[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަރަކަ 13

17760

ނަރަކައިގެ ހޫނުގަދަކަމާއި އެތަނުގެ ދުމުގެ ބިޔަކަން

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

(وَأَصْحَابُ الشِّمَالِ مَا أَصْحَابُ الشِّمَالِ ﴿٤١﴾ فِي سَمُومٍ وَحَمِيمٍ ﴿٤٢﴾ وَظِلٍّ مِّن يَحْمُومٍ ﴿٤٣﴾ لَّا بَارِدٍ وَلَا كَرِيمٍ ﴿٤٤﴾)[سورة الواقعة 41-44]

މާނައީ: “ވާތްފަރާތުގެ މީހުންނެވެ. ވާތްފަރާތުގެ މީހުންނީ، ކޮންބަޔެއްހެއްޔެވެ؟ [41] (އެއުރެންވަނީ، ލޯލިތަކުގެ ބުޑުތައް ފޫވައްޓައިފަނިވި) ހޫނު ވައިގެތެރޭގައެވެ. އަދި ކެކިކެކިހުންނަ ހޫނުފެނުގެ ތެރޭގައެވެ. [42] އަދި ކަޅުކުލައިގެ ދުމަކުން އުފެދޭ ހިޔަނިގަނޑެއްގެ ތެރޭގައެވެ. [43] ފިންޏެއްވެސް ނޫނެވެ. އަދި އަރާމެއްވެސް ނޫނެވެ. [44]”

މިއާޔަތްތަކުގައި ބަޔާންވެގެންވަނީ ދުނިޔޭގައި މީސްތަކުން ހޫނު ގަދަވެއްޖެކަމުގައި ވާނަމަ ފިނިކުރުމަށްޓަކައި ބޭނުން ކުރާ ތިނެއްޗެކެވެ. އެއީ ފެން، ވައި އަދި ހިޔަލެވެ. އެހެން ނަމަވެސް މިތަކެތިން ނަރަކަ ވަންތަވެރިންނަކަށް އެއްވެސް ފިނިކަމެއް ޙާޞިލެއް ނުވާނެއެވެ. ނަރަކައިގެ ވަޔަކީ އައްސަމޫމްއެވެ. އެއީ އޭގެ ހޫނުކަން އިންތިހާއަށްގަދަ ހޫނުވައެވެ. އަދި ނަރަކައިގެ ފެނަކީ އަލްޙަމީމްއެވެ. އެއީ ކެކިކެކިހުންނަ ހޫނުފެނެވެ. އަދި އެތަނުގެ ހިޔަލަކީ އަލްޔަޙްމޫމްއެވެ. އެއީ ނަރަކައިގެ ދުމުން އުފެދިފައިވާ ހިޔަނިގަނޑެކެވެ.

މިއާޔަތްތަކުގައި  ވާތްފަރާތުގެ މީހުންގެ ނަރަކައިގައި ވާނޭ ގޮތް ބަޔާންކޮށްފައިވާ އިރު އެހެން އާޔަތެއްގައި ނަރަކައިގެ ޙާލަތު ބަޔާންކޮށްފައިވެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

(وَأَمَّا مَنْ خَفَّتْ مَوَازِينُهُ ﴿٨﴾ فَأُمُّهُ هَاوِيَةٌ ﴿٩﴾ وَمَا أَدْرَاكَ مَا هِيَهْ ﴿١٠﴾ نَارٌ حَامِيَةٌ ﴿١١﴾)[سورة القارعة 8-11]

މާނައީ:”އަދި އެމީހެއްގެ ތިލަފަތް ލުއިވެއްޖެމީހާ ދަންނާށެވެ! [8] ފަހެ، އޭނާ އުޅޭނެތަނަކީ، ނަރަކައިގެ އަޑިއެވެ. [9] އަދި އެއީ ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ [10] އެއީ އަނދައަނދާހުންނަ ނަރަކައިގެ އަލިފާނެވެ. [11]”

އަދި އާޔަތުގައި ބަޔާންކޮށްފައިވާ ހިޔަނިގަނޑަކީ ނަރަކައިގެ ދުމުން އުފެދިފައިވާ ހިޔަނިގަނޑެކެވެ. އާންމު ގޮތެއްގައި ހިޔަންނަކީ އެއިން ފިނިކަމާއި އަދި ހިންހަމަޖެހުން ލިއްބައިދެނިވި އެއްޗެކެވެ. އަދި މީސްތަކުން އެއަށް ލޯބިކޮށް އެއިން ހިންހަމަޖެހުން ޙާޞިލުކުރާ އެއްޗެކެވެ. އެހެން ނަމަވެސް ނަރަކައިގެ މިހިޔަނިގަނޑަކީ އެއިން ހިންހަމަޖެހުމެއް އަދި ފިނިކަމެއް ލިއްބައިދެނިވި އެއްޗެއް ނޫނެވެ. މިއީ ނަރަކައިގެ ދުމުން އުފެދިފައިވާ ހިޔަނިގަނޑެކެވެ.

ޤުރުއާނުން އެނގޭ ގޮތުގައި މިހިޔަނިގަނޑަކީ ނަރަކައިން އަރާ ދުމުން އުފެދިފައިވާ އެއްޗެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

(انطَلِقُوا إِلَىٰ ظِلٍّ ذِي ثَلَاثِ شُعَبٍ ﴿٣٠﴾ لَّا ظَلِيلٍ وَلَا يُغْنِي مِنَ اللَّـهَبِ ﴿٣١﴾ إِنَّهَا تَرْمِي بِشَرَرٍ كَالْقَصْرِ ﴿٣٢﴾ كَأَنَّهُ جِمَالَتٌ صُفْرٌ ﴿٣٣﴾)[سورة المرسلات 30-33]

 މާނައީ:”ތިންކަތްޕަށް ކަފިވެފައިވާ ހިޔަންޏެއްގެ ތެރެޔަށް (އެބަހީ: ނަރަކައިގެ އަލިފާންގަނޑުގެ ދުމުގެ ތެރެޔަށް) ތިޔަބައިމީހުން  [31] ހިނގައިދާށެވެ! [30] (އެއިން) ހިޔަލެއްވެސް ނުދެތެވެ. އަދި ހުޅުގަނޑުގެ ހޫނުން ސަލާމަތްކޮށެއްވެސް ނުމެދޭމެއެވެ. ހަމަކަށަވަރުން، ބޮޑެތި ގަނޑުވަރުފަދަ ކަނިތައް، އެ ހުޅުގަނޑު އުކައެވެ. [32] އެ ކަނިތައް، ރީނދޫކުލައިގެ ޖަމަލުތަކެއް ފަދައެވެ. [33]”

މިއާޔަތްތަކުން އެނގޭ ގޮތުގައި ނަރަކައިން އަރާ ދުމުގެ ބޯކަމުން އަދި ބިޔަކަމުން އެދުންތައް ތިންކަތްފަށް ބެހިގެންދެއެވެ. އަދި އެދުންތަކުން ހިޔަނިގަނޑެއް އުފެދުނަސް އެއިން އެއްވެސް ހިޔަލެއް ނުލިބޭނެވެ.  އަދި ނަރަކައިގެ ހޫނުން އެއްވެސް ފިނިކަމެއް ނުލިބޭނެވެ. އަދި ނަރަކައިގެ އަލިފާނުން ބުރާ ކަނިތަކަކީ ބޮޑެތި ގަނޑުވަރުފަދަ ކަނިތަކެވެ. އަދި މިކަނިތައް ވައްތަރީ ރީނދޫކުލަ ނުވަތަ ކަޅުކުލައިގެ ޖަމަލުތަކާއެވެ.

=ނުނިމޭ=

މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ