ނ. ޖަމަލު ހަނގުރާމަ:
ޢުޘްމާނު رضي الله عنه ޝަހީދު ކޮށްލެއްވުމަށްފަހު ހިނގި ފިތުނަތަކުގެ ތެރޭގައި، ޢަލީގެފާނާއި ޢާއިޝަތުގެފާނާއި ޠޮލްޙާގެފާނާއި އަދި ޒުބައިރުގެފާނު -رضي الله عنهم- ގެ މެދުގައި ހިނގި މަޝްހޫރު ޖަމަލު ހަނގުރާމަ ހިމެނެއެވެ. ފަހެ ޢުޘްމާނުގެފާނު ޝަހީދު ކޮށްލެވުމާއެކު މީސްތަކުން ޢަލީގެފާނުގެ އަރިހަށް ވަޑައިގެންނެވިއެވެ. އޭރު އެކަލޭގެފާނު ހުންނެވީ މަދީނާގައެވެ. އެބޭކަލުން އެކަލޭގެފާނަށް ދެންނެވިއެވެ. ތިމަންމެންބޭކަލުން ކަލޭގެފާނަށް ބައިޢަތު ހިއްޕެވުމަށް އަތްޕުޅު ދައްކަވާށެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މީސްތަކުންނާ މަޝްވަރާ ކުރެއްވުމަށްފަހުއެވެ. އޭގެތެރެއިން ބޭކަލުންތަކެއް ވިދާޅުވިއެވެ: ޢުޘްމާނުގެފާނު ޝަހީދުކޮށްލެވުމުން މީސްތަކުން އެބައިމީހުންގެ ރަށްތަކަށް އެނބުރި ހިނގައްޖެނަމަ މިކަމަށްޓަކައި ތެދުވާނެ ބަޔަކު ނުވާނެއެވެ. އަދި އުއްމަތް ފަސާދަވުމާއި އިޚްތިލާފުތަކުން އަރައި ނުގަނެވޭހުއްޓެވެ. ދެންފަހެ ބައިޢަތު ޤަބޫލު ކުރެއްވުންއެދި އެބައިމީހުން އެކަލޭގެފާނުގެ އަރިހުގައި އާދޭސް ދެންނެވިއެވެ. އަދި އެބޭކަލުން އެކަލޭގެފާނަށް ބައިޢަތު ހިއްޕެވިއެވެ. އަދި އެކަލޭގެފާނަށް ބައިޢަތުހިއްޕެވި ބޭކަލުންގެ ތެރޭގައި ޠޮލްޙާގެފާނާއި ޒުބައިރުގެފާނު -رضي الله عنهما- ހިމެނިވަޑައިގަންނަވައެވެ.
އެއަށްފަހު އެދެބޭކަލުން ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް މައްކާއަށް ވަޑައިގަންނަވައިފިއެވެ. އަދި އެބޭކަލުންނާ ޢާއިޝަތު رضي الله عنها ބައްދަލުވެވަޑައިގެންނެވިއެވެ. ޢުޘްމާނުގެފާނު ޝަހީދުކޮށްލެވުމާ ގުޅޭގޮތުން އެބޭކަލުންގެ މެދުގައި ހިނގި ސައްލާއަށްފަހު އެބޭކަލުން ބަޞަރާއަށް މިސްރާބުޖެއްސެވިއެވެ. އަދި ޢުޘްމާންގެފާނު ޝަހީދުކޮށްލި ޤާތިލުންތައް އެބޭކަލުންނާ ޙަވާލުކޮށްދެއްވުމަށް ޢަލީގެފާނުގެ އަރިހުން އެދިވަޑައިގެންނެވިއެވެ.[1] ފަހެ އެކަލޭގެފާނު އެކަމަށް އިޖާބައެއް ނުދެއްވިއެވެ. އެހެނީ އެކަލޭގެފާނު އެއިންތިޒާރު ކުރައްވަނީ ޢުޘްމާނުގެފާނުގެ ވަލީވެރިން އެކަމުގައި ޢަމަލު ކުރައްވާނެ ގޮތަކަށެވެ. ފަހެ ޢުޘްމާނުގެފާނު ޝަހީދުކޮށްލިކަން ކަނޑައެޅިއެޅިގެން ވަކި މީހެއްގެ މައްޗަށް ޘާބިތުވެއްޖެ ހިނދެއްގައި އެމީހަކަށް ޤިޞާޞް ހިއްޕަވާނެއެވެ. އެކަމުގައި ބައިވަރު ސަބަބުތައް އެކުލެވިގެންވެއެވެ. އަދި އެބައިމީހުންނީ ޢުޘްމާނުގެފާނާ ދެކޮޅަށް ނުކުތް މީހުންކަމަށްވެފައި، އެކަލޭގެފާނުގެ ޤާތިލުން ކަމުގައި ނިސްބަތް ކުރެވޭ ބަޔަކީ ހަމަ އެބައިމީހުން ކަމަށްވުމުން، ޤިޞާޞް ހިފުމަށް ދެފަރާތުން އެއްބަސްވެދާނެ ކަމަށްޓަކައި އެމީހުން ބިރުގަތެވެ. ފަހެ އެހެންކަމުން ދެފަރާތުގެ މެދުގައި ހަނގުރާމައިގެ ހުޅުކޮޅު ރޯކުރުވިއެވެ.
ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ވަނީ، ޢާއިޝަތުގެފާނާއި ޢަލީގެފާނާ ދެމެދު ކަންތައްގަނޑެއް ހިނގާނެކަމުގެ ޚަބަރު ޢަލީގެފާނަށް ދެއްވާފައެވެ. އަބޫ ރާފިޢުގެ އަރިހުން ރިވާވެފައިވާ ޙަދީޘެއްގައި ވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޢަލީގެފާނަށް ޙަދީޘްކުރެއްވިއެވެ. ((إِنَّهُ سَيَكُونُ بَيْنَكَ وَبَيْنَ عَائِشَةَ أَمْرٌ)) قَالَ: أَنَا يَا رَسُولَ اللهِ؟ قَالَ: ((نَعَمْ )) قَالَ: فَأَنَا أَشْقَاهُمْ يَا رَسُولَ اللهِ. قَالَ: ((لَا؛ وَلَكِنْ إِذَا كَانَ ذَلِكَ؛ فَارْدُدْهَا إِلَى مَأْمَنِهَا))[2] މާނައީ: “ހަމަކަށަވަރުން ކަލޭގެފާނާއި ޢާއިޝަތުގެފާނާ ދެމެދު ކަމެއް މެދުވެރިވާނެއެވެ.” ވިދާޅުވިއެވެ: އޭ ﷲގެ ރަސޫލާއެވެ. އަޅުގަނޑުތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. “އާނއެކެވެ.” ވިދާޅުވިއެވެ. ތިމަންކަލޭގެފާނަކީ އެބައިމީހުންގެ ތެރެއިން އެންމެ އަބާއްޖަވެރި މީހާ ތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. “ނޫނެކެވެ. އެހެނެއްކަމަކު އެކަމެއް ހިނގައިފި ނަމަ އެކަމަނާއަށް އަމާންތަނަކަށް އެކަމަނާ ގެންދަވާށެވެ.”
ދެންފަހެ ޢާއިޝަތުގެފާނާއި ޠޮލްހާގެފާނާއި ޒުބައިރުގެފާނު ނުކުމެ ވަޑައިގެންނެވީ ހަނގުރާމައަށްޓަކައި ނޫންކަމާއި، ހަމައެކަނި މުސްލިމުންގެ މެދުގައި ޞުލްޙަ ޤާއިމް ކުރެއްވުމަށްކަމުގައި ދަލާލަތުކޮށްދޭ އަނެއް ކަމަކީ، ޤައިސް ބިން ޙާޒިމްގެ އަރިހުން ޙާކިމް ރިވާކުރައްވާފައިވާ މިރިވާޔަތެވެ. ވިދާޅުވިއެވެ. [އެބަސްފުޅުގެ މާނައީ:] ޢާމިރު ވަންހައިގެ ބައެއް ގޯތިތަކާ ހަމައަށް ޢާޢިޝަތުގެފާނު ފޯރައިފުމުން އެކަމަނާއާދިމާއަށް ކުއްތާތައް ވައްވައް ޖަހަންފަށައިފިއެވެ. އެކަމަނާ ވިދާޅުވިއެވެ. މިއީ ކޮން ފެންގަޑެއް ހެއްޔެވެ؟ އެބޭކަލުން ދެންނެވިއެވެ: ޙައުއަބު[3] އެވެ. އެކަމަނާ ވިދާޅުވިއެވެ. ތިމަންކަމަނާއަށް ފެނިވަޑައިގަންނަވަނީ އެނބުރި ދާށެވެ. ޒުބައިރުގެފާނު އެކަމަނާއަށް ވިދާޅުވިއެވެ. އަދި ނުވެއެވެ. ކުރިއަށް ވަޑައިގަންނަވާށެވެ. ދެން ކަމަނާއަށް މީސްތަކުން ފެނިވަޑައިގަންނަވާފާނެއެވެ. ފަހެ ﷲ ތަޢާލާ އެބައިމީހުންގެ މެދުގައި ޞުލްޙަ ލައްވަފާނެތެވެ. ވިދާޅުވިއެވެ. ތިމަންކަމަނާއަށް ފެނިވަޑައިގަންނަވަނީ އެނބުރި ދާށެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރައްވާތީ ތިމަންކަމަނާ އަޑުއެއްސެވީމެވެ. ((كَيْفَ بِإِحْدَاكُنَّ إِذَا نَبَحَتْهَا كِلاَبُ الحَوْأَب))[4] “ތިޔައިގެ ތެރެއިން ބޭކަނބަލަކާ ދިމާއަށް ޙައުއަބުގެ ކުއްތާތައް ވައްވައް ޖަހަޖަހައި އޮއްވައިވެސް ހެއްޔެވެ؟”
އަދި އެހެން ރިވާޔަތެއްގައި އިބްނު ޢައްބާސްގެ އަރިހުން ބައްޒާރު ރިވާ ކުރައްވާފައިވެއެވެ. ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުންނަށް ޙަދީޘްކުރެއްވިއެވެ. ((أَيَّتُكُنَّ صَاحِبَةُ الْجَمَلِ الأَدْبَبِ، تَخْرُجُ حَتَّى تَنْبَحُهَا كِلَابُ الْحَوْأَبِ، يُقْتَلُ عَنْ يَمِينِهَا وَعَنْ شِمَالِهَا قَتْلَى كَثِيرَة، وَتَنْجُو مِن بَعْدَ مَا كَادَت))[5] މާނައީ: “މޫނުގެ ކެހެރިބޯ ޖަމަލުގެ ވެރިޔަކީ ތިޔައިގެ ތެރެއިން ކޮންބޭކަނބަލެއްތޯއެވެ؟ ޙައުއަބުގެ ކުއްތާތައް ވައްވައް ޖަހަޖަހާ އޮއްވައި އެކަނބުލޭގެ ނުކުމެވަޑައިގެން ދާނެއެވެ. އެކަނބުލޭގެ ކަނާތްފަރާތުންނާއި ވާތްފަރާތުން އެތައް ބަޔަކު ޤަތުލުވެގެން ދާނެއެވެ. އަދި އެކަނބުލޭގެ މަރުނުވެ ސަލާމަތްވާނީ ހަމަ ކިރިޔަކިރިޔާއެވެ.”
އިބްނުތައިމިއްޔާ ވިދާޅުވެފައި ވެއެވެ. [އެބަސްފުޅުގެ މާނައީ:] “ހަމަކަށަވަރުން ޢާއިޝަތުގެފާނު ނުކުމެވަޑައިގެންނެވީ ހަނގުރާމަ ކުރެއްވުމަކަށް ނޫނެވެ. އެކަމަނާ ނުކުމެވަޑައިގެންނެވި ހަމައެކަނި މަޤްޞަދަކީ މުސްލިމުންގެ މެދުގައި ޞުލްޙަމަސަލަސްކަން ޤާއިމު ކުރެއްވުމެވެ. އަދި އެކަމަނާ ނުކުމެވަޑައިގެންނެވުމުގައި މުސްލިމުންނަށް މަޞްލަޙަތު ވާކަމުގައި ހީފުޅުކުރެއްވިއެވެ. އެއަށްފަހު އެކަންދޫކޮށްލުމީ އެންމެ ރަނގަޅުގޮތް ކަމުގައި އެކަމަނާއަށް އެނގިވަޑައިގެންނެވިއެވެ. ފަހެ އެމަނާ ނުކުމެވަޑައިގަތް ނުކުމެވަޑައިގަތުން ހަނދުމަފުޅުވާ ކޮންމެ ހިނދެއްގައި އެކަމާނާގެ ލިބާސްކޮޅު ފޯވެއްޖައުމަށްދާންދެން ކީރިތި ކުރައްވާ ކަމުގައި ވެއެވެ. އަދި ހަމައެފަދައިން، ހަނގުރާމައެއްވާ ކަމެއްގެ ތެރެއަށް ވަދެވުނުކަމަށްޓަކައި ކުރިއަރައިގެން ދިޔަ ބޭކަލުންކުރެ ގިނަ ބޭކަލުން ހިތާމަފުޅު ކުރެއްވިއެވެ. ތަލްޙަތުގެފާނާއި ޒުބަަައިރުގެފާނާ އަދި ޢަލީގެފާނުވެސް ހިތާމަފުޅުކުރެއްވިއެވެ. -رضي الله عنهم أجمعين-
ޖަމަލުގެ ދުވަހުގައި ހަނގުރާމައެއްގެ އެއްވެސް ޤަޞްދެއް މިބޭކަލުންގެ ކިބައިގައި ނުމެވޭމެއެވެ. އެހެނެއްކަމަކު އެބޭކަލުންގެ އިޚްތިޔާރަކާނުލައި ހަނގުރާމަ ހިނގުމަށް މެދުވެރިވީއެވެ. ފަހެ ޢަލީގެފާނާއި ޠޮލްޙަތުގެފާނާއި ޒުބައިރުގެފާނުގެ މެދުގައި މަޝްވަރާ ބަދަލުކުރެވުނީ މަޞްލަޙަތަށް އެއްބަސްވުމަށް ޤަޞްދުކުރެވިގެންނެވެ. އަދި އެބޭކަލުންނަށް ހަމަޖެހިލެއްވުމާއެކު އެދެމުން ދިޔައީ ޢުޘްމާނުގެފާނުގެ ޤާތިލުންނަށެވެ. ފިތުނައިގެ އަހުލުވެރިންނަށެވެ.
އަދި ޢުޘްމާނުގެފާނު ޝަހީދުކޮށްލުމަށް ޢަލީގެފާނު ރުހިވަޑައިގެން ނުވެއެވެ. އަދި އެކަމަށްޓަކައި ބަޔަކު ޢައްޔަނެއްވެސް ނުކުރެއެވެ. އެކަލޭގެފާނު ހުވާކުރައްވާ [ވިދާޅުވާ] ފަދައިންނެވެ. ވިދާޅުވެއެވެ: ﷲ ގަންދީ ވިދާޅުވަމެވެ. ތިމަންކަލޭގެފާނު، ޢުޘްމާނުގެފާނު ޝަހީދެއް ނުކޮށްލައްވަމެވެ. އަދި އެކަލޭގެފާނު ޝަހީދުކޮށްލުމަށް ތާއީދެއްވެސް ނުކުރައްވަމެވެ. ފަހެ އެކަލޭގެފާނަކީ ހުވައިކުރެއްވުމުގައި ތެދުވެރި ކިޔަމަންތެރި ކަލޭގެފާނެކެވެ. ދެންފަހެ ޤާތިލުން އަތުލައިގަތުމަށް އެބޭކަލުންނާ ޢަލީގެފާނު އިއްތިފާޤު ވެވަޑައިގެންފާނެ ކަމަށް ޤާތިލުންނަށް ބިރުހީވެއްޖެއެވެ. ފަހެ އެބައިމީހުން ޠޮލްޙާގެފާނާއި ޒުބައިރުގެފާނާ ދެކޮޅަށް ހަތިޔާރު އެޅިއެވެ. ޠޮލްޙާގެފާނަށާއި ޒުބައިރުގެފާނަށް ހީފުޅުވެވަޑައިގެންނެވީ އެބައިމީހުން ހަތިޔާރު އެޅުވި ބޭކަލަކީ ޢަލީގެފާނު ކަމުގައެވެ. އަދި އެބޭކަލުންގެ އަމިއްލަ ނަފްސު ދިފާޢު ކުރެއްވުމަށްޓަކައި ހަތިޔާރު އެޅުއްވިއެވެ. ޢަލީގެފާނަށް ހީފުޅުވެވަޑައިގެންނެވީ އެބޭކަލުން އެކަލޭގެފާނާ ދެކޮޅަށް ހަތިޔާރު އެޅުއްވީކަމަށެވެ. ދެންފަހެ އެކަލޭގެފާނުވެސް އެކަލޭގެފާނުގެ ނަފްސުގެ ދިފާޢުގައި ހަތިޔާރު އެޅުއްވިއެވެ. އެބޭކަލުންގެ އެއްވެސް އިޚްތިޔާރަކާ ނުލައި ފިތުނަ ހިނގައިގެން ދިޔައެވެ. އަދި ޢާޢިޝަތުގެފާނު [ޖަމަލުކޮޅަށް] ސަވާރުވެވަޑައިގެން އިންނެވިއެވެ. އެކަމަނާ ހަނގުރާމައެއް ނުކުރައްވައެވެ. އަދި ހަނގުރާމަ ކުރެއްވުމަށް އަމުރުފުޅެއް ނުމެކުރައްވައެވެ. ޚަބަރުތައް ދެނެވަޑައިގެން ތިއްބެވި ގިނަ ބޭކަލުންތަކެއް މިވާހަކަ ޛިކުރު ކުރައްވާފައިވަނީ މިފަދައިންނެވެ.”[6]
=ނުނިމޭ=
__________________________________________
[1] އަބޫބަކުރު ބިން އަލްޢަރަބީ އެކަލޭގެފާނުގެ ފޮތް ((العواصم من القواصم)) ގައި ދެކެވަޑައިގެންފައިވާ ގޮތުގައި، އެބޭކަލުން ބަޞަރާއަށް ނުކުމެވަޑައިގެންނެވީ މުސްލިމުންގެ މެދުގައި ޞުލްޙަ ޤާއިމް ކުރެއްވުމަށެވެ. އަދި ވިދާޅުވިއެވެ. “ޞައްޙަ ގޮތަކީ ވެސް މިއީއެވެ. މިއާ އެއްފަދަ އެހެން އެއްޗެއް ނުވެއެވެ. އަދި ޞައްޙަ ޚަބަރުތައް ވާރިދުވެފައި ވަނީވެސް މިގޮތަށެވެ.”
ބައްލަވާ: ((العواصم)) (ص 151).
[2] ((مسند الإمام أحمد)) (6 / 393 – بهامشة منتخب كنز العمال).
والحديث حسن. انظر: ((فتح الباري)) (13 / 55).
[3] الحَوْأب: އެއީ ބަޞަރާއާ ކައިރީގައިވާ ތަނެކެވެ. އަދި އެއީ ޖާހިލިއްޔަ ޒަމާނުގައި ޢަރަބިންގެ ފެންގަޑުތަކުގެ ތަރެއިން ފެންގަޑެކެވެ. އެތަންވަނީ މައްކާއިން ބަޞަރާއަށްދާ މަގުގައެވެ. އެތަނަށް ޙައުއަބުއެވެ ކިޔެނީ أَبُوْبَكْرُ بن كِلاَب الحَوْأَب އަށް ނިޞްބަތްކޮށެވެ. ނުވަތަ حَوْأَب بِنْت كَلْب بن وبرة القَضاعِيّة އަށް ނިޞްބަތްކޮށެވެ.
ބައްލަވާ: ((معجم البلدان)) (2 / 314)، وحاشية محب الدين الخطيب علي ((العواصم من القواصم)) (ص 148).
[4] ((مستدرك الحاكم)) 3 / 120).
قال ابن حجر: ((سنده على شرط الصحيح)). انظر: ((فتح الباري)) (13 / 55).
وقال الهيثمي: ((رواه أحمد وأبو يعلى والبزار، ورجال أحمد رجال الصحيح)). ((مجمع الزوائد)) (7 / 234).
والحديث في ((مسند الإمام أحمد)) (6 / 52 – بهامشة منتخب كنز العمال).
[5] ((فتح الباري)) 13 / 55). الحديث صحيح؛ صححه الهيشمي وابن حجر الألباني وصححه الألباني في ((سلسلة الأحاديث الصحيحة))، انظر: ((السلسلة)) (م1 / جـ – ج 5 / 223 – 233) (حديث رقم 475).
[6] [ބައްލަވާ:] ((منهاج السنة)) (2 / 185).