ސުންނަތަށް ތަބަޢަވުން
سعيد بن سالم البصريގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އަބޫ ޙަނީފާ ވިދާޅުވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ.
“މައްކާއިން ތިމަންކަލޭގެފާނަށް عطاءއާއި ބައްދަލުވިއެވެ. އަދި ތިމަންކަލޭގެފާނު މައްސަލައަކާ ބެހޭގޮތުން ސުވާލު ކުރެއްވީމެވެ. ދެންފަހެ އެކަލޭގެފާނު ދެންނެވިއެވެ. “ތިޔައީ ކޮން ތަނެއްގެ މީހެއް ހެއްޔެވެ؟” ތިމަންކަލޭގެފާނު ދެންނެވީމެވެ. “ތިމަންކަލޭގެފާނަކީ ކޫފާގެ އަހުލުވެރިންގެ ތެރެއިން މީހަކީމެވެ.” ދެން އެކަލޭގެފާނު ވިދާޅުވިއެވެ. “ތިޔައީ އެބައިމީހުންގެ ދީން ބައިބައިކޮށް، ބައިތަކެއްކަމުގައިވީ މީހުންގެ ރަށުގެ މީހެއް ހެއްޔެވެ؟” ތިމަންކަލޭގެފާނު ދެންނެވީމެވެ. “އާއެކެވެ.” ދެން އެކަލޭގެފާނު ވިދާޅުވިއެވެ. “އެހެންވީރު ތިޔައީ އެތަނުން ކޮންބައެއްގެ ތެރެއިންވާ މީހެއް ހެއްޔެވެ؟” ދެން ތިމަންކަލޭގެފާނު ދެންނެވީމެވެ. “ތިމަންކަލޭގެފާނަކީ ސަލަފުންނަށް އެއްޗެހިކިއާ މީހުންގެ ތެރެއިން މީހެއްނޫނެވެ. އަދި ޤަދަރަށް އީމާންވާ މީހުންގެ ތެރެއިން މީހެކެވެ. އަދި ތިމަންކަލޭގެފާނު އެއްވެސް މީހެއްގެ ފާފައަކުން އެމީހަކު ކާފަރުކޮށް ދީނުންބޭރުކޮށެއް ނަހަދަމެވެ.” ދެންފަހެ عطاء ދެންނެވިއެވެ. “ތިޔައީ ކޮންކަލަ މީހެއްކަން ތިމަންކަލޭފާނަށް އެނގިއްޖެއެވެ. ފަހެ ކަލޭގެފާނަށް ކިޔަވައިދެއްވަން ލާޒިމްވެއްޖެއެވެ.””[1]
الخيرات الحسان في مناقب الإمام أبي حنيفة ގައިالعلامة أحمد بن حجر الهيثميވިދާޅުވެފައިވެއެވެ.
“ދަންނާށެވެ! ޢިލްމުވެރިން އަބޫ ޙަނީފާއާއި އެކަލޭގެފާނުގެ ދަރިވަރުންނަކީ ރައުޔުގެ އަހުލުވެރިންނޭ ބެނެވޭ ބަހުގެ މުރާދު ނުބައިކޮށް ފަހުމު ނުކުރާށެވެ! އެއީ އެބޭކަލުންގެ އުނިކަމެއްކަމުގައި ނުވަތަ އެބޭކަލުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާއި އެކަލޭގެފާނުގެ އަޞްޙާބުންގެ ބަސްފުޅުތަކުގެ މައްޗަށް އެބޭފުޅުންގެ އަމިއްލަ ރައުޔު އިސްކުކުރެއްވުންކަމުގައިވެސް ފަހުމް ނުކުރާށެވެ! އެހެނީ ހަމަކަށަވަރުން އަބޫ ޙަނީފާއާއި އެކަލޭގެފާނުގެ ޢަޞްޙާބުން އެކަންކަމުން ބަރީއަވެގެންވެއެވެ.
އެތައް ރިވާޔަތަކުން އަބޫޙަނީފާއާމެދު ރިވާވެފައިވާ ބަސްފުޅެއް ކުރުގޮތަކަށް މިތަނުގައި ބުނެލަމެވެ.
“އެކަލޭގެފާނު އެންމެ ފުރަތަމަ ހިއްޕަވަނީ ޤުރުއާނުގައެވެ. ފަހެ ޤުރުއާނުން ފެނިވަޑައި ނުގެންފިނަމަ ސުންނަތުގައި ހިއްޕަވައެވެ. ފަހެ ސުންނަތުން ފެނިވަޑައި ނުގެންފިނަމަ ދެން ހިއްޕަވަނީ ޞަޙާބީބޭކަލުން އިޖުމާޢުވެފައިވާ ބަސްފުޅުތަކުގައެވެ. އަދި ޞަޙާބީ ބޭކަލުންގެ މެދުގައި ޚިޔާލު އުފެދިފައިވާ މައްސަލަތަކުގައި ހިއްޕަވަނީ ޞަޙާބީ ބޭކަލުންގެ ބަސްފުޅުތަކުގެ ތެރެއިން ޤުރުއާނާއި ސުންނަތާއި އެންމެ ކައިރިކުރާ ގޮތެއްކަމަށް ޤަބޫލުކުރެވޭ ގޮތްމަތީގައެވެ. އަދި އެބޭކަލުންގެ ބަސްފުޅުތަކުން ބޭރުވެވަޑައި ނުގަންނަވައެވެ. (އެބަހީ ޞަޙާބީ ބޭކަލުންގެ ބަސްފުޅުތައް ދޫކޮށްލުމަށްފަހު އަމިއްލަ ރައުޔެއް އިޚްތިޔާރު ނުކުރައްވައެވެ.) އަދި ޞަޙާބީ ބޭކަލުންގެ ފަރާތުން ބަސްފުޅެއް ނުފެނިއްޖެނަމަ ތާބިޢީ ބޭކަލުންގެ ބަސްފުޅުތަކުގައި ނުހިއްޕަވައެވެ. އަދި ކިޔެއް ހެއްޔެވެ. ތަބިޢީ ބޭކަލުންވެސް އިޖުތިހާދު ކުރައްވާ ފަދައިން އެކަލޭގެފާނުވެސް އިޖްތިހާދު ކުރައްވަނީއެވެ.”[2] ޝައިޙުގެ ބަސްފުޅު ނިމުނީ…
ابن المبارك އަބޫ ޙަނީފާގެ އަރިހުން ރިވާވެފައިވާކުރެއްވިއެވެ. އަބޫ ޙަނީފާ ވިދާޅުވިއެވެ.
“ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ޙަދީޘްފުޅެއް އަތުވެއްޖެކަމުގައިވާނަމަ ތިމަންބޭކަލުން އެޙަދީޘްފުޅެއް ލޮލުން ބޮލުން ޤަބޫލުކުރައްވަމެވެ. އަދި ޞަޙާބީ ބޭކަލުންގެ އަރިހުން ބަސްފުޅެއް އަތުވެއްޖެ ކަމުގައިވާނަމަ އެބަސްފުޅެއް އިޚްތިޔާރު ކުރައްވަމެވެ. އެބޭފުޅުންގެ ބަސްފުޅުތަކުން ތިމަންބޭކަލުން ބޭރެއް ނުވަމުއެވެ. އަދި ތާބިޢީބޭކަލުންގެ އަރިހުން ބަސްފުޅެއްއަތުވެއްޖެނަމަ އެބޭފުޅުންނާ ވާދަކުރައްވަނީއެވެ. (އެބަހީ އެބޭފުޅުންވެސް އިޖުތިހާދު ކުރައްވާ ފަދައިން އިޖުތިހާދު ކުރައްވަނީއެވެ.)”
އަދިވެސް އަބޫ ޙަނީފާގެ އަރިހުން ރިވާވެގެންވެއެވެ.
“މީސްތަކުންނާމެދު އަޖައިބުވެއެވެ. އެބައިމީހުން އެބަ ބުނެތެވެ. ތިމަންކަލޭގެފާނު ފަތުވާ ދެއްވަނީ އަމިއްލަ ރައުޔަށެވެ. އަދި ކިއެއް ހެއްޔެވެ. ތިމަންބޭކަލުން ފަތުވާދެއްވަނީ އަޘަރުތަކުގެ އަލީގައެވެ.”[3]
އަދިވެސް އަބޫ ޙަނީފާގެ އަރިހުން ރިވާވެގެންވެއެވެ.
“އެއްވެސް މީހަކަށް ﷲގެ ފޮތުގައި އައިސްފައިވާ ކަންކަމާމެދު އެމީހެއްގެ އަމިއްލަ ރައުޔު ފާޅުކުރުން ހުއްދަވެގެން ނުވެއެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގައި އައިސްފައިވާ ކަންކަމާއިމެދުގައިވެސް އެމީހެއްގެ އަމިއްލަ ރައުޔު ފާޅުކުރުން ހުއްދަވެގެން ނުވެއެވެ. އަދި ޞަޙާބީ ބޭކަލުން އިޖުމާއުވެފައިވާ ކަންކަމާ މެދުގައިވެސް އެއްވެސް މީހެއް އެމީހެއްގެ އަމިއްލަ ރައުޔު ފާޅުކުރުން ހުއްދަވެގެން ނުވެއެވެ. އަދި ޞަޙާބީ ބޭކަލުން ޚިޔާލު އުފެދިފައިވާ ކަންކަން ދަންނައެވެ. ފަހެ އޭގެ ތެރެއިން ތިމަންބޭކަލުން އިޚްތިޔާރުކުރައްވަނީ އެބޭފުޅުންގެ ބަސްފުޅުތަކުގެ ތެރެއިން ޤުރުއާނާއި ސުންނަތާއި އެންމެ ކައިރިކުރާ ބަސްފުޅެކެވެ. އަދި ތިމަންބޭކަލުން މިގޮތުގައި އިޖުތިހާދުކުރައްވަމެވެ. އަދި މިދެންނެވި މިންގަނޑުން ބޭރެއްނުވަމުއެވެ. އަދި މިނޫންގޮތަކަށް އައިސްފައިހުރި ކަންކަމުގައި، އިޚްތިލާފު ފުރިހަމައަށް އެނގިއްޖެ މީހަކަށް އިޖުތިހާދުކޮށް ޤިޔާސް ކުރެވޭނެއެވެ.”[4]
________________________________________________
[1] تاريخ البغداد (13/331)
[2] الخيرات الحسان (41).
[3] الخيرات الحسان (42).
[4] الخيرات الحسان (42).
-ނުނިމޭ-