(10) މި ކަލިމަތަކުގެ މާތްކަމުގެ ތެރޭގައި؛ ނަބިއްޔާ ޞައްލަﷲ ޢަލަހިވަސައްލަމަ ވަނީ މި ކަލިމަތަކަކީ މީޒާނުގައި ބަރުވެގެންވާނެ ކަލިމަތަކެއްކަމުގެ ޚަބަރު ދެއްވާފައެވެ. އަންނަސާއީ ‘عمل اليوم والليلة’ އޭ ކިޔުނު ފޮތުގައާއި، އިބްނު ޙިއްބާން އެކަލޭގެފާނުގެ ޞަޙީޙުގައާއި، އަލްޙާކިމާއި އެނޫންވެސް ބޭކަލުން އަބޫ ސަލްމާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާކުރައްވާފައިވާ ޙަދީޘްގައިވެއެވެ. އަބޫ ސަލްމާ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވަނިކޮށް ތިމަން އެހީމެވެ. ((بَخٍ بَخٍ – وَأَشَارَ بِيَدِهِ بِخَمْسٍ- مَا أَثْقَلَهُنَّ فِي الْمِيزَانِ: سُبْحَانَ اللَّهِ، وَالْحَمْدُ لِلَّهِ، وَلا إِلَهَ إِلا اللَّهُ، وَاللَّهُ أَكْبَرُ، وَالْوَلَدُ الصَّالِحُ يُتَوَفَّى لِلْمَرْءِ الْمُسْلِمِ فَيَحْتَسِبُهُ)). މާނައީ: “ބަޔާންކުރައްވަން އުޅުއްވާ ފަސްކަމުގެ މަތިވެރިކަން ބަޔާންކުރެއްވުމުގެ ގޮތުން އެކަލޭގެފާނުގެ އަތްޕުޅުން އިޝާރާތްކުރެއްވިއެވެ. (އަދި ޙަދީޘް ކުރެއްވިއެވެ.) سُبْحَانَ اللَّهِ، وَالْحَمْدُ لِلَّهِ، وَلا إِلَهَ إِلا اللَّهُ، وَاللهُ أَكْبَرُ،(މި ހަތަރު ކަލިމަ) އާއި، މުސްލިމު މީހެއްގެ ޞާލިޙު ދަރިއެއް މަރުވުމުން އެމީހާ އެކަމަށް ކެތްތެރިވުން މީޒާނުގައި ކިހާ ބަރުވެގެންވޭ ހެއްޔެވެ!” އަލްޙާކިމް މި ޙަދީޘް ޞައްޙަ ކުރައްވައެވެ. އަދި އައްޛަހަބީވެސް އެކަމަށް އެއްބަސްވެވަޑައިގަންނަވައެވެ.(1) މި ޙަދީޘަށް ބާރުދޭ ޙަދީޘެއް އަލްބައްޒާރު އެކަލޭގެފާނުގެ މުސްނަދުގައި ޘައުބާން ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާކުރައްވާފައިވެއެވެ. އަދި އެ ޙަދީޘްގެ ސަނަދު ރަނގަޅުކަމުގައި އަލްބައްޒާރު ވިދާޅުވެފައިވެއެވެ.(2)
މި ޙަދީޘްގައިވާ ((بَخٍ بَخٍ)) ދަންނައެވެ. މިއީ ކަމަކާމެދު ޢަޖައިބުވުމުންނާއި، އެކަމެއްގެ މަތިވެރިކަން ބަޔާންކޮށްދިނުމުގެ ގޮތުން ބޭނުންކޮށްއުޅޭ ކަލިމައެކެވެ.
(11) މި ކަލިމަތަކުގެ މާތްކަމުގެ ތެރޭގައި؛ އަޅަކު މި ކަލިމަތަކުގެ ތެރެއިން ކިޔާ ކޮންމެ ކަލިމައަކީ ޞަދަޤާތެކެވެ. އަބޫ ޛައްރު ރަޟިޔަﷲ ޢަންހުގެ ކިބައިން އިމާމް މުސްލިމް އެކަލޭގެފާނުގެ ޞަޙީޙުގައި ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ. أَنَّ نَاسًا مِنْ أَصْحَابِ النَّبِىِّ -صلى الله عليه وسلم- قَالُوا لِلنَّبِىِّ -صلى الله عليه وسلم-: يَا رَسُولَ اللَّهِ ذَهَبَ أَهْلُ الدُّثُورِ بِالأُجُورِ، يُصَلُّونَ كَمَا نُصَلِّي، وَيَصُومُونَ كَمَا نَصُومُ، وَيَتَصَدَّقُونَ بِفُضُولِ أَمْوَالِهِمْ. قَالَ: ((أَوَلَيْسَ قَدْ جَعَلَ اللَّهُ لَكُمْ مَا تَصَّدَّقُونَ، إِنَّ بِكُلِّ تَسْبِيحَةٍ صَدَقَةً، وَكُلِّ تَكْبِيرَةٍ صَدَقَةٌ، وَكُلِّ تَحْمِيدَةٍ صَدَقَةٌ، وَكُلِّ تَهْلِيلَةٍ صَدَقَةٌ، وَأَمْرٌ بِالْمَعْرُوفِ صَدَقَةٌ، وَنَهْىٌ عَنْ مُنْكَرٍ صَدَقَةٌ، وَفِى بُضْعِ أَحَدِكُمْ صَدَقَةُ)). قَالُوا: يَا رَسُولَ اللَّهِ أَيَأْتِى أَحَدُنَا شَهْوَتَهُ وَيَكُونُ لَهُ فِيهَا أَجْرٌ؟ قَالَ: ((أَرَأَيْتُمْ لَوْ وَضَعَهَا فِى حَرَامٍ أَكَانَ عَلَيْهِ فِيهَا وِزْرٌ، فَكَذَلِكَ إِذَا وَضَعَهَا فِى الْحَلاَلِ كَانَ لَهُ أَجْرٌ)). މާނައީ: “ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަޞްޙާބު ބޭކަލުންގެ ތެރެއިން ބަޔަކު ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ދެންނެވިއެވެ. ހެޔޮ ދަރުމަތަކާގެން މުދާވެރިން ކުރިއަރައި ހިނގައްޖެއެވެ. އަޅުގަނޑުމެން ނަމާދުކުރާ ފަދައިން އެމީހުންވެސް ނަމާދުކުރެއެވެ. އަދި އަޅުގަނޑުމެން ރޯދަހިފާ ފަދައިން އެމީހުންވެސް ރޯދަހިފައެވެ. އަދި އެމީހުންގެ މުދަލުން އިތުރުވާ ތަކެތިން އެމީހުން ޞަދަޤާތް ދެއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުން އެތަކެތިން ޞަދަޤާތް ދޭނެ ތަކެތި، ތިޔަބައިމީހުންނަށް މާތްﷲ ލެއްވި ކަމުގައި ނުވޭހެއްޔެވެ؟ ހަމަކަށަވަރުން ކޮންމެ ތަސްބީޙައަކީ (އެބަހީ: سُبْحَانَ اللَّهِ ކިޔުމަކީ) ޞަދަޤާތެކެވެ. އަދި ކޮންމެ ތަކްބީރަކީ (އެބަހީ: اللهُ أَكْبَرُ ކިޔުމަކީ) ޞަދަޤާތެކެވެ. އަދި ކޮންމެ ތަޙްމީދަކީ (އެބަހީ: الْحَمْدُ لِلَّهِކިޔުމަކީ) ޞަދަޤާތެކެވެ. އަދި ކޮންމެ ތަހްލީލަކީ (އެބަހީ: لا إِلَهَ إِلا اللَّهُ ކިޔުމަކީ) ޞަދަޤާތެކެވެ. އަދި ހެޔޮކަމަކަށް އަމުރުކުރުމަކީ ޞަދަޤާތެކެވެ. އަދި ނުބައިކަމެއް މަނާކުރުމަކީ ޞަދަޤާތެކެވެ. އަދި ތިޔަބައިމީހުން ކުރެ މީހަކު އޭނާގެ ޙަލާލު އަނބިމީހާއާއެކުގައި ޖިމާޢުވުމަކީ ޞަދަޤާތެކެވެ.” އެބޭކަލުން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! އަޅުގަނޑުމެންގެ ތެރެއިން މީހަކު އޭނާގެ ޝަހްވަތްތެރިކަން ގެނެސްގަންނަ އިރު، އެކަމުގައި އޭނާއަށް ހެޔޮ ދަރުމަ ވާނެތޯއެވެ؟ އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. “އެމީހާގެ އެ އެދުންވެރިކަން ޙަރާމް ގޮތުގައި ބޭނުންކޮށްފިނަމަ، އެމީހާގެ މައްޗަށް ފާފަވާނެކަމުގައި ތިޔަބައިމީހުންނަށް އެނގޭހެއްޔެވެ؟ ފަހެ، އެމީހާ އެ އެދުންވެރިކަން ޙަލާލު ގޮތުގައި ބޭނުންކޮށްފިނަމަ އެމީހާއަށް ހަމަ އެފަދައިން ހެޔޮ ދަރުމަ ލިބޭ ހުއްޓެވެ.”(3)
ފަޤީރު ބޭކަލުން ހީފުޅުކުރެއްވީ މުދަލުން މެނުވީ ޞަދަޤާތް ނުކުރެވޭނެ ކަމަށެވެ. އެހެނީ، އެބޭކަލުން ވަނީ މުދަލުން ޞަދަޤާތްކުރުމަށް ނުކުޅެދިފައެވެ. ފަހެ، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އެބޭކަލުންނަށް ޚަބަރު އެ ދެއްވަވަނީ، ކޮންމެ ހެޔޮކަމަކާއި، އިޙްސާންތެރިކަމަކީ ޞަދަޤާތެއްކަމުގައެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ މިކަންކަން ބަޔާންކޮށްދެއްވުމުގައި އެންމެ ފުރަތަމަވެސް ބަޔާންކޮށްދެއްވާފައި އެވަނީ سُبْحَانَ اللَّهِ، وَالْحَمْدُ لِلَّهِ، وَلا إِلَهَ إِلا اللَّهُ، وَاللهُ أَكْبَرُ،މި ހަތަރު ކަލިމައެވެ.
(12) މި ކަލިމަތަކުގެ މާތްކަމުގެ ތެރޭގައި؛ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ ނަމާދުގައި ޤުރުއާން ކިޔަވަން ނޭނގޭމީހުންނަށް ޤުރުއާނުގެ ބަދަލުގައި ކިޔުމަށް މި ކަލިމަތައް އުގަންނައި ދެއްވަވާފައެވެ. އަބޫ ދާއުދާއި، އަންނަސާއީއާއި، އައްދާރަޤުޠުނީއާއި އެނޫންވެސް ބޭކަލުން އިބްނު އަބީ އައުފާ ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާކުރައްވާފައިވެއެވެ. جَاءَ رَجُلٌ إِلَى النَّبِىِّ -صلى الله عليه وسلم- فَقَالَ: إِنِّي لاَ أَسْتَطِيعُ أَنْ آخُذَ مِنَ الْقُرْآنِ شَيْئًا فَعَلِّمْنِى مَا يُجْزِئُنِي مِنْهُ. قَالَ: ((قُلْ: سُبْحَانَ اللَّهِ، وَالْحَمْدُ لِلَّهِ، وَلاَ إِلَهَ إِلاَّ اللَّهُ، وَاللَّهُ أَكْبَرُ، وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ)). قَالَ: يَا رَسُولَ اللَّهِ هَذَا لِلَّهِ عَزَّ وَجَلَّ فَمَا لِي، قَالَ: ((قُلِ: اللَّهُمَّ ارْحَمْنِي وَارْزُقْنِي وَعَافِنِي وَاهْدِنِي)). فَلَمَّا قَامَ، قَالَ هَكَذَا بِيَدِهِ فَقَالَ رَسُولُ اللَّهِ -صلى الله عليه وسلم- : ((أَمَّا هَذَا فَقَدْ مَلأَ يَدَهُ مِنَ الْخَيْرِ)). މާނައީ: ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. ހަމަކަށަވަރުން ތިމަންނައަށް ޤުރުއާނުން ބައެއް ލިބުމަށް ވަނީ ނުކުޅެދިފައެވެ. (އެބަހީ؛ ޤުރުއާނުން އެއްވެސް ވަރެއް ހިތުދަސްވެފައިނުވެއެވެ.) ފަހެ، އޭގެ ބަދަލުގައި ޤުރުއާން ކިޔެވުމާ އެއްފަދަ ކަމެއް ތިމަންނައަށް އުގަންނަވައި ދެއްވާށެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.”سُبْحَانَ اللَّهِ، وَالْحَمْدُ لِلَّهِ، وَلاَ إِلَهَ إِلاَّ اللَّهُ، وَاللهُ أَكْبَرُ، وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِމި ފަދައިން ތިބާ ކިޔާށެވެ.” އެމީހަކު ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! މިއީ ﷲއަށްވާ (ޛިކުރު) ތަކެކެވެ. ތިމަންނައަށް (ވާ ދުޢާތައް) ކޮބައިތޯއެވެ؟ އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. “اللَّهُمَّ ارْحَمْنِي وَارْزُقْنِي وَعَافِنِي وَاهْدِنِي(އޭ ﷲ! ތިމަންނައަށް ރަޙްމަތް ލައްވާނދޭވެ! އަދި ތިމަންނައަށް ރިޒްޤު ދެއްވާނދޭވެ! އަދި ތިމަންނަށް ޢާފިޔަތު ދެއްވާނދޭވެ! އަދި ތިމަންނައަށް ހިދާޔަތް ދައްކަވާނދޭވެ!) މިފަދައިން ތިބާ ކިޔާށެވެ.” އެމީހާ ތެދުވެގެން ދިޔުމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަތްޕުޅުން އެއްޗެއް ގިނަކަމަށް އިޝާރާތްކުރައްވާ ޙަދީޘް ކުރެއްވިއެވެ. “މި މީހާ ދަންނައެވެ! ފަހެ، މި މީހާގެ ދެއަތް ހެޔޮކަމުން ފުރާލައިފިއެވެ.”(4)
ޙަދީޘް ޢިލްމުވެރިއެއްކަމުގައިވާ އަބުއް ޠައްޔިބު ޢަޡީމް އާބާދީ ސުނަނު އައްދާރަޤުޠުނީއަށް މުހިއްމު ނުކުތާތައް އިތުރުކުރައްވާފައިވާ ފޮތުގައި ވިދާޅުވެފައިވެއެވެ. “މި ޙަދީޘްގެ ސަނަދު ޞައްޙައެވެ.” އަދި އަލްއަލްބާނީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “މި ޙަދީޘްގެ ސަނަދު ޙަސަން ދަރަޖައަށް ފޯރައެވެ.”(5)
ބަޔާންވެ މިދިޔައީ މި ހަތަރު ކަލިމައިގެ މަތިވެރިކަމާއި މާތްކަމާބެހޭގޮތުން ސުންނަތުގައި ވާރިދުވެގެންވާ ބައެއް ޙަދީޘްތަކެވެ. މި ކަލިމަތަކުން ލިބޭ މަތިވެރިކަމާމެދު މީހަކު ވިސްނާފިކުރުކޮށްލައިފިނަމަ، މި ކަލިމަތަކުގެ މަތިވެރިކަމުގެ ބޮޑުކަން އެނގޭނެއެވެ. މިކަމުން ދޭހަކޮށްދެނީ މި ކަލިމަތަކުގެ މާތްކަމުގެ ބޮޑުކަމެވެ. އަދި މި ކަލިމަތަކުގެ ހައިބަތުގެ މަތިވެރިކަމެކެވެ. އަދި މި ކަލިމަތަކުގެ ފައިދާތަކުގެ ގިނަގުނަކަމެވެ. އަދި މުއުމިނުއަޅާ ކިޔުމަށް މާބޮޑު އުނދަގުލެއްނެތް ކަލިމަތަކެއްކަމެވެ. މި ކަލިމަތަކަށް މިހާ ގިނަގުނަ ޘަވާބާއި މަތިވެރިކަން ލިބުމުގެ ސިއްރު މޮޅަށް ދެނެވޮޑިގެންވަނީ ﷲއެވެ. މިކަމުގެ ސިއްރަކީ؛ ﷲ ތަބާރަކަ ވަތަޢާލާގެ އެންމެހާ އިސްމުފުޅެއް މި ހަތަރު ކަލިމައިގެ ތެރޭގައި ޝާމިލުވާތީކަމުގައި ބައެއް ޢިލްމުވެރިން ބަޔާންކުރައްވާފައިވެއެވެ. ފަހެ، سُبْحَانَ اللَّهِގެ ތެރޭގައި”القدوس”އަދި”السلام”ފަދަ އެކަލާނގެ ހުސްޠާހިރުވުމާގުޅޭ އިސްމުފުޅުތައް ޝާމިލުވެއެވެ.އަދި الْحَمْدُ لِلَّهِމި ކަލިމާގައި މަތިވެރިވެގެންވާ ﷲއަށް އެކަލާނގެ އިސްމުފުޅުތަކުގައްޔާއި ޞިފަފުޅުތަކުގައި އެންމެ ފުރިހަމަކަން ލިބިވޮޑިގެންވާކަން ޝާމިލުވެގެންވެއެވެ. އަދިاللهُ أَكْبَرُމި ކަލިމާގައި އެކަލާނގެ ބޮޑުވަންތަކަމާއި، މަތިވެރިވަންތަކަން ޝާމިލުވެގެންވެއެވެ. އެއިލާހަށް ލިބިވޮޑިގެންވާ ޙަމްދާއި ޘަނާ އެއްވެސް މީހަކަށް ޢަދަދުނުކުރެވޭނެއެވެ. އެކަލާނގެއީ މިފަދަ މަތިވެރި ކަލާނގެއަކަށްވާއިރު، އެކަލާނގެ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭނެ އެއްވެސް އިލާހެއް ނުވާނެއެވެ.(6)
ފަހެ، ތަސްބީޙައަކީ (އެބަހީ: سُبْحَانَ اللَّهِ ކިޔުމަކީ) ﷲއާ އެކަށީގެންނުވާ ހުރިހާ އުނި ޞިފަތަކުން އެކަލާނގެ ހުސްޠާހިރުކުރުމެވެ. އަދި ތަޙްމީދަކީ (އެބަހީ: الْحَمْدُ لِلَّهِކިޔުމަކީ) އެކަލާނގެ އިސްމުފުޅުތަކުގައްޔާއި، ޞިފަފުޅުތަކުއްގައްޔާއި، އެކަލާނގެ ކުރައްވާ ކަންކަމުގައި އެންމެ ފުރިހަމަކަން ނިސްބަތްކުރުމެވެ. އަދި ތަހްލީލަކީ (އެބަހީ: لا إِلَهَ إِلا اللَّهُ ކިޔުމަކީ) އެކަލާނގެއަށް އިޚްލާޞްތެރިވުމާއި، އެކަލާނގެ އެއްކައުވަންތަކުރުމާއި، އެކަލާނގެއަށް ޝަރީކަކުވުމުން ބަރީއަތްކުރުމެވެ. އަދި ތަކްބީރަކީ (އެބަހީ: اللهُ أَكْبَرُ ކިޔުމަކީ) އެކަލާނގެ މަތިވެރިކަން އެކަލާނގެއަށް ސާބިތުކުރުމެވެ. އަދި އެކަލާނގެއަށްވުރެ ބޮޑު އެއްޗެއް ނުވާކަން ސާބިތުކުރުމެވެ.
މިއީ ކިހާ މަތިވެރި، ހައިބަތު ހުރި، ގިނަ ބޮޑެތި ހެޔޮކަންތަކެއް އެކުލެވިފައިވާ ކަލިމަތަކެއް ތޯއެވެ! މި ކަލިމަތަކަށް ރައްކާތެރިވުމުގެ ތައުފީޤް ދެއްވުން އެދި ﷲ އަށް ދުޢާ ދަންނަވަމެވެ. އަދި މި ކަލިމަތައް ކިޔާއުޅޭ، މި ކަލިމަތަކުގެ އަހުލުވެރިން ކަމުގައި އަޅަމެން ލެއްވުން އެދިވެސް ދުޢާ ދަންނަވަމެވެ. އަދި މި ކަލިމަތައް ކިޔުމުގައި އަޅަމެންގެ ދޫތައް ތެތްކަންމަތީ ބޭއްވުމުގެ ތައުފީޤު ދެއްވުން އެދިވެސް ދުޢާ ދަންނަވަމެވެ. އެކަލާނގެއީ އެކަމުގެ ވެރި، އެކަންކަމަށް ކުޅަދުންވަންތަ ކަލާނގެއެވެ. وصلى الله وسلم على نبيّنا محمد وعلى آله وأصحابه أجمعين.
(ނިމުނީ)
_____________________
(1) السنن الكبرى للنسائي، كتاب عمل اليوم والليلة (50/6)، وصحيح ابن حبّان (الإحسان): (114/3) (رقم: 338)، والمستدرك: (512،511/1).
(2) كشف الأستار عن زوائد البزار: (9/4) (رقم: 3072).
(3) صحيح مسلم: (رقم: 1006).
(4) سنن أبي داود (رقم: 832) واللفظ له، وسنن النسائي: (143/2)، وسنن الدارقطني: (314،313/1).
(5) صحيح أبي داود (157/1).
(6) انظر: جزء في تفسير الباقيات الصالحات للعلائي: (ص.40).