بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
الْقَارِعَةُ ﴿١﴾ مَا الْقَارِعَةُ ﴿٢﴾ وَمَا أَدْرَاكَ مَا الْقَارِعَةُ ﴿٣﴾ يَوْمَ يَكُونُ النَّاسُ كَالْفَرَاشِ الْمَبْثُوثِ ﴿٤﴾ وَتَكُونُ الْجِبَالُ كَالْعِهْنِ الْمَنفُوشِ ﴿٥﴾ فَأَمَّا مَن ثَقُلَتْ مَوَازِينُهُ ﴿٦﴾ فَهُوَ فِي عِيشَةٍ رَّاضِيَةٍ﴿٧﴾ وَأَمَّا مَنْ خَفَّتْ مَوَازِينُهُ ﴿٨﴾ فَأُمُّهُ هَاوِيَةٌ ﴿٩﴾ وَمَا أَدْرَاكَ مَا هِيَهْ ﴿١٠﴾ نَارٌ حَامِيَةٌ ﴿١١﴾
الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ބިސްމީގެ ތަފްސީރު އިސްވެ ހިނގައްޖެއެވެ.
الْقَارِعَةُ ﴿١﴾
މާނައީ “ހިތްތަކަށް ބިރުވެރިކަން ގެނެސްދޭ ޤިޔާމަތް ދުވަހެވެ.”
އެއީ قَرَعَ ގެ އިސްމު ފާޢިލެވެ. އަދި އޭގެ މުރާދަކީ: ހިތްތައް ބިރުންގޮސް ތެޅިގަތުމެވެ. އެއީ ތާޅަފިލި ފުމެލެވޭ ހިނދުއެވެ. ﷲ ތަޢާލާގެ އަންނަނިވި ބަސްފުޅުގައިވާ ފަދައިންނެވެ.
﴿وَيَوْمَ يُنفَخُ فِي الصُّورِ فَفَزِعَ مَن فِي السَّمَاوَاتِ وَمَن فِي الْأَرْضِ إِلَّا مَن شَاءَ اللَّـهُ ۚ وَكُلٌّ أَتَوْهُ دَاخِرِينَ﴾ [سورة النمل٨٧]
މާނައީ: “ތާޅަފިލި ފުމެލައްވާ ދުވަސް ހަނދުމަކުރާށެވެ. ފަހެ (އެހިނދު) ﷲ އިރާދަކުރެއްވި މީހަކު މެނުވީ، އުޑުތަކާއި، ބިމުގައިވާހާ ބަޔަކު ބިރުން ސިހިގެންދާނެތެވެ. އަދި އެންމެން ދެރަވެ، ނިކަމެތިވެގެންވާ ޙާލުގައި އެއިލާހުގެ ޙަޟްރަތަށް އަންނާނެތެވެ.”
ފަހެ ހިތްތައް ތެޅިގަނެގެންދަނީ ކަންފަތްތައް ގުގުމާލުމަށްފަހުއެވެ.
القَارِعَة އަކީ ކުރިން ދެކެފައިނުވާފަދަ ބޮޑުވެގެންވާ މުޞީބާތެކެވެ. އަދި އެއީ ޤިޔާމަތް ދުވަހުގެ ނަންތަކުގެ ތެރެއިން ނަމެކެވެ. الغَاشِيَة އާއި الحَاقَّة ކިޔާ ފަދައިންނެވެ.
އަދި ﷲ ތަޢާލާ ވަޙީ ކުރައްވައެވެ.
مَا الْقَارِعَةُ ﴿٢﴾
މާނައީ: “ހިތްތަކަށް ބިރުވެރިކަންގެނެސްދޭ ޤިޔާމަތް ދުވަހަކީ ކޮންދުވަހެއް ހެއްޔެވެ.”
﴿مَا﴾ މިތަނުގައި ބޭނުންކުރެވިފައިވަނީ ބޮޑުކަމާއި މަތިވެރިކަމާބެހޭގޮތުން ސުވާލުކުރުމުގެ މާނައިގައެވެ.
މާނައީ: القَارِعَة ގެ ގޮތުގައި ޛިކުރުކުރެވިފައި އެވަނީ ކޮން އެއްޗެއް ހެއްޔެވެ؟
وَمَا أَدْرَاكَ مَا الْقَارِعَةُ ﴿٣﴾
މާނައީ: “އަދި ހިތްތަކަށް ބިރުވެރިކަން ގެނެސްދޭ ޤިޔާމަތްދުވަހަކީ ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ. “
މިއީ ބޮޑުކަމާއި މަތިވެރިކަމާއި ބިރުވެރިކަމަށް އިތުރުކޮށްދީފައިވާ ޢިބާރާތެކެވެ.
މާނައީ: القَارِعَةއާ ބެހޭގޮތުން ތިބާއަށް އެނގެނީ ކޮން އެއްޗެއް ހެއްޔެވެ؟ އެބަހީ މިއަށްވުރެ ބޮޑުކަމެއް ކޮބާ ހެއްޔެވެ؟ އަދި މިއަށްވުރެ ބިރުވެރިކަމެއް ކޮބާ ހެއްޔެވެ؟
ދެން އެއަށްފަހު ބަޔާންކޮށްދެއްވަނީ އެކަން ހިނގާނެ ވަޤުތެވެ. ފަހެ ﷲ جل وعلاވަޙީކުރައްވައެވެ.
يَوْمَ يَكُونُ النَّاسُ كَالْفَرَاشِ الْمَبْثُوثِ ﴿٤﴾
މާނައީ: “ވިއްސިވިހާލިވެގެންދާ ކޮކާތަކެއް ފަދައިން މީސްތަކުންވާނޭ ދުވަހެވެ.”
އެބަހީ: ހަމަކަށަވަރުން އެވަޤުތަކީ ވިއްސިވިހާލިވެގެންދާ ކޮކާތަކެއް ފަދައިން ޤަބުރުތަކުން މީސްތަކުން ނުކުންނަ ހިނދެވެ.
ޢިލްމުވެރިން ވިދާޅުވެފައިވެއެވެ: އެބައިމީހުންވާނީ ވިއްސިވިހާލިވެހެންދާ ކޮކާތަކެއް ފަދައިންނެވެ. އަދި الْفَرَاشއެއީ ރޭގަނޑު އަލިފާނުގެ ކައިރިއަށް ޖަމާވާ ކުދިކުދި އުދުހޭ ސޫފިތަކެވެ. އެއީ ބަލިކަށި އެއްޗެހިތަކެކެވެ. އަދި އެތަކެތި އެއްވެސް މިސްރާބެއް ނެތި ހިނގަމުންދާ ކަހަލައެވެ. އަދި އެކަތި އަނެކައްޗަށް ފުށުއަރާ އަދި ބައެއް ފަހަރު އެއަށް ނޭނގި ގޮސް އަލިފާނުގެ ތެރެއަށް ވެއްޓެއެވެ. ފަހެ މީސްތަކުން މިކޮކާތަކާ އެއްގޮތް ކޮށްފައިމިވަނީ އޭގެ ނިކަމެތިކަމާއި މިސްރާބެއް ނެތި އެކަތި އަނެކައްޗާއި ފުށުއަރަމުން ދާދިއުމަށެވެ.
އަދި ﴿الْمَبْثُوث﴾ ގެ މާނައީ: ފެތުރިގަތުމެވެ. ފަހެ އެއީ ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅުގައިވާ ފަދައިންނެވެ.
﴿خُشَّعًا أَبْصَارُهُمْ يَخْرُجُونَ مِنَ الْأَجْدَاثِ كَأَنَّهُمْ جَرَادٌ مُّنتَشِرٌ﴾ [سورة القمر٧]
މާނައީ: “އެއުރެންގެ ލޯތައް ތިރިވެ ނިކަމެތިވެގެންވާ ޙާލު، ފެތުރިގަންނަ ގޮއްފުޅަނގިތަކެއް ފަދައިން ކަށްވަޅުތަކުން އެއުރެން ނުކުންނާނެތެވެ.”
މީސްތަކުން ޤަބުރުތަކުން ނުކުންނަ މަންޒަރު މިގޮތަށް ތަޞައްވުރު ކޮށްލައިފިނަމަ ތަޞައްވުރުވެގެންދާނީ ދުވަހަކުވެސް ފެނިފައި ނުވާފަދަ ބޮޑުވެގެންވާ ކަމެއްގެ ގޮތުގައެވެ. އާދަމުގެފާނުން ފެށިގެން ޤިޔާމަތް ޤާއިމުވުމާ ހަމައަށް މިޢާލަމުގައިވާ އެންމެހާ މީސްތަކުން އެންމެ މީހަކު ނުކުންނަފަދައިން ނުކުންނާނެއެވެ. ބިމުގެ އިރުމައްޗާއި ހުޅަނގުގައި ބުރުވާލެވިފައިވާ ޤަބުރުތަކުންނެވެ. ކަނޑުގެ އަނދިރީގެ ތެރޭގައި ވަނިކޮށް ބޮޑުމަސް ކާލާފައިވާ ނުވަތަ ބިމުގެ (ހަނަފަސް) ޞަޙަރާއެއްގެ ތެރޭގައި ވަލުޖަނަވާރު ކާލާފައިވާ ނުވަތަ މިފަދައިން ޤަބުރެއްގައި ނުވާ މީހުންވެސް އެއްފަހަރާ ނުކުމެގެން މި ބިމުގައި އެނބުރެމުން އަންނާނެއެވެ.
އަދި ފަރުބަދަތައް ދަންނައެވެ. މުޑިތަކެއްފަދައިން ބިމުގައި ގަދަޔަށް ހަރުލާފައި އެހެރަ ބޮޑެތި ވަރުގަދަ ފަރުބަދަތައްވާނީ ބުރުވައިލެވޭ ކެހެރިތަކެއް ފަދައިންނެވެ.
﴿كَالْعِهْنِ الْمَنفُوشِ﴾
މާނައީ: “ބުރުވައިލެވޭ ކެހެރިތަކެއް ފަދައިން”
﴿الْعِهْنِ﴾އަކީ ފޭރާންވިޔާ ކެހެރި(ވޫލް) އެވެ. އަދި ބުނެވެއެވެ. އެއީ ކަފަ(ކޮޓަން) އެވެ.
﴿الْمَنفُوشِ﴾އަކީ ބުރުވާލުމެވެ.
އެބަހީ: ބިމުގައި ވަރުގަދައަށް ހަރުލާފައި ހުރި ފަރުބަދަތައް ފަހުން ވާނީ ކެހެރިތަކެއް ފަދައިންނެވެ. ނުވަތަ ބުރުވާލެވިފައިވާ ކަފަތަކެއް ފަދައިންނެވެ. – ތިބާގެ އަތުގައި ވަނިކޮށް ފުމެލުމުން ނުވަތަ ވިހެލުމުން އޭގެ ލުއިކަމުން އެންމެ މަޑު ވައި ރޯޅިއާއެކުވެސް އުދުހިގެންދެއެވެ.
އަދި ﷲ ތަޢާލާ އެހެން އާޔަތެއްގައި ވަޙީކުރައްވާފައިވަނީ ހަމަކަށަވަރުން ފަރުބަދަތައް ވަޔާ ބުރައިގެންދާ ކުނޑިތަކެއްކަމުގައި ވާނެކަމުގައެވެ.
وَبُسَّتِ الْجِبَالُ بَسًّا ﴿٥﴾ فَكَانَتْ هَبَاءً مُّنبَثًّا ﴿٦﴾[سورة الواقعة]
މާނައީ: “އަދި ފަރުބަދަތައް ފުނޑުފުނޑުވެ، ހިމުންވެއްޖެހިނދެވެ. [5] ފަހެ، ވަޔާ ބުރަބުރައިގެންދާ ކުނޑިތަކެއްކަމުގައި އެ ފަރުބަދަތައް ވެއްޖެހިނދެވެ. [6]”
އަދި މިތަނުގައި ﷲ جل وعلاވަޙީކުރައްވާފައިވަނީ:
وَتَكُونُ الْجِبَالُ كَالْعِهْنِ الْمَنفُوشِ ﴿٥﴾
މާނައީ: “އަދި ބުރުވައިލެވޭ ކެހެރިތަކެއް ފަދައިން ފަރުބަދަތައް ވާނޭދުވަހެވެ.”
=ނުނިމޭ=
________________________________________________________
މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه اللهލިޔުއްވާފައިވާ تَفْسِير سُورَة الْقَارِعَةގެ ތަރުޖަމާއެވެ.