ކިޔަވާވިދާޅުވުމާއި އެކަލޭގެފާނުގެ ޢިލްމުވެރިކަމާއި ޢިލްމު ފެތުރެއްވެވުން:_رحمه الله_
ޝާފިޢީގެފާނަކީ އެކަލޭގެފާނު ތުއްޕުޅު އިރުގައި ބައްޕަ ނިޔާވެފައިވާ ޔަތީމުބޭފުޅެކެވެ. އެހެންކަމުން އުޅުއްވަންޖެހުނީ ވަރަށް ފަޤީރުހާލުގައެވެ. އަދި ޢުމުރުން ދެއަހަރުގައި މައްކާއަށް ބަދަލުވެ، ދުނިދަނޑި އުކުއްވުމުގައި އުޅުއްވުމަށްފަހު، ޢަރަބިބަހުގެ އަދަބާއި ޅެންވެރިކަން ދަސްކުރައްވާ، އެކަމުގައި ހުނަރުވެރިއަކަށް ވުމަށްފަހުގައި ދެން ދީނިޢިލްމުން ކުރިއަރާދިޔައެވެ.
أحمد بن إبراهيم الطائي الأقطع ވިދާޅުވިއެވެ. އަހަރެމެންނަށް المزنيކިޔާދިނެވެ. ޝާފިޢީގެފާނު ވިދާޅުވަނިކޮށް ތިމަންކަލޭފެފާނު އަޑުއެއްސެވީމެވެ.
“ތިމަންކަލޭފާނުގެ އުމުރުން ހަތް އަހަރުގައި ޤުރުއާން ހިތުދަސްކުރީމެވެ. އަދި ތިމަންކަލޭގެފާނުގެ އުމުރުން ދިހަ އަހަރުގައި މުވައްޠާ ހިތުދަސްކުރީމެވެ.”[1]
أبو نعيم އެކަލޭގެފާނުގެ ސަނަދުން،أبو بكر بن إدريسގެ އަރިހުން ޝާފިޢީގެފާނު ވިދާޅުވިކަމަށް ރިވާކުރެއްވިއެވެ. ޝަފިޢީގެފާނު ވިދާޅުވިއެވެ.
“ޔަތީމެއްގެ ގޮތުގައި ތިމަންކަލޭގެފާނުގެ މަންމަގެ އަރިހުގައި ތިމަންކަލޭގެފާނު ވީމެވެ. ތިމަންކަލޭގެފާނު މައިކަމަނާގެ އަތުގައި ކިޔަވާދެއްވާ މުޢައްލިމަށް ދެއްވާނެ އެއްޗެއް ނޯވެއެވެ. ދެން ތިމަންކަލޭގެފާނު މުޢައްލިމުގެ ކުޑަ ދަރިންބަލާދީ އެބޭފުޅާއަށް ލުއިކޮށްދޭމަތިން ކިޔަވާދެއްވާ މުޢައްލިމު ތިމަންކަލޭގެފާނާމެދު ރުހުނެވެ. ދެން ތިމަންކަލޭގެފާނު ޤުރުއާން ޚަތިމްކުރުމަށްފަހު މިސްކިތުގެ ޢިލްމީ މަޖްލީސްތަކުގައި އިށީންނަން ފެއްޓީމެވެ. ދެން ތިމަންކަލޭގެފާނު ޙަދީޘްފުޅުތަކާއި ދީނީ މައްސަލަތައް ދަސްކުރީމެވެ. އޭރު ތިމަންކަލޭގެފާނު އުޅުނީ މައްކާގެ شعب الخيفގައެވެ. އަދި ލިޔެވޭވަރުގެ ޖަނަވާރުކަށި ހޯދައިގެން ތިމަންކަލޭގެފާނު ޙަދީޘްތަކާއި ޢިލްމީ މަސްއަަލަތައް ލިޔެ އުޅެމެވެ. ދެން އޭތިފުރުމުން ބާވެފައިވާ ޖާޑިއަކަށް ލައްވަމެވެ.”[2]
الإمام النووي رحمه اللهވިދާޅުވިއެވެ.
“مسلم بن خالد الزنجي ގެއަރިހުންނާއި އަދި މައްކާގައި އުޅުއްވި އެހެނިހެން ޢިލްމުވެރިންގެ އަރިހުން އެކަލޭގެފާނު ފިޤުހު ޢިލްމު ޙާޞިލުކުރެއްވިއެވެ. އަދި އެކަލޭގެފާނުأبو عبد الله مالك بن أنسގެ އަރިހުން ޢިލްމު ނެންގެވުމުގެ ޤަސްދުގައި މަދީނާއަށް ދަތުރުކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ މުޢާމަލާތްކުރުމާއި، ނަސަބުފުޅާއި، ފަހުމްވުމާއި، ވިސްނުންފުޅު ތޫނުކަމާއި، އަދަބުވެރިކަމާއި، މިފަދަ ހުރިހާކަމަކަށްޓަކައި މާލިކުގެފާނު އެކަލޭގެފާނަށް މާތްކޮށް ހިއްތެވިއެވެ. އަދި (މުވައްޠާ) މާލިކުގެފާނަށް ހިތުން ކިޔައިދެއްވިއެވެ. އެކަލޭގެފާނުގެ ކިޔެވުން މާލިކުގެފާނު ބަލައިގަތެވެ. އަދި މާލިކުގެފާނު އެކަލޭގެފާނުގެ ކިޔެވުމަށް ޢަޖައިބުވެ، އިތުރަށް ކިޔާދެއްވުމަށް އެކަލޭގެފާނުގެ އަރިހުން އެދިލެއްވިއެވެ. އަދި ޝާފިޢީގެފާނަށް މާލިކުގެފާނު ވިދާޅުވިއެވެ. “ކަލޭގެފާނު ﷲއަށް ބިރުވެތިވާށެވެ. ހަމަކަށަވަރުން މުސްތަޤުބަލުގައި ތިބާއަށް ކަމެއް މެދުވެރިވާ ހުއްޓެވެ.” އަދި އެހެން ރިވާޔަތެއްގައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “ހަމަކަށަވަރުން ﷲތަޢާލާ ކަލޭގެފާނުގެ ހިއްޕުޅުގައި ނޫރު ލައްވާދެއްވާފައިވެއެވެ. ފާފަކުރުމުން ތިބާ އެނޫރު ނިއްވާނުލާށެވެ.” ދެން އެއަށްފަހުގައި ޔަމަނަށް ދަތުރުކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ ރިވެތި ސީރަތު ފެތުރިގެންދިޔައެވެ. އަދި ސުންނަތުގެ މަތީވާ މީސްތަކުން އެކަލޭގެފާނު އުފުއްލެވިއެވެ. އަދި ހެޔޮވެގެންވާ ރިވެތި މަގުތަކަށް މީސްތަކުންނަށް މަގުދެއްކެވިއެވެ. ދެން އެއަށްފަހު ޢިލްމުގައި މަޝްޣޫލުވުމަށްޓަކައި ޢިރާޤަށް ދަތުރުކުރެއްވިއެވެ. އަދި محمد بن الحسنއާއި އަދިވެސް އެހެނިހެން ބޭކަލުންނާ ބަޙުޘްކުރެއްވިއެވެ. އަދި ޙަދީޘް ޢިލްމު އުނގަންނަވާދެއްވާ ފެތުރުއްވިއެވެ. އަދި އެތަނުގައި އެކަލޭގެފާނުގެ މަޛްހަބު ޤާއިމްވިއެވެ. މީސްތަކުންގެ މެދުގައި ސުންނަތް ފެތުރިގެން ދިޔައެވެ. އަދި އެކަލޭގެފާނުގެ ހަނދާންތަކާއި މާތްކަން އެތަނުގައި ފެތުރިގެން ދިޔައެވެ. އަދި އެކަލޭގެފާނުގެ އިތުރުކަމާއި މާތްކަން ބިންފުރާ އިތުރުވެގެން ދިޔައެވެ.
އަދި އެކަލޭގެފާނާއި އެއްބަސްވާމީހުންނާއި، އެކަލޭގެފާނާއި ޚިލާފު އުފެދުނު މީހުންވެސް އެކަލޭގެފާނުގެ މާތްކަން ޤަބޫލުކޮށް އެކަމަށް އިޢުތިރާފުވިއެވެ. އަދި ހުރިހާ ޢިލްމުވެރިން އިޢުތިރާފުވިއެވެ. އަދި ޚަލްޤުތަކުންނާއި ޤައުމުތަކުގެ އިސްވެރިންގެ އަރިހުގައި އެކަލޭގެފާނުގެ ދަރަޖަ އުފުލިގެންދިޔައެވެ. އަދި އިރާޤުގެ އަހުލުވެރިންނާއި ކުރެވުނު ބަޙުޘްތަކުން، އެހެންމީހުންގެ ކިބައިން ފާޅުވެގެންނުވާ މާތްކަން އެކަލޭގެފާނުގެ ކިބައިން ފާޅުވެގެން ދިޔައެވެ. އަދި ކުޑަކުދިންނާއި ބޮޑެތިމީހުން އެކަލޭގެފާނުގެ ކިބައިން ފައިދާ ޙާޞިލްކުރިއެވެ. އަދި ޙަދީޘް ޢިލްމާއި ފިޤުހުގެ އަހުލުވެރިންގެ ތެރެއިން ހެޔޮވެގެންވާ އިމާމުންވެސް އެކަލޭގެފާނުގެ އަރިހުން ފައިދާ ނެންގެވިއެވެ. އަދި އޭގެ ތެރެއިން ވަރަށްގިނަ މީހުން އެމީހުންގެ މަޛުހަބުތަކުން އެކަލޭގެފާނުގެ މަޛުހަބަށް ރުޖޫޢަވިއެވެ. އަދި އެކަލޭގެފާނުގެ މަގުގައި ހިއްޕެވިއެވެ. އަދި އެކަލޭގެފާނު ޢިރާޤުގައި (كتاب الحجة) ލިޔުއްވިއެވެ. ދެން އެއަށްފަހުގައި ޝާފިޢީގެފާނު، ހިޖުރައިން ސަތޭކަ ނުވަދިހަ ނުވަވަނަ އަހަރުގައި މިޞްރަށް ވަޑައިގަތެވެ. ދެން އެކަލޭގެފާނު އަލަށް ލިޔުއްވި ހުރިހާ ފޮތެއްވެސް ލިޔުއްވީ މިޞްރުގައި ހުންނަވައިގެންނެވެ. ދެން އެކަލޭގެފާނުގެ ޛިކުރާތައް ޤައުމުތަކަށް ފޯރިއެވެ. އަދި ޝާމުންނާއި ޔަމަނުންނާއި ޢިރާޤުން އެކަލޭގެފާނުގެ އަރިހަށް ޢިލްމު އުނގެނުމަށްޓަކައި މިސްތަކުން އައިސްއުޅުނެވެ.”[3]
_____________________________
[1] ” تاريخ بغداد ” 2 / 62، 63، و” توالي التأسيس “: 50، و” تهذيب الكمال ” لوحة: 1161.
[2] حلية الأولياء, وطبقات الأصفياء, لأبي نعيم الأصبهاني (9/73), مطبعة السعادة, وذكره الذهبي في التاريخ الإسلام, وفيات (201-210), عن الحميدي عن الشافعي كذالك, وفي مناقب الشافعي للبيهقي (1/92) عن وراق الحميد عن حميدي
[3] تهذيب الأسماء واللغات, للإمام النووي (1/47-48) باختصار