الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
މިތަނުގައި މަޤްޞަދަކީ މުސްލިމުންގެ ހުރިހާ ޖަމާޢަތެއްގެ ބަޔަކުވެސް ޖިންނީން ވުޖޫދުގައިވާކަމަށް އިޤުރާރުވެއެވެ. އަދި ހަމައެފަދައިން ކާފިރުންގެ ގިނަ މީހުންވެސްމެއެވެ. އަހުލުކިތާބީންގެ ތެރެއިން ގިނަމީހުންނާއި، ހަމައެފަދައިން ޢަރަބި މުޝްރިކުންގެ ގިނަމީހުންނާ އަދި އެނޫން މީހުންގެ ތެރެއިން ސާމުގެ ދަރިކޮޅުގެ މީހުންވެސް މެއެވެ. އަދި އިންޑިއާ އާއި އެނޫން މީހުންގެ ތެރެއިން ޙާމުގެ ދަރިކޮޅުގެ މީހުންވެސް މެއެވެ. އަދި ހަމައެފަދައިން ކަންޢާނީންނާއި ޔޫނާނީންނާއި އަދި އެނޫން މީހުންގެ ތެރެއިން ޔާފިޘްގެ ދަރިކޮޅުގެ ގިނަ މީހުންވެސް މެއެވެ.
ފަހެ ޖިންނީން ވުޖޫދުގައިވާކަން ގިނަ ޖަމާޢަތްތަކުގެ މީހުން ބަލައިގަނެއެވެ. އަދި މިކަން ބަލައިގަތުމާއެކު، ޖިންނީންގެ އެހީތެރިކަން ހޯދައިގެން ފަންޑިތަ ހެދުމާއި ތަވީދު ލިޔުންވެސް މިމީހުން ޤަބޫލުކުރެއެވެ. އެއީ އީމާނުގެ އަހުލުވެރިންގެ ގާތުގައި ހުއްދަކަމެއް ކަމުގައި ވިޔަސް ނުވަތަ ޝިރުކެއް ކަމުގައި ވިޔަސް އެބައިމީހުންނަށް ހަމަހަމައެވެ. ފަހެ ހަމަކަށަވަރުން މުޝްރިކުން ފަންޑިތަ ހެދުމާއި ތަވީދު ލިޔުމަށް ކިޔެވެލިތައް ކިޔަވައެވެ. އަދި އެމީހުންގެ އެ ރުޤްޔާތަކުގައި ޖިންނީންނަށް އަޅުކަންކުރުމާއި އެއެއްޗެހި މަތިވެރިކުރުން ހިމެނެއެވެ. ފަންޑިތަ ހެދުމާއި ތަވީދު ލިޔުމުގައްޔާއި ރުޤްޔާ ކުރުމުގައި ޢާންމުންގެ އަތްމަތީ ގެންގުޅޭ ، އެމީހުންނަށް ދޭހަ ނުވާ ޢަރަބި ބަހުންވާ ގިނަތަކެތީގައިވަނީ ޖިންނީންނަށް ޝިރުކުކުރުން ހިމެނިފަމެވެ.
އަދި އެހެންކަމުން މުސްލިމު ޢިލްމުވެރިން، މާނަ ނޭނގޭ ރުޤްޔާތައް ނަހީކުރެއްވިއެވެ. އެއީ ރާޤީއަށް އެއީ ޝިރުކެއްކަން ނޭނގުނުނަމަވެސް އޭގައި ޝިރުކު ހިމެނުން ގާތްވެގެންވާ ކަމަކަށްވާތީއެވެ. ޞަޙީޙު މުސްލިމުގައި ޢައުފް ބުން މާލިކް އަލްއަޝްޖަޢިއްޔުގެ އަރިހުން ރިވާވެގެން އައިސްފައިވާ ޙަދީޘްއެއްގައިވެއެވެ.
قَالَ: كُنَّا نَرْقِي فِي الْجَاهِلِيَّةِ فَقُلْنَا يَا رَسُولَ اللهِ كَيْفَ تَرَى فِي ذَلِكَ فَقَالَ: ((اعْرِضُوا عَلَيَّ رُقَاكُمْ، لَا بَأْسَ بِالرُّقَى مَا لَمْ يَكُنْ فِيهِ شِرْكٌ)) [مسلم في السلام ٢٢٠٠/٦٣، وأبو داود في الطب ٣٨٨٦]
މާނައީ: އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންމެން ޖާހިލިއްޔަ ޒަމާނުގައި ރުޤްޔާކޮށް އުޅުނީމެވެ. ފަހެ ތިމަންމެން ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ. އެކަމާމެދު ކަލޭގެފާނު ދެކިވަޑައިގަންނަވަނީ ކިހިނެތް ހެއްޔެވެ. ފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުންކުރާ ރުޤްޔާތައް ތިމަންކަލޭގެފާނަށް ހުށަހަޅާށެވެ. އޭގައި ޝިރުކު ނުހިމެނޭކަމުގައިވާނަމަ ރުޤްޔާކުރުމުގައި މައްސަލައެއް ނެތެވެ.”
އަދިވެސް ޞަޙީޙް މުސްލިމުގައި ޖާބިރުގެފާނުގެ އަރިހުން ރިވާވެގެން އައިސްފައިވާ ޙަދީޘްއެއްގައިވެއެވެ.
قَالَ: نَهَى رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ عَنِ الرُّقَى، فَجَاءَ آلُ عَمْرِو بْنِ حَزْمٍ إِلَى رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالُوا: يَا رَسُولَ اللهِ إِنَّهُ كَانَتْ عِنْدَنَا رُقْيَةٌ نَرْقِي بِهَا مِنَ الْعَقْرَبِ، وَإِنَّكَ نَهَيْتَ عَنِ الرُّقَى، قَالَ: فَعَرَضُوهَا عَلَيْهِ، فَقَالَ: ((مَا أَرَى بَأْسًا مَنِ اسْتَطَاعَ مِنْكُمْ أَنْ يَنْفَعَ أَخَاهُ فَلْيَنْفَعْه)) [مسلم في السلام ٢١٩٩/٦٣]
މާނައީ: އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلمރުޤްޔާކުރުން ނަހީކުރެއްވިއެވެ. ފަހެ ޢަމްރު ބުން ޙަޒްމުގެ ޢާއިލާގެ ބޭކަލުން ރަސޫލުﷲ صلى الله عليه وسلمގެ އަރިހަށް އައެވެ. ފަހެ އެމީހުން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. ހަމަކަށަވަރުން ތިމަންމެން ނަގުލަންދާއްޓަށް (އޭތި ކަށިޖެހުމުން) ރުޤްޔާއެއް ކުރަމެވެ. އަދި ހަމަކަށަވަރުން ކަލޭގެފާނު ރުޤްޔާކުރުން ނަހީކުރައްވައިފީމުއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ފަހެ އެރުޤްޔާ އެކަލޭގެފާނަށް ހުށަހެޅުނެވެ. ފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތިޔަކަމުގައި މައްސަލައެއް އޮތްކަމަކަށް ތިމަންކަލޭގެފާނު ދެކިވަޑައެއް ނުގަންނަވަމެވެ. ތިޔަބައިމީހުންގެ ތެރެއިން އެމީހެއްގެ އަޚާއަށް ފައިދާއެއްކޮށްދިނުމަށް ކުޅަދާނަވެގެންވާމީހާ، ފަހެ އޭގެން ފައިދާކޮށްދޭށެވެ.”
=ނުނިމޭ=
މިއީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ -رحمه الله- ގެ މަޖްމޫޢުލްފަތާވާގެ ފަތުވާއެއްގެ ތަރުޖަމާއެވެ.