[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޖިންނީން (6)

jinni

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

އަދި ޖުމްހޫރު ޢިލްމުވެރިން ވިދާޅުވެފައިވަނީ: ﷲ ތަޢާލާ ޙަލާލު ކުރައްވާފައިވާ ރަނގަޅު ތަކެއްޗަކީ އެތަކެތި ކެއުމުން އޭނާގެ ދީންވެރިކަމަށް ފައިދާކުރާ އެއްޗެއްސެވެ. އަދި ހަޑި ތަކެއްޗަކީ އޭގެން އޭނާގެ ދީންވެރިކަމަށް ގެއްލުންވާ އެއްޗެއްސެވެ.

ދީނުގެ އަޞްލަކީ ޢަދުލުވެރިކަމެވެ. އެއީ އެކަމެއް ޤާއިމުކުރެއްވުމަށްޓަކައި ﷲ ތަޢާލާ ރަސޫލުބޭކަލުން ފޮނުއްވެވި ކަމެވެ. ފަހެ އެގޮތުން އަނިޔާވެރިކަމާއި ހައްދުފަހަނަ އެޅުން އަށަގަންނުވައި ތަކެތި ކެއުން ﷲ ތަޢާލާ ވަނީ ޙަރާމްކުރައްވާފައެވެ. އެއީ ފޭރާދަތުން ޝިކާރަކުރާ ކޮންމެ މިނިކާ ޖަނަވާރެއް ޙަރާމްކުރެއްވި ފަދައިންނެވެ. އެއީ އެއެއްޗެހީގެ އަނިޔާވެރިކަމާއި އިންސާފެއް ނެތުމުގެ ސަބަބުންނެވެ. އަދި ކާމީހާވަނީ އެމީހަކު އެކޭ އެއްޗެއް ފަދައިންނެވެ. ފަހެ އެފަދަ އެއްޗެހީގެ މަސް ކެއުމުން އިންސާނާގެ ކިބައިގައި އަނިޔާވެރިކަމާއި ޢަދާވާތްތެރިކަމުގެ ޚުލްޤު އަށަގަނެއެވެ.

ހަމަ އެފަދައިން ނަފްސުގައި އުފެދޭ ބާރުތައް ކަމުގައިވާ ޝަހުވަތާއި ރުޅިވެރިކަން ޖަމާވެގެން އަންނަނީ ލެއިންނެވެ. ފަހެ އެފަދަ ތަކެތި ކެއުމުން އޭނާގެ ޝަހުވަތްތެރިކަމާއި ރުޅިވެރިކަން އިތުރުވެއެވެ. މިސަބަބާހުރެ އޮހޮރިގެންދާ ލޭ ފިޔަވާ ލޭގެ އެހެން ބާވަތެއް ޙަރާމްކުރައްވާފައި ނުވެއެވެ. އޭގެ ކުޑަ މިންވަރަކުން ގެއްލުމެއް ނުވެއެވެ.

ޢާންމު ގޮތެއްގައި ނުބައި އަޚްލާޤުގެ ގިނަ ކަންތައްތައް އޫރު މަސް ކެއުމުން އިންސާނާގެ ކިބައިގައި އަށަގަނެއެވެ. އެހެނީ އޫރަކީ އެއްވެސް ފަސްޖެހުމެއްނެތި، ހުރިހާ ބާވަތެއްގެ ތަކެތި ކެއުމުގައި އަރާހުރި ހައިވާނެކެވެ.

ފަހެ މުސްލިމުންނަށް ޙަރާމްވެގެންވަނީ އޮހޮރިގެންދާ ލޭފަދަ ހަޑި އެއްޗިއްސެވެ. ފަހެ ނާރުތަކުގައި ނުއޮހޮރި ހުންނަ ލޭ ޙަރާމްވެގެން ނުވެއެވެ. އަދި ކިއެއް ހެއްޔެވެ. ޢާއިޝާ رضي الله عنهاގެ އަރިހުން ޛިކުރުވެގެން އައިސްފައިވަނީ އެބޭކަލުން މަސްތައް ތެއްޔަށް އަޅުއްވާއިރު ތެލިން ލޭގެ އަޘަރު ފެންނަކަމުގައިވެއެވެ. އެހެންކަމުން ހެދުމުގައި ނުވަތަ ހަށިގަނޑުގައި އޮހޮރިގެން އަންނަ ލޭ ފިޔަވައި ކުޑަ ލޭކޮޅެއް ހުރެއްޖެނަމަ ޖުމްހޫރު ޢިލްމުވެރިން ވިދާޅުވަނީ އެލޭކޮޅު ޢަފޫކުރެއްވިގެންވާ ކަމަށެވެ. ކެއުންބުއިމުގައި އެ ޢަފޫވެގެންވާނަމަ އެއަށްވުރެ އައުލާވެގެންވަނީ ހެދުމުގައްޔާއި ހިފާގެންގުޅޭ ތަކެތީގައި ހޭކުމުން ޢަފޫވުމެވެ…

މިތަނުގައި މަޤްޞަދަކީ ޢަރަބީންގެ ތެރޭގައި ހިނގި ކަމަކާ ގުޅިގެން ޤުރުއާނުގެ ބައެއް އާޔަތްތައް ބާވައިލެއްވުނުކަމުގައި ވިޔަސް، ފަހެ އެއާޔަތްތަކުގެ ލަފްޒާއި މާނައިގެ ތެރެއަށް ވަންނަ ހުރިހާ ބާވަތަކަށް އޭގެ ޙުކުމް ޢާންމުވެގެންވުމެވެ. އެހެނީ މުޙައްމަދު صلى الله عليه وسلم ފޮނުއްވުނީ އިންސީންނާއި ޖިންނީންގެ ގާތަށެވެ.

=ނުނިމޭ=

މިއީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ -رحمه الله- ގެ މަޖްމޫޢުލްފަތާވާގެ ފަތުވާއެއްގެ ތަރުޖަމާއެވެ.

މިލިޔުމުގެ އެހެން ބައިތައް