[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަލް އިމާމު އަބޫ ހަނީފާ النُّعْمَانُ بنُ ثَابِت (10)

الإمام أبو حنيفة

އަވަހާރަވުން رحمه الله

އިސްވެބަޔާންކުރެވުނު ފަދައިން އެކަލޭގެފާނަށް އެކިކަހަލަ ހާނިކަލިބި، ތަޅައި ޖަލައްލެވުނެވެ. އަދި އެކަލޭގެފާނު އަވަހާރަވެފައިވަނީ ބަޣުދާދުގެ ޖަލެއްގައެވެ.

الإمام الذهبي (العبرގައި) ވިދާޅުވެފައިވެއެވެ.

“ރިވާވެފައިވާގޮތުގައި، މަންޞޫރު އެކަލޭގެފާނަށް ވިހައެއް ބޯންދިނީއެވެ. ދެންފަހެ އެކަލޭގެފާނު ޝަހީދެއްގެ ގޮތުގައި މަރުވެދިޔައީއެވެ. –رحمهم الله –”[1]

އަދި الهثمي ވިދާޅުވިއެވެ.

“ޖަމާޢަތެއްގެ އަރިހުން ރިވާވެގެންވާ ގޮތުގައި، އެކަލޭގެފާނަށް ވިހަ އަޅައިފައިވާ ބުއިމެއް އެރުވުނެވެ. ދެން އެކަލޭގެފާނު އޭތި ބުއިމަށް އިންކާރުކުރެއްވިއެވެ. އަދި ވިދާޅުވިއެވެ. “ހަމަކަށަވަރުން ތީގެތެރޭގައި ވާއެއްޗެއް ތިމަންކަލޭގެފާނަށް އެނގިލައްވައެވެ. ތިމަންކަލޭގެފާނުގެ އަމިއްލަ ނަފްސު ޤަތުލު ކޮށްލުމަކަށް ތިމަންކަލޭގެފާނު އެއްބާރުލުމެއް ނުދޭނަމެވެ.” ދެން ފަހެ އެކަލޭގެފާނު ވައްޓާލާފައި ގަދަކަމުން އަނގައިގެ ތެރެއަށް ވިހަ އަޅައި ވިހަ ބޯންދިނެވެ. ދެން އެކަލޭގެފާނު އަވަހާރަވިއެވެ. އަދި ބުނެވެއެވެ: “މިކަމެއްހިނގީ މަންޞޫރުގެ ޙާޟިރުގައެވެ. ދެން އެކަލޭގެފާނު މަރުގެ އިޙުސާސްވުމުން ސަޖިދަ ކުރެއްވިއެވެ. އެކަލޭގެފާނުގެ ފުރާނަފުޅު ނުކުމެގެންދިޔައީ ސަޖިދައިގައިވާ ހާލުގައެވެ.”[2]

އިމާމު އަބޫ ހަނީފާ އަވަހާރަވެވަޑައިގަތީ އިމާމް ޝާފިޢި އުފަންވެ ވަޑައިގަތް އަހަރުގައެވެ. مناقب البيهقيގައިވެއެވެ.للآبريވިދާޅުވިއެވެ. الزبير بن عبد الواحد الهمذاني ވިދާޅުވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. علي بن محمد بن عيسىތިމަންބޭކަލުންނަށް ޚަބަރު ދެއްވިއެވެ. الربيع بن سليمانވިދާޅުވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ.

“ޝާފިޢީގެފާނު އުފަންވެ ވަޑައިގަތީ އިމާމު އަބު ޙަނީފާ އަވަހާރަ ވަޑައިގަތް ދުވަހުގައެވެ.”[3] رَحِمَهُمَا اللهُ تَعَالَى

އަބޫ ޙަނީފާ އަވަހާރަވެފައިވަނީ އެކަލޭގެފާނުގެ އުމުރުފުޅުން ހަތްދިހަ އަހަރުގައި ހިޖުރައިން ސަތޭކަ ފަންސާސް ވަނަ އަހަރުގައި ކަމަށް ޢިލްމުވެރިން އިއްތިފާޤުވެލައްވައެވެ. އޭގެތެއިން ގިނަ ބޭފުޅުން ވިދާޅުވަނީ އެކަލޭގެފާނު އަވަހާރަވެފައިވަނީ އެއަހަރުގެ ރަޖަބު މަހުގައެވެ. އަދި ޝަޢުބާންމަހު ކަމުގައިވެސް ބުނެވެއެވެ. އަދި ޝައްވާލު މަހުގެ މެދުތެރޭކަމުގައިވެސް ބުނެވެއެވެ. އަދި އެކަލޭގެފާނުގެ ދަރިކަލުން ޙައްމާދު ފިޔަވާ އިތުރު އެއްވެސް ކުއްޖެއް ނުވެއެެވެ.[4]

ﷲ ތަޢާލާ އެކަލޭގެފާނަށް ހެޔޮ ރަޙުމަތްލައްވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށިއެވެ. އަބޫ ޙަނީފާގެ ޙަޔާތްޕުޅާއި ބެހޭގޮތުން ޢިލްމުވެރިން ވަރަށް ދިގުކޮށް ވާހަކަފުޅު ދައްވާފައި އެބަހުއްޓެވެ. މިހިސާބުން ﷲގެ ވާގިފުޅާއި އެއްކޮށް މިމާތް އިމާމުގެ ޙަޔާތްޕުޅުގައި އަޅުގަނޑު ހިމަނާލަން ޤަޞްދުކުރި މިންވަރު ނިންމާލަމެވެ.

فرحمه الله رحمة واسعة، وأدخلنا وإياه جنة عالية، قطوفها دانية.

وصلى الله عليه وسلم على سيدنا محمد وعلى آله وصحبه وسلم.

________________________________________________

[1] العبر (1/164)

[2] الخيرات الحسان (92).

[3] ” مناقب البيهقي ” (1 / 72)، و” مناقب الرازي “: 8، وفي ” توالي التأسيس “: ص 49:

[4] الخيرات الحسان بتصرف واختصار (92).

 

-ނިމުނީ-

މިލިޔުމުގެ އެހެނިހެން ބައިތައް