﴿وَطُورِ سِينِينَ﴾
ﷲތަޢާލާ މިއާޔަތުގައި ސީނާގައިވާ ފަރުބަދަ ގަންދެއްވާ ވަޙީ ކުރައްވާފައިމިވަނީ، ﷲތަޢާލާ މޫސާ ޢަލައިހިއްސަލާމަށް ބަސްފުޅު ވަޙީ ކުރެއްވީ މިފަރުބަދައިގެ ކައިރީގައި ކަމުގައި ވާތީއެވެ. (މިތަނުގައި ﷲ ޞުބުޙާނަހޫ ވަތަޢާލާ މޫސާ ޢަލައިހިއްސަލާމްއަށް ބަސްފުޅު ވަޙީކުރެއްވީ އެއްވެސް މެދުވެރިއެއްނެތި އެވެ.)
﴿وَهَـٰذَا الْبَلَدِ الْأَمِينِ﴾
“އަދި އަމާންކަން ލިބިގެންވާ މި ރަށް (އެބަހީ: މައްކާ) ގަންދެއްވަމެވެ.”
ﷲތަޢާލާ މިއާޔަތުގައި އަމާންކަން ލިބިގެންވާ ރަށް، އެބަހީ: މައްކާ ގަންދެއްވާ ވަޙީކުރައްވާފައިވަނީ، މައްކާ އަކީ ﷲތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ރަށް ކަމުގައިވާތީއެވެ. އަދި ﷲ ގެ ޙަޟްރަތުގައި އެންމެ ޝަރަފުވެރި ރަށްކަމުގައި ވާތީއެވެ.
ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. މި އާޔަތުގައި ﷲތަޢާލާ ތިންތަނެއް ގަންދެއްވާ ބަސް ވަޙީކުރައްވާފައިވާ އިރު އެންމެ ފުރަތަމަ ތީނިއާއި ޒައިތޫނި މެދުވެރިކުރައްވާ (ކުރިން ބަޔާންކުރެވުނު ފަދައިން އިޝާރަތް ކުރެވިފައި އެވަނީ ފަލަސްޠީނުގެ ބިމަށެވެ.) ހުވާ ބަސްފުޅު ވަހީކުރައްވާފައި އެވަނީ، ފަލަސްޠީނުގެ ބިމަކީ އެބިމެއްގައި ނަބީބޭކަލުން އުޅުއްވާފައިވާ ބިމަކަށްވާތީއެވެ. ބަނީ އިސްރާއީލުގެ އެންމެ ފަހު ނަބިއްޔަކީ عيسي بن مريم – عليه السلام – އެވެ.
އަދި ސީނާގައިވާ ފަރުބަދަ ގަންދެއްވާ ބަސްފުޅު ވަޙީކުރައްވާފައިވަނީ، އެއީ ﷲ ޞުބުޙާނަހޫ ވަތަޢާލާ موسى – عليه السلام – އަށް (މެދުވެރިއަކުނެތި) ބަސްފުޅު ވަޙީކުރެއްވީ އެފަރުބަދާގެ ކައިރީގައި ކަމުގައި ވާތީއެވެ.
އަދި އަމާންކަން ލިބިގެންވާ ރަށް ދަންނައެވެ! އެއީ މައްކާއެވެ. އެބިމަކީ އެއީ ﷲތަޢާލާ އެބިމަކުން މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ރަސޫލުކަމާއިގެން ފޮނުއްވެވި ބިމެވެ.
އަދި ޢިލްމުވެރިން ވިދާޅުވެއެވެ. މި އާޔަތުގައި މިވާ ސީނާގައިވާ ފަރުބަދައައިގެ މުރާދަކީ ބަރަކާތްތެރިވެގެންވާ ފަރުބަދައިގެ ވާހަކައެވެ. އެހެނީ ހަމަކަށަވަރުން ﷲތަޢާލާ އެފަރުބަދައާއި އެފަރުބަދަ ވަށައިގެންވާ ތަންތަން ސިފަކުރައްވާފައިވަނީ ބަރަކާތްތެރިވެގެންވާ ވާދީއެއްގެ ގޮތުގައެވެ.
(ނޯޓު: މިތަނުގައި އިޝާރާތް ކުރެވިފައި މިވަނީ ﷲތަޢާލާގެ އަންނަނިވި ވަޙީ ބަސްފުޅުތަކަށެވެ.
هَلْ أَتَاكَ حَدِيثُ مُوسَىٰ ﴿١٥﴾ إِذْ نَادَاهُ رَبُّهُ بِالْوَادِ الْمُقَدَّسِ طُوًى ﴿١٦﴾ اذْهَبْ إِلَىٰ فِرْعَوْنَ إِنَّهُ طَغَىٰ ﴿١٧﴾ [سورة النازعات]
މާނައީ: “މޫސާގެފާނުގެ ވާހަކަ ކަލޭގެފާނާއި ހަމައަށް އައިސްފައި ވޭތޯއެވެ. [15] އެކަލޭގެފާނުގެ ވެރި ރައްބު ޠުވާއޭ ކިޔޭ މުޤައްދަސް ބަރަކާތްތެރި ވާދީގައި އެކަލޭގެފާނަށް ނިދާއިއްވެވިއެވެ. [16] (އޭ މޫސާގެފާނެވެ!) ކަލޭގެފާނު ފިރުޢައުނުގެ ގާތަށް ރަސޫލު ކަމާއިގެން ވަޑައިގަންނަވާށެވެ. ހަމަކަށަވަރުން އޭނާވަނީ ބޮޑާވެ ނުކިޔަމަންތެރި ވެގެންނެވެ.[17]”)
-ނުނިމޭ-
________________________________________________________
މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه اللهލިޔުއްވާފައިވާ سورة التينގެ ތަފްސީރުގެ ތަރުޖަމާއެވެ.