[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة الفلق ގެ ތަފްސީރު – 2

އަދި ހަމަކަށަވަރުން ހަނދު (غَاسِق) އެއްކަމުގައިވަނީ އެއީ ރޭގަނޑުގައި އަރާއެއްޗެއްކަމުގައި ވާތީއެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާގެ މިބަސްފުޅު (وَمِن شَرِّ غَاسِقٍ إِذَا وَقَبَ) މިއަންނަނީ މިބަސްފުޅު (من شر ما خلق)އަށް ޢަޠުފެއްގެ ގޮތުގައި ގުޅިގެންނެވެ. (عَطْفٌ އަކީ ގުޅިގެން ނުވަތަ ހިމެނިގެން ނުވަތަ ވިދިގެން އަންނަ އެއްޗެއްސަށް ޢަރަބި ބަހުގެ ޤަވާޢިދުގައި ކިޔާނަމެކެވެ.) އެއީ ޢާންމު އެއްޗަކަށްފަހު އެޔާވިދިގެން އޭގެ މައްޗަށް އަންނަ ޙާއްޞަ އެއްޗެއްގެ ގޮތުގައެވެ. ސަބަބަކީ ޣާސިޤުއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ގެ މަޚުލޫޤުންގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާގެ މިބަސްފުޅުގެ (إِذَا وَقَبَ) މުރާދަކީ: ވަދެއްޖެހިނދެވެ. ފަހެ ރޭގަނޑު އޭގެ އަނދިރިކަން ވަދެއްޖެނަމަ (ވެރިވެއްޖެނަމަ) އެއީ ޣާސިޤެވެ. އަނދި ހަނދުވެސް އެފަދައިންނެވެ. އޭގެ ހަނދުވަރުން ހަނދުވަރު ދީފިނަމަ  އެއީ  “ޣާސިޤު”އެވެ. އެކަން ރޭގަނޑުގައި މެނުވީ ނުވެއެވެ.

(وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ)(މާނައީ:އަދި ގޮށްތަކަށް ފުމެއުޅޭ ސިޙުރު ޙަދާމީހުންެގެ ނުބައިކަމުންނެވެ.) މިއާޔަތުގައިވާ (النَّفَّاثَاتِ فِي الْعُقَدِ): އެއީ އަންހެން ސިޙުރުވެރީންނެވެ. އެބައިމީހުން ރޮދިފަށްފަށް (ވާފަށްފަށަށް)ގޮށްޖަހައެވެ. އަދި ޝައިތާނުންގެ ނަންތައް ހިމެނޭ ސިޙުރުގެ ބަސްތައް ކިޔެވުމަށްފަހު ޖަހާ ކޮންމެ ގޮށަކަށް ފުމެއެވެ. ގޮށްޖަހާފައި އަނެއްކާވެސް ފުމެއެވެ. ގޮށްޖަހާފައި އަނެއްކާވެސް ފުމެއެވެ. އަދި ކާހިނުކަނބުލޭގެ އޭނާގެ ޒާތުގައިވެސް ވަނީ މަކަރުވެރި ނުބައި މީހެއްކަމުގައެވެ. އޭނާ (ސިޙުރުޖައްސަން)ބޭނުންވަނީ ވަކި ޙާއްޞަ މީހަކަށެވެ. އަދި ސިޙުރު ޖެހޭ މީހާގެ ނިސްބަތުން މި ސިޙުރުގެ އަޘަރު އެމީހަކަށް ކުރެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ މިތަނުގައި ބަޔާންކުރައްވާފައިވަނީ (ލަފުޒުގެ ގޮތުން) އަންހެން ސިޙުރު ހަދާމީހުންގެ (ކާހިނުންގެ) ވާހަކައެވެ. ފިރިހެން ސިޙުރުވެރީންގެ ވާހަކައެއް ބަޔާންނުކުރައްވައެވެ. ސަބަބަކީ ޢާންމުގޮތެއްގައި ގިނައިން މިބާވަތުގެ ސިޙުރު ހަދާއުޅެނީ އަންހެނުންގެ ތެރޭގައި ހިމެނޭ ކާހިނުންކަމުގައި ވާތީއެވެ. އެހެންކަމުން ވަޙީކުރެއްވިއެވެ. (النَّفَّاثَاتِ فِي الْعُقَدِ). އަދި މިއާޔަތުގައިވާ( النَّفَّاثَاتِ ގެ މުރާދަކީ) ސިޙުރުވެރީންގެ ފުމޭފުމުންތައް ކަމުގައިވެސް ބުނެވިދާނެއެވެ. އެހެން ކަމުން ސިޙުރު ހަދާ ފިރިހެނުންނާއި އަންހެނުން މިތާގައި ޝާމިލުވެގެންވެއެވެ.

(وَمِن شَرِّ حَاسِدٍ إِذَا حَسَدَ).(މާނައީ: “އަދި ޙަސަދަވެރިވާ މީހުންގެ ޙަސަދައިގެ ނުބައިކަމުންނެވެ”). ޙަސަދަވެރިޔާއަކީ އެހެންމީހަކަށް ﷲ ދެއްވާ ނިޢުމަތުގެ މައްޗަށް ނުރުހެންތެރިވާ މީހާއެވެ. ފަހެ ﷲ މީހަކަށް މުދަލުން ނުވަތަ ޖާހުން(ހަށިގަނޑުން) ނުވަތަ ޢިލްމުން ނުވަތަ އެނޫންވެސް ކަމަކުން ނިޢުމަތްދެއްވައިފި ކަމުގައިވާނަމަ،  އޭނާ އެކަން ބަލައިގަންނަން ދަތިވާތަން ފެންނާނެއެވެ. އަދި ޙަސަދަވެރިވެއެވެ.

ނަމަވެސް ޙަސަދަވެރިން ހިމެނެނީ ދެބަޔަކަށެވެ. (ފުރަތަމައީ) އެހެންމީހުންނަށް ﷲ ދެއްވާ ނިޢުމަތަށް ހިތުން ޙަސަދަވެރިވެ ހިތުން އެކަމަށް ނުރުހުންތެރިވާ މީހާއެވެ. ނަމަވެސް ޙަސަދަވެރިވާ މީހާގެ މައްޗަށް އެއްވެސްގޮތަކުން ހުށަހޮޅިނުގަނެއެވެ. އެހެން މީހުންގެ މައްޗަށް ﷲ ދެއްވާ ނިޢުމަތުގެ މައްޗަށް އޭނާ ކަންބޮޑުވެ ހާސްވެފައިވާތަން ތިބާއަށް ފެންނާނެއެވެ. ނަމަވެސް އެނިއުމަތް ލިބިފައިވާ މީހާއަށް ހުށައޮޅިނުގަނެއެވެ. (ދެވަނައީ) ނުބައިކަމާއި ބަލާވެރިކަން ޖެހެނީ ޙަސަދަވެރިވާ މީހާ ޙަސަދަވެރިކަން ހުށައެޅުމުންނެވެ. (ޙަސަދައާއިގެން ހުށަހޮޅިގަންނަ ހިނދުންނެވެ). އެހެންކަމުން ﷲ ވަޙީކުރެއްވިއެއެވެ. (إِذَا حَسَدَ) (މާނައީ: “ޙަސަދަވެރިވާ ހިނދުގައެވެ.” (އެބަހީ: ޙަސަދައާއިގެން ހުށަހޮޅިގަންނަ ހިނދުގައެވެ.))

އަދި ޙަސަދަވެރިވާ މީހާގެ މައްޗަށް އެސްފީނާ ޖެހުން،  ޙަސަދަވެރިޔާގެ ޙަސަދައިގެ ތެރޭން ހިމެނެއެވެ. އެސްފީނާ ޖެހުނުމީހާގެ މައްޗަށް ޙަސަދަވެރިވިމީހާ، އޭނާނޫން އަނެކާއަށް ލިބުނު ﷲގެ ނިޢުުމަތުގެ މައްޗަށް ނުރުހުންތެރިކަންވެއެވެ. އޭނާގެ ނަފުސަށް މީހަކަށް ބޮޑު ނިޢުމަތެއް ދެއްވައިފިކަން އިޙުސާސްކުރެވުމުން އޭނާގެ ނަފުސުގެ ކިބައިން (އެސްފީނާ) ނުބައިކަން ނުކުމެއެވެ. (އެބަހީ) އެކަންވަނީ އޭނާއަށް ނޭނގިކަމުގައި އަޅުގަނޑުމެންނަށް ބަޔާންކޮށެއްނުދެވޭނެއެވެ. ދެން ފަހެ އެސްފީނާ ޖެހެއެވެ. ފަހެ އެކަންޖެހިއްޖެ މީހަކު ބައެއްފަހަރަށް މަރުވެއެވެ. އަނެއްބައިފަހަރަށް ބަލިވެއެވެ. އަނެއްބައި ފަހަރަށް މޮޔަވެއެވެ.

(އެސްފީނާގެ މިންވަރަކީ) ދަނގަޑުގެ މައްޗަށްވެސް އެސްފީނާ ޖެހެއެވެ. އެކަމުގެ މަސައްކަތް ހުއްޓޭ މިންވަރަށެވެ. ބައެއްފަހަރަށް ކާރަކަށްވެސް އެސްފީނާ ޖެހި ކާރު ހަލާކުވެދާނެއެވެ. ނުވަތަ ހުއްޓިދާނެއެވެ. އަދި ބައެއް ފަހަރަށް ފެންއަރުވާ އެއްޗަށްވެސް (ފެންމޯޓަރު ނުވަތަ ފެން ނަގަން ގެންގުޅޭ އެހެނިހެންތަކެތި) ނުވަތަ ބިމުގެ އާރޯކަމަށްވެސް(ގަސްގަހާ ގެހި ހެދޭމިންވަރަށް) ޖެހިދާނެއެވެ. އެސްފީނާއަކީ ތެދު ޙައްޤުއެއްޗެކެވެ. ﷲ ޢައްޒަ ވަޖައްލަގެ އިރާދަފުޅާއެކުގައި ޖެހޭކަމެކެވެ.

ނުނިމޭ

 

سورة الفلق ގެ ތަފްސީރު