ސުވާލު: މަސްޖިދުލްއަޤްޞާގެ ހާލަތާއި މަސްޖިދުލްއަޤްޞާއާއި ޤުއްބަތުއްޞަޚްރާގެ ތަފާތު އޭގައި ބަޔާންކޮށްގައިވާ އީމެއިލްއެއް ވަރަށް ފަހުން އަހަރެންނަށް ލިބުނެވެ. މަސްޖިދުލްއަޤްޞާ އާއި ޤުއްބަތުއްޞަޚްރާގެ ތަފާތެއްވާނަމަ އެކަން ސާފުކޮށް ބަޔާންކޮށްދެވިދާނެތޯއެވެ؟ އިސްލާމުންގެ އެކި ތަންތަނުގައި މަސްޖިދުލް އަޤްޞާއަށް އިޝާރާތްކޮށް ވާހަކަދެއްކޭއިރު ޤުއްބަތުއްޞަޚްރާ އަހަރެމެންނަށް ފެންނަނީ ކީއްވެގެން ހެއްޔެވެ؟ އަހަރެންނަކަށްވެސް އަދި ވަރަށް ގިނަ މުސްލިމުންނަށްވެސް މިދެތަނުގެ ތަފާތެއް ނޭނގެއެވެ؟
الحمد لله
މަސްޖިދުލްއަޤްޞާއަކީ ބަރަކާތްތެރިވެގެންވާ ތަނެކެވެ. އަދި އެއީ މުސްލިމުންގެ ދެޤިބުލައިންކުރެ ފުރަތަމަ ޤިބުލައެވެ. އަދި ދަތުރުހަދައިގެން އެމިސްކިތްތަކަށް ދިޔުމަށް ބާރުއެޅިފައިވާ ތިން މިސްކިތުގެ ތެރެއިން އެއްމިސްކިތެވެ. މަސްޖިދުލްއަޤްޞާ ބިނާކުރެއްވީ، ސުލައިމާން ޢަލައިހިއްސަލާމް ކަމުގައި ބުނެވެއެވެ. އެއީ ސުނަނުން ނަސާއީގައި ރިވާވެފައިވާ ރިވާޔަތެއްގައިވާ ފަދައިންނެވެ. އަދި އެރިވާޔަތް ޝައިޚު އަލްއަލްބާނީ (ރަޙިމަހުއްﷲ) ޞަޙީޙުއްނަސާއިގައި ޞައްޙަކުރައްވާފައިވެއެވެ.
އަދި ސުލައިމާން ޢަލައިހިއްސަލާމްގެ ކުރިންވެސް މަސްޖިދުލްއަޤްޞާ ވާކަމުގައި ބުނެވެއެވެ. އަދި ސުލައިމާން ޢަލައިހިއްސަލާމު ބިނާކުރެއްވި ބިނާއަކީ، ކުރީގެ ބިނާ އާކުރެއްވުމުގެ ގޮތުން އެޅުއްވި ބިނާއެކެވެ.
އެއީ ޞަޙީޙުލް ބުޚާރީއާއި ޞަޙީޙު މުސްލިމުގައި ރިވާވެފައިވާފަދައިންނެވެ. އަބޫ ޛައްރު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ތިމަންކަލޭގެފާނު ދެންނެވީމެވެ. އޭﷲގެ ރަސޫލާއެވެ. އެންމެ ފުރަތަމަ ބިމުގައި ބިނާކުރެވިފައިވާ މިސްކިތަކީ ކޮން މިސްކިތެއްތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އެއީ މަސްޖިދުލް ޙަރާމްއެވެ. ދެން ތިމަންކަލޭގެފާނު ދެންނެވީމެވެ. ދެން އެއަށްފަހުގައި ކޮންމިސްކިތެއްތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އެއީ މަސްޖިދުލް އަޤްޞާއެވެ. ދެން ތިމަންކަލޭގެފާނު ދެންނެވީމެވެ. އެދެމެދުގައި ކިހާ ދުވަހެއް ވޭހެއްޔެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ސާޅީސް އަހަރެވެ. ދެންފަހެ ތިބާވީ ކޮންމެ ތަނެއްގައިވީނަމަވެސް ނަމާދު ވަގުތުވަދެއްޖެނަމަ އެތަނެއްގައި ނަމާދުކުރާށެވެ. ފަހެ އެއީ އެންމެ ރަނގަޅުވެގެންވާ ގޮތެވެ.”
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ (މަސްޖިދުލް ޙަރާމްއިން މަސްޖިދުލް އަޤްޞާއަށް) އިސްރާކުރެއްވުނެވެ. އަދި އެބަރަކާތްތެރިވެގެންވާ މިސްކިތުގައި އެކަލޭގެފާނު ނަބީބޭކަލުންނާއިގެން އިމާމުވެ ނަމާދުކުރެއްވެވިއެވެ. ﷲ ޞުބުޙާނަހޫވަތަޢާލާ ވަޙިކުރައްވާފައިވެއެވެ.
﴿ سُبْحَانَ الَّذِي أَسْرَىٰ بِعَبْدِهِ لَيْلًا مِّنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الْأَقْصَى الَّذِي بَارَكْنَا حَوْلَهُ لِنُرِيَهُ مِنْ آيَاتِنَا إِنَّهُ هُوَ السَّمِيعُ الْبَصِيرُ﴾ [الإسراء: ١]
މާނައީ: “އެއިލާހުގެ ހުސްޠާހިރުވަންތަކަމާއެވެ! އެއިލާހީ، މަސްޖިދުލް ޙަރާމްއިން، މަސްޖިދުލް އަޤްޞާއަށް އެއިލާހުގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި އިލާހެވެ. އެއީ އެތާނގެ ވަށައިގެން، ތިމަންއިލާހު ބަރަކާތްލެއްވި ތަނެވެ. (އެއީ) ތިމަންއިލާހު ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް، އެކަލޭގެފާނަށް ދެއްކެވުމަށްޓަކައެވެ. ހަމަކަށަވަރުން، އެއިލާހީ،މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ އިލާހެވެ.”
އަދި ޤުއްބަތުއްޞަޚްރާއާއި މެދު ދަންނައެވެ. އެތަން ބިނާކުރެއްވީ ހިޖުރައިން 72ވަނަ އަހަރުގައި، ޚަލީފާ ޢަބްދުލް މަލިކު ބިން މަރުވާނެވެ.
الموسوعة الفلسطينية( 4/203 )ގައިވެއެވެ.
(ކުރީޒަމާނުގައި މުޤައްދަސްވެގެންވާ ޝަރަފުވެރި ޙަރަމަށް، (1) އެތަނަށް އެއްކޮށް އަދި އެތަނުގައި ވާހާއެއްޗަކަށް މަސްޖިދުލްއަޤްޞާގެ ނަމުން ނަންދެވިފައިވާކަމުގައިވެއެވެ. އަދި އެތަނުގައި ހިމެނޭ ބިނާތަކުގެ ތެރޭގައި ޤުއްބަތުއްޞަޚްރާ ހިމެނެއެވެ. އެބިނާ ބިނާކުރެއްވީ ހިޖުރައިން 72ވަނަ އަހަރުގައި، ޚަލީފާ ޢަބްދުލް މަލިކު ބިން މަރުވާނެވެ. އަދި އިސްލާމުންގެ އަޘާރީ ތަނެއްގެ ގޮތުގައި އެތަން ބެލެވެމުން އައެވެ. އެހެންނަމަވެސް މިއަދު، މަސްޖިދުލްއަޤްޞާގެ ނަމުން ނަންދެވިފައިވަނީ ޙަރަމުގެ ދެކުނުން އޮންނަ ބޮޑު މިސްކިތަށެވެ.)
އަދިވެސް الموسوعة الفلسطينية(3/23 )ގައިވެއެވެ.
(ޤުއްބަތުއްޞަޚްރާ ބިނާކުރެވިފައިވަނީ މަސްޖިދުލްއަޤްޞާގެ ހަރިންމައިގެ މެދުގައެވެ. އެތަންވަނީ ޤުދުސްގެ އިރުދެކުނުފަރާތުގައެވެ. މަސްޖިދުލްއަޤްޞާގެ ހަރިންމައަކީ ވަރަށް ތަނަވަސް ހަތަރެސްކަން ބައްޓަމަށް އޮންނަތަނެކެވެ. އެތަނުގެ އުތުރުންފެށިގެން ދެކުނާހަމައަށް 480 މީޓަރ ހުރެއެވެ. އަދި އިރުން ހުޅަނގަށް 300 މީޓަރު ހުރެއެވެ. މަސްޖިދުލްއަޤްޞާގެ ހަރިންމައަށްވާ ސަރަހައްދު ގާތްގަނޑަކަށް ޤަދީމީ ޤުދުސްގެ ފަސްބައިކޮށްފައި އެއްބައިވަރުވާނެއެވެ.)
މަސްޖިދުލްއަޤްޞާއަކީ ނަމާދު ކުރުމަށްޓަކައި ލެއްވިފައިވާ ތަނެކެވެ. އަދި ޤުއްބަތުއްޞަޚަރާއަކީ ނަމާދުކުރުމަށްޓަކައި ލެއްވިފައިވާތަނެއް ނޫނެވެ. ނަމަވެސް މީސްތަކުންގެ މެދުގައި އާންމުވެފައިވާ ފޮޓޯއަކީ ޤުއްބަތުއްޞަޚްރާއެވެ. މީސްތަކުންކުރެ ގިނަބަޔަކު އެތަން ފެންނަހިނދު އެއީ އަޤްޞާ މިސްކިތްކަމުގައި ހީކުރެއެވެ. އެހެންނަވެސް ޙަޤީޤަތަކީ އެއީއެއްނޫނެވެ. އެއީ މިސްކިތެއްނޫނެވެ. މިސްކިތްވަނީ ބޮޑު ހަރިންމައިގެ ދެކުނުންނެވެ. އެޤުއްބު ބިނާކުރެވިފައިވަނީ މައްޗަށް އުފުލިފައިވާ އުސް ހިލައެއްގެ މަތީގައި (މިސްކިތުގެ) ހަރިންމައިގެ މެދުގައެވެ.
ކުރިންވެސް ބަޔާންކުރެވުނުފަދައިން، ކުރީޒަމާނުގައި މަސްޖިދުލްއަޤްޞާގެ މުޅިހަރިންމައާވީ ސަރަހައްދަށް މަސްޖިދުލްއަޤްޞާގެ ނަމުން ނަންދެވިފައިވެއެވެ.
އަދި މިބަހަށް ޝައިޚުލް އިސްލާމު އިބުނު ތައިމިއްޔާ ރަޙިމަހުﷲ މަޖުމޫޢަތުލްރިސާލާ އަލްކުބުރާގައި ވިދާޅުވެފައިބަސް ގަދަކޮށްދެއެވެ.
“މަސްޖިދުލްއަޤްޞާ މިނަމަކީ މިއީ، ސުލައިމާން ޢަލައިހިއްސަލާމް ބިނާކުރެއްވި މުޅިމިސްކިތްކޮޅަކަށް ދެވިފައިވާނަމެކެވެ. އެހެންވެ މީސްތަކުންކުރެ ބައެއްމީހުން ޢުމަރުގެފާނު އެތަނުގެ ކުރިމަތީގައި ބިނާކުރެއްވި ނަމާދުކުރާތަނަށް އަލްއަޤްޞާ ގެ ނަމުން ނަންކިއެވެ. އަދި ޢުމަރުގެފާނު މުސްލިމުންނަށް އެބިނާކޮށްދެއްވި މިސްކިތުގައި ކުރާ ނަމާދު އެހެން ހުރިހާ މިސްކިތެއްގައި ކުރާނަމާދަށްވުރެ ހެޔޮކަންބޮޑުކަމުގައި ދެކެމުން އައެވެ. ސަބަބަކީ ޢުމަރުގެފާނު ޤުދުސް ފަތަޙަކުރެއްވިއިރު އެހިލައިގެމަތީ ބޮޑު ކުނިފުންޏެއް ޖަހާފައި ހުއްޓެވެ. އެކަންކޮށްފައިވަނީ، އެތަނަށް ނަމާދުކޮށް މާތްކޮށްހިތަމުންއައި ޔަހޫދީންނާއި ޚިލާފަށް ނަޞާރާއިން އެތަނަށް އިހާނެތިކޮށްހިތުމުގެ ގޮތުންނެވެ. ދެން ޢުމަރުގެފާނު އެތަނުން ކުނިތައްނަގައި ސާފުކުރުމަށް އަމުރުކުރެއްވިއެވެ. ޢުމަރުގެފާނު ކަޢުބުގެފާނަށް ވިދާޅުވިއެވެ. މުސްލިމުންނަށް މިސްކިތެއް އެޅުމަށްޓަކައި ކަލޭގެފާނަށް ފެނިވަޑައިގަންނަވަނީ ކޮންތަނެއްތޯއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެހިލައިގެ ފަހަތުގައެވެ. ދެން ޢުމަރުގެފާނު އެކަލޭގެފާނަށް ވިދާޅުވިއެވެ. އޭ ޔަހޫދީ އަންހެނާގެ ދަރިޔާއެވެ. ކަލެއަށް ތިހުރީ ޔަހޫދީންގެ ފިކުރުގެ އަސަރުކޮށްފައެވެ. އަދި ކިއެއްހެއްޔެވެ. އަހަރެން މިސްކިތް ބިނާކުރާނީ އެތަނުގެ ކުރިމަތީގައެވެ.
އެހެންކަމުން އުންމަތުގެ އިމާމުން ޢުމަރުގެފާނު ބިނާކުރެއްވި މިސްކިތަށް ވަދެވަޑައިގެންފިނަމަ ނަމާދުކުރައްވާކަމުގައިވެއެވެ. އަދި ޞަޚްރާގައި ޢުމަރުގެފާނެއް އަދި އެއްވެސް ޞަޙާބީއެއް ނަމާދެއް ނުކުރައްވައެވެ. އަދި ޚުލަފާއުއްރާޝިދޫންގެ ޒަމާނާ ހަމައަށް އެތަނުގައި ޤުއްބެއްވެސްނުވެއެވެ. އަދި ކިއެއްހެޔެވެ. އެތަންވަނީ ޢުމަރުގެފާނާއި، ޢުޘްމާނުގެފާނާއި، ޢަލީގެފާނާއި، މުޢާވިޔަތުގެފާނާއި، ޔަޒީދާއި މަރުވާނުގެ ޚިލާފަތުގައި ހާމަކޮށްނެވެ. އަދި ޞަޙާބީންގެ ތެރެއިން ޢިލްމުގެ އަހުލުވެރިންނާއި އަދި އެބޭކަލުނަށް އިޙްސާންތެރިކަމާއެއްކޮށް ތަބަޢަވީބަޔަކު، އެޞަޚްރާއަށް މަތިވެރިކޮށް މާތްކޮށް ނަހައްދަވައެވެ… އެހެނީ އެއީ މަންސޫޚުކުރެވިފައިވާ ޤިބުލައެކެވެ… އެހެނެއްކަމަކު އެއީ ޔަހޫދީންނާއި ބައެއް ނަޞާރާއިން މަތިވެރިކޮށް މާތްކުރާތަނެކެވެ.”
އަދި ޢުމަރުގެފާނު ކަޢުބުލް އަޙްބާރަށް އިންކާރުކުރެއްވުމުގެ ގޮތުންވިދާޅުވިއެވެ. “އޭޔަހޫދީ އަންހެނާގެ ދަރިޔާއޭ”، މިފަދައިން ވިދާޅުވީ، ކަޢުބުގެފާނު އިސްލާމުވުމުގެ ކުރިންވީ ޔަހޫދީންގެ ޙަބްރެއް(ޢިލްމުވެރިއެއް) ކަމުގަވުމުންނެވެ. ފަހެ ކަޢުބުގެފާނު، ޢުމަރުގެފާނަށް ހިލައިގެ ފަހަތުގައި މިސްކިތް ބިނާކުރެއްވުމަށް އިޝާރާތްކުރެއްވިހިނދު އެކަންވީ، އެހިލައަށް މާތްކޮށްހިތުމުގެ ތެރެއިން ވާކަމަކަށެވެ. އަދި އެހިލަ ފަހަތުގައި މިސްކިތް އެޅުމުން، މުސްލިމުން ނަމާދުކުރާއިރު ޤިބުލައަށް ކުރިމަތިލައިގެން ހުންނައިރު ހުރެވޭނީ އެހިލައަށް ކުރިމަތިލައިގެންނެވެ. ފަހެ، މިގޮތަށް އެހިލައަށް މާތްކޮށްހެދުމަކީ، ޔަހޫދީ ދީނުގެ ކަމެކެވެ. އިސްލާމްދީނުގައި އޮންނަކަމެއް ނޫނެވެ. (މިކަން އެހެންވެދާނެތީ، ކަޢުބުގެފާނަށް އެކަން އިންކާރުކުރައްވުމުގެ ގޮތުން އެހެން ވިދާޅުވީއެވެ.)
އަދި މުސްލިމުން ހަމައެކަނި އެޤުއްބުގެ ފޮޓޯއިން އެއީ މަސްޖިދުލްއަޤްޞާކަމުގައިބަލައި ފުއްދާލަނީ، މިޤުއްބު ޢިމާރާތް ކުރެވިފައިވާލެއް ފުރިހަމަކަމާއި މަންޒަރުތައް ރީތިކަމުންކަމަށް ވެދާނެއެވެ. އެހެނެއްކަމަކު މިކަން އެމީހުންގެ އެކުށަށް ޢަފޫލިބެނިވި ކަމެއްކަމުގައި ނުވެއެވެ. އެކުށަކީ މަސްޖިދުލްއަޤްޞާއާއި އެތާނގެ ވަށައިގެންވާތަންތަން ވަކިކުރަން ނޭނގުމެވެ.
މިކަންކަމަކީ މީ ޔަހޫދީންގެ މަކަރުވެރިކަމުން ހިންގަމުން އަންނަ ކަންކަމެވެ. އެމީހުން އެޞަޚްރާ މަތިވެރިކޮށް އެތަނަށް ކުރިމަތިލާ، ނަމާދުކޮށް ނުވަތަ ޤުއްބަތުއްޞަޚްރާ މަސްޖިދުލްއަޤްޞާއަށްވުރެ ފާޅުކޮށް ދައްކާ ހެދުމަކީ އެމީހުންގެ ބޭނުން ފުރިހަމަކުރުމަށްޓަކައި ހަދާ މަކަރުވެރިކަމެކެވެ. އެއީ މަސްޖިދުލްއަޤްޞާ ހުރިތަނުގައި އެމީހުން ދަޢުވާކުރާ ސުލައިމާނުގެފާނުގެ ހައިކަލް (ފައްޅި) އެޅުމަށްޓަކައެވެ. އެހެންވެ މުސްލިމުން ހީކުރަނީ، މަސްޖިދުލްއަޤްޞާ އެއީ ޤުއްބަތުއްޞަޚްރާ ކަމުގައެވެ. ފަހެ ޔަހޫދީން، މަސްޖިދުލްއަޤްޞާ ހަލާކުކޮށްލަން ޤަސްދުކޮށްފިނަމަ މުސްލިމުން އެކަމާ އިންކާރުކުރުމުން، އެޔަހޫދީން (ޤުއްބަތުއްޞަޚްރާ ދައްކައިފައި) މުސްލިމުންނަށް ބުނެތެވެ. އެހުރީ މަސްޖިދުލްއަޤްޞާ ހުރި ހާލަތުގައެވެ. އަދި ޤުއްބަތުއްޞަޚްރާގެ ފޮޓޯ ފަތުރާ ޢާންމުކުރެއެވެ. އެހިސާބުން ޔަހޫދީންނަށް އެމީހުންގެ މަޤްޞަދުތައް ޙާޞިލުވެއެވެ. އަދި މުސްލިމުންގެ ބަދު ބަސްތަކުން އެބައިމީހުން ސަލާމަތްވެގަނެތެވެ.
މުސްލިމުން އެމީހުންގެ ޙާލަތަށް ރުޖޫޢަކޮށްދެއްވުން އެދި ﷲގެ ޙަޟްރަތުން އަހަރެމެން އެދެމެވެ. އަދި މުސްލިމުންނަށް ޢިއްޒްދެއްވާ ގަދަކަންދެއްވުމަށް އެދި ދަންނަވަމެވެ. އަދި އޫރާއި ރާމާމަކުނުގެ އަޚުންގެ ކިބައިން މަސްޖިދުލްއަޤްޞާ ޠާހިރު ކޮށްދެއްވުމަށް އެދި ދަންނަވަމެވެ. ﷲއީ، އެއިލާހުގެ ކަންތައްތައް ހިންގެވުމުގައި، ބާރުވެރިވަންތަ އިލާހެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން އެކަމެއް ނޭނގެއެވެ.
والله أعلم
________________________
[1] މަސްޖިދުލްއަޤްޞާއަކީ މަތިވެރިވެގެންވާ މިސްކިތެއްކަމުގައިވީ ނަމަވެސް އެއީ މުސްލިމުންގެ ޙަރަމް ފުޅެއް ނޫނެވެ. އިތުރު ތަފްޞީލު: މަސްޖިދުލް އަޤްޞާއަކީ ޙަރަމްފުޅެއްތޯ؟
މިލިޔުމުގެ އަޞްލު: ޢަރަބި ބަހުން، އިނގިރޭސި ބަހުން