ރަމަޟާންމަހުގެ ރޯދައިގެ ޙުކުމް
އެންމެހާ ޙަމްދުހުރީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަށެވެ. އެއިލާހު ދެއްވާދެއްވުމެއް މަނާކުރާނެ ފަރާތެއްނުވެއެވެ. އަދި އެއިލާހު ގެންދަވައިފި އެއްޗެއް އަނބުރާ ދެއްވާނެ ފަރާތެއް ނުވެއެވެ. އެއިލާހަށް ކިޔަމަންތެރިވުން އެއީ ޢަމަލުކުރާމީހުން ހޯދައިގަންނަ އެންމެ ހެޔޮ އަދި އެންމެ ފައިދާ ކުރަނިވި ކަމެވެ. އަދި ތަޤުވާވެރިން އެ އިލާހަށްވާ ތަޤުވާވެރިކަމީ، އެ އިލާހާ އެންމެ ކައިރިކޮށްދޭ ކަމެވެ. އަދި އެއިލާހުގެ ވަލީވެރިންގެ ހިތްތައް އީމާންކަމަށް ތައްޔާރުކުރައްވާ، އެބައިމީހުންގެ ހިތްތަކުގައި އީމާންކަން މިންވަރުކުރެއްވިއެވެ. އަދި އެބައިމީހުންނަށް އެ އިލާހުގެ އަޅުކަމުގައި އުފުލަންޖެހޭ ވަރުބަލިކަން ލުއި ކޮށްދެއްވިއެވެ. އެހެންކަމުން އެ އިލާހަށް ޚިދުމަތް ކުރުމުގައި (އަޅުކަންކުރުމުގައި) އެބައިމީހުންނަށް އެއްވެސް ވަރުބަލިކަމެއް އުފުލާކަށް ނުޖެހެއެވެ. އަދި ހަލާކުގެ ތެރެއަށް ވެއްޓި މަގުފުރެދުނު ހިނދު މަގުފުރެދުނު މީހުންނަށް ބަދު ނަސީބުވެރިކަން އެ އިލާހު މިންވަރުކުރެއްވިއެވެ. އެބައިމީހުން ﷲގެ މަގުން މޫނުއަނބުރާލާ އެއިލާހަށް ކާފަރުވިއެވެ. ފަހެ އެބައިމީހުން ހުޅުގަނޑުގެވެރި ނަރަކައަށް ވެއްދޭ ހުށްޓެވެ.
އެ އިލާހުގެ ފަޟްލުވަންތަވެރިކަމުން އަޅަމެންނަށް ދެއްވާފައިވާ ގިނަގުނަ ނިޢުމަތްތަކަށް ޙަމްދު ކުރަމެވެ.
އަދި ﷲ ފިޔަވާ ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހަކު ނުވާކަމަށް އަޅު ހެކިވަމެވެ. އެއިލާހަށް ބައިވެރިއަކު ނުވެއެވެ. ކާފަރުންގެ ޖަމާޢަތްތައް ބަލިކުރައްވާ އެބައިމީހުންގެ މައްޗަށް ބާރު ހިންގަވައެވެ. އަދި މުޙައްމަދުގެފާނީ ﷲގެ އަޅާކަމަށާއި ރަސޫލާ ކަމަށް އަޅުހެކިވަމެވެ. އެކަލޭގެފާނީ ﷲ ތަޢާލާ އިޚްތިޔާރުކުރައްވާ ހޮއްވެވި ފަރާތެވެ. ﷲ ތަޢާލާ އެކަލޭގެފާނުގެ މައްޗަށް ޞަލަވާތްލައްވާށިއެވެ. އަދި ދަރަޖަތައް މަތިވެރިވެގެންވާ މާތްކަމުން ފުރިފައިވާ އެކަލޭގެފާނުގެ ޞަޙާބީ އަބޫބަކުރުގެފާނަށްވެސް ޞަލަވާތްލައްވަވާށިއެވެ. އަދި އެބޭކަލަކަށް ބިރުން ޝައިޠާނާ ފިލައި ރައްކާވާ، ޢުމަރުގެފާނުގެ މައްޗަށް ޞަލަވާތް ލައްވަވާށިއެވެ. އަދި ތަޤުވާވެރި ޠާހިރު ނަސަބުގެ ވެރި، އަދި ދެނޫރުގެ ވެރިޔާ ޢުޘްމާނުގެފާނުގެ މައްޗަށް ޞަލަވާތް ލައްވާށިއެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ދަނބިދަރިކަލުން، އަދި ބޮޑުބޭބޭގެދަރިކަލުން ޢަލީގެފާނަށް ޞަލަވާތްލައްވާށިއެވެ. އަދި ދީނުގެ އެންމެ މަތިވެރި ފަޚުރު ލިބިވަޑައިގެންނެވި ޞަޙާބީބޭކަލުންނާއި، އެބޭކަލުންނަށް ހެޔޮ ގޮތުގައި ތަބަޢަވީ ތާބިޢީ ބޭކަލުންނަށް އެންމެ ފުރިހަމަ ސަލާމުން ސަލާމްލައްވާށިއެވެ.
އަޚުންނޭވެ! ރަމަޟާންމަހުގެ ރޯދައަކީ، އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. އެދީނުގެ އެއް އަސާސެވެ. ﷲތަޢާލާ ވަޙީކުރެއްވިއެވެ.
﴿يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ * أَيَّامًا مَّعْدُودَاتٍ ۚ فَمَن كَانَ مِنكُم مَّرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ ۚ وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ ۖ فَمَن تَطَوَّعَ خَيْرًا فَهُوَ خَيْرٌ لَّهُ ۚ وَأَن تَصُومُوا خَيْرٌ لَّكُمْ ۖ إِن كُنتُمْ تَعْلَمُونَ * شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ ۚ فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ ۖ وَمَن كَانَ مَرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ ۗ يُرِيدُ اللَّـهُ بِكُمُ الْيُسْرَ وَلَا يُرِيدُ بِكُمُ الْعُسْرَ وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُوا اللَّـهَ عَلَىٰ مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ ﴾ [البقرة: ۱٨٣ – ۱٨٥]
މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންގެ ކުރީގެ އުންމަތްތަކުގެ މީހުންގެ މައްޗަށް ރޯދަ ފަރުޟުކުރެވުނުފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟުކުރެވިއްޖެއެވެ. އެއީ ތިޔަބައިމީހުން ތަޤުވާވެރިވުމަށްޓަކައެވެ. (183) ރޯދަހިފަންވީ ޢަދަދު ކަނޑައެޅިގެންވާ ދުވަސްތަކެއް ގައެވެ. ފަހެ،ތިޔަބައިމީހުންގެ ތެރެއިން ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ (ރަމަޟާންމަހުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެން ދުވަސްތަކަކުން އެ ޢަދަދު ހަމަކުރުން ހުށްޓެވެ. އަދި ބުރަކަމާއި އުނދަގުލާއެކު މެނުވީ ރޯދަހިފުމަށް ކުޅަދާނަވެގެން ނުވާމީހާ ރޯދަހިފުމުގެ ބަދަލުގައި ފިދްޔަ ދޭށެވެ. (ފިދްޔައިގެ މިންވަރަކީ ރޯދަ ދޫކޮށްލާ ކޮންމެ ދުވަހަކަށް) މިސްކީނަކަށް ކާންދޭ މިންވަރެވެ. ފަހެ،تطوّع ގެ ގޮތުން އިތުރު ހެޔޮކަމެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ،އެކަންތައް އެމީހަކަށް ހެޔޮކަން ބޮޑެވެ. އަދި (ފިދްޔަ ދިނުމުގެ ބަދަލުގައި) ރޯދަހިފުން ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އެކަން ތިޔަބައިމީހުން ދަންނާނެ ނަމައެވެ. (184) ރަމަޟާންމަހަކީ، އެމަހެއްގައި ޤުރުއާން ބާވާލެއްވުން މައްސަރެވެ. އެޤުރުއާން ބާވާލެއްވުނީ މީސްތަކުންނަށްވާ ތެދުމަގެއްކަމުގައެވެ. އަދި ހިދާޔަތާއި ޙައްޤާއި ބާޠިލް ވަކިކޮށްދެނިވި ހެކިތަކެއްގެ ގޮތުގައެވެ. ފަހެ،ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި ޙާޟިރުވެ ހުރެއްޖެމީހާ،އެ މަހުގެ ރޯދަ ހިފާހުށިކަމެވެ! އަދި ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެން ދުވަސްތަކަކުން އެ ޢަދަދު ހަމަކުރުން ހުށްޓެވެ. ﷲތަޢާލާ ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ. (މިކަންތައްތައް މިގޮތަށް ކަނޑައަޅުއްވާފައިވަނީ) ތިޔަބައިމީހުން އެ މައްސަރުގެ ދުވަސްތަކުގެ ޢަދަދު ފުރިހަމަ ކުރުމަށްޓަކައެވެ. އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަމުގެ މައްޗަށް ﷲއަށް ތަކްބީރުކިޔައި އުޅުމަށްޓަކައެވެ. އަދި ތިޔަބައިމީހުން އެއިލާހަށް ޝުކުރުވެރިވުމަށްޓަކައެވެ. (185)”
އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ.
((بُنِيَ الْإِسْلَامُ عَلَى خَمْسٍ شَهَادَةِ أَنْ لَا إِلَهَ إِلَّا اللهُ وَأَنَّ مُحَمَّدًا رَسُولُ اللهِ وَإِقَامِ الصَّلَاةِ وَإِيتَاءِ الزَّكَاةِ وَالْحَجِّ وَصَوْمِ رَمَضَانَ))[1]
މާނައީ: “އިސްލާމްދީން ބިނާވެގެންވަނީ ފަސްކަމެއްގެ މައްޗަށެވެ. އެއީ؛ ﷲ މެނުވީ ޙައްޤުގޮތުގައި އަޅުކަންވެވޭ އެހެންފަރާތެއް ނުވާކަމަށް ހެކިވުމާއި މުޙައްމަދުގެފާނީ ﷲގެ ރަސޫލާކަމަށް ހެކިވުމާއި ނަމާދު ޤާއިމްކުރުމާއި ޒަކާތްދިނުމާއި ޙައްޖުވުމާއި ރަމަޟާންމަހުގެ ރޯދަހިފުމެވެ.”
އަދި އިމާމް މުސްލިމްގެ ރިވާޔަތުގައި ވެއެވެ.
((وَصَوْمِ رَمَضَانَ وَحَجِّ البَيْتِ))[2]
މާނައީ:”އަދި ރަމަޟާންމަހުގެ ރޯދަހިފުމާއި ﷲގެ ގެފުޅަށް ޙައްޖުވުމެވެ.”
ރަމަޟާންމަހުގެ ރޯދައަކީ، ފަރުޟެއްކަމާމެދު ހުރިހާ މުސްލިމުން އިޖުމާޢުވެއެވެ. އަދި ރޯދައިގެ ފަރުޟުކަމާމެދު ކޮންމެ މުސްލިމަކަށް އެނގުމަކީ، އިސްލާމްދީނުގެ ޟަރޫރީ ޢިލްމުގެ ތެރެއިން ހިމެނޭ ކަމެކެވެ. ފަހެ މިއަޅުކަމަކީ، ފަރުޟެއްކަމާމެދު އިންކާރުކޮށްފިމީހާ ކާފަރުވެއްޖެއެވެ. އަދި އޭނާއަށް ތައުބާ ލައިދެވޭނެއެވެ. އަދި އޭނާއަށްވަނީ ތައުބާވެ ރަމަޟާންމަހުގެ ރޯދައިގެ ވާޖިބުކަމާމެދު އިޤުރާރުވުމެވެ. ނޫންނަމަ އޭނާ އިސްލާމްދީނުން މުރުތައްދުވެފައިވާ ކާފަރެއްގެ ގޮތުގައި ޤަތުލުކުރެވޭނެއެވެ. އަދި އޭނާ ހިނެވުމެއް، ކަފުންކުރުމެއް ނުވެއެވެ. އަދި އޭނާގެ މައްޗަށް ކަށުނަމާދު ކުރުމެއްވެސް ނުވެއެވެ. އަދި އޭނާގެ މައްޗަށް ރަޙުމަތްލެއްވުން އެދި ދުޢާ ނުކުރެވޭނެއެވެ. އަދި މުސްލިމުންގެ ގަބުރުސްތާނެއްގައި އޭނާ ވަޅެއްވެސް ނުލެވޭނެއެވެ. އަދި އޭނާ ކަށްވަޅުކޮނެ ވަޅުލަންވާނީ މުސްލިމުގެ ޤަބުރުސްތާނާ ދުރުހިސާބެއްގައެވެ. އެއީ އޭނާގެ ގައިން ދުވާ ނުބައިވަހުގެ ސަބަބުން މީސްތަކުންނަށް އުނދަގޫ ނުވުމަށްޓަކައެވެ. އަދި އޭނާ ފެންނަ ހިސާބުގައި އޮތުމުގެ ސަބަބުން އޭނާގެ އަހުލުންނަށް އުނދަގޫ ވާނޭތީއެވެ.
ރަމަޟާންމަހުގެ ރޯދަ ފަރުޟުކުރެވުނީ ހިޖުރައިން ދެވަނަ އަހަރުގައެވެ. އެހެންކަމުން، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ނުވަ އަހަރު ރަމަޟާންމަހު ރޯދަ ހިއްޕެވިއެވެ.
ރަމަޟާންމަހުގެ ރޯދަ ފަރުޟުކުރެއްވިފައިވަނީ ދެ މަރުޙަލާއެއްގެ މަތިންނެވެ.
ފުރަތަމަ މަރުޙަލާ: ރޯދަ ހިފުން ނުވަތަ (މިސްކީނަކަށް) ކާން ދިނުން، މި ދެ އިޚްތިޔާރު ދެވުނެވެ. އަދި ރޯދަ ހިފުން އެއީ (މި ދެގޮތުން ކުރެ) އެންމެ ހެޔޮގޮތްކަމުގައި ލެއްވުނެވެ.
ދެވަނަ މަރުޙަލާ: އެހެން އިތުރު އިޚްތިޔާރެއް ނެތް ގޮތުގައި ރޯދަ ހިފުން ކަނޑައެޅިގެން ދިޔައެވެ. އަލް އިމާމު ބުޚާރީ އާއި އަލް އިމާމު މުސްލިމް ރިވާކުރެއްވިއެވެ. سَلَمَةَ بن الأكوع – رضي الله عنه -ވިދާޅުވިއެވެ.
﴿وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ…﴾
މާނައީ: ” އަދި ބުރަކަމާއި އުނދަގުލާއެކު މެނުވީ ރޯދަހިފުމަށް ކުޅަދާނަވެގެން ނުވާމީހާ ރޯދަހިފުމުގެ ބަދަލުގައި ފިދްޔަ ދޭށެވެ. (ފިދިޔާގެ މިންވަރަކީ ރޯދަ ދޫކޮށްލާ ކޮންމެ ދުވަހަކަށް) މިސްކީނަކަށް ކާންދޭ މިންވަރެވެ… “
މިއާޔަތް ބާވައިލެއްވުމުން، ރޯދަ ދޫކޮށްލަން ބޭނުންވާމީހަކު ރޯދަ ދޫކޮށްލުމަށްފަހު ފިދްޔަދީ އުޅުނެވެ. ދެން އެއަށްފަހުގައި، އެއާޔަތުގެ ފަހުގައިވާ އާޔަތް ބާވާލެއްވުމުން އެ އާޔަތް މަންސޫޚުވީއެވެ. އެބަހީ އަންނަނިވި އާޔަތް ބާވާލެއްވުމުން އިސްވެދިޔަ އާޔަތް މަންސޫޚުވީއެވެ.
﴿فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ ۖ وَمَن كَانَ مَرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ﴾
މާނައީ: “ފަހެ،ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި ޙާޟިރުވެ ހުރެއްޖެމީހާ،އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ! އަދި ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެންދުވަސްތަކަކުން އެ ޢަދަދު ހަމަކުރުން ހުއްޓެވެ.”[3]
ދެންފަހެ ﷲތަޢާލާ އެހެންއިތުރު އިޚްތިޔާރެއް ދެއްވުމަކާ ނުލާ ރޯދަ ހިފުން ފަރުޟު ކުރެއްވިއެވެ.
އަދި ރަމަޟާން މަސް ވަދެއްޖެކަން ޘާބިތު ވެއްޖައުމަށް ދާންދެން ރޯދަހިފުން ވާޖިބެއް ނުވާނެއެވެ. އަދި ރަމަޟާން މަސް ވަނުމުގެ ކުރިން ރޯދަ ހިފުމެއްނުވެއެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅުގައިވާ ފަދައިންނެވެ.
((لاَ يَتَقَدَّمَنَّ أَحَدُكُمْ رَمَضَانَ بِصَوْمِ يَوْمٍ أَوْ يَوْمَيْنِ إِلاَّ أَنْ يَكُونَ رَجُلٌ كَانَ يَصُومُ صَوْمَهُ فَلْيَصُمْ ذَلِكَ الْيَوْمَ))[4]
މާނައީ: ” ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް،ރަމަޟާން މަސް ފެށުމުގެ އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިން އިސްކޮށް ރޯދަ ނުހިފާހުށި ކަމެވެ. އާދަކޮށް އެ ދުވަހުގައި ރޯދަ ހިފަމުން އަންނަ މީހަކު ފިޔަވަ އެވެ. ފަހެ އޭނާ އެދުވަހު ރޯދަ ހިފާހުށިކަމެވެ.”
ރަމަޟާން މަސް ވަދެއްޖެކަމަށް ޙުކުމްކުރެވޭނީ ދެކަމަކުންކުރެ ކަމެއް މެދުވެރިވުމުންނެވެ.
ފުރަތަމަ ކަންތައް: ރަމަޟާން މަހުގެ ހަނދު ފެނުން؛ ﷲތަޢާލާގެ ވަޙީބަސްފުޅުގައިވެއެވެ.
﴿فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ﴾
މާނައީ: “ފަހެ،ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި ޙާޟިރުވެ ހުރެއްޖެމީހާ،އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ!”
އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ބަސްފުޅުގައިވެއެވެ.
((إِذَا رَأَيْتُمُ الْهِلَالَ فَصُومُوا))[5] [متفق عليه]
މާނައީ: “ތިޔަބައިމީހުންނަށް ހުޅެވި ހަނދުފެނުމުން ފަހެ، ތިޔަބައިމީހުން ރޯދަހިފަން ފަށާށެވެ.”
(ރަމަޟާން މަހުގެ ހަނދު ޘާބިތުކުރުމުގައި) ކޮންމެ މީހަކަށް ހަނދުފެނުން ޝަރުޠުކުރެވިގެން ނުވެއެވެ. އަދި ކިއެއް ހެއްޔެވެ. އެމީހެއްގެ ހެކިބަސް ޤަބޫލުކުރެވޭ މީހަކަށް ހަނދު ފެނިއްޖެނަމަ، އެންމެންގެ މައްޗަށް ރޯދަހިފުން ވާޖިބުވާނެއެވެ.
ހަނދު ފެނުނުކަމަށް ހެކިބަސްދޭ ފަރާތަކީ، ބާލިޣުވެފައިވާ ބުއްދި ސަލާމަތުންހުރި މުސްލިމަކަށްވުން ޝަރުޠުކުރެވިގެންވެއެވެ. އަދި އޭނާއަކީ އޭނާގެ އަމާނާތްތެރިކަމާއި، ލޮލުގެ ފެނުން ހުރުމުގެ ސަބަބުން އޭނަ ދޭ ޚަބަރުތަކަށް އިތުބާރު ހިފޭ މީހެއްކަމަށް ވާންޖެހޭނެއެވެ. އަދި މިކަމުގައި ކުޑަކުދިންނަށް ބަލާއިރު ދަންނައެވެ! އެކުދިންގެ ހެކިބަހުން ހަނދު ޘާބިތެއް ނުކުރެވޭނެއެވެ. އެހެނީ ކުޑަކުދިންނަކަށް މިކަމުގައި އިތުބާރެއް ނުކުރެވޭނެއެވެ. އަދި ކުޑަކުދިންނަށް ވުރެ ބޮޑަށް މޮޔައިންގެ ހެކިބަހުން ހަނދު ޘާބިޠު ނުކުރުން މާއައުލާކަން ބޮޑެވެ.
އަދި ހަމައެހެންމެ ކާފަރުންގެ ހެކިބަހުން ހަނދު ޘާބިތެއްނުކުރެވޭނެއެވެ. އިބްނު ޢައްބާސް رضي الله عنهماގެ އަރިހުން ރިވާވެފައިވާ ޙަދީޘްގައިވާ ފަދައިންނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އަޢުރާބީއަކު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް އައެވެ. އަދި ބުންޏެވެ. “ހަމަކަށަވަރުން އަހަރެންނަށް ހަނދު ފެނިއްޖެއެވެ.” ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙާދީޘްކުރެއްވިއެވެ. ((أَتَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ؟)) މާނައީ: “ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކުނުވާކަމަށް ތިބާ ހެކިވަންހެއްޔެވެ؟” އެއަޢުރާބީ މީހާ ބުންޏެވެ. “އާދޭހޭވެ.”
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. ((أَتَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ))މާނައީ: “މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާކަމަށް ތިބާ ހެކިވަމުހެއްޔެވެ؟” އެއަޢުރާބީ މީހާ ބުންޏެވެ. “އާދޭހޭވެ.” ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. ((يَا بِلاَلُ أَذِّنْ فِى النَّاسِ فَلْيَصُومُوا غَدًا))”އޭ ބިލާލެވެ. މާދަމާ ރޯދަހިފުމަށް މީސްތަކުންގެތެރޭ އިޢުލާނުކުރާށެވެ.” [6][أخرجه الخمسة إلا أحمد]
އަދި މީގެ އިތުރުންވެސް އެމީހަކީ، އޭނާ ދޭ ޚަބަރަށް އިތުބާރު ނުކުރެވޭ ފަދަ ފާޅުކަން ބޮޑު ދޮގުވެރިއަކަށް ވުމުން ނުވަތަ (ކަންކަމުގައި ބަސްބުނުމާއި ކަންކަމުގައި ގޮތް ނިންމުމުގައި) އަވަސް އަރައިގަންނަ މީހަކަށް ވުމުން ނުވަތަ އޭނާގެ ލޮލުގެ ފެނުމުގެ ބާރު ދެރަވުމުގެ ސަބަބުން ހަނދު ނުފެންނަ ވަރުގެ މީހުންގެ ހެކި ބަހަކަށް ރަމަޟާން މަހުގެ ހަނދު ޘާބިތެއް ނުކުރެވޭނެއެވެ. އެހެނީ، އެބައިމީހުންގެ ތެދުވެރިކަމާމެދު ޝައްކު އުފެދޭތީއެވެ. ނުވަތަ (އެބައިމީހުންގެ ޚަބަރަކީ) ދޮގަކަށް ވުމުގެ ފުރުޞަތު ބޮޑުވާތީއެވެ.
އެންމެ މީހެއްގެ ހެކިބަހުން ރަމަޟާންމަސް ވަދެއްޖެކަން ޘާބިތުކުރެވޭނެއެވެ. އިބްނު ޢުމަރު رضي الله عنهماގެ ބަސްފުޅުގައި ވާފަދައިންނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
“تَرَاءَى النَّاسُ الْهِلاَلَ فَأَخْبَرْتُ رَسُولَ اللَّهِ -صلى الله عليه وسلم- أَنِّى رَأَيْتُهُ فَصَامَهُ وَأَمَرَ النَّاسَ بِصِيَامِهِ”[7][رواه أبو داود والحاكم وقال : على شرط مسلم]
މާނައީ: “މީސްތަކުން (ރަމަޟާން މަހަށް) ހަނދު ބެލިއެވެ. ފަހެ، ހަމަކަށަވަރުން ތިމަންކަލޭގެފާނަށް ހަނދު ފެނުނުކަމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަރިހުގައި ދެންނެވީމެވެ. ފަހެ އެކަލޭގެފާނު ރޯދަ ހިއްޕަވާ އަދި މީސްތަކުންނަށްވެސް ރޯދަ ހިފުމަށް އަމުރުކުރެއްވިއެވެ.”
އަދި އެމީހަކަށް ޔަޤީންކަމާއެކު ހަނދު ފެނުނު މީހާ، އެކަމުގެ ޚަބަރު، ކަމާބެހޭ ފަރާތްތަކަށް ދިނުން ވާޖިބުވެގެންވެއެވެ. ހަމަ އެފަދައިން ޝައްވާލު މަހުގެ ހަނދާއި ޙައްޖު މަހުގެ ހަނދު ފެނުނު މީހާވެސް ކަންތައް ކުރުން ވާޖިބުވެގެންވެއެވެ. އެހެނީ މި މަސްތަކަކީ ރޯދައިގެ ވާޖިބާއި ފިޠްރު ޢީދާއި ޙައްޖުގެ އަޅުކަމާ ގުޅިފައިވާ މަސްތަކެކެވެ. -ވާޖިބެއް އެކަމަކާނުލާ ނުވާ ކޮންމެކަމަކީ ވާޖިބެކެވެ-
އަދި ކަމާބެހޭ ފަރާތްތަކަށް، ހަނދު ފެނުނުކަމުގެ ޚަބަރު ދިނުމުގެ ކުޅަދާނަކަން ލިބިގެންނުވާ، ދުރުހިސާބެއްގައި ވަނިކޮށް ހަނދު ފެނިއްޖެމީހާ، ފަހެ އެހަނދު ފެނުނުމީހަކު ރޯދަ ހިފަން ޖެހޭނެއެވެ. އަދި އޭނައަށް ވީ ވަރަކުން އެ ޚަބަރު ކަމާބެހޭ ފަރާތްތަކަށް ފޯރުކުރުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރަން ޖެހޭނެއެވެ.
ވެރިކަމުގެ ފަރާތުން، ރޭޑިއޯއިން ނުވަތަ އެހެންވެސް ވަޞީލަތަކުން ރަމަޟާން މަސް ވަދެއްޖެކަން އަދި ރަމަޟާން މަސް ނިމިއްޖެކަން ނުވަތަ އެނޫންވެސް (އަޅުކަންކަމާ ގުޅުންހުރި މަހެއް) ޘާބިޠުކޮށް އިޢުލާނުކޮށްފިނަމަ އެއަށް ޢަމަލުކުރުން ވާޖިބުވާނެއެވެ. އެހެނީ ވެރިކަމުގެ ފަރާތުން (މިކަމުގައި) އަންގާ އެންގުމަކީ ޝަރީޢަތުގައި ޙުއްޖަތެކެވެ. އެއަށް ޢަމަލުކުރުން ވާޖިބުވާނެއެވެ.
އެފަދައިން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ރަމަޟާން މަސް ވަދެއްޖެކަން ޘާބިޠުވުމުން، ބިލާލުގެފާނަށް ރަމަޟާންމަސް ވަދެއްޖެކަމާއި ރޯދަހިފުމަށް މީސްތަކުންނަށް އިޢުލާނުކުރެއްވުމަށް އަމުރުކުރެއްވިއެވެ. އެ އިޢުލާނަކީ އެބައިމީހުން ރޯދަ ހިފުމަށް ލާޒިމުވާ އިޢުލާނެއް ކަމުގައި އެކަލޭގެފާނު ހަމަޖެއްސެވިއެވެ.
އަދި ޝަރުޢީ ސަބަބުތަކުން ރަމަޟާން މަސް ވަދެއްޖެކަން ޘާބިޠުވެއްޖެނަމަ، ހަނދުގެ މަންޒިލުތަކުން އެކަން ބެލުމެއްނެތެވެ. (އެބަހީ ފަލަކީ ގޮތުން އެކަން ބެލުމެއްނެތެވެ.) އެހެނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަމުގެ ޙުކުމް ގުޅުވާފައިވަނީ ހަނދު ބެލުމާއެވެ. އަދި މަންޒިލުތަކަށް ބެލުމަކަށް ނޫނެވެ. ފަހެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ.
((إِذَا رَأَيْتُمُ الْهِلَالَ فَصُومُواوَإِذَا رَأَيْتُمُوهُ فَأَفْطِرُوا))[8] [متفق عليه]
މާނައީ: “ފަހެ ތިޔަބައިމީހުންނަށް ހުޅެވި ހަނދުފެނުމުން، ރޯދަހިފަން ފަށާށެވެ. އަދި ތިޔަބައިމީހުންނަށް އެ ފެނުމުން ރޯދަދޫކޮށްލާށެވެ. (އެބަހީ: ޢީދުކުރާށެވެ.)”
އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ.
((إِنْ شَهِدَ شَاهِدَانِ مُسْلِمَانِ، فَصُومُوا وَأَفْطِرُوا))[9][رواه أحمد]
މާނައީ: ” މުސްލިމުންކުރެ ދެމީހުން ހެކިބަސްދީފިނަމަ ފަހެ ތިޔަބައިމީހުން ރޯދަހިފަން ފަށާށެވެ. އަދި ޢީދުކުރާށެވެ.”
ދެވަނަ ކަންތައް: ރަމަޟާން މަސް ވަދެއްޖެކަމަށް ޙުކުމްކުރެވޭ ދެވަނަކަމަކީ ވޭތުވެދިޔަ މަހުގެ ތިރީސްދުވަސް ފުރިހަމަވުމެވެ. (އެބަހީ:ޝަޢުބާންމަހުގެ ތިރީސް ދުވަސް ފުރިހަމަ ކުރުމެވެ.) އެހެނީ ހަނދުމަހުގެ އެއްވެސްމަހެއް ތިރީސް ދުވަހަށްވުރެ އިތުރެއް އަދި ނަވާވީސް ދުވަހަށްވުރެ މަދެއް ނުވާނެއެވެ. ފަހަރެއްގއި ދެމަސް ނުވަތަ ތިންމަހުން ހަތަރުވަނަމަހާ ހަމައަށް ތިރީސް ދުވަސްވެދާނެއެވެ. ނުވަތަ ދެމަސް ނުވަތަ ތިންމަހުން ހަތަރުވަނަމަހާ ހަމައަށް ނަވާވީސް ދުވަސްވެސްދާނެއެވެ. އެހެންނަމަވެސް ޢާންމުގޮތެއްގައި ދެމަހެއް ތިރީސްދުވަހަށްވެފައި ތިންވަނަ މަހުގައި ވާނީ ނަވާވީސް ދުވަހެވެ.
ވޭތުވެދިޔަ މަހުގެ ތިރީސްދުވަސް ފުރިހަމަވުމުން ރަމަޟާން މަސް ވަދެއްޖެކަމަށް ޝަރުޢީގޮތުން ޙުކުމްކުރެވެނީ، ހަނދު ނުފެނިއްޖެކަމުގައިވާނަމައެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ބަސްފުޅުގައިވާފަދައިންނެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
((صُومُوا لِرُؤْيَتِهِ وَأَفْطِرُوا لِرُؤْيَتِهِ فَإِنْ غُمِّىَ عَلَيْكُمُ الشَّهْرُ فَعُدُّوا ثَلاَثِينَ))[رواه مسلم]
މާނައީ: “އެ ފެނުމުން (އެބަހީ: ހަނދު ފެނުމުން) ތިޔަބައިމީހުން ރޯދަ ހިފަންފަށާށެވެ. އަދި އެ ފެނުމުން (އެބަހީ: ހަނދު ފެނުމުން) ތިޔަބައިމީހުން ޢީދުކުރާށެވެ. ފަހެ ވިލާގެ ސަބަބުން ތިޔަބައިމީހުންނަށް ހަނދު ނުފެނިއްޖެނަމަ ތިރީސް ހަމަކުރާށެވެ.”
އަދި ބުޚާރީގެ ރިވާޔަތުގައިވާ ލަފްޒުގައިވެއެވެ.
))غُبِّيَ عَلَيْكُمْ فَأَكْمِلُوا عِدَّةَ شَعْبَانَ ثَلَاثِينَ(([رواه مسلم]
މާނައީ: ” ވިލާގެސަބަބުން ތިޔަބައިމީހުންނަށް ހަނދު ވަންހަނާވެއްޖެނަމަ ޝަޢުބާންމަހުގެ ތިރީސް ދުވަސް ހަމަކުރާށެވެ.”
އަދި ޞަޙީޙް އިބްނު ޚުޒައިމާގައި ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާކުރައްވާފައިވެއެވެ. އެކަމަނާ ވިދާޅުވިއެވެ.
” كَانَ النبي -صلى الله عليه وسلم- يَتَحَفَّظُ مِنْ شَعْبَانَ مَا لاَ يَتَحَفَّظُ مِنْ غَيْرِهِ ثُمَّ يَصُومُ لِرُؤْيَةِ رَمَضَانَ فَإِنْ غُمَّ عَلَيْهِ عَدَّ ثَلاَثِينَ يَوْمًا ثُمَّ صَامَ.”[10] [أخرجه ابن خزيمة وأبو داود والدارقطني وصححه]
މާނައީ: “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޝަޢުބާން މަހުގެ ދުވަސްތައް ގުނުއްވުމަށްޓަކައި އެހެންމަސްތަކަށްވުރެ ސަމާލުކަން ދެއްވައެވެ. ދެން ރަމަޟާން މަހުގެ ހަނދު ފެނުމުން ރޯދަހިއްޕަވަން ފައްޓަވައެވެ. ވިލާގެ ސަބަބުން ހަނދު ނުފެނިއްޖެނަމަ ތިރީސް ހަމަކުރެއްވުމަށްފަހު ދެން ރޯދަހިއްޕަވައެވެ.”
މި ޙަދީޘްތަކުން ބަޔާންވެގެންވަނީ ރަމަޟާންމަހުގެ ހަނދު ފެނުމުގެ ކުރިން ރަމަޟާންމަހުގެ ރޯދަހިފުން ނުވާކަމެވެ. ހަނދު ނުފެނިއްޖެ ކަމުގައިވާނަމަ ޝަޢުބާން މަހުގެ ތިރީސް ދުވަސް ފުރިހަމަކުރާށެވެ. އަދި ޝަޢުބާންމަހުގެ ތިރީސްވަނަ ދުވަހުގައި ރޯދަހިފުމެއް ނުވެއެވެ. އެރެއަކީ އެއީ އުޑުމަތި ސާފު އަދި އުޑުމަތި ބަނަ ރެއެއްކަމުގައި ވީނަމަވެސް ހަމަހަމައެވެ. (އެބަހީ، އުޑުމަތި ސާފުވިޔަސް އަދި ބަނަ ވިޔަސް ހަނދު ނުފެންނަކަމުގައިވާނަމަ ޝަޢުބާންމަހުގެ ތިރީސްދުވަސް ހަމަކުރާށެވެ.)
ޢައްމާރު ބުން ޔާސިރު رضي الله عنها ވިދާޅުވެފައިވާ ފަދައިންނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
” مَنْ صَامَ اليَوْمَ الَّذِي يَشُكُّ فِيهِ النَّاسُ فَقَدْ عَصَى أَبَا القَاسِمِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ. “[11] [رواه أبو داود والترمذي والنسائي ، وذكره البخاري تعليقا]
މާނައީ: “ޝައްކު ދުވަހު ރޯދަހިފައިފި މީހަކު، ފަހެ އަބުލް ޤާސިމަށް ނުކިޔަމަންތެރިވެއްޖެއެވެ.”
(ނޯޓު: ‘އަބުލް ޤާސިމް’އަކީ: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ކުނިޔާއެއްގެ ގޮތުން ކިޔާ ނަމެކެެވެ.)
اللهم وَفِّقْنَا لاتباع الهدى، وجنِّبْنا أسباب الهلاك والشقاء، واجعل شهرنا هذا لنا شهر خير وبركة، وأعنا فيه على طاعتك، وجنِّبْنا طرق معصيتك، واغفر لنا ولوالدينا ولجميع المسلمين برحمتك يا أرحم الراحمين، وصلى الله وسلم على نبينا محمد وعلى آله وأصحابه والتابعين لهم بإحسان إلى يوم الدين.
______________________________________
މިފޮތަކީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ ފޮތެއްގެ ތަރުޖަމާއެވެ.
މަޖާލިސް ޝަހްރު ރަމަޟާންގެ އެހެންބައިތައް
[1] البخاري الإيمان (8) ، مسلم الإيمان (16) ، الترمذي الإيمان (2609) ، النسائي الإيمان وشرائعه (5001) ، أحمد (2/93) .
[2]مسلم الإيمان (8) ، النسائي الإيمان وشرائعه (4990) ، أبو داود السنة (4695) ، ابن ماجه المقدمة (63) .
[3]متفق عليه
[4] البخاري الصوم (1815) ، مسلم الصيام (1082) ، الترمذي الصوم (684) ، النسائي الصيام (2173) ، أبو داود الصوم (2335) ، ابن ماجه الصيام (1650) ، أحمد (2/281) ، الدارمي الصوم (1689)
[5] مسلم الصيام (1080) ، النسائي الصيام (2120) ، ابن ماجه الصيام (1654) ، أحمد (2/145) ، مالك الصيام (634) ، الدارمي الصوم (1684)
[6] الترمذي الصوم (691) ، النسائي الصيام (2112) ، أبو داود الصوم (2340) ، ابن ماجه الصيام (1652) ، الدارمي الصوم (1692)
[7] أبو داود الصوم (2342) ، الدارمي الصوم (1691)
[8] مسلم الصيام (1080) ، النسائي الصيام (2120) ، ابن ماجه الصيام (1654) ، أحمد (2/145) ، مالك الصيام (634) ، الدارمي الصوم (1684)
[9] رواه أحمد ، وإسناده لا بأس به على اختلاف فيه ، وله شاهد عند أبي داود والدارقطني وقال : هذا إسناد متصل صحيح
[10]أبو داود الصوم (2325)
[11] الترمذي الصوم (686) ، النسائي الصيام (2188) ، أبو داود الصوم (2334) ، ابن ماجه الصيام (1645) ، الدارمي الصوم (1682)