[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ – 8 – (ތަމްހީދު)

 

الحمد لله والصلاة والسلام على رسول الله وعلى آله وصبحه أجمعين.

 

ތަމްހީދު

 

މިފޮތުގެ ބާބުތަކާއި ފަޞްލުތައް ބަޔާންކުރަން ފެށުމުގެ ކުރިން އަދި މިފޮތުގެ ބަހުޘްތަކާއި މައުޟޫޢުތަކުގެވެސް ކުރިން އަޅުގަނޑު ބޭނުންވަނީ މިފޮތުގެ ސުރުޚީ ޝަރަޙަކޮށްދޭށެވެ.

 

ބަހުގެ ގޮތުން التَّدْوِيْنُ:

އެއީ: ވަކިވަކިން ހުރި އެއްޗެހިތަކެއް އެއްކުރުމެވެ. އަދި ވަކިވެފައިވާ އެއްޗެއް އެއް ދީވާނުގައި ޖަމާކުރުމެވެ. އޭގެ ތެރޭގައި ޞުޙުފުތަކެއް އެއް ފޮތެއްގައި ޖަމާކުރުން ހިމެނެއެވެ. މިލަފްޒަކީ ފާރިސީ ބަހުން ޢަރަބި ބަހަށް ވަދެފައިވާ ލަފްޒެކެވެ.[1]

 

އިޞްޠިލާޙީ ގޮތުން التَّدْوِيْنُ:

ތަޞްނީފުކުރުމުގެ މާނައިގައި އަދި ތައުލީފުކުރުމުގެ މާނައިގައި التَّدْوِيْنُ ބޭނުންކުރެއެވެ.

 

ބަހުގެ ގޮތުން السُّنَّة :

އެއީ ސީރަތެވެ. ނުވަތަ ގޮތެވެ. އެއީ ރަނގަޅު ނުވަތަ ނުރަނގަޅު ކަމެއްކަމުގައިވީ ނަމަވެސްއެވެ.

ނަބިއްޔާ صلى الله عليه وسلمގެ އަންނަނިވި ބަސްފުޅު އައިސްފައިވަނީ މިމާނައިގައެވެ.

((مَنْ سَنَّ فِي الْإِسْلَامِ سُنَّةً حَسَنَةً، فَلَهُ أَجْرُهَا، وَأَجْرُ مَنْ عَمِلَ بِهَا مِنَ بَعْدِهِ، مِنْ غَيْرِ أَنْ يَنْقُصَ مِنْ أُجُورِهِمْ شَيْءٌ، وَمَنْ سَنَّ فِي الْإِسْلَامِ سُنَّةً سَيِّئَةً، كَانَ عَلَيْهِ وِزْرُهَا وَوِزْرُ مَنْ عَمِلَ بِهَا مِنْ بَعْدِهِ، مِنْ غَيْرِ أَنْ يَنْقُصَ مِنْ أَوْزَارِهِمْ شَيْءٌ))[2]

މާނައީ: “އިސްލާމްދީނަށް ހެޔޮ ސުންނަތެއް ގެނެއްސި މީހަކަށް (އެބަހީ: އިސްލާމްދީނުގެ އަޞްލަކުން ދަލީލުލިބޭ ކަމެއް ގެނެއްސި މީހަކަށް) ފަހެ އޭނާއަށް އެކަމުގެ އުޖޫރައާއި އޭނާއަށް ފަހު އެކަމަށް ޢަމަލުކުރިމީހުންގެ އުޖޫރަ ލިބޭނެއެވެ. އެއީ އެއުރެންގެ(އެބަހީ: އެކަމަށް އޭނާއަށް ފަހު ޢަމަލުކުރިމީހުންގެ) އުޖޫރައިން އެއްވެސް މިންވަރެއް އުނިވުމެއް ނެތިއެވެ.

އިސްލާމްދީނަށް ނުރަނގަޅު ސުންނަތެއް ގެނެއްސި މީހަކަށް (އެބަހީ: އިސްލާމްދީނުގެ އަޞްލަކުން ދަލީލު ނުލިބޭ ކަމެއް ގެނެއްސި މީހަކަށް) ފަހެ އޭނާއަށް އެކަމުގެ ފާފައާއި އޭނާއަށް ފަހު އެކަމަށް ޢަމަލުކުރިމީހުންގެ ފާފަ ލިބޭނެއެވެ. އެއީ އެއުރެންގެ(އެބަހީ: އެކަމަށް އޭނާއަށް ފަހު ޢަމަލުކުރި މީހުންގެ) ފާފައިން އެއްވެސް މިންވަރެއް އުނިވުމެއް ނެތިއެވެ.”

މިމޭރުމުން ޚާލިދު ބުން ޒުހައިރު އަލްހުޛަލީ ވިދާޅުވެފައިވެއެވެ.

فلا تَجْزَعَنْ مِنْ سُنَّةٍ أَنْتَ سِرْتَها * فأوَّل راضٍ سُنَّةً مَنْ يَسيرُها

ޖުމްލަ މާނަ: “ފަހެ ތިބާގެ ފުށުން ފެތުރިގެންދިޔަ ސުންނަތެއްގައި (ކަމެއްގައި) ކެތްތެރިކަން ކުޑަނުވާށެވެ. ފަހެ (އެއީ) ސުންނަތެއްކަމުގައި އެންމެ ފުރަތަމަ ރުހުނު މީހަކީ ހަމަ ތިބާއެވެ.”

އަދިވެސް ބަހުގެ ގޮތުން ސުންނަތުގެ މާނަތަކުގެ ތެރޭގައި: ރަނގަޅު ގޮތުގައި އެއްޗަކަށް ރިޢާއަތްކޮށް ބެލެހެއްޓުމެވެ.

އެއީ ޢަރަބިން ބުނެ އުޅެއެވެ.

سَنَّ الرَّجُلُ إِبِلَهُ

މާނައީ: “މީހަކު އޭނާގެ ޖަމަލުތައް ރަނގަޅަށް ބަލަހައްޓައެވެ.” [3]

 

އިޞްޠިލާޙީ ގޮތުން السُّنَّة :

السُّنَّة ގެ ވަރަށް ގިނަ އިޞްޠިލާޙުވެއެވެ.

  1. އިބްނު މަންޡޫރު ވިދާޅުވިއެވެ.

“ޙަދީޘްތަކުގައިވަނީ السُّنَّة އާއި އެބަހުން ނެގިފައިވާ އެކި ބަސްތައް ވަރަށް ގިނައިން ތަކުރާރުކުރެވިފައެވެ. އޭގެ އަޞްލަކީ: ގޮތް ނުވަތަ ސީރަތެވެ. އަދި ޝަރީޢަތުގައި ބޭނުންކުރެވިއްޖެނަމަ އޭގެ މުރާދަކީ ނަބިއްޔާ صلى الله عليه وسلم އަމުރުކުރެއްވި ކަންތައްތަކާއި ނަހީކުރެއްވި ކަންތައްތައްތަކާއި، ބަހާއި ޢަމަލުގެ ތެރެއިން ކީރިތި ޤުރުއާނުގައި އައިސްފައިނުވާ މުސްތަޙައްބު ކަންތައްތަކެވެ. އެހެންކަމުން ޝަރުޢީ ދަލީލުތަކާމެދު ބުނެވޭނީ އެއީ: ފޮތާއި ސުންނަތެވެ. އެބަހީ: ޤުރުއާނާއި ޙަދީޘްއެވެ.”[4]

 

  1. އިމާމު ޝާޠިބީ ވިދާޅުވިއެވެ.

“… ބިދުޢައިގެ އިދިކޮޅު މާނައިގައިވެސް ސުންނަތް ބޭނުންކުރެވެއެވެ. ފަހެ ނަބިއްޔާ صلى الله عليه وسلم އަމުލުކުރެއްވިގޮތަށް ޢަމަލުކުރާމީހާއާ ބެހޭ ގޮތުން ބުނެވެއެވެ. މިވެނި މީހަކު އެހެރީ ސުންނަތުގެ މަތީގައެވެ.

އަދި އެއާ ޚިލާފަށް ޢަމަލުކުރާމީހާއާ ބެހޭގޮތުން ބުނެވެއެވެ. މިވެނި މީހަކު އެހެރީ ބިދުޢައިގެ މަތީގައެވެ.”[5]

ދެން އެއަށްފަހު ވިދާޅުވިއެވެ.

“ޤުރުއާނުގައި އައިސްފައިވާކަމެއްކަމުގައިވިޔަސް އަދި އައިސްފައިނުވާ ކަމެއްކަމުގައިވިޔަސް ޞަޙާބީ ބޭކަލުން ޢަމަލުކުރައްވާފައިވާ ގޮތަށްވެސް السُّنَّة މިލަފްޒު ބޭނުންކުރެވެއެވެ. އެހެނީ އެއީ އަޅުގަނޑުމެންނާ ހަމައަށް ރިވާވެގެން އައިސްފައިވާ ކަމަކަށް ނުވިޔަސް، އެބޭކަލުންގެ އަރިހުގައި ޘާބިތުވެފައިވާ ސުންނަތަކަށް ތަބާވުންކަމުގައިވީތީއެވެ. ނުވަތަ އެކަމެއްގެ މައްޗަށް އެބޭކަލުން އެއްބަސްވެފައިވާ އިޖުތިހާދަކަށް ނުވަތަ (ހަތަރު) ޚަލީފާއިންގެ އަރިހުން އައިސްފައިވާ ކަމަކަށް ވީތީއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((عَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ…)) [6]

“ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ ސުންނަތުގައި ހފާށެވެ. އަދި ތެދެމަގުގައި ތިއްބެވި ޚުލަފާއުއް ރާޝިދީންގެ ގޮތުގައިވެސް ހިފާށެވެ.”

 

ޢިލްމުވެރިންގެ އިޞްޠިލާޙުތައް އިސްތިޤްރާރުވެ އިސްލާމީ ޢިލްމުތަކުގެ ޤަވާޢިދުތައް ކަނޑައެޅުމުން السُّنَّة މިލަފްޒު މުޅިން އާ މަފްހޫމެއްގައި އަދި އިޞްޠިލާޙުތަކެއްގައި ބޭނުންކުރެވެން ފެށިއެވެ. އޭގެ ތެރޭގައި:

1 މުޙައްދިޘުންގެ ފޮތްތަކުގައި ޛިކުރުކުރައްވާ ގޮތުގައި އެއީ: “ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ވާރިދުވެގެން އައިސްފައިވާ އެންމެހާ ބަސްފުޅުތަކާއި ޢަމަލުފުޅުތަކާއި (ކަމެއް ހިނގުމުން) އިޤްރާރުވެވަޑައިގަތުމާއި (އެކަލޭގެފާނުގެ) ޞިފަފުޅުތަކެވެ.”[7]

 

2 އުޞޫލު ފިޤްހުގެ ޢިލްމުވެރިން ޛިކުރުކުރައްވާގޮތުގައި އެއީ: “ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން އައިސްފައިވާ އެންމެހާ ބަސްފުޅުތަކާއި ޢަމަލުފުޅުތަކާއި ކަމެއް ހިނގުމުން އެއްޗެއް ވިދާޅުނުވި ކަންތައްތަކުގެ ތެރެއިން ޝަރުޢީ ޙުކުމަކަށް ދަލީލެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ކަންތައްތަކެވެ.”[8]

 

3 ފިޤުހުވެރިންގެ ފޮތްތަކުގައި ޛިކުރުކުރައްވާ ގޮތުގައި އެއީ: “އެކަމެއް ކުރުމުން ޘަވާބު ލިބޭ އަދި ނުކޮށްދޫކޮށްލުމުން ބަދުބަސްޙައްޤުވި ނަމަވެސް ޢުޤޫބާތް ނުލިބޭ ކަންތައްތަކެވެ.”[9]

ނުވަތަ: “އަމުރުކުރެވިފައިވާ ކަންތައްތަކުގެ ތެރެއިން ކަށަވަރު އަމުރަކުން އަމުރުކުރެވިފައިނުވާ ކަންތައްތަކެވެ.”[10]

تَّدْوِيْنُ السُّنَّة މިތާގައި މިވަނީ މަޢުނަވީ ގޮތުން ގުޅާލެވިފައެވެ. މިއަށް ޢަރަބި ބަހުން ކިޔަނީ الإضافة المعنوية الحقيقية المحضة އެވެ. އެހެނީ މިތާގައި މިދެކަލިމަ ގުޅިފައިވުމުން ގެނެސްދެނީ اللام ގެ މާނައެވެ. އަދި المضاف އަށް މިތަނުގައި ޚާއްޞަކަން(التعريف) ގެ އަޘަރުކުރުވައެވެ. އެހެނީ އެގުޅާލެވިފައި އެވަނީ ޚާއްޞަ(معرفة) ކަލިމައަކަށެވެ. އެހެންކަމުން އެގުޅާލުމުގެ ސަބަބުން އަނެއްކަލިމައަށްވެސް ޚާއްޞަކަން(معرفةކަން) ލިބެއެވެ.[11] والله أعلم.

نشأته وتطوره މިދެކަލިމައިގެ ތަފްޞީލު މުޤައްދިމާގައި އިސްވެ ބަޔާންވެއްޖެއެވެ.

__________________________________________

[1]  انظر: مادة ((دون)) في الصحاح للجوهري ، والقاموس المحيط للفيروزآبادي ، وتاج العروس للزبيدي

[2]  رواه مسلم في كتاب العلم من صحيحه (ح: ۱٥)

[3] انظر: مادة (سنن) في الصحاح ولسان العرب لإبن منظور

[4] انظر: مادة (سنن) في لسان العرب

[5] انظر: الموافقات للشاطبي (٤/٣-٤)

[6] رواه أحمد في المسند (٤/۱٢٦-۱٢٧)، وأبو داود في السنة من سننه (٥/۱٣ ح:٤٦٠٧)، وأبو عيسى الترمذي في كتاب العلم من جامعه (٥/٤٤ ح:٢٦٧٦) وقال: “حسن صحيح”، ورواه أيضا ابن ماجة في سننه (۱/٤٣ ح:٩٦)

 [7] فتح المغيث للسخاوي (۱/٦)

[8] ابن النجار: شرح الكوكب المنير (٢/۱٥٩ – ۱٦٠)، ومذكرة أصول الفقه للأمين الشنقيطي (ص: ٩٥)

[9] قاسم القونوي: أنيس الفقهاء )ص: ۱٠٦)

[10] ابن النجار: شرح الكوكب المنير (٢/۱٥٩ – ۱٦٦)، ومذكرة الشيخ الأمين في الأصول (ص: ۱٦)

[11] ابن مالك: شرح الكافية الشافية (٢/٩٠٩)

 

= ނުނިމޭ =

މިލިޔުމުގެ އެހެނިހެން ބައިތައް