ހާމަ ކުރިއެވެ.

” ތީ އަހަރެމެން ދަންނަ ކަމެއް.އަހަރެމެން ނޫޅެން ކަލޭ ކުރާ މޮޔަ ކަންތައް ކުރަން. ކަލޭ ދޭ.” މިހެން ބުނެ ހިނިގަނޑެއް ޖަހާލަމުން އެންމެން ތެދުވެގެން ގެއަށް ދާން ހިނގައިގަތެވެ.

ނިޒާމް ކުޑައިރު އޭނަގެ މަންމައާއި ބައްޕަ ވަނީ ނިޔާވެފައެވެ.އޭނަ ބަލަހައްޓަނީ އޭނަގެމާމަ އެވެ. މާމަ ބުނާގޮތަށް ހެދުމަކީ ނިޒާމަށް ކޮންމެހެން މުހިއްމުކަމެއް ނޫނެވެ.މާމަ އެކަމާ ވަރަށް ދެރަ ވެއެވެ.ނިޒާމްގެ އުމުރުން މިހާރު ފަނަރަ އަހަރުވެފައިވާއިރުވެސް ބަލާފައި ހީވަނީ އަށް އަހަރުގެ ކުއްޖެއް ހެންނެވެ. ނުކައި ނުބޮއެ ސްކޫލަށް ނުގޮސް އަބަދު ރަހްމަތްތެރިންނާއެކު ބޭރުގައި އުޅޭނިޒާމް މާމަ ދައްކާވާހަކަ ތަކަށް ނިޒާމް ދެނީ ބީރުކަންފަތެކެވެ.

އެހެންނަމަވެސް ނިޒާމުގެ ކިބައިގާ މީހުން ފާހަގަ ކުރާ ރަގަޅު ދެ ސިފަ ހުރެއެވެ. އެއީ އޭނަގެ މާމަބަލިވުމުން އަޅާ ލުމާއި ރައްޔިތުންގެ މަސައްކަތުގައި އެހީތެރިވުމެވެ.

ޖެހިގެން އައި ދުވަހު ހަތެއް ޖެހި އިރު ރަށުގެ ގިނަ ބަޔަކު ތިބީ ކައުންސިލް އިދާރާގެ ކުރިމަތީގައެވެ. ނިޒާމްއާއި އޭނަގެ މާމަވެސް ހުރީ އެތާނގައެވެ.

ކައުންސިލަރ މަސައްކަތްކުރަންވީގޮތުގެ އިރުޝާދު ދިނުމުން އެންމެން މަސައްކަތް ފަށައިފިއެވެ.

މިއަދު ނިޒާމުގެ މާމަހުރީ ކުޑަކޮށް ހުންވައްތަރު ވެފައެވެ. އެހެންނަމަވެސް މަސައްކަތް ކުރުމުގެ ފޯރީގައި ހުރިވަރުން އައީ އެވެ.

ރަށުރައްޔިތުން ފޯރީގައި ކުނި ނަގަމުން ދިޔައެވެ. ކައުންސިލްގެ ފަރާތުން ކުނީގެ ވައްތަރުތައް ވަކިކޮށް އެއްތަނަކަށް ޖަމާކުރަމުން ދިޔައެވެ.

ނިޒާމާއި އޭނަގެމާމަވެސް ފޯރީގައި ކުނި ނަގަމުން ދިޔައެވެ.އެހެން ދުވަހު މިބާވަތުގެ މަސައްކަތް ކުރާދުވަސްތަކުގައި މާމައަކަށް ނުބަލައެވެ.ނަމަވެސް މިއަދު މާމަ ބަލިވެ އުޅޭތީ މާމަކައިރީ ނިޒާމް އުޅެނީއެވެ.މެންދުރު ނަމާދަށް ސާފުކުރުން މެދުކަނޑާލުމުން މާމައާއި ނިޒާމް ގަހެއްގެ ފިނިހިޔާލިބިގަތުމުގެ ނިޔަތުގައި އިށީނދެގެން ތިއްބާ ދަޅާއި ފުޅި ބަހާމީހުންއައިސް މާމައަށާއި ނިޒާމަށް ދަޅު ދީފައި ހިނގައްޖެއެވެ.

ނިޒާމް މާމައަށް ދަޅުކަނޑާދިނެވެ. އެވަގުތު ނިޒާމްގެ ގްރޫޕްމީހުން ދަމުންދަމުން ހަވީރު ކުޅެން އަންނަން ދަޢުވަތު ދީފައި ހިނގައްޖެއެވެ.

މާމަ ދަޅުން އެތިފޮދެއްބޯލުމަށްފަހު ނިޒާމަށްގޮވާލިއެވެ.

އަދި ބުންޏެވެ. “ދަރިފުޅާ! ބަލާލަބަލަ، އެހެރަ ކުނިފުނިތަކަށް ބަލާލަބަލަ. ދަރިފުޅުގެ އިސްކޮޅަށް ވުރެ މައްޗަށް އުފުލިފައި އެހެރީ އެއްދުވަހެއްގެ އެއްބައިގައި ރަށުތެރެއިން ޖަމާކުރެވުނު ކުނިފުނި ތައް.”

ނިޒާމް ބުންޏެވެ. “މާމާ! ވަރަށް ގިނަ ދޯ. ރަށުގެ މީހުން ކުނި ގިނަ ނުވާގޮތަށް ވިސްނައިގެން އުޅޭނަމަ މިހާ ގިނައެއް ނުވާނެ.”

މާމަ ދަޅުން އަނެއްކާވެސް އެތި ފޮދެއް ބޯން އުޅުނެވެ. އެކަމަކު ނުބޮވުނެވެ.ނިޒާމް ދަޅު ހުސްކުރިތާ ކިތައްމެ އިރެކެވެ.މާމައަށް ދަޅު ނުބޮވުމުން ބަހައްޓަން ބުންޏެވެ.

މާމަ ދަޅުބަހައްޓާފައި ނިޒާމަށް ބަލާލިއެވެ. އަދި ބުންޏެވެ. “ދަރިފުޅާ! ކަންކުރަންވީގޮތް އެނގުނަސް ބައެއްފަހަރަށް މީހުންނަކަށް ޢަމަލެއް ނުކުރެވޭ. ދަޅާއިފުޅި ރަށުގެ އެތަން މިތަނަށް ނޭއްލާށޭ ބުންޏަސް މީހުން އެއަށް ވުރެ ފަރުވާ ކުޑަ.”

މިސާލަކަށް ދަރިފުޅު އެކުނިފުނިތަކަށް ބަލާފައި ދަރިފުޅުގެ އަމިއްލަ ނަފުސަށް ވިސްނަބަލާށެވެ. “ކުނިފުނީގައިވާ ކޮންމެ ކުނިކޮޅަކީ ދަރިފުޅަށް ކުރެވިފައިވާ ގޯސްކަމެއްކަމުގައި ވިސްނާ. ބޮޑު ފަރުބަދަތައްހާވަރުގެ ފާފަތައް ޖަމާވަނީ ފަހަރަކު ކުނިކޮޅެއް ޖަމާވާ ފަދައިން ފަހަރަކު ފާފައަކުން ފާފައަކުން.”

ނިޒާމަށް އެވަގުތު ނޭނގޭ ބިރުވެރިކަމެއް އިޙްސާސްވިއެވެ. އޭނަގެ ރަހްމަތްތެރިންނާއެކު ގްރޫޕްތެރޭ އެކު އުޅުނު ވަގުތުތައް ހަނދާނަށް އައެވެ. މީހުންނަށް ޖެއްސުންކުރިދުވަސްތަކާއި ވައްކަންކުރުމާއި ދޮގުހެދުމާއި މާމައަށް އޮޅުވާލުމާއި މަކަރު ހެދި ވަގުތުތައް ހަނދާނަށް އައެވެ. ނަމާދުނުކޮށް ގުރުއާން ނުކިޔަވާ ރޯދަނުހިފާ ހުރި ދުވަސްތައް ހަނދާނަށް އައެވެ.

ނިޒާމަށް ރޮވެން ފެށިއެވެ. އަދި ބުންޏެވެ. “މާމާ! މާމަގެ ދުލުން މިއޮތް ހުރިހާ ދުވަހުން ދިން ނަސޭހަތުން މިހިތަކަށް އަސަރެއް ނުކުރޭ. އެކަމަކު ކުނިފުނި ފެނުމުން އަހަންނަށް ސިފަވަނީ އަހަރެންގެ ފާފަތަކުގެ ގޮތުގަ.”

“މާމާ! އަހަރެން އިސްލާޙުވާން ބޭނުން. ސުވަރުގެ ބޭނުން. ދާއިމީ އުފާ ބޭނުން.”

ނިޒާމަށް ހަމަ ރޮވެނީއެވެ. ނިޒާމް ރޯތަން ފެނިފައި މާމަ އުފާވެސް ވިއެވެ. އެހާމެ ދެރަވެސް ވިއެވެ. އަދި ބުންޏެވެ. “ނުރޮއެ ހުއްޓާލާ، ގެއަށް ދާން ހިނގާ، ނަމާދު ގަޑި ފާއިތުވަނީ، މާމަ ނަމާދު ކުރަން ބޭނުން، އަވަހަށް ގެއަށް ދާން ހިނގާ.”

ގެއަށްގޮސް ދަރިފުޅުވެސް ނަމާދުކުރާށެވެ. ތައުބާ ވާށެވެ. ކުރެވުނު ފާފަ ތަކާމެދު ދެރަވެ އަލުން ފާފައަކަށް އަރައިނުގަތުމަށް ޢަޒުމް ކަނޑައަޅާށެވެ. ދަރިފުޅުގެ ހިތަށް މަޑުމައިތިރިކަން ދެއްވީތީ ﷲ އަށް ޙަމްދުކުރަމެވެ. “ދަރިފުޅާ! މާމައަށް އެހެންކަހަލަ ވަރުބަލިކަމެއް އެބަ އިޙްސާސްކުރެވޭ.”

ދެމައިން ގެއަށް ވަދެ ފެންވަރާ ވުޟޫކުރިއެވެ. ފެންވަރައިގެންނިކުތް އިރު މާމަ ތުރުތުރު އަޅަނީއެވެ. ނިޒާމް ބުންޏެވެ. “މާމަ ހޮސްޕިޓަލަށް ދާން ހިނގާ.”

މާމަ ބުންޏެވެ. “ނޫން، ހޮސްޕިޓަލަށް ދާނީ ނަމާދުކޮށްގެން.”

ދެމައިން އެކުގައި ނަމާދުކުރިއެވެ. ނަމާދުގައި މާމަޔާއެކު ނިޒާމް ރޮމުން ދުޢާކުރިއެވެ. ނިޒާމްގެ ކޯތާފަތުން އޮހޮރެމުންދާ ކަރުނަ މާމަގެ ތުރުތުރުއަޅާ އަތުން ފޮހެ ދިނެވެ.

ނަމާދުކޮށް ނިމިގެން އަވަހަށް ގޮސް ނިޒާމް ކާރަކަށް ގުޅިއެވެ. އަދި މާމަ ކައިރީ ތައްޔާރުވާން ބުނަން ދިޔައިރު މާމާ އޮތީ ނަމާދު މުސައްލަ މަތީ ވެއްޓިފައެވެ. ލޯ ހުރީ މެރިފައެވެ.

ނިޒާމަށް ބާރަށް ރޮއެ ގަނެވުނެވެ. އެވަގުތު ކާރުއައިސް ފިއެވެ. ނިޒާމް ކާރު ޑުރައިވަރުގެ އެހީގައި ހޮސްޕިޓަލަށްމާމަ ގެންދިޔައިރު މާމަ އޮތީ މަރުވެފައެވެ. ނިޒާމް ކައުންސިލް އިދާރާގެ މީހުންގެ އެހީގައި މާމަ ވަޅުލިޔެވެ.

ނިޒާމްގެ މާމަ މަރުވީއެވެ. ނިޒާމް ހިތަށް އެރި އެވެ. އަދި ދުވަސްކޮޅަކަށް ނަމަވެސް މާމަ ދުނިޔޭގައި ހުރި ނަމަ ނިޒާމްގެ ރަނގަޅުކަން މާމަ އަށް ފެންނާނެއެވެ. އެހެނަސް………. ދުނިޔޭގައި އިންސާނާ އެދޭ ހުރިހާ އުފަލެއް ޙާސިލު ނުވާނެ ތާއެވެ. މިއަދު ނިޒާމް އަކީ ރަނގަޅު ކުއްޖެކެވެ. މާމަ އެދޭފަދަ ސާލިޙު ދަރިއެކެވެ. ނިޒާމް ކޮންމެ ދުވަހަކު އޭނަގެ މައިންބަފައިންނަށާއި އާއިލާއަށް ހެޔޮ ދުޢާ ކުރެއެވެ. ނުބައި ރަޙްމަތްތެރިންނަށް ފުރަގަސް ދިނެވެ. މިއަދު ނިޒާމްގެ އެކުވެރިންނަކީ ހެޔޮ ޢަމަލުތަކެވެ. ނިޒާމް ބޭނުންވަނީ ކުނިއެއްކުރި ދުވަހުގެ ފާފަވެރި އިޙްސާސް ހިތުން ފޮހެ ސާލިޙް އަޅެއްގެ ގޮތުގައި ނިމިދިޔުމެވެ.