ލިޔުއްވާފައިވާ ފޮތްތައް
ޝާފިޢީގެފާނުގެ ލިޔުއްވާފައިވާ ފޮތްތައް ވަރަށް ގިނައެވެ. ޝާފިޢީގެފާނު ސަތޭކަ ސާޅީހަށްވުރެ ގިނަފޮތް އުޞޫލާއި ފުރޫޢުގައި ލިޔުއްވާފައިވާކަމަށް ބައިހަޤީ އެކަލޭގެފާނުގެ ފޮތެއްކަމުގައިވާ އަލްމަނާޤިބުގައި ވިދާޅުވެފައިވެއެވެ.[1]
فؤاد سزكين ވިދާޅުވިއެވެ.
“ގާތްގަނޑަކަށް ސަތޭކަ ސާޅީހާއި ސަތޭކަ ތޭރައާއިދެމެދުގެ ފޮތް ޝާފިޢީގެފާނު ލިޔުއްވިއެވެ. އަދި މީގެތެރެއިން ސަތޭކަނުވަފޮތް ابن نديمއެކަލޭގެފާނުގެ ފޮތެއްކަމުގައިވާ الفهرستގައި ޛިކުރު ކުރައްވާފައިވެއެވެ. އަދި ހަމައެއާއެކު الحافظ ابن حجر އެކަލޭގެފާނުގެ ފޮތެއްކަމުގައިވާ توالي التأسيسގައި ހަތްދިހައަށްފޮތް ޛިކުރުކުރައްވާފައިވެއެވެ.”[2]
އެކަލޭގެފާނުގެ ކުރީގެ ފޮތްތަކާއި ފަހުގެފޮތްތަކުގެ ގޮތުގައި، އެކަލޭގެފާނުގެ ދަރިވަރުން ފޮތްތައް ދެބަޔަކަށް ބައްސަވައެވެ. އެގޮތުން ކުރީގެ ފޮތްތަކަކީ އެކަލޭގެފާނު ބަޣުދާދުގައްޔާއި މައްކާގައި ލިޔުއްވާފައިވާ ފޮތްތަކެވެ. އަދި ފަހުގެ ފޮތްތަކަކީ މިޞްރުގައި ލިޔުއްވާފައިވާ ފޮތްތަކެވެ.
ޝާފިޢީގެފާނު ލިޔުއްވާފައިވާ ފޮތްތަކުގެ ތެރެއިން މަދުމިންވަރެއް فؤاد سزكين އެކަލޭގެފާނުގެ ފޮތެއްކަމުގައިވާ تاريخ التراث العربيގައި ބަޔާންކުރައްވާފައިވެއެވެ. އެފޮތްތައް މިތަނުގައި ކުރުގޮތަކަށް ލިސްޓިކޮށްލާނަމެވެ.[3]
- الأم:މިއީ ޝާފިޢީގެފާނު އަވަހާރަވުމަށްފަހުގައި، އެކަލޭގެފާނު ކުރައްވާފައިވާ ދިރާސާތަކެއް ޖަމަޢަކުރައްވާ އެކަލޭގެފާނުގެ ދަރިވަރުން އެކުލަވާލައްވާފައިވާ ފޮތެކެވެ.
- السنن المأثورة
- الرسالة: މިއީ އުޞޫލުލް ފިޤުހުގައި އެންމެ ފުރަތަމަ އެކުލަވާލެވުނު ފޮތެވެ. މިފޮތަކީ މިއީ عبد الرحمن بن مهديޝާފިޢީގެފާނަށް ކުރައްވާފައިވާ ބައެއް ސުވާލުތަކަށް ޖަވާބުދެއްވުމުގެ ގޮތުން ލިޔުއްވާ އެކަލޭގެފާނަށް ފޮނުއްވާފައިވާ ރިސާލާއެކެވެ. އެހެންވެ މިފޮތަށް الرسالةގެ ނަމުން ނަންދެވިފައިވެއެވެ.
- مسند
- اختلاف الحديث
- العقيدة
- أحكام القرآن
- مسائل في الفقه
- وصية
- الفقه الأكير
ޝާފިޢިގެފާނުގެ ތެދުވެރިކަމާއި، ﷲއަށްޓަކައި އޮތް އިޚުލާޞްތެރިކަން ހާމަވާ ދެވާހަކައަކަށްފަހު ފޮތްތަކާ ބެހޭގޮތުން މިލިޔުމުގައި އަޅުގަނޑު ހިމަނާލަން ގަސްދުކުރާމިންވަރު ނިންމާލަމެވެ.
ފުރަތަމަ:الربيع بن سليمانގެ އަރިހުން البيهقيރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ޝާފިޢީގެފާނު ވިދާޅުވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ.
“މީސްތަކުން ނުވަތަ ޚަލްޤުތަކުން މިތަކެތި (އެބަހީ: އެކަލޭގެފާނު ލިޔުއްވާފައިވާ ފޮތްތަށް) ދަސްކުރުމަށް ތިމަންކަލޭގެފާނު ލޯބިކުރައްވަމެވެ. އެއީ އެއިން އެއްވެސް އެއްޗެއް ތިމަންކަލޭގެފާނަށް ނިސްބަތްވެގެން ނުވުމަށެވެ.”[4]
ދެވަނަ:محمد بن إسحاق بن واهويهގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ބައްޕަގެ އަރިހުގައި ސުވާލު ދެންނެވުނެވެ. ޝާފިޢިގެފާނަކީ އެހާ އުމުރުން ދޮށީ ބޭފުޅަކަށްނުވާހާލު މިހާގިނަ ފޮތްތަކެއް އެކަލޭގެފާނު ލިޔުއްވީ ކިހިނަކުން ހެއްޔެވެ؟ ފަހެ ވިދާޅުވިއެވެ.
“އެކަލޭގެފާނުގެ އުމުރުފުޅު ކުރުކަމަށްޓަކައި ﷲތަޢާލާ އެކަލޭގެފާނަށް ޅަފަތުގައި ވިސްނުން ދެއްވީއެވެ.”[5]
________________________________________
[1] انظر: المناقب البيهقي(1/246, 254)
[2] تاريخ التراث العربي,لفؤاد سزكين (2/168-175) بالختصار
[3] تاريخ التراث العربي,لفؤاد سزكين (2/168-175) بالختصار
[4] المناقب البيهقي(1/258)
[5] المناقب البيهقي(1/258)